ޢަރަފާތާއި ލައިލަތުލްޤަދްރި

ޢަރަފާތާއި އަލްޤަދްރު ގައި ތަފާތު އެތައްކަމެއް އެކުލެވިގެން ވެއެވެ. ޢަރަފާތަކީ ދުވާލުގެ މައްޗަށް އައިސްއޮންނަ ދުވަހެކެވެ. ލައިލަތުލްޤަދްރިޔަކީ ، ރޭގަނޑެއްގެ މައްޗަށް އައިސް އޮންނަ ރެޔެކެވެ. ޢަރަފާތު ދުވަހަކީ ، ކަނޑައެޅި ބަޔާންވެގެންވާ ދުވަހެކެވެ. އެއީ ޛުލްޙިއްޖާމަހުގެ 9 ވަނަ ދުވަހެވެ. އެއާ ޚިލާފަށް ލައިލަތުލްޤަދްރިޔަކީ ، ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދިހައިގައި އަންނަ އޮނަހިރި ރެޔެކެވެ. ވަކި ރެޔެއްކަން ކަނޑައެޅިގެން ކަށަވަރުނުވާ ރެޔެކެވެ.

ލައިލަތުލްޤަދްރި ވިލޭރެޔަކީ ، ރަޙްމަތާއި ނިޢުމަތް އަދި ޘަވާބާއި ދަރުމައިގެ ރޫޙާނިއްޔަތު ، މަތިން ތިރިޔަށް އަންނަ ރެޔެކެވެ. ކީރިތި ޤުރްއާނުގެ އަލްޤަދްރު ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

މި އާޔަތުގެ މާނަޔަކީ ،  " މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު ، ހުރިހާ އަމުރުފުޅަކައިގެން އެރޭ ( ބިމަށް ) ފައިބައިވަޑައިގަންނަވާނެތެވެ. "

ލައިލަތުލްޤަދްރި ވިލޭރެޔަކީ ، ބަރަކާތްތެރި ރަމަޟާންމަހުގެ ފިހުދިހައިގެ ތެރޭގައި އަންނަ ރެޔެކެވެ. އަހަރުގެ އެހެން ހުރިހާ ރެޔަކަށްވުރެ މަތިވެރި ރެޔެކެވެ. އެރޭ ، ވަންހަނާކުރެވިފައި އޮތުމުގެ ޙިކުމަތަކީ ، އަޅުތަކުން ﷲ އަށް އަޅުކަންކޮށް ހެޔޮ ޢަމަލުތައް ކުޅައުމަށް ބާރު އެޅުއްވުމެވެ. އެ ރެޔަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ތެރެއިން ރެޔެއްކަމުގައި ކަނޑައަޅުއަވާފައި ވާއިރު ، އެރެޔަކީ ކޮންރެޔެއްކަން ސިއްރުކުރައްވައި ވަންހަނާކުރައްވާފައިވަނީ ، ފަހުދިހައިގެ ތެރޭގައި އަޅުތަކުން ހެޔޮޢަމަލުކުރުމަށް ބާރު އެޅުއްވުމެވެ.

އެރެޔަކީ ، ކީރިތި ﷲ ގެ އަމުރުފުޅަށް ، އެކަލާނގެ ޙަޟްރަތުން ބަރަކާތާއި ރަހުމަތާއި ނިޢުމަތް ހިއްޕަވައިގެން  މަލާއިކަތްބޭކަލުންނާއި ޖިބްރީލްގެފާނު ، ބިމަށް ފައިބައި ވަޑައިގަންނަވާ ރެޔެވެ.

ޢަރަފާތު ދުވަސް އެއާ ތަފާތެވެ. އެއީ ، ދުވާލުގެ ގަދަ ހޫނުގައި މީސްތަކުން ދެއަތްއުފުލައި ، ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވުމަށް ކޮޅަށްތިބޭ ދުވަހެކެވެ. ޤިޔާމަތްދުވަސް ފަދައިން ، ﷲ ގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ކުރިފުޅުމަތީ ކޮޅަށްތިބޭ ދުވަހެކެވެ. ހުދުހެދުމުގައި ތިބެ ، ﷲ ގެ ރަޙުމަތާއި ނިޢުމަތާ އަދި ސަވާބަށް އެދި ދުޢާ ދެންނެވުމަށް ދެއަތް އުފުލައިގެން ތިބޭ ދުވަހެވެ.

ޢަރަފާތު ދުވަހަށްވުރެ ގިނައިން ، މީސްތަކުން ނަރަކައިން ސަލާމަތްކޮށްދެއްވައި ، ނަރަކައިން ނެރުއްވާ އެހެން ދުވަހެއް ނުވާކަމުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައި ވެއެވެ.

ޢަރަފާތު ދުވަސްވަނީ  ، އެއީ ކޮންދުވަހެއްކަން ހާމަކުރައްވައި އަންގަވާފައެވެ. ޢަރަފާތު ދުވަހާ ބެހޭގޮތުން ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 198 ވަނަ އާޔަތުގައި ،  ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

 لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ ۚ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ

މި އާޔަތުގެ މާނަޔަކީ ، " ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް ( އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް ) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު ، އަލްމަޝްޢަރުލް ޙަރާމުގައި ( އެބަހީ: މުޒްދަލިފާ ނިމޭތާނގައިވާ ޤުޒަޙް ފަރުބަދަ ކައިރީގައި ) ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! ( އެބަހީ: ތަލްބިޔާ ކިޔައި، ދުޢާ ކުރާށެވެ! ) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން ، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. "

މީގެ އިތުރަށްވެސް ، އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވައިފައި ވެއެވެ.

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِن دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَّحِيمٌحُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِن دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ

މި އާޔަތުގެ މާނަޔަކީ ، " މުޅަތަކެއްޗާއި ، ( އޮހޮރޭ ) ލެޔާއި ، އޫރުމަހާއި ، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި ، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި ، ޖަހައި މަރައިލާ ތަކެއްޗާއި ، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި ، ( އެހެން ޖަނަވާރެއްގެ ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި ، މިނިކާ ޖަނަވާރެއް ( އެއްބައި ) ކައިފައިވާ ތަކެތި ، ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވެއެވެ. ( މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެއެއްޗެއް އަތުޖެހި ޝަރުޢީ ހަމައިގެ މަތިން ) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި ، އަޒްލާމް މެދުވެރިކޮށްގެން ތިޔަބައިމީހުންގެ ނަޞީބު ހުރިގޮތާއި ، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް ، ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވެއެވެ. ފަހެ ، އެކަންތައްތަކަކީ ، ފާސިޤު ކަންތައްތަކެކެވެ. މިއަދު ، ތިޔަބައިމީހުންގެ ދީނާމެދު ( އެބަހީ: އެ ދީނަށް ގެއްލުމެއް ދެވިދާނެ ކަމާމެދު ) ކާފިރުން ، ނާއުއްމީދު ވެއްޖެއެވެ. ފަހެ ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! މިއަދު ، ތިޔަބައިމީހުންގެ ދީން ، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. ފަހެ ، ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި ( އިސްވެދިޔަ ޙަރާމް ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް ) މަޖުބޫރުވީ މީހާ ( ދަންނާށެވެ! ) ފަހެ ، ހަމަކަށަވަރުން ، ﷲ އީ ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ( ނޯޓު: އަޒްލާމަކީ ، ފާލުބެލުމަށް ޖާހިލީ ޒަމާނުގައި ބޭނުންކޮށްއުޅޭ ދަނޑިކޮޅުތަކެކެވެ. ނުވަތަ ދުނިދަނޑިތަކެކެވެ. )

ޢަރަފާތު ދުވަހަކީ ، މީސްތަކުންގެ ދީން ، ( އެބަހީ މާތްވެގެންވާ އިސްލާމްދީން ) އެބައިމީހުންގެ ދީނެއްކަމުގައި ފުރިހަމަކޮށްދެއްވިކަން އެންގެވި ދުވަހެވެ. އެކަން ، ﷲ ތަޢާލާ އަންގަވައިފައިވަނީ ، މަތީގައިވާ އާޔަތުގައެވެ. މި އާޔަތް ބާވައިލެއްވުނީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙައްޖަތުލްވަދާޢުގައި ، ޢަރަފާތު ބިމުގައި ހުންނަވަނިކޮށްކަމަށް ޢިލްމުވެރިން ބުރަވެވަޑައި ގަންނަވައެވެ. އެ ދުވަހަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އިސްލާމީ އުއްމަތަށް ދެއްވި އެންމެ ފަހު ޚުތުބާ ދެއްވި ދުވަހެވެ.

ލައިލަތުންޤަދްރިއަކީ ، ފެށުމެއްކަމަށް ދީނީ ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ. އެއީ ، ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓުނީ ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެއީ ލައިލަތުލްޤަދްރި ވިލޭރޭ ކަމުގައެވެ. އެހެނަސް ، އެއީ ކަނޑައެޅި ބަޔާންވެގެންވާ ރެޔެއްނޫނެވެ. އެރޭ އަންނަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ.

ޢަރަފާތުދުވަސް ގުޅިފައިވަނީ ފުރިހަމަވުމާއެވެ. އެހެނީ ، އިސްލާމްދީން އެއީ މީސްތަކުންގެ ދީންކަމުގައި ފުރިހަމަކުރެއްވުމުންނެވެ. ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ، ޢަރަފާތު ބިމުގައި ނިމްރާ މިސްކިތުގައި ޢަރަފާތު ދުވަހުގެ ޚުތުބާ އިއްވޭނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.