(23 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
(5)
ސިފައިންގެމީހާ ދިޔައީމާ ރަބީޢާ އިރުކޮޅަކު އިށީނދެގެން އިނދެފައި ތެދުވެގެން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާގެ ފާރުކައިރިއަށް ގޮސް ތިރިއަށް ބަލައިލިއެވެ. އެންޖެލާގެ ކޮޓަރިން މިހާރުވެސް ދޮރުގައި ތަޅާ އަޑު އެބަ އިވެއެވެ. ރަބީޢާ އެ ދިމާއަށް ހިނގައިގެންފިއެވެ. އެކަމަކު ވަކި ހިސާބަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އެންޖެލާ ގޮވާ އަޑު އިވެއެވެ. [ދައްތާއެވެ.] ރަބީޢާ އިރުކޮޅަކު ވަރަށް ދެރަވެފައި އެހެން ހުރެފައި ވަގު ފިޔަވަޅު އަޅަމުން އެނބުރި ހިނގައިގެންފިއެވެ.
ފެންޑާގެ އެއް ކޮޅުގައި މައްޗަށް އަރާނޭ ސިޑިއެއް ހުއްޓެވެ. އަނދިރިކަމުގެ ތެރޭގައި އޭނާ އެ ސިޑިން މައްޗަށް އަރައިގެން ގޮސް ޓެރަހަށް އަރައިފިއެވެ. ހަނދުވަރުގެ ރީތި އަލީގެ ތެރެއިން އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. އެޔަށް ފަހު އުޑާ ދިމާއަށް ބަލައިލިއެވެ. ހަނދުގެ ނިތްކުރިމަތީން ނޫރު ފައުޅުވޭވެ ހުއްޓެވެ. ތަރިތައް ހިނިތުންވަމުން ގެންދަނީއެވެ. މި ދުނިޔެ ގާއިމުވެގެންވަނީ މިފަދަ އެތައް ކަމެއްގެ މައްޗަށެވެ. ދިރިއުޅުން ފަހިކުރުމަށްޓަކައި ބޭނުންކުރާނޭ އެތައް ކަމެއް މި ދުނިޔޭގައި ވަނީ ލައްވައިފައެވެ. ރަބީޢާ އެ އުޅެނީ މި ހުރިހައި ކަމަކާއި ތަކެއްޗަށް އަލްވަދާޢު ކިޔާށެވެ. އެ ވިދުވަރާއި އިހުސާސްތައް ހުރި ގޮތަކަށް ހުރި ތަނެއްގައި އެބަހުއްޓެވެ. ދިރިއުޅުގައި ދިމާވާ ހާދިސާތަކުގެ ސަބަބުން ރަބީޢާގެ ހިތުގައި ބަދްރު ބިން މުޣީރާގެ މައްޗަށް އޮތް އެދުން ފަނޑުވެގެންނެއް ނުދެއެވެ. ޠޫފާން އައިސްފައި ހިނގައްޖެއެވެ. މިހާރު އޭނާ މަޑުމައިތިރި ހިތަކާއެކު ކުރިމަގާމެދު ވިސްނާން ފަށައިފިއެވެ. ހުރަގޭގެ އަނދިރިކަން ދެކެ އޭނާ ބިރެއް ނުގަނެއެވެ. ދައްޖައްސައިފާނެތީ ނުވަތަ އަންދައިލަފާނެތީވެސް ބިރެއް ނުގަނެއެވެ. މަރުގެ ސިފައަކީ އޭނާއަކަށް ބިރުވެރި ސިފައެއް ނޫނެވެ. އެކަމަކު ބަދްރު ބިން މުޣީރާގެ އެދުމާއެކު މަރުގެ ދޮރުގައި ޓަކިދިނުމަކީ އޭނާއަށް އިތުރު އެތައް ހިތްވަރެއް ބޭނުންވާނޭ ކަމެކެވެ. މަރުވުމުގެ ކުރީން އޭނާ ފެންނާނެ ނަމައެވެ. އެހެން ދުނިޔެއެއްގައި އޭނާއަށް އިންތިޒާރުކުރާނަމޭ ބުނެވޭނޭ ނަމައެވެ. އޭނާއަށްޓަކައި ދިރިދުނިޔޭގައި ހުރެވޭނޭނަމައޭވެސް ހިތަށް އަރައެވެ. އޭނާ މަރުވުމަށް ފަހު މި ހަނދާއި ތަރިތަކުން ބަދްރުގެ ހިތަށް އޭނާގެ ހަނދާންތައް ވައްދާނޭ ނަމައެވެ. އޭނާ ބަދްރުގެ ހަނދާން ނުކުރާ އެންމެ ހިނދުކޮޅެއްވެސް ނާދެއޭ މި ހަނދާއި ތަރިތަކުން ބަދްރު ގާތު ބުނާނޭ ނަމައެވެ.
ރަބީޢާގެ ހިތަށް އެރިއެވެ. އަހަރެން މި ކުރަނީ ކޮން ކަހަލަ ޚިޔާލުތަކެއް ހެއްޔެވެ؟ ބަދްރަކީ ހަމައެކަނި އަހަންނަށްޓަކައި ހުރި މީހެއް ނޫނެވެ. އެއީމުޅި ގައުމަށްޓަކައި ހުރި މީހެކެވެ. ގައުމުގެ މުޖާހިދެކެވެ. އޭނާ ޖިހާދުކުރަމުން އެ ގެންދަނީ އަހަރެން ފަދަ އެތައް އަންހެނެއްގެ އިއްފަތްތެރިކަމާއި އަބުރާ އިއްޒަތް ހިމާޔަތްކުރުމަށްޓަކައެވެ. އަހަރެން މިއީ ހާދަހައިވާ ބޮޑު މޮޔައަކީމެވެ. މި ވަގުތު އޭނާވެސް ފަރުބަދައެއްގެ މަތީގައި ހުރެގެން ހަނދާއި ތަރިތަކަށް ބަލާނީއޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައިވެސް އަހަރެންގެ ހަނދާންތައް މިހެން ހުންނާނެއޭ ހިތަށް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އާހުގެ އަޑު އޭނާއަށް އިވޭނެއޭ އަހަރެންގެ ހިތަށް އެބަ އަރައެވެ. އަހަރެންގެ ލޮލުން ފައިބާ ކަރުނަތައް އޭނާއަށް ފެންނާނެއޭ ހިތަށް އަރައެވެ. މިއީ އޭނާއަށް ކުރެވޭ ތައުހީނަކަށް ނުވޭބާވައެވެ؟ އޭނާގެ ތަސަވައްރު އަހަންނާ ހަމައިގައި މަހުދޫދުވެފައެއް ނުހުންނާނެއެވެ. އޭނާ މިހާރުވެސް އެތައް ހާސް އަންހެންކުދިންނެއްގެ ރުއިމާއި ގިސްލުމުގެ އަޑު އަހާނެއެވެ. އެ އެންމެންގެ ކަރުނަ އޭނާ ދެކޭނެއެވެ. ކަރުނައާއި އާހުގެ އެފަދަ ބޮޑު ތޫފާނެއްގެ ތެރެއިން އަހަރެންގެ އަޑު ފާހަގަކުރުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ފަރުބަދައެއްގެ މަތީގައި ހުރެގެން ހަނދާ މުޚާތަބުކޮށް އަހަރެންގެ ވާހަކަ ދެއްކުމުގެ ބަދަލުިގައި އޭނާ ބުނަމުން ގެންދާނެއެވެ. އޭ ހަނދާއެވެ. ކަލޭ ވަނީ އަހަރެންގެ ގައުމުގެ ކުރިއެރުން ދެކިފައެވެ. މިއަދު އެ ގައުމު ވެއްޓެމުންދާތަންވެސް ދެކޭށެވެ. ކަލޭ ވަނީ މި ބިމުގައި ޠާރިޤް ބިން ޒިޔާދާއި ޢަބްދުއްރަޙްމާނުގެ ޖިހާދު ދެކިފައެވެ. މިއަދު އަބޫ ޢަބްދުﷲގެ ވެއްޓުމާއި ލަދުކުޑަކަމާއި ޚިޔާނާތްތެރިކަންވެސް ދެކޭށެވެ. ކަލޭ ވަނީ އަންދަލުސްގެ ގޮނޑޮދޮށުގައި އަމިއްލަ ނައުތަކުގައި ހުޅުޖަހައި އަންދައިލީ ހިތްވަރުގަދަ މުޖާހިދުން ދެކިފައެވެ. މިއަދު ގައުމުގެ ޝަރަފާއި އަބުރާއި އިްޒަތް ދުޝްމިނުންނަށް ވިއްކައިލީ ވިޔާނުދާ ބައިގަނޑުވެސް ދެކޭށެވެ. އަހަރެމެންގެ ފަހުލަވާނުން ހަނގުރާމައިގެ މައިދާނާ ދިމާއަށް ދުވަމުން ދިޔަތަން ކަލޭ ވަނީ ދެކިފައެވެ. ރަސްރަސްކަލުންގެ ތާޖުތައް ނަގައި އަޅުންގެ ބޮލުގައި އަޅުވަމުން ދިޔަ މަންޒަރު ކަލޭ ވަނީ ދެކިފައެވެ. މިއީ ހަމަ އެ ގައުމު ހެއްޔެވެ؟ މިއީ ނިކަމެތި އެންމެ އަންހެނކުއްޖެއްގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމަށްޓަކައި ބޮޑެއތި ރަސްކަންތައް ފުނޑުފުނޑުކޮށްލީ މުޖާހިދުންގެ ގައުމު ހެއްޔެވެ؟
ކުޑަ އިރުކޮޅަކު އެހެން ހުރުމަށް ފަހު ތިރިއަށް ފައިބަމުން އައި އިރު އޭނާގެ ހިތުގައި އޮތް ބުރަކަންވެސް ދިޔައީ ފިލަމުންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. [ރަބީޢާއެވެ. އިޖްތިމާޢީ މުސީބާތުގެ މި ދައުރުގައި ކަލޭގެ ދިރިއުޅުމަކަށް އެހައި ބޮޑު އަހުމިއްޔަތުކަމެއް ނުދެވޭނެއެވެ. އެކަމަކު ކަލޭ ބޭނުމިއްޔާ ކަލޭގެ މަރަކީ އަންދަލުސްގެ ތާރީޚުގައި ކިޔަމުން ގެންދާނޭ ވާގިއާއަކަށް ހެދިދާނެއެވެ. މަރާ ކުރިމަތިލާން ޖެހުނަސް ހިތްވަރާއެކު ކުރިމަތިލާން ވާނެއެވެ. އަނިޔާވެރިކަމުިގެ އަތަކީ ނަފުރަތު ނޫން އެހެން އެއްޗެއް ހައްގު ނޫން އަތެއްކަން ސާބިތުކޮށް ދޭން ވާނެއެވެ. އެ އަތްތައް ދެކެ ބިރުގަނެގެން ނުވާނެއެވެ. ބަދްރާއި ކަލެޔާ ދެމީހުންގެމެ ދިރިހުރުމުގެ މަގުސަދަކީ އެއް މަގުސަދެކެވެ. ބަދްރު އެ ގެންދަނީ ބާތިލާ ދެކޮޅަށް ޖިހާދުކުރުމާއެކު ހައްގަށްޓަކައި ގުރުބާންވަމުންނެވެ. ގިޔާމަތް ދުވަހު ކަލެއަށް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ އަހަރެމެން ދެ މީހުންނަކީ ދުނިޔޭގައިވެސް ބައިވެރިންނޭ ބުނެވޭނެއެވެ.
(6)
ސަހަރުގެ ފުލުހުންގެ ވެރިޔާއާއި ސިފައިންގެ ހައެއް އޮފުސަރުންނާއި ބިޝޮޕާއި އަދިވެސް ރަށުގެ ބޮޑުންގެ ތެރޭގައި ހިމެނޭ ދެތިން މީހުން ތިބީ ބިޝޮޕްގެ މުޅަ މަސްގަނޑުގެ ކައިރީގައެވެ.
ފުލުހުންގެ ވެރިޔާ ރުޅި އައިސފައި ހުރެގެން މި ހާދިސާގެ ޚަބަރުދޭން ދިޔަ މީހާޔާ ދިމާއަށް އެއްޗެހި ގޮވަނީއެވެ. [މިތަނުން ބޭރަށް ދިޔައީ ކަލޭގެ ބޮލަށް ކިހިނެއް ވެފައި ހުރެގެން ހެއްޔެވެ؟ ބޭޢރަށް ނުކުންނާނޭ އެތައް މަގެއް އެބަހުއްޓެވެ. މިހާރު އޭނާ މި ކިއްލާއިން ބޭރަށް ހިނގައިދާނެއެވެ. ކިއްލާގެ ދޮރުތައް ލައްޕާކަށްވެސް ކަލޭ ނާންގަމެއް ނޫން ހެއްޔެވެ؟ އޭނާ ވަގުތުން ހައްޔަރު ނުކުރީ ކީއްވެގެން ހެއްޔެވެ؟]
އޭނާ ދެން ބަލައިލީ އެތާގައި ތިބި އެހެން ފުލުހުންނާއި ސިފައިންނާ ދިމާއަށެވެ. [ކަލޭމެން މިތާނގައި ކުޅިބަލަން ތިބީ ކީއްވެގެން ހެއްޔެވެ؟ ދާށެވެ. ރަށުތެރެއިން ނުކުމެވެން ހުރި ހުރިހައި މަގެއް ބަންދުކުރުވާށެވެ. އިސްލާމުންގެ ގޭގެއަށް ވަދެ ފާސްކުރަން ފަށާށެވެ. އެއް ބަޔަކު މި ގަނޑުވަރުގެ ހުރިހައި ތަނެއް ފާސްކޮށް ބަލާށެވެ.]
[ގަނޑުވަރު ފާސްކުރުމުގެ ބޭނުމެއް ނެތެވެ.] ކުޅިބަލާގެޔާ ދިމާއިން އައިސް އެތެރެއަށް ވަންނަމުން ރަބީޢާ ބުނެލިއެވެ.
އެންމެންގެ ސަމާލުކަން އޭނާޔާ ދިމާއަށް ހުއްޓިއްޖެއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. މުނުމަތީން އާދަޔާ ޚިލާފު ފަޚުރުވެރިކަމެއް ފައުޅުވޭވެ ހުއްޓެވެ.
ފުލުހުންގެ ވެރިޔާ އަހައިލިއެވެ. [ޖޯން މައިކަލް މަރައިލީ ކަލޭ ހެއްޔެވެ؟]
[އާނއެކެވެ. ހަޔާތްކުޑަކަމާއެކު ވިޔާނުދާ ނިޔަތަކާއެކު އަހަރެމެންގެ ގެއަށް ވަން މީހަކު އަހަރެން މަރައިލީމެވެ.]
[މި ގަތުލުގައި ކަލެޔާ އެހެން މީހަކު ބައިވެރިވި ހެއްޔެވެ؟]
[ނުވެއެވެ.]
މާރިޔާ ގުނބުހިލިފައި ހުރެގެން އައިސް އެތަނަށް ވަދެއްޖެއެވެ. [އެންޖެލާ ކޮބައިހެއްޔެވެ؟ އޭނާ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އޭނާއަށް ވީ ކިހިނެއް ހެއްޔެވެ؟ ބުނެބަލާށެވެ.]
[މި ކަލޭގެ މުޅަ މަސްގަނޑު ފެނިފައި އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އޭނާ ހަޅޭއް ލަވަމުން ކޮޅުކޮޅުމައްޗަށް ދުވަން ފެއްޓީމާ އަހަރެން ހެދުންބަދަލުކުރާ ކޮޓަރީގައި އޭނާ ބަންދުކޮށްފައި ހުންނާނެއެވެ. އޭނާ މި ވަގުތު މިތަނަށް ގެނައުން ރަނގަޅެއް ނުވާނެއެވެ. މިތަނަށް ގެނެސްފިއްޔާ އަނެއްކާވެސް ސިކުނޑިއަށް ލޮޅުމެއް އަރައިފާނެތީ އަހަރެން ބިރުގަނެއެވެ.]
މާރިޔާ ދުވެފައި ރަބީޢާ އެ ބުނި ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރިއާ އަރައިހަމަވީމާ އޭނާ ވަރަށް ބާރަށް އެންޖެލާއަށް ގޮވައިލިއެވެ.
އޭނާގެ އަޑު އިވުމާއެކު އެންޖެލާ ހަޅޭއް ލަވައިގަތެވެ. [ދައްތަ ކޮބައި ހެއްޔެވެ؟ މި ދޮރު ހުޅުވާށެވެ. އޭނާ މަރައިލީ އަހަންނެވެ. އޭނާ މަރައިލީ އަހަންނެވެ. ރަބވީޢާގެ އެއްވެސް ކުށެއް ނެތެވެ.]
މާރިޔާ ދޮރު ހުޅުވަން ދިއްކޮށްލި އަތް ވަކި ހިސާބަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އޭނާ ދުވެފައި ގޮސް ކުޅިބަލާގެޔާ ދިމާއަށް ހުރި ދޮރު ލައްޕައިފިއެވެ.
އަނެއްކޮޅުން ފުލުހުންގެ ވެރިޔާގެ ފިކުރު ވަނީ ވަރަށް ބޮޑުވެފައެވެ. ޖޯން މައިލަކްގެ މަރަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކު އޭނާ މަރައިލީ މީހަކީ ފެރްނާންދޯގެ ކުރިމަތީގައި ވަރަށް ގަދަރު އުފުލިގެންވާ ގާތް މީހެކެވެ. ޝަރީޢަތަށް ގެންގޮސް ކޯޓުން ހުކުމެއް އައުމުގެ ކުރީން ގާތިލު ހައްޔަރުކޮށްގެން އާއްމު ގައިދީއެކޭ އެއްފަދައިން ބޭއްވުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. އެޔާއެކު އެކަން އެހެން ނުކޮށްފިއްޔާ އާއްމު ރައްޔިތުންގެ ތެރޭގައި ހިމެނޭ ކްރިސްޓިއަނުން އޭނާޔާ ދެކޮޅަށް ތެދުވާނެއެވެ. އަންދަލުސްގެ ހުރިހައި ނައިޓުން އޭނާގެ ދުޝްމިނުން ކަމުގައި ވެގެން ހިނގައިދާނެއެވެ. ހަވީރު މާރިޔާ އެކަނިމާއެކަނި ގާޑިޔަލުގައި ދަނިކޮށް ފެނުނީމާ ޖޯން މައިކަލް އޭނާއަށް މެސެޖެއް ފޮނުވިއެވެ. ޚާއްސަ ކަމެއް މެދުވެރިވެގެން ލަސްވެދާނޭ ކަމަށް އެނގިއެވެ. އަދި މާރިޔާއާ ވާހަކައެއް ދައްކާން ވެފައި އެބައޮތޭ، ތިމަން ނާންނަނީސް މާރިޔާ ނުފޮނުވާށޭވެސް އެންގިއެވެ. ޖޯން އެ ބުނި ޚާއްސަ ކަމަކީ ކޮބައިކަން މިހާރު ފުލުހުންގެ ވެރިޔާއަށް އެނގިއްޖެއެވެ. ޖޯން އެއީ ރާބޯ މީހަކަށް ވިޔަސް، ވަހުޝީ ޖަނަވާރަކަށް ވިޔަސް ނައިޓެކެވެ. ރަބީޢާއަކީ އަބޫ ދާވޫދްގެ ދަރިއަކަށް ވިޔަސް އިސްލާމެކެވެ. އެހެންވީމާ އަބޫ ދާވޫދް އޭނާގެ ޚިދުމަތުގެ ވާހަކަދައްކައިގެން ދަރިފުޅާ ދެކޮޅަށް އުފުލާ ދައުވާ އޭނާ ބޭނުން ގޮތަކަށް ބަދަލުކުރުވަފާނޭ ކަމުގެ ނުރައްކާ އޮންނާނޭކަން ފުލުހުންގެ ވެރިޔާއަށް އެނގެއެވެ.
(ނުނިމޭ)

