ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޙާލަތު

ބިންވެރިންނާއި ގެދޮރުވެރިންނާއި ފްލެޓްވެރިން އުފެދިއްޖެއެވެ. ބޯހިޔާވަހިކަމަކީ ، ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ، ދުނިޔެ ފެށުނީއްސުރެ ، ދުނިޔޭގައި އެންމެ ބޭއިންސާފުން އެންމެ އަނިޔާވެރިކޮށް ހިނގަމުން އަންނަ ނިޒާމެވެ. ބޯހިޔާވަހިކަމަކީ ، ސަރުކާރުތަކުން ބަލަހައްޓަމުން އަންނަ ކަމެކެވެ. އެހެނީ ބިމަކީ ދައުލަތަށް ނިސްބަތްވާ އެއްޗަކަށް ވާތީއެވެ.

1932 ވަނައަހަރު ޢަމަލުކުރަންފެށި ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައިވެސް ، ރާއްޖޭގެ ބިން ޙިމާޔަތްކުރެވިފައި ވެއެވެ. ދިވެހިރައްޔިތަކު ފިޔަވައި ، ކޮންމެހެން ބޭނުމެއްޖެހިގެން މެނުވީ ، ދައުލަތުގެ އެއްވެސް ބިމެއް ، ބިދޭސީއަކަށް ނުދެވޭނެކަމަށް ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔެވުނު ޤާނޫނު އސާސީގައިވެސް ބަޔާންކޮށްފައި ވެއެވެ. އަދި ، ދިވެހިރައްޔިތަކު ފިޔަވައި ، އެހެން އެއްވެސް މީހަކަށް ، ދިވެހިރާއްޖޭގެ އެއްވެސް ބިމެއް މިލްކު ނުކުރެވޭނަކަމަށްވެސް އެ ޤާނޫނު އަސާސީގައި ނަންގަނެވިފައި ވެއެވެ. ހަމައެފަދައިން ، ގޯތިގެދޮރުގެ ޙިމާޔަތްވެސް ، އެ ޤާނޫނު އަސާސީގައި ރައްކާތެރިކޮށްދެވިފައި ވެއެވެ.

1968 ގައި ޢަމަލުކުރަންފެށި ޤާނޫނު އަސާސީގައި ، ބިދޭސީންނަށް ބިންމިލްކުވާބައި ވަނީ އުނިކުރެވިފައެވެ. އެހެންނަމަވެސް ، ކޮންމެހެން ބޭނުމެއްޖެހިއްޖެ ޙާލަތެއްގައި މެނުވީ ، ދިވެހިރާއްޖޭގެ އެއްވެސްކަމެއް ، ބިދޭސީއަކަށް ނުދެވޭނެކަމަށް ، އެ ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައި ވެއެވެ.

ބޯހިޔާވަހިކަމާއި ގޯތިގެދޮރުގެ ޚިދުމަތްދިނުން ، ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވަނީ ، 2008 ވަނައަހަރުގެ ފެހި ޤާނޫނު އަސާސީގައެވެ. ޤާނޫނު އަސާސީން ، އިޖްތިމާޢީ ޙައްޤުތައް ކަށަވަރުކޮށްދޭ ، 23 ވަނަ މާއްދާގައެވެ.

އަންނަނިވި ޙައްޤުތަކަކީ ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއްކަމަށް ، މިޤާނޫނު އަސާސީން ކަނޑައަޅާހިނދު ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް ، އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނެމަގު ތަނަވަސްކޮށްދިނުމަށް ، ދައުލަތުން މަސައްކަތް ކުރަންވާނެކަމަށް ، ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ.

އެމާއްދާގެ ށަވިޔަންޏާއި ރާ ގައި ބަޔާން ކުރެވިފައި ވެއެވެ.

(ށ) ފޭރާމާއި ހިޔާވަހިކަން ލިބުން.

(ރ) ދިރިއުޅޭނެ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުން.

އެއީ 2008 ވަނައަހަރު ، ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިހުރި ކަންކަމެވެ. އޭގެފަހުން ، ބަރާބަރު 17 އަހަރު ވޭތުވެ ހިނގައްޖެއެވެ. 8 ރައީސަކު ، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ. އެއިން ކޮންމެ ބޭފުޅެއްވެސް ، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ، ބޯހިޔާވަހިކަމެވެ. ތަފާތު މަޝްރޫޢޫތައް ފައްޓަވައި ، ހިންގަވައި ، ރައްޔިތުންދެކޭ އަދި އެދޭ ބޯހިޔާވަހިކަމުގެ އުއްމީދުތަކުގައި ކުލަޖައްސަވަމުން ގެންދެވިއެވެ.

މީގެ އިތުރަށް އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުންވެސް ، ގެދޮރުބިނާކޮށް ވިއްކައި ، ކުއްޔަށްދީ ބޯހިޔާވަހިކަމުގެ މައްސަލަޔަށް ތަސައްލީއެއް ގެނެސް ދެއެވެ. ބިންވެރިން ، ބޭންކްތަކުން ލޯނުނަގައިގެން ، ގެދޮރު ޢިމާރާތްކޮށް ކުއްޔަށް ދެއެވެ.

ހަމައެކަނި މާލެޔަށް ބަލައިލިޔަސް ، ބުރިބުރިއަށް އަރައި ، މީގެ ވިއްސަކަށް ތިރީހަކަށް އަހަރު ކުރިން އޮތް މާލެ މިއޮތީ ސައިޒުގެ ގޮތުން ހައެއްކަ ގުނަޔަށް ބޮޑުވެފައެވެ. ހުޅުމާލެޔަށް ބަލާއިރު ، ކުރިން 4 ބުރިޔަށް ޢިމާރާތްކުރަން ހުއްދަދިން ނަމަވެސް ، އެއަށްވުރެ މައްޗަށް ޢިމާރާތްކުރަން ، މިހާރު ހުރަހެއް ނެތެވެ. ފޭސް 2 ގެ ވިނަރެސް ޓަވަރުތައް އެގާރަ ، ބާރަ އަދި ތޭރަބުރިޔަށް ނެގިފައި އެބަހުއްޓެވެ. އޭގެ 10 ޓަވަރު އެބަ އަޅައެވެ.

ޟަރޫރީ ބޭނުންތައް ފަސޭހައިން ފުދޭ ، ދިރިއުޅުމުގެ މުހުތާދުތައް ވަގުތުންލިބޭގޮތަށް ތަރައްޤީވަމުންދާ ބޮޑެރި ސިޓީތަކަށް ނުވަތަ ރަށްރަށަށް އާބާދީ ބަދަލުވަމުން ދިއުމަކީ ، ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ ޙާލަތެއްނޫނެވެ. އެއީ ދުނިޔެ ފެށޫނީއްސުރެ އެކަން އޮންނަ ގޮތެވެ. ދަރިންނަށް ފަސޭހައިން އަދި މޮޅަށް ކިޔަވައިދެވޭ ، ޞިއްޙީ ޚިދުމަތް ރަނގަޅު ، ދިރިއުޅުމުގެ މާޙައުލު ރައްކާތެރި އަމާން ތަންތަނަށް މީހުން ބަދަލުވަމުން ދާނެއެވެ. ރާއްޖެޔަށްވެސް މިވަމުންދަނީ އެހެންނެވެ. ރަނގަޅު ތަޢުލީމްދެވޭ ތަންތަން ހޯދައިގެން ދަރިންނަށް ކިޔަވައިދޭން ، މައިންބަފައިން ތަންތަނަށް ބަދަލު ވާނެއެވެ. އެކިއެކި ބަލިތަކަށް ރަނގަޅުފަރުވާދެވޭގޮތަށް ޞިއްޙީ ޚިދުމަތް ފުރިހަމަ ކުރެވިފައި ހުންނަ ތަންތަނާއި ، މަގުތައް ހެދި ، ފާޚާނާގެ ނިޒާމް ޤާއިމްކުރެވި ، ބޯފެން ލިބޭ ތަންތަން އެއީ އިންސާނުން ހިތްކިޔާނެ ތަންތަނެވެ.

ގޯތިގެދޮރުގެ މައްސަލަޔަކީ ، އެއްވެސް ސަރުކާރަކަށް ޙައްލުކުރެވުނު ކަމަކަށް ނުވިއެވެ. އެއީ ޤާނޫނީ ޒިންމާއެއްގެ ދަށުން މަޖުބޫރުކަމެއްކަމަށްވިޔަސް ، އެހާ ފަސޭހައިން ކޮށްލެވެން އޮތް ކަމެއްނޫނެވެ. ގޯތިގެދޮރުގެ މައްސަލަޔަކީ ހަމައެކަނި މާލެ ސަރަޙައްދަށް ކުރިމަތިވެފައި އޮތް މައްސަލައެއް ނޫނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހަމަކޮންމެ ރަށެއްގައިވެސް އެ މައްސަލަ އެބަ އޮތެވެ. އެއީ ، ފައިސާޔާ ގުޅިފައި އޮތް ކަމެކެވެ. ބިމުގެ ޖާގަޔާވެސް ގުޅިފައި އޮތް ކަމެކެވެ. ހަމައެކަނި ބިން އޮތުމަކުންވެސް އެ މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ. އަދި ބިންނެތި ހަމައެކަނި ފައިސާ ހުރުމަކުންވެސް އެކަން ޙައްލެއް ނުކުރެވޭނެއެވެ. އޭގެ އިތުރަށް ، މި ދެކަންތައް ހަމަޖެހިފައި އޮތަސް ، ގޯތިގެދޮރުގެ ޙައްލަށް ދުރުރާސްތާގެ އަމާޒުތަކެއް ، ސަރުކާރުގައި އޮންނަން ޖެހެއެވެ. އަދި އެ އަމާޒުތަކަށް ވާޞިލްވުމުގެ ހިތްވަރާއި ފަންވަރުވެސް ހުންނަން ޖެހެއެވެ.

އެކިއެކި ނަންނަމުގައި ، ފައިސާ ގެންގުޅޭ ފަރާތްތަކުން ލޯނުގެ ގޮތުގައި ދަރަނި ދޫކުރެއެވެ. ސައިކަލެއް ހޯދަން ، ކާރެއް ހޯދަން އަދި ފޯނެއް ހޯދަން ނުވަތަ ގޭގެ ފަރުނީޗަރު އާކޯށްލަން ، ބަދިގޭގެ އާބާތުރަ ފިލުވައިލުންފަދަ ، ގިނަކަންކަމަށް އަމާޒުކޮށް ލޯނު އެބަ ލިބެއެވެ. ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންކުރެ ، ކޮންމެވެސް މިންވަރެއްގެ ލޯނެއް ނުނަގާ މީހަކު މަދުވާނެއެވެ. ލޯނެއްގެ ދަށުވެފައި ނެތް މީހަކު ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ލޯނަކީ އެހާވެސް ޢާންމު އެއްޗެކެވެ. ލުއިވެގެން ގޮސް އެއަށްވުރެ ފަސޭހައިން އަތްމައްޗަށް ލާރިކޮޅެއް އަރާނެ އެހެން ގޮތެއް ނޯންނަވަރަށް ލޯނު ލުއިވެފައި އެބަހުއްޓެވެ.

އަމިއްލަ ފަރުދުންނަށް ، ބޭންކްތަކުން މިހާތަނަށް ލޯނު ދޫކުރަމުން އައީ ، 60 އަހަރާ ހަމަޔަށެވެ. 60 އަހަރު ފުރިއްޖެނަމަ ލޯނެއް ނުލިބެއެވެ. އެހެނަސް ، އެ ހުރަސް މިހާރަކު ނެތެވެ. 60 އަހަރުންމަތީގެ އާބާދީއަށްވެސް ، އެތައް ޒަމާނަކަށްފަހު ، ޢުމުރުން 75 އަހަރު ވަންދެން ލޯނު ލިބުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފިއެވެ. ދުވަސްކޮޅަކުން  ކުރިން ލޯނު ނުނަގާތިބި އެ ޢުމުރުފުރާގައިވެސް ދުނިޔެއަޅާ ދާއިރު ، ލޯނެއް ނެތްމީހަކު ނެތޭހިސާބަށް ހިނގައިދާނެއެވެ.

ބުނެވި އެދިޔައީ ، ދިވެހިންގެ ގިނަބަޔެއްގެ ދިރިއުޅުމުގެ ޙާލަތެވެ. ދަރާ ވިކިފައިތިބޭ މިންވަރެވެ. ލޯނެއްގައި ތާށިވެފައި އޮންނަ ޙާލަތެވެ. ދިރިއުޅުމުގެ މުހުތާދުތަކަށް އޮތް ހުރަސްތަކެވެ. ކަންއެހެން އޮތްއިރު ، ބޯހިޔާވަހިކަމަށް އޮތް ހުރަސްތައް ނައްތައިލުމަށް އަމިއްލަގޮތުން ކުރެވެން އޮންނަ މަސައްކަތް މަދުވެފައި އުނދަގޫ ވާނެއެވެ. މައްސަލަ ޙައްލު ކުރުމަށްޓަކައި އެތައްބަޔެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ. ދުރުރާސްތާ އާއި މެދުރާސްތާގެ ޕްލޭންތައް ޤައުމީ ފެންވައްރެގައި އޮންނަން ޖެހެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.