ޢުޘްމާނީ ވެރިކަން (2)

ތުރުކީވިލާތުގެ މީންޑަރ ކޯރާ ގުޅުވައިގެން ތަރައްޤީކުރެވުނު ، ޑޭމެއް ހުޅުވުމަށްޓަކައި ، 1958 ގައި ބޭއްވުނު ރަސްމިއްޔާތެއްގެ ފޮޓޯ ނެގުމަށްޓަކައި ، ތުރުކީވިލާތުގައި ދިރިއުޅޭ އާރމޭނިއާގެ މަޝްހޫރު ފޮޓޮގްރާފަރެއްކަމުގައިވާ ، އާރަރ ގޫލަރ ފޮނުވުނު ގޮތުގެ ވާހަކަ އޭނާ ކިޔައިދިނެވެ. އޫލަރ އިސްތަންބޫލަށް އައުމުން ، އެއަރޕޯޓުން ނައްޓައިލައިގެން ،  ރަސްމިއްޔާތު ބޭއްވޭ ތަނަށް ދެވެނީ 3 ގަޑިއިރުންނެވެ. އިސްތަންބޫލުގެ ޕްރޮވިންޝަލް ގަވަރުނަރުވަނީ ، ގޫލަރ ދަތުރުކުރުމަށްޓަކައި ޑްރައިވަރަކާއެކީ ކާރެއް އިންތިޒާމް ކޮށްފައެވެ. އެހެންކަމުން ، ދަތުރުފަތުރުގެ މާބޮޑު ހައިޖާނެއް ގޫލަރ އަކާ ކުރިމައްޗެއް ނުވެއެވެ. ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަމާން ކޮށެވެ.

ރަސްމިއްޔާތުގެ ފޮޓޯތައްނަގައި ނިމުނީ އިރުއޮއްސެން ގާތްވެފައި ހުއްޓައެވެ. އެހިސާބުގައި ގޫލަރ އަށް އެރޭ މަޑުކޮށްލެވޭނެގޮތެއް އިންތިޒާމް ކުރެވިފައެއް ނެތެވެ. އޭގެ މާނަޔަކީ ، ޕްރޮވިސްޝަލް ގަވަރނަރު އިންތިޒާމް ކޮށްފައިވަނީ ، ގޫލަރ އިސްތަންބޫލުގައި ހުންނަ ގޮތަށެވެ. އެހެންކަމުން ، އިރުއޮއްސުނުތަނާ ދަތުރުފައްޓައިގެން ، އޭނާއަށް ކުޑަކޮށް އެނގޭ ފަރުބަދަމަތީގައި އޮންނަ ކުރުމަގެއް ޑްރައިވަރު ޚިޔާރުކުރިއެވެ. އަވަހަށް ދާންވެގެންނެވެ. ކަންދިމާކުރިގޮތުން ، ޑްރައިވަރަށް މަގުއޮޅި ދެވޭނުދެވޭތަނެއް ނޭނގި ފަރުބަދަމަތީ ވާފިއްލައިފިއެވެ.

އައްޔެއް ފެންނަދިމާލަކަށްވިއްޔާ ދުއްވަމުން ގެންދިޔައެވެ. ވަކިހިސާބަކުން ކޮފީޝޮޕަކާހަމަޔަށް އާދެއްވިއްޖެއެވެ. އެތަނަށް މަޑުކޮށްލުމަށްފަހު ، އެހިސާބުގައި އެރޭ އެމީހުންނަށް ނިދައިލެވޭނެތަނެއް ހުރެދާނެތޯ ސުއާލުކޮށްލަން ގޫލަރ ބޭނުންވިއެވެ. ކޮފީޝޮޕްގައި ބަޔަކު ސައިބޮއެ ތާސްކުޅެން ތިއްބާ ގޫލަރއަށް ފެނުނެވެ. އެތަނުގެ އެހާ އަލިގަދައެއް ނޫނެވެ. އެމީހުން ތާސްކުޅުމުގައި ގަނޑުޖަހަނީ މޭޒެއްގެ މައްޗަކަށްނޫނެވެ. ތާސްގަނޑުޖަހާ އެއްޗަކީ ޤަދީމީ ތަނބުބުރިއެއްކަން ގޫލަރ ދެނެގަތެވެ. ފަންނުވެރި ތަޖުރިބާކާރު ފޮޓޮގްރާފަރުންނަކީ އެކަހަލަ ބަޔެކެވެ. ނަސީބަކުން އެހިސާބުގައިހުރި ވަރަށް އާދައިގެ ތަނެއްގައި އެރޭ ނިދަން މަޑުކޮށްލެވޭގޮތްވެސް ވެއްޖެއެވެ.

ފަތިހު ތެދުވެގެން ގޫލަރ ގެ ފުރަތަމަ ކަމަކަށްވެސްވީ ، އެހިސާބުގަނޑުގެ އެކިތަންތަން ފޮޓޯ ނެގުމެވެ. ގޫލަރއަށް ދެވުނީ އިހުޒަމާނުގައި ރޯމަނުން އުޅުނު ގީޔަރ އެވެ ކިޔުނު ، އަވަށަކަށެވެ. ވީރާނާވެފައިހުރި އެކިވަރުގެ ތަނބުތައް މުޅިއަވަށުގެ އެކިހިސާބުން ފެންނަން ހުއްޓެވެ. ގޫލަރގެ މުޅި ޙަޔާތުގައިވެސް އެ އަވަށުން އެފެނުނު ތަންތަނާއި ކަންތައްތަކެއް އެހެންތަނަކުން ފެނިފައެއް ނުވެއެވެ. ބާވެ ވީރާނާވެފައިހުރި ތަނބަކީ ، ގޫލަރއަށް އާ އެއްޗެއްނޫނެވެ. އެކަމަކު ، ގީޔަރއިން އެފެނުނު ތަނބުތައް އެއީ ޢަޖައިބެއްފަދަ އެއްޗެކެވެ. ޤަދީމީ ބާ ތަނބުތަކާއި އާތަނބުތައް ގުޅުވައި އެހުންނަ ޢަޖައިބެއްފަދަ މަންޒަރަކީ ގޫލަރއަށް ކުރިން ފެނިފައިވާ އެއްޗެއްނޫނެވެ.

ގޫލަރގެ އެޑިޓަރަށްވެސް އެ ފޮޓޯތައް ދެއްކިއެވެ. އޭނާއަށްވެސް އެއީ ޢަޖައިބެއްފަދަ އެއްޗަކަށް ވިއެވެ. އެމެރިކާގެ ނޫހަކުން އެ ފޮޓޯތައް ބޭނުން ވިއެވެ. އަދި އެ ފޮޓޯތަކާގުޅޭ ވާހަކަ ޝާއިޢުކުރަންވެސް ބޭނުންވެއްޖެއެވެ. އެވާހަކަ ލިޔަން އެންމެ ރަނގަޅުވާނީ ، ނިއުޔޯކްސިޓީގެ މަޝްހޫރު އާކިއޮލޮޖިސްޓެއްކަމުގައިވާ ، ޕްރޮފެސަރ ކެނާން އެރިމްކަމުގައި ގޫލަރ ހުށަހެޅިއެވެ. ގޫލަރ ފޮޓޯނެގި ގީޔަރ އަވަށް ކޮނުމަށް ފައިސާ ހޯދުމަށް ، ޖެހިގެންއައި ތިރީހަކަށްއަހަރު ދުވަހު ، ޕްރޮފެސަރ އެރިމް މަސައްކަތްކުރަމުން ގެންދިޔައެވެ. އެއީ އެހާ ފަސޭހަކަމެއްނޫނެވެ. އެއަވަށުގައި ދިރިއުޅުނު މީހުން ، މޭލެއްހާ ދުރު ސަރަޙައްދަކަށް ބަދަލުކުރަން ޖެހުނެވެ.

ގޫލަރއަށް ތަނބުތައްފެނުނު ގީޔަރއަވަށް ކައިރީގައި އޮތް އަވަށަކީ ، މިޒަމާނުގައި އަފްރޮދިސިއަސް ގެ ނަމުން ނަންދެވި ، ޔުނެސްކޯއިން ޙިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ބަލަމުން އަންނަ އާސާރީ ތަނެކެވެ.

އަފްރޮދިސިއަސްއަކީ ، ތުރުކީވިލާތުގެ ދެކުނުހުޅަނގު ސަރަޙައްދުގައި އޮންނަ ތަނެކެވެ. ޤަދީމީ ސަރަޙައްދެއްކަމުގައިވާ ޗާރިއާގެ މޯރސީނަސްކޯރު އުފެދުނު ވެލީގެ ބަޔެކެވެ. ސިޓީއެއްގެ ގޮތުގައި އަފްރޮދިސިއަސް ބެލިގެންދިޔައީ ޢީސާގެފާނުގެ ސަނަތުން ދެވަނަ ޤަރުނުގައެވެ. އަފްރޮދިސިއަސް ބިނާކުރެވިފައި ހުރިކަމަށްވަނީ  ސަންގުމަރުމަރު ހިލައިންނެވެ. އެހެންނަމަވެސް ، ރޯމަނުންގެ ވެރިކަމުގެ ބާރު އެތަނަށް އޮތްއިރު ، ސަންގުމަރުމަރު ހިލައިގެ ގިނަބިނާތައް އުފުރައިގެން ގެންގޮސްފައި ވެއެވެ. ބައެއް ތަނބުތައް އަދިވެސް ފެންނަ އެބަހުއްޓެވެ. އަފްރޮދިސިއަސް އަކީ އަޅުކަން އަދާކުރުމަށް ތައްޔާރުކުރެވުފައިވާ ބޮޑު ފައްޅިޔެއް ހިމެނޭގޮތަށް ބިނާކުރެވިފައި އޮތް ، އަގުބޮޑު އަދި ރީތި ޤުދްރަތީ ވަޞީލަތެކެވެ.

ތިރީހަކަށް އަހަރުކުރިން ގޫލަރ އަށްފެނުނު ، ޤަދިމީ ތަނބުތައް އޮތް ސަރަޙައްދަކީ މިހާރު ، ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެކެވެ. އާޘާރީ ބިނާއެކެވެ. ޔުނެސްކޯގެ ޙިމާޔަތް ލިބިގެންވާ ރައްކާތެރި ތަނެކެވެ. އެހެންނަމަވެސް ، އެތަނަކީ ވާދީއަކަށްވެފައި ، ކޯރެއްގެ އަރިމަތީގައި އޮންނަ ތަނަކަށްވާތީ ވާރޭވެހޭ މޫސުމުގައި ފެންބޮޑުވުމުގެ ނުރައްކާ އަބަދުވެސް އޮވެއެވެ. 1950 ގެ އަހަރުތަކުގައި ގޫލަރ ނެގިފޮޓޯތަކުން ދައްކައިދިނީ ، ހަވިއްތަތަކެއްގެ އެތެރޭގައި ، ވަޅުލެވިފައިވާ އަގުހުރި ތަޞައްވުރެއްގެ މައްޗަށް އަރާފައިހުރި ބާ ތަނބުތަކެކެވެ. އެހެނަސް ، މިއަދު ، އެއީ ، ދުނިޔޭގައިވާ އެންމެ އަގުބޮޑު ޤަދީމީ އަދި އާޘާރީ އެއްތަނެވެ.

ރޯމަނުންގެ ވެރިކަން އެ ސަރަޙައްދުގައި އޮތްއިރު ، އަފްރޯދިސިއަސް އަކީ ފަންނުވެރި ތަނެކެވެ. ފަންނާނުންގެ މަރުކަޒެކެވެ. ޚާއްޞަކޮށް ހިލައިގައި ކުރެހުމާއި ލިޔުމާ އަދި ހިލައިން އެކިކަހަލަ ތަކެތި އުފެއްދުމުގައެވެ. ޢީސާގެފާނުގެ ސަނަތުން އެއްހާސްވަނަ އަހަރުގެ ތެރޭގައި ، ތުރުކީވިލާތުގެ އެކި ޤަބީލާތަކުގެ ބަދަވީން އަފްރޯދިސިއަސް އަށް އައިސް އެތަނަށް ވެރިވެ ގަތުމުގެ ނަތީޖާއެއްގެ ގޮތުން ، އެ ސަރަޙައްދުގެ މުޅި ނިޒާމް އެއްކޮށް ފުނޑިގެންގޮސް ، އަފްރޯދިސިއަސްގެ އަޞްލު ރަށްވެހިން ، އެތަން ދޫކޮށް ދިޔައެވެ. އޭގެފަހުން އެތައް ޒަމާންތަކެއް ވޭތުވީފަހުން ، އެތަނަށް ވެލިއެޅި ފޮރުވިގެންގޮސް ، މީހުން ނުދަންނަ ތަނެއްގެ ގޮތުގައި އޮތް އިރު އެތަން އެފެނުނީ ގޫލަރ އަށެވެ. މައްޗަށް ހިއްލިފައިހުރި ތަނބުތަކެއްގެ ސިފައިގައެވެ.

ޢުޘްމާނީ ވެރިކަމުގައި ، 1460 ގެ އަހަރުތަކުގައި ކުރެވިފައިވާ ސާވޭތަކުން ، އެ ސަރަޙައްދެއް ނުދައްކައެވެ. އެހެންނަމަވެސް ، ހަމަ ޢުޘްމާނީ ވެރިކަމުގައި 1530 ގެ އަހަރުތަކުގައި ކޮށްފައިވާ ސާވޭތަކުގައި ގީޔަރ ގެ ނަމުން ނަންދެވިފައިވާ އެ ސަރަޙައްދު ކުރަހާފައި އޮވެއެވެ. ފަހަރެއްގައި ، ޢުޘްމާނީ ވެރިކަމުގެ 1460 އާއި 1530 އާ ދެމެދު ރަސްކަންކުރެއްވި ރަސްރަސްކަލުންގެ މަސައްކަތްޕުޅުން ، އެތަން އެއީ އޮތްތަނެއްކަމުގައި ލިޔެވުނީކަމަށް ވެދާނެއެވެ. އެހެނަސް އެހާ މުހިންމުކަމެއް ދެވިފައެއް ނުވެއެވެ.

މި ލިޔުމަކީ ، ޢުޘްމާނީ ވެރިކަމުގެ ވީހާގިނަ މަޢުލޫމާތު ހިމަނައިގެން ލިޔެވޭ ލިޔުމަކަށްވާތީ ، ޢުޘްމާނީ ޚިޅާފަތުގެ އަމުރުމަޢުރޫފު ހިނގާ ބިމާއި ކަނޑުގެ ސަރަޙައްދުގެ މަޢުލޫމާތަކީ ، މިލިޔުމަށް ވަރަށް މުހިންމު މަޢުލޫމާތެކެވެ. އެ ބިންތައް ގުޅިފައި އޮންނަނީ ، އައިގީން ކަނޑާއި ކަޅުކަނޑު އަދި މެޑިޓަރޭނިއަން ކަނޑާއެވެ. މި ހިސާބުގެ ކޮންމެ ތަނެއްގައިވެސް ޤަދީމީ ބިނާތަކާއި ވަޅުލެވި ވީރާނާވެފައިވާ ހުންނަ ހަވިއްތަ ފަދަ ތަންތަން ހުރެއެވެ.   ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.