ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ.
މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވެއެވެ.
