
(27 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޅުގަނޑުގެ ބައްޕާފުޅުގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރު ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ނަގަރުކޯޓުގެ ރަސްގެފާނަށް ވުރެ ވެސް ބޮޑަށް ޕަރައުހަތު އުފާ ކުރުއްވުމަށް ޓަކައި އެބައިމީހުންނާ ޙަމަލަ ދެއްވިއެވެ. ބައްޕާފުޅު އެކަށީގެންވާ ސަރަޙައްދެއް ފަތަޙަ ކުރެއްވިއެވެ. ނަމަވެސް ފިނި މޫސުމުގައި އެތަން ބެލެހެއްޓެވުން އުނދަގޫފުޅު ވާނޭކަން ބައްޕާފުޅު ވިސްނައިވަޑައިގެންނެވިއެވެ. ފަރުބަދަމަތީ މީހުން ގޮއި އަދާ ކުރަމުން ގެންދާނަމަ އެބައިމީހުންނާ ހަނގުރާމަ ނުކުރައްވާނޭކަން އަންގަވައިފިއެވެ. ރަސްގެފާނާއި ޕަރައުހަތުގެ ޚިޔާލު ހޯއްދަވައިގެންނެވެ. ފަރުބަދަމަތީގެ މީހުން އެ ޝަރުޠު ޤަބޫލު ކޮށްފިއެވެ. ބައްޕާފުޅު ވެސް ލަޝްކަރާއިގެން އެނބުރިވަޑައިގެންފިއެވެ. އެތައް އަހަރެއް ވާންދެން އެބައިމީހުން ޤަވާޢިދުން އެބައިމީހުންގެ އާމުދަނީގެ ފަސްބައިކުޅަ އެއްބައި ދައްކަމުން ގެންދިޔައެވެ. ނަމަވެސް ކާރުދަވެރީންނާއި ފައްޅީގެ އަހުލުވެރީން އާދައިގެ މަތީން ފޭރުމުގެ މަސައްކަތް ފަށައިގަތުމުން، ފަރުބަދަމަތީގެ މީހުންގެ ގާތަށް ރުޅި އައިސްގެން ގޮއި ދިނުން ހުއްޓައިލައިފިއެވެ.
އަޅުގަނޑު މި ވާހަކަ މިހައި ތަފްޞީލުކޮށް މި ދެންނެވީ، މި ވާހަކަ އަކީ އަޅުގަނޑުގެ ވާހަކަޔާ ވަރަށް ބޮޑު ގުޅުމެއް ހުރި ވާހަކައެއް ކަމުގައި ވާތީއެވެ. އަޅުގަނޑުގެ ބޮޑުބޭބެ އާލާސްކަންފުޅާ އުޅުއްވި އިރު، ބޮޑުބޭބެގެ އެންމެ ބޮޑު އެދިވަޑައިގަތުމަކަށް ވެފައި އޮތީ އަޅުގަނޑު ކާވެނީގެ ގޮތުން ކޮންމެވެސް މީހަކާ ގުޅުއްވައިދެއްވުމެވެ. އެހެންކަމުން، އޭނާ ނަގަރުކޯޓުގެ އަމީރެއްގެ ދަރިކަނބަލަކާ އަޅުގަނޑާ ކާވެނި ކޮށްދެއްވާން ހަމަޖައްސަވައިފިއެވެ. މި ދެންނެވި އަމީރުގެ ނަންފުޅަކީ ޖަގަތު ނާރާއިނެވެ. އޭނާއަކީ ރަސްގެފާނުގެ ވަރަށް ތިމާގެފުޅު ބޭފުޅެކެވެ. އެހެންކަމުން، އޭނާގެ ދަރިކަނބަލަކާ އަޅުގަނޑާ ކާވެނި ކުރެއްވޭނެ ގޮތް ހަމަޖެއްސެވުނުކަމަށް ޓަކައި ބޮޑުބޭބެ ހުންނެވީ ވަރަށް އުފާފުޅުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ގާލިހު ކުރެވުނުތާ ދޮޅުހަފުތާއެއްހައި ދުވަހުގެ ތެރޭ ބޮޑުބޭބެ އަވަހާރަ ވެއްޖެއެވެ
+ + + +
އެ ދުވަސްވަރަކީ ޕަންޖާބުގެ ހުޅަނގު އުތުރުން سلطان محمود غزنوی ހޯއްދަވަމުން ގެންދަވާ ފުތޫޙާތު އަޅުގަނޑުމެން ހާސް ކުރުވަމުން ގެންދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު އެއް ދުވަހަކު ރަސްގެފާނުގެ އަމުރުފުޅަށް ހުރިހައި އަމީރުން ނަގަރުކޯޓަށް ހާޒިރު ވާން ޖެހިއްޖެއެވެ. ދަރުބާރުގައި ބަހުސް ކުރެވުނީ ދޭހިންދުގެ ޝަހެންޝާހާ އެހީ ވާން ސިފައިން ފޮނުވުމާ ބެހޭގޮތުންނެވެ. ފަރުބަދަމަތީގެ މީހުން ގޮއި ދިނުން ހުއްޓައިލައިފައި ވާތީ، އެބައިމީހުންނާ މެދު އަޅާނޭ ފިޔަވަޅަކާ މެދު ވެސް އެ ޖަލްސާގައި ވާހަކަ ދެކެވުނެވެ. ބައެއް އަމީރުންގެ ޚިޔާލުފުޅުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ވިސްނާން ވީ محمود غزنوی އާ ބެހޭގޮތުންނެވެ. މުސްލިމުންގެ ނުރައްކާތެރިކަން ކަނޑުވައިލެވުމުން، ބޭނުން ކޮންމެ ވަގުތަކު ވެސް ފަރުބަދަމަތީގެ މީހުން ބަލި ކޮށްލެވިދާނެއެވެ. ނަމަވެސް ފައްޅީގެ ޕަރައުހަތާއި، ރަސްގެފާނުގެ ސިފައިންގެ ވެރިޔާ އާއި، ބައެއް އަމީރުންގެ ޚިޔާލުފުޅު ތަފާތެވެ. އެ ބޭފުޅުންގެ ނަޒަރުގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ހަމަ ޖައްސާން ވީ ފަރުބަދަމަތީގެ މީހުންގެ މައްސަލައެވެ.
އަޅުގަނޑު ވަރަށް ބޮޑަށް ޙައިރާން ވާން ޖެހުނެވެ. އެތައް އަހަރެއް ވާންދެން އަޅައިނުލައި ތިބެފައި، ދޭހިންދުގެ ޝަހެންޝާހަށް އެހީ ފޮނުވާން ޖެހުނު ހިނދު އެ ބޭފުޅުން ފަރުބަދަމަތީގެ މީހުންނާ ހަނގުރާމަ ކުރައްވާން ޚިޔާލު ކުރެއްވީތީއެވެ. ނަމަވެސް ޙަޤީޤަތް އޮޅުން ފިލުމުން އަޅުގަނޑުގެ ޙައިރާންކަން ވެސް ފިލައިފިއެވެ. މުސްލިމުންގެ ހިތްވަރުގަދަކަމުގެ ވާހަކަ ސިފައިންގެ ވެރިޔާ ވަނީ އަޑު އައްސަވައިފައެވެ. އޭނާ ބާރުހުރި ދުޝްމަނެއްގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާން ޖެހިލުން ވެވަޑައިގަނެއެވެ. ނަމަވެސް ދޭހިންދުގެ މަސްރަޙު އޮތް ގޮތުން އޭނާއަށް ގޭގައި އަރާމުގައި އިންނަވާކަށެއް ވެސް ފަސޭހަފުޅެއް ނޫނެވެ. އެހެންކަމުން، އޭނާ ބޭނުންފުޅު ވީ ފަސޭހަ މައިދާނެއް ޚިޔާރު ކުރައްވާށެވެ.
ޕަރައުހަތަށް ޚިޔާލު ކުރެއްވެވެނީ ފައްޅީގެ ހިސާބެއް ނެތްހައި ގިނަ މުދާތަކާ މެދުގައެވެ. އޭނާ ވިސްނައިވަޑައިގެންނެވި ގޮތުގައި سلطان محمود ޢާއްމު ގޮތެއްގައި އެ ފަރުބަދަމަތީގެ ސަރަޙައްދާ މެދަކު މާ ބޮޑު ސަމާލުކަމެއް ނުދެއްވާނެއެވެ. ނަމަވެސް ނަގަރުކޯޓުގެ ލަޝްކަރު ދޭހިންދަށް ފޮނުވައިފި ކަމުގައި ވާ ނަމަ، ދޭހިންދުގެ ލަޝްކަރު ބަލި ވުމުން އެބައިމީހުންގެ ފަހަތުން ނަގަރުކޯޓާ ހަމަޔަށް ވެސް މުސްލިމުން އައުމަކީ ދުރު ކަމެއް ނޫނެވެ. އަމީރުން ކުރެ ގިނަ ބޭފުޅުންް ވެސް ރަށާ ދުރަށް ވަޑައިގެން ބޮޑު ނުރައްކަލަކަށް ހުރަހެޅިވަޑައިގަތުމުގެ ބަދަލުގައި ރަށާ ކައިރީން އާދައިގެ ނުރައްކަލަކާ ކުރިމަތި ލައްވާން ގަސްތު ކުރެއްވީއެވެ.
ރަސްގެފާނަށް މަޖުބޫރު ވެވަޑައިގަތީ ޕަރައުހަތާއި އޭނާގެ އެކުވެރީންގެ ނިންމެވުން ޤަބޫލުފުޅު ކުރައްވާށެވެ. އެ ގޮތަށް ދީލައިލައްވާށެވެ. ނަމަވެސް ރަސްގެފާނު ނަގަރުކޯޓުގެ ހުރިހައި ސިފައިން އެ ހަނގުރާމައިގައި ބައިވެރި ކުރެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަގަރުކޯޓުގެ މުޅި ލަޝްކަރަށް ފަރުބަދަމަތީގެ މީހުން ބަލި ކުރުމަށް ފަހު، ވީހައިވެސް އަވަހަކަށް ދޭހިންދާ އެހީ ވާން ދެވޭނެ ގޮތުންނެވެ. ޕަރައުހަތު އަނެއްކާވެސް ރަސްގެފާނާ ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވިއެވެ. "ފަރުބަދަމަތީ މީހުންނާ ހަނގުރާމަ ކުރުމަށް ޖާގީރުދާރުންގެ ސިފައިން އެކަނި ވެސް ފުދޭނެއެވެ. އެހެންކަމުން ނަގަރުކޯޓުގެ ރަސްމީ ލަޝްކަރު ރަނގަޅު ވާނީ ފައްޅި ޙިމާޔަތް ކުރާން ރަށުގައި ތިބުމެވެ. އެންމެފަހުން މައްސަލަ ނިމުނީ ރަސްގެފާނުގެ ރަސްމީ ލަޝްކަރުގެ ދެބައިކުޅަ އެއްބައި ޖާގީރުދާރުންގެ ސިފައިންނާ އެކު ފަރުބަދަމަތީގެ މީހުންނާ ކުރާ ހަނގުރާމައިގައި ބައިވެރި ވާށެވެ. އަނެއްބައި ފައްޅި ޙިމާޔަތް ކުރާން ރަަށުގައި ތިބޭށެވެ.
ސިފައިންގެ ވެރިޔާ އަށްހާސް ސިފައިންގެ ލަޝްކަރު ތިން ބަޔަށް ބައި ކުރައްވައިފިއެވެ. އޭނާ އޭގެ ތެރެއިން ހަތަރުހާސް ސިފައިންނާ އެކު ސީދާ އިރުމައްޗަށް ވަޑައިގެންފިއެވެ. ދެހާސް ސިފައިން ޖަގަތު ނާރާއިނާ ހަވާލު ކުރައްވައިފައި އޭނާއަށް އެންގެވީ އުތުރު ފަރާތުން ވަށައިލައްވައިފައި ގަނޑުފެން ފަރުބަދަތަކުގެ ވާދީއަށް ވަޑައިގެން ލަޝްކަރުގެ އެހެނިހެން ގެމަތަކަށް އިންތިޒާރު ކުރައްވާށެވެ. ދެން ތިބި ދެހާސް ސިފައިން އެހެން އަމީރަކާ ޙަވާލު ކުރެއްވުމަށް ފަހު ދެކުނު ފަރާތުން ވަށައިލައްވައިފައި ޖަގަތު ނާރާއިންގެ އަރިހަށް ވަޑައިގަންނަވާން އެންގެވިއެވެ. މައިދާނީ ސަރަޙައްދެއްގައި ވިއްސިވިހާލި ވެގެން އުޅޭ ދުޝްމަނުންގެ ބަޔަކު ވަށައިލައި އެ ބަޔަކު ހަލާކު ކޮށްލުމަށް އެފަދަ އުކުޅެއް ކާމިޔާބު ވެދާނެއެވެ. ނަމަވެސް ފަރުބަދަތަކުގެ ނިމުމެއް ނެތް ސިލްސިލާއެއްގައި އެފަދަ އުކުޅެއް ކާމިޔާބު ވެދާނޭކަމުގައި އުއްމީދު ކުރުމަކީ މޮޔަކަމެކެވެ.
ފަރުބަދަމަތީގެ މީހުން އެ ސަރަޙައްދުގެ އެކިއެކި ވެލިފުއްފުއް ވަކިވަކީން ދަނެއެވެ. ޤުދުރަތުން އެބައިމީހުންނަށް ވަނީ ފަތަޙަ ނުކުރެވޭ ފަދަ ދިފާޢީ މަރުކަޒުތަކެއް ތަންތަންކޮޅުގައި ހައްދަވައިދެއްވައިފައެވެ. ނަމަވެސް ތަހުޒީބުގެ ވިދުވަރު ދެކެ ޖެހިލުން ވެގެން، ނުވަތަ އަޅުގަނޑުމެންގެ ލަޝްކަރުގެ ހައިބަތުގެ ސަބަބުން އެބައިމީހުން އެއްވެސް ތަނެއްގައި ސާބިތު ވެތިބެ ހަނގުރާމަ ކުރާކަށް ނުއުޅެއެވެ. އަޅުގަނޑުމެންގެ ލަޝްކަރުން އެ ބޭފުޅެއްގެ އަސްކޮޅު ގެންދެވީ ދާދި މަދު އަމީރެކެވެ. އެ ބޭފުޅުން ވެސް ފަރުބަދަތަކުގެ ދަތި އުނދަގޫ ސަރަޙައްދަށް ވެދެވަޑައިގަންނަވާން ޖެހިވަޑައިގަތުމުން، ރައްކައުތެރި ވާދީއަކަށް އަސްކޮޅުތައް ދޫކޮށްލައްވައިފިއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ސިފައިން ހިމެނުނީ ޖަގަތު ނާރާއިންގެ ވެރިކަމުގެ ދަށުގައި ދިޔަ ލަޝްކަރުގައެވެ. އެ ހަނގުރާމައިގައި އޭނާގެ ދެ ބޭފުޅުން ވެސް ބައިވެރި ވެވަޑައިގެންނެވިއެވެ. އަޅުގަނޑުމެންގެ މަސައްކަތް ދެކެވަޑައިގަތުމަށް ޓަކައި ޕަރައުހަތުގެ ކޮއްކޮއެއް ވެސް އަޅުގަނޑުމެންނާ އެކު ވަޑައިގެންނެވިއެވެ. ދުވަސްކޮޅެއް ވާންދެން އަޅުގަނޑުމެންނަށް ފާހަގަ ކޮށްލެވޭ ފަދަ ޙަމަލައަކާ ކުރިމަތި ލާން ނުޖެހި ކުރިޔަށް ދެވުނެވެ. އަޅުގަނޑުމެން ދަތުރު ކުރި މަގުމަތީގައި ދިމާ ވި އަވަށްތައް ހުރީ ހުސް ވެފައެވެ. ފަހަރުގައި އެއިން އަވަށަކުން އަންހެނަކު ނުވަތަ ކުޑަކުއްޖަކު ނުވަތަ މުސްކުޅިޔަކު ފެނިއްޖެ ކަމުގައި ވާ ނަމަ، އަޅުގަނޑުމެންގެ ސިފައިން އެ މީހަކާ މެދު ކަނޑީގެ ތޫނުކަން އިމްތިޙާނު ކުރެއެވެ. އަޅުގަނޑުގެ ހިތް ވެސް އޮންނަނީ ދީނުގެ ދުޝްމަނުންނާ މެދު ފޫއްސާއި ނަފްރަތުން ފުރިފައެވެ. ނަމަވެސް އެ ކުޅިވަރަކާ އަޅުގަނޑު އެއިރުވެސް ޤަބޫލެއް ނޫނެވެ. އެއް ދުވަހަކު އަޅުގަނޑުމެން ވަރަށް ހިތްގައިމު ވާދީއެއްގައި މަޑު ކޮށްފީމުއެވެ. ސިފައިންގެ ބަޔަކު ވީރާނާ ވެފައި ވާ އަވަށަކުން ދެ އަންހެނުންނާއި ކުޑަ ތިން ކުދީން އަތުލައިގަނެގެން ގެނެސްފިއެވެ. ޖަގަތު ނާރާއިން އެބައިމީހުން ގަސްގަހުގައި ބަންނާން އަމުރު ކުރައްވައިފިއެވެ. އެޔަށްފަހު ލަޝްކަރުން ހޮއްވަވައިލެއްވި ބަޔަކަށް ދުނި އުކުމުގެ މުބާރާތެއްގައި ބައިވެރި ވުމުގެ ދަޢުވަތު ދެއްވައިފިއެވެ. އަޅުގަނޑު އެކަމާ ދެކޮޅު ހެދުމުން އޭނާ ކޯފާ ވެފައި ވިދާޅުވިއެވެ. "ވާސިދިޔޫއެވެ! މަނިކުފާނު ތިޔަ ހެދިވަޑައިގަންނަވަނީ އަންހެނަކަށެވެ. ދުޝްމަނުންނާ މެދު ރާޖްޕޫތުންގެ ހިތް ހިލަގަނޑަކަށް ވުރެ ވެސް ހަރު ވާން ޖެހޭނެއެވެ."
އަޅުގަނޑު ޖަވާބު އެރުވީމެވެ. "މިތިބަ ނިކަމެތި އަންހެނުންނާއި އާރެއްބާރެއް ނެތް ކުޑަކުދީންނަކީ އަޅުގަނޑުގެ ދުޝްމަނުން ކަމަކަށް އަޅުގަނޑު އަދިއެއް ކަނޑައެއްނާޅަމެވެ."
އޭނާ ވިދާޅުވިއެވެ. "މަނިކުފާނު ހީފުޅު ކުރައްވައިގެން ތިޔަ ހުންނެވީ އަޅުގަނޑުމެން އައިސްގެން މި އުޅެނީ މިހިރަ ހިލަތަކާ ހަނގުރާމަ ކުރާން ކަމަށްތޯއެވެ؟ ނިކަން މިކޮޅު ބައްލަވަބައްލަވާށެވެ!" މިހެން ވިދާޅުވެފައި އޭނާގެ ދުނިދަނޑިކޮޅުގައި ރުވާލައްވައިފައި ވާ ދުނި ދޫ ކޮށްލައްވައިފިއެވެ. އެ ދުނި ގޮސް ހެރުނީ އެތަނުން ކުއްޖެއްގެ މެޔަށެވެ. ހަމައެއާއެކު އެތައް ދުނިދަނޑިތަކަކުން ދުނިތައް ނުކުމެގެން ވައި ކަފަމުން ދާން ފަށައިފިއެވެ. އަންހެނުންނާއި ކުޑަކުދީންގެ ރުއިމާއި ގިސްލުމުގެ އަޑު، އެތައް ބަޔަކު ކަކަކަކަ އަޅައިފައި ހޭނ އަޑުގެ ތެރޭގައި އޮބިގެން ހިނގައްޖެއެވެ. ޖަގަތު ނާރާއިނާއި އޭނާގެ ދެ ބޭފުޅުންނާއި އަދިވެސް ބައެއް އަމީރުން ފަތަޙަ ލިބިވަޑައިގެންފައި ވާ ގޮތަކަށް ހިނިތުން ވެވަޑައިގެން ތިއްބަވައި އަޅުގަނޑާ ދިމާޔަށް ބައްލަވައިލެއްވިއެވެ.
ދެން އަޅުގަނޑަށް ފެނިގެން ދިޔައީ މި ދެންނެވި ހާދިސާއަށް ވުރެ ވެސް މާ އަނިޔާވެރި މަންޒަރުތަކެކެވެ. އަޅުގަނޑު އޭގެ ތަފްޞީލުގެ ތެރެޔަށް ދާ ހިތެއް ނެތެވެ.
އެއް ދުވަހަކު ވާދީއެއްގެ ބޯ ޖަންގަލީގެ ތެރޭގައި ދުޝްމަނުން އަޅުގަނޑުމެންނާ ޙަމަލަ ދީފިއެވެ. ނަމަވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ދުޝްމަނުން ކަފާސް ކޮށްލައިފީމުއެވެ. އޭގެ އަނެއް ދުވަހު އަޅުގަނޑުމެން ތިބީ ކޯރެއްގެ އައްސޭރީގައެވެ. އެ ކޯރެކޭ އުސް ދެ ފަރުބަދައިގެ ދެމެދުގައި ހުރި ފުން ވަޅެކޭ އެއްގޮތެވެ. ދުވާލު ހަތަރުދަމު މަސައްކަތް ކޮށްގެން، އަޅުގަނޑުމެންނަށް ލަކުޑީން ފާލަން އަޅައިގެން ކޯރު ހުރަސް ކުރެވޭ ކަހަލަ ދިމާއެއް ފެނިއްޖެއެވެ. އެތާނގައި ލަކުޑިތައް ހުރީ މަދެއްކޮށެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން އޭގެ އަނެއް ދުވަހު ފާލަން އަޅައިގެން ކޯރުގެ އަނެއް ފަރާތަށް ހިނގައްޖައީމުއެވެ. އަޅުގަނޑު އެ ފާލަން ޙިމާޔަތް ކުރާން ބަޔަކު ބައިތިއްބުން ރަނގަޅު ވާނެ ކަމުގައި ޖަގަތު ނާރާއިނަށް ލަފާ އެރުވީމެވެ. ފަހަށް ވިސްނައި ރައްކާތެރި ވުމުގެ ގޮތުންނެވެ. ކޮންމެވެސް ނުރައްކާތެރި ވަގުތަކު އަޅުގަނޑުމެންނަށް އެ ފާލަން ބޭނުން ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެންނެވީމެވެ. ޖަގަތު ނާރާއިން އެތައް އިރަކު ބަހުސް ކުރެއްވުމަށް ފަހު ދުނިދަނޑިވެރީންގެ ވިހި މީހުން ފާލަން ޙިމާޔަތް ކުރާން ބައިތިއްބަވައިފިއެވެ. އެބައިމީހުންނަށް އެންގެވީ އަނެއް ދުވަހާ ހަމަޔަށް ފާލަން ބެލެހެއްޓުމަށާއި، އެއަށްފަހު އައިސް ލަޝްކަރާ ބައްދަލު ކުރާށެވެ.
ޖަގަތު ނާރާއިން ލަފާ ކުރައްވާ ގޮތުގައި އަޅުގަނޑުމެންގެ ލަޝްކަރުގެ އެހެނިހެން ގެމަތަކުގެ އިންތިޒާރުގައި މަޑު ކުރާން ޖެހޭ އެންމެ ފަހުގެ މަންޒިލް އަޅުގަނޑުމެން ތިބި ތަނާ ފަންސާހަކަށް ކޯހަށް ވުރެ ދުރެއް ނޫނެވެ. ނަމަވެސް ފާލަމާ ދުރަށް ތަންކޮޅަކަށް ދެވުމާ އެކު އަޅުގަނޑުމެންނަށް ޖެހުނީ ހިނގުމުގެ ބަދަލުގައި ފިރުކޭށެވެ. އަޅުގަނޑުމެންގެ އެއްފަރާތުގައި ހުރީ އުސް ފަރުބަދައެވެ. އަނެއް ފަރާތުގައި އޮތީ ކޯރެވެ. ސީދާ ފަރުބަދަމައްޗަށް އެރޭނެ އެއްވެސް މަގެއް ނެތެވެ. ފަރުބަދައިގެ ކައިރީން ކޯރު އޮތް ގޮތަށް ހިނގުން ވެސް އިންތިހާ ދަރަޖަޔަށް އުނދަގުލެވެ. މެންދުރު ވީ އިރު އަޅުގަނޑުމެންނަށް އެތައް އުނދަގުލަކުން ކަޑައްތު ކުރެވުނީ ގާތްގަނޑަކަށް ދެ ކޯހެއްގެ ދުރުމިނެވެ. އެ ހިސާބުން ފަރުބަދައިގެ ބުޑު ހުރި ގޮތުން ޖެހުނީ ފަރުބަދަ ކަނޑައިގެން މަގު ހަދާށެވެ. އަޅުގަނޑު ޖަގަތު ނާރާއިންގެ އަރިހުގައި ދެންނެވީމެވެ. "އެނބުރި ގޮސް އެހެން މަގެއް ފެނޭތޯ ބަލަމާތޯއެވެ؟" ނަމަވެސް އޭނާ ޖަވާބު ދެއްވިއެވެ. "ދެން އަޅުގަނޑުމެންނަށް ކޮންމެ މަގަކުން ވެސް ދިމާ ވާނީ މި ކަހަލަ ފަރުބަދަތަކާއެވެ."
(ނުނިމޭ)