( 27 ޖަނަވަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ދާނިއަލްގެ އެންގޭޖްމެންޓްގެ ޙަފުލާއަށް ގޭތެރެ އޮތީ ޒީނަތްތެރިކޮށް ކުލަބޮކިތައް އެލުވައި ތައްޔާރު ކުރެވިފައެވެ. އެތައް ބަޔަކަށް ދަޢުވަތު ދީފައި އޮތަސް ، ޖެހިގެންހުރި ގޭގެ އެއްވެސް މީހަކަށް އެ ޙަފުލާއަކަށް ދަޢުވަތެއް ނުދެވެއެވެ. އެއީ ސައިމްގެ ގެއެވެ. ސައިމްއަށް ވަނީ ޒުބާމެންގެޔަށް އައުން މަނާ ކުރެވިފައެވެ. ފާއިޤާމެންތިބީ ސަމީނާމެންދެކެ ރުޅި އައިއްސައެވެ. އެހެނަސް ، ސައިމް އާއި ޒުބާގެ ގުޅުން ކުރިންވެސް އޮތްގޮތަކަށް އެބަ އޮތެވެ. ދާނިޔަލްއާއި ރޮޝްނާގެ އެންގޭޖްވާކަން ސައިމްއަށްވެސް އޮތީ ޒުބާގެ ފަރާތުން އެނގިފައެވެ. ގޭގެ ޓެރަހަށް އަރައި ބަލައިލީމަ ، އެ ރަސްމިއްޔާތުގެ ހުރިހާކަމެއް ސައިމްއަށް ފެނެއެވެ. ސައިމް ކޮށްލި އިޝާރާތަކަށް ޒުބާ މަޑުމަޑުން އެއްފަރާތަކަށް ޖެހެމުން ސައިމްއާ ބައްދަލުކުރަން ޓެރަސްމައްޗަށް އެރިއެވެ. ސައިމް ގަނެފައި އޮތް އުޅާބަޔެއް ޒުބާގެ އަތުގައި އަޅުވައިދިނެވެ. އެއީ އެކަހަލަ ރަސްމިއްޔާތެއްގައި ޒުބާގެ އަތުގައި ނެތުމުން ފަޅުކަމެއް އިޙްސާސްވެފައި އޮތް ކަމެކެވެ. އެކަންވެސް ޒުބާއަށް އެ ފުރިހަމަ ވީއެވެ.
އެ ދެމީހުންނަށް މާގިނައިރަކު އެތާކު ނުތިބެވޭނެއެވެ. ޒުބާ އެޙަފުލާއިން ނުފެނިއްޖިއްޔާ މީހުން އަޅައިވެސް ގަންނާނެއެވެ. އެހެންވީމާ އަވަސް އަރުވައިލާފައި ޒުބާ އެތަނުން ދާން ނިންމައި ސައިމްވެސް ފޮނުވައިލިއެވެ. ޒުބާއަށް އެހީވީ ރަނގަޅަށެވެ. ޒުބާ އެތަނުން ނުފެންނަކަން ދާނިޔަލްއަށް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން އެއްފަރާތަކަށް ޖެހެމުން ، ޒުބާ ގޭތެރެޔަށް ވަދެގެން ދިޔަތަންވެސް ދާނިޔަލްއަށް ފެނުނެވެ. ޒުބާ އެދިޔައީ ސައިމްއާ ބައްދަލުކުރަން ޓެރަސްއަށް ކަމުގައި ދާނިޔަލްއަށް ޝައްކު ކުރެވިގެން ، ޓެރަސް އަށް ދާން ދާނިޔަލް ނިންމިއެވެ.
ހެވިދިލިގެން ، ޓެރަސްމަތިން ފައިބައިގެން އުފާވެރިކަމުގެ އިންތިހާގައި ޒުބާއަށް އޭނާގެ ކޮޓަރިއާ ހިސާބަށް އާދެވުނު ވަގުތު ކުރިމަތިން އެ ފެނުނީ ދާނިޔަލްއެވެ. ބޭބެޔަށް ދޭނެ ޖަވާބަކަށް ޒުބާ ތައްޔާރުވިއެވެ. ޒުބާ ކޮޓަރިޔަށް އެއައީ ކޮންކަމަކާތޯ ދާނިޔަލް ސުއާލު ކުރުމުގެ ކުރިން ، ޒުބާ އޭނާގެ ދެ އަތުގައި އަޅައިފައިއޮތް އުޅާތައް ބޭބެޔަށް ދައްކައިލިއެވެ.
" އަހަރެން ބައިވެރިވާ ނެށުމެއް މި ޙަފުލާގައި އެބަ އޮތެވެ. އެއީ މި އުޅާތައް އަޅައިގެން ނަށަންޖެހޭ ނެށުމެކެވެ. މިއައީ އެކަން ކުރާށެވެ ! " ޒުބާ ޖަވާބު ދިނެވެ.
ދާނިޔަލްއަށް މާބޮޑުކަމެއް ނުއެނގެނިސް ޒުބާ އަމިއްލަޔަށް ސަލާމަތް ވިއެވެ. އެއީ ސަލާމަތްވާކަހަލަ އެތިފަހަރެއް ނޫނެވެ. ޒުބާމެން އެ ސަލާމަތްވީ ދާނިޔަލް އައިއިރު ، ބޮޑުބޭބެޔާ ވާހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލަން ޖެހުނީތީއެވެ. އެހެން ނޫންނަމަ ، ޒުބާމެން ޓެރަސްމަތީ ތިއްބާ ދާނިޔަލްއަށް އާދެވުނީހެވެ.
އެހާވަރުން ، އެހާ ކުޑައިރުކޮޅަކު އެރޭ ބައްދަލުކޮށްލައިގެން ޒުބާއަކަށްވެސް އަދި ސައިމްއަކަށްވެސް ހިތްހަމަ ޖައްސައެއް ނުލެވުނެވެ. ދަންބަޔަށް އެޅީމަ ، އެރެޔަށް ތައްޔާރުކުރި ހެދިކާކޮޅެއް ހޫނުކޮށްލައިގެން ޒުބާ ޓެރަސްމައްޗަށް އެރިއެވެ. ދެމީހުން އެކަކު އަނެކެއްގެ އަނގަޔަށް ލަވަން ތިއްބާ ، ސައިމް ހޯދަމުން ޓެރަސް މައްޗަށް އެރި ފާއިޤާއަށް އެ މަންޒަރު ފެނުނެވެ. ނުފެންނަކަމަށް ހަދާފައި ފާއިޤާ ގެޔަށްވަދެ ، ދާނިޔަލްއަށް ގުޅާފައި އެވާހަކަ ބުންޏެވެ. އައި ރުޅީގައި ދާނިޔަލް އެއައިގޮތަށް އައިސް ، ސައިމްގެ ގައިގައި ތަޅާއިގަނެ ، ޒުބާގެ އަތުގައި ހިފައި ދަމާފައި ގެންގޮސް ، ޒުބާގެ ކޮޓަރިޔަށް ވައްދައި އެނދުމައްޗަށް ހޫރައިލިއެވެ. ނިދިޖެހިފައި އެނދުގައި އޮތް ރޮޝްނާއަށް އެއްލިގެން ގޮސް ހޭލެވުނުއިރު ، ދާނިޔަލްހުރީ ކޮންޓްރޯލުން ނައްޓާފައެވެ. ޒުބާގެ ގައިގާވެސް ތަޅައިނުގަތީ ކިރިޔާއެވެ. ދާނިޔަލް މައިތިރިވީ ، ރޮޝްނާ އެތައްވަރަކަށް އާދޭސްކޮށްގެންނެވެ.
ދާނިޔަލް އެތަނުން ނުކުތުމުން ، ޒުބާއަށް ރޮޝްނާ ވަރަށް ނަޞޭޙަތް ދިނެވެ. ޒުބާއާ ސައިމްއާ ދެމީހުންގެ މެދުގައި އެއޮތް ގުޅުމަކީ ، އެގޭގެ އެއްވެސް މީހަކުވެސް އަދި ސައިމްގެ މައިންބަފައިންވެސް ބަލައިގަންނާނެ ގުޅުމެއްނޫންކަން ޒުބާއަށް ވިސްނައިދެވޭތޯ ، ރޮޝްނާ މަސައްކަތް ކުރިއެވެ. ދުނިޔޭގައި ލޯތްބަކީ ހުރިހާ އެއްޗެއްނޫނެވެ. ބައެއް ލޯތްބަކީ ، އަތުން ބީވެދާ އެއްޗެކެވެ. އަދި ބައެއް ލޯތްބަކީ ޙާޞިލްކުރެވެން ނުއޮންނަ ލޯތްބެކެވެ. ބައެއްފަހަރަށް ، ހިތުގައި އުފެދޭ ލޯބި ހިތުގައި ފޮރުވާފައި ބާއްވަން މަޖުބޫރު ވެއެވެ. ލޯތްބަށްވުރެ އިސްކުރަންޖެހޭ ކަންކަން ހުންނާނެއެވެ. އަމިއްލަ ނަފްސުގެ އަގާއި މައިންބަފައިންގެ ޤަދަރާއި އިޙްތިރާމް އެއީ އޭގެ ތެރެއިން މުހިންމު ކަންކަމެވެ. ރޮޝްނާގެ ވާހަކަތައް އެއްވެސް ވަރަކަށް ޒުބާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް ، ޒުބާގެ ހިތްއޮތީ ސައިމްގެ ލޯބީގައި އޮޔާގޮސް ގެއްލިފައެވެ.
އަނެއްކޮޅުން ، ސައިމްގޮސް ގެޔަށް ވަތްތަނުން ، ފާއިޤާއާ އިބްރާހީމާ ދެމަފިރިން އޭނާއާ ދިމާލަށް އެތިވަރުގޮވައިގަތެވެ. ކޮޓަރިޔަށްގޮސް ޒުބާގެ ޙާލުބަލައިލަން ރޮޝްނާއަށް ފޯނުކުރިތަނުން ރޮޝްނާވެސް އޭނާއަށް ނަގައިދިނީ ފިލާވަޅެވެ. ޒުބާއާ ދުރުވުމަށް ސައިމްއަށް ރޮޝްނާ ނަޞޭޙަތް ދިނެވެ. އެއީ ، ކުރިޔަށް ގެންދެވިދާނެ ގުޅުމެއްނޫނެވެ. ސައިމްގެ މަންމަމެންވެސް ޒުބާއާ ސައިމް ދެވާކަށް އެއްބަހެއް ނުވާނެއެވެ. ދެ ގޭގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައި އޮތް ގާތްކަން މިހާރު ބަދަލުވަމުން އެދަނީ ހަތުރުވެރިކަމަށެވެ. ޒުބާއާއި ދާނިޔަލްއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ، ދެމީހުން ދެމަގުން ދިއުމެވެ. ވަކިވާން އުނދަގޫވާ ހިސާބަށް ނުދަނިސް ދެމީހުން ވަކިވުމެވެ. ސައިމްއަކަށްވެސް ރޮޝްނާގެ ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ.
ޒުބާއާއި ސައިމްއާ ދެމީހުންވެސް އެމީހުންގެ ގޮތުގައި ތިބުމަށް ނިންމިއެވެ. އެދެމީހުން އެކަކު އަނެކަކަށްޓަކައި ތިބެއްޖެނަމަ ، އެހެން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ދާނިޔަލްގެ އިންޒާރުތަކަކަށްވެސް އެމީހުން ނުބަލައެވެ. އެންމެ ބޮޑު މައްސަލަޔަކީ ، ފާއިޤާއެވެ. ޒުބާއާ ސައިމްގެ ގުޅުމަށް އެންމެ ނުޤަބޫލުވާ މީހަކީ ފާއިޤާއެވެ. ފާއިޤާގެ ދެމަފިރިންގެ މެދުގައިވެސް ، އެކަމުގައި ހިތްހަމަ ނުޖެހުންތަކެއްދަނީ އުފެދެމުންނެވެ. އިބްރާހީމަށް ފެންނަ ގޮތުގައި ، ފާއިޤާ އެގެންދަނީ މާބޮޑަށް ސައިމް ކޮންޓްރޯލް ކުރަމުންނެވެ. ސައިމްއަށް ކަންކަން މަނާކުރަމުންގެންދާ ވަރަކަށް ، ސައިމްވެސް ފާއިޤާއާ ދެކޮޅުވަމުން ދިޔައެވެ. އެއީ އިބްރާހީމް އެހާ ހިތްހަމަ ޖެހޭކަމެއްނޫނެވެ. އެމީހުންގެ ދަރިފުޅު ، އެމީހުންނާ ދުރުވެގެން ދިއުމަކީ އެދެމަފިރިންނަށް ވަރަށްބޮޑު ކަމަކަށް ވިއެވެ. އެއީ ، އެ ދެމަފިރިންގެ ހުރި ހަމައެކަނި ފުރާނައެވެ. ސައިމްއަށްވެސް ، އޭނާގެ މައިންބަފައިންނާ ދިމާލަށް ނުކިޔަންވާ ވަރަށް އެއްޗެތި ކިޔޭކަމުގެ އިޙްސާސް ވެއެވެ. މަންމަމެން ކިތަންމެ ދެކޮޅު ހެދިޔަސް ، ސައިމްއަކަށް ޒުބާއަކާ ވަތްކެއް ނުވެވޭނެއެވެ.
އިބްރާހީމް މަސައްކަތް ކުރަމުން ގެންދަނީ ، ޒުބާމެންގެ ޢާއިލާއަކީ ، އެ ޢާއިލާއާ ތަފާތު ބަޔެއްކަން ވިސްނައި ދިނުމަށެވެ. ސައިމް އެއުޅޭގޮތުން ކުރިޔަށް އޮތްތަނުގައި އެދެބައިމީހުންގެ ގުޅުން ގޯހުންގޯހަށް ހިނގައިދާނެ ކަމުގައެވެ. ޒަމާނުއްސުރެ އެއީ އަވަށްޓެރި ދެ ޢާއިލާއެކެވެ. އިބްރާހީމް ބޭނުންވަނީ ، ސައިމްގެ ކިޔެވުމަށް ސަމާލުކަންދީގެން ، ސައިމްގެ ގާތް ރަޢްޓެހިންނާއެކީ ގިނައިން ވަގުތު ހޭދަކުރުމަށެވެ. ޒުބާއަށްދެމުންގެންދާ ސަމާލުކަން އެއީ ، ސައިމްގެ މަންމައާއި ބައްޕަގެ މަތިން ހަނދާން ނެތޭފަދަ ކަމަކަށް ނުހެދުމަށެވެ.
ސައިމް ބޭނުންވަނީ ، މަންމަމެން ޒުބާގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ޒުބާމެންގެޔަށް ގޮސްދިނުމަށެވެ. ސައިމް ބޭނުންވަނީ ވީއެންމެ އަވަހަކަށް ޒުބާއާ އެންގޭޖް ވުމަށެވެ. ޒުބާވެސް އެދޭ ގޮތަކީ އެއީއެވެ. ކައިވެންޏަކީ ފަހުން ކުރެވިދާނެ ކަމެކެވެ. އެދެމީހުންގެ ޢުމުރަކީ ، ކިޔެވުން ހުއްޓައިލާފަ މީހުންނާ އިންނަ ޢުމުރު ނޫންކަން ، އިބްރާހީމް އޭނާގެ ދަރިފުޅަށް ވިސްނައިދެމުން ގެންދިޔައެވެ. ސައިމްއަކީވެސް މިހާރު ކުޑަކުއްޖެއްނޫންކަން އޭނާގެ ބައްޕަޔަށް ވިސްނައިދިނެވެ. ދެ ޢާއިލާގެ ދެމެދުގައި އުފެދިފައިވާ ހުރިހާ ހިތްހަމަ ނުޖެހުންތަކެއް އޭރުން ހަމަޖެހިގެންދާނެކަމަށް ސައިމްއަށް ފެނުނެވެ. ޒުބާއާމެދު ސައިމް ސީރިއަސް ނޫންކަމަށް ދާނިޔަލްމެންނަށް ވިސްނިފައި އޮންނަކަމުގައިވެސް ސައިމް ހާމަކުރިއެވެ.
ތަޅައިމަރާފައި ސައިމް ބޭރުކޮށްލި ގެޔަކަށް ، ކައިވެނީގެ ދަޢުވަތު ހިފައިގެން ނުދާނެކަމަށް ބުނެ ފާއިޤާ އޭނާގެ ގޮތް ނިންމިއެވެ. ސައިމްކަހަލަ ދިހަބާރަ ޒުވާން ފިރިހެންކުދިން ، ޒުބާއަށް އެދި ކިއޫގައި ބައިތިއްބާނެކަމަށް ސަމީނާ އޮތީ ފާއިޤާގާތު ބުނެފައެވެ. ސަތޭކަ މީހުން ކިއުއަށް ލިޔަސް އެއީ ސައިމް ކަންބޮޑުވާނެ ކަމެއްނޫނެވެ. ސައިމްނޫން މީހަކު ޒުބާ އިޚްތިޔާރެއް ނުކުރާނެއެވެ. ކޮންމެ ޙާލެއްގައިވެސް ، ސައިމް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ، ޒުބާއާ ސައިމްއާ ނުދެވޭނެކަމުގައި ފާއިޤާ ނިންމިއެވެ. އެކަން ނުކުރެވިގެން ސައިމް ހަދަންވީ ގޮތެއް ހަދަންވީއެވެ. އެ ކައިވެންޏަކީ ، އެމީހުންގެ ރުހުމުގައި ކުރެވޭނެ ކައިވެންޏެއްނޫނެވެ. އެހެނެއްނޫނެވެ. ސައިމްގެ އަމިއްލަ ފައިމައްޗަށް ތެދުވެ ، މައިންބަފައިންނާ ނުލައި އަމިއްލަޔަށް ދިރިއުޅެވޭ ދުވަހެއް ފެނުނީމަ ، ޒުބާއާ ކައިވެނި ކުރަންވީއެވެ. އެމީހުންގެ ތައްޕާހުގައި ، އެމީހުންގެ ގޭގައި އުޅެމުން ޒުބާއާ ސައިމް ކައިވެނި ކުރުމަކީ ، އެއީ ވާނެ ކަމެއްނޫނެވެ.
ދާނިޔަލްއާއި ރޮޝްނާގެ ކައިވެނި ކޮށް ނިމިއްޖެއެވެ. އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތިއެވެ. އުފާވެރިކަމުގެ މާޙައުލެއްގައެވެ. އަލަތު ކައިވެނީގެ ރޭ ރޮޝްނާއާ އެންމެ ފުރަތަމަވެސް ކުރިމަތިވީ ދާނިޔަލްގެ އާދަޔާ ޚިލާފު ސުއާލެކެވެ.
" ކައިވެނީގެ ފުރަތަމަ ރޭ ، އަހަރެންނަށް ރޮޝްނާ ދޮގުނުހަދާނެކަމަށް ޤަބޫލުކުރަމެވެ. ސައިމްއާއި ޒުބާއާ ދެމެދު އެ ހިނގަނީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ ؟ ސައިމްގެ މަންމަގެ ހަރުކަށި ބަސްތައް އެއީ ސަބަބެއްނެތް ބަސްތަކަކަށް ނުވާނެއެވެ. ފާއިޤާއަށް އެގޮތަށް އަހަރެމެންނާ ދިމާލަށް އެއްޗެތި ކިޔަންޖެހޭނެ އެތައް މަންޒަރެއް ، ޚުދު އަހަރެންނަށްވެސް ފެނިއްޖެއެވެ. " ދާނިޔަލް ސުއާލު ކުރިއެވެ.
ރޮޝްނާއަކީ ރައްޓެހިވީއްސުރެ ، ދުވަހަކުވެސް ދާނިޔަލްއަށް ދޮގެއްހެދި މީހެއްނޫނެވެ. ދޮގުހެދުމަކީ ، ރޮޝްނާގެ ޠަބީޢަތުގައިވާ ސިފައެއްނޫނެވެ. އެހެންނަމަވެސް ، އޭނާގެ ކޮއްކޮ ސަލާމަތްކުރުމަކީ ރޮޝްނާގެ ވާޖިބެއްކަމުގައި ދެކެ ސައިމްއަށް ދޮގުހެދިއެވެ. އެއީ ސައިމްއަށް އޮޅުމަކުން ހީވާހީވުމެއްކަމުގައި ރޮޝްނާ ބުންޏެވެ. ބައެއްކަހަލަ ހީއަކީ ފާފައެކެވެ.
ސައިމްއާ ބައްދަލުކުރުން ، ޒުބާއަށްވަނީ މަނާ ކުރެވިފައެވެ. އެވަރުންވެސް ، ސައިމްއާ ބައްދަލުކުރުން ޒުބާ ހުއްޓައެއް ނުލައެވެ.
" ޒުބާއަކީ ވަރަށް މޮޔަކުއްޖެކެވެ. ދިރިއުޅުމުގެ ޙާލަތުތައް ޒުބާއަކަށް އަދި ނުވިސްނޭނެއެވެ. އެކަމަކު ޒުބާއަށްވެސް އަދި އެކަންކަން ވިސްނޭނެއެވެ. ދާނިޔަލް ކުޑަކޮށް ކެތްތެރިވެ ބަލާށެވެ ! ޒުބާއާއި ސައިމްއަކީ ، ތުއްތު އިރުއްސުރެ އެކުގައި އުޅެ ބޮޑުވަމުންއައި ދެކުދިންނެވެ. އެދެމީހުން އަދިވެސް އެހެން އެއުޅެނީ ޅަކަމުންނެވެ. މިހާރު ކުއްލިޔަކަށް އެމީހުންގެ މައްޗަށް ހަރުކަށިކަން އިސްކޮށްގެން ، އެމީހުންނަކަށް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ. " ރޮޝްނާ ޖަވާބު ދިނެވެ.
ރޮޝްނާގެ ވާހަކަތައް އެއީ ރަނގަޅު ވާހަކަ ކަމަށްވިޔަސް ، ދާނިޔަލްއަކަށް އެއިން އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ދާނިޔަލްއަށް ޤަބޫލު ކުރެވޭގޮތުގައި ، އެމީހުންގެ ޢާއިލާގެ ޤަދަރާއި ޢިއްޒަތަށް އިޙްތިރާމްކުރުމަކީ ޒުބާގެ މައްޗަށް ލާޒިމް ކަމެކެވެ. ޢާއިލާގެ އަގުވެއްޓޭގޮތަށް ، އެމީހުންނާ ބެހޭގޮތުން ފާއިޤާމެން ބޭނުންހާ ވާހަކައެއް ދައްކަން ފުރުޞަތުދީގެން ނުވާނެއެވެ. ދާނިޔަލްހުރީ ، އެމައްސަލަ އެހާ ފަސޭހައިން ނިންމާލާކަށް ނޫނެވެ. އެކަމާގުޅިގެން ޢާއިލާއަށް އެއްވެސް ތަކުލީފެއް އުފުއްލަން ޖެހިއްޖެނަމަ ، ދާނިޔަލްއެއް މަޑެއްކޮށެއް ނުހުންނާނެއެވެ. ޒުބާއަކީ މިހާރު ކުޑަކުއްޖެއްނޫނެވެ.
" ދާނިޔަލް އެވެ ! ޒުބާއަކީ ތިހީކުރާކަހަލަ ކުއްޖެއްނޫނެވެ. ލޯތްބާއެކީ ވިސްނައިދީފިނަމަ ، އޭނާއަށް ވިސްނޭނެއެވެ. ރަނގަޅުގޮތް ޤަބޫލު ކުރެވޭނެއެވެ. އެކަމަކު ގަދަކަމުން އެއްވެސްކަމެއް ނުކުރުވޭނެއެވެ. " ރޮޝްނާ ބުންޏެވެ.
އެދުވަހު ގެއިން ނުކުމެގެން ދިޔަގޮތަށް ނިދަންވީ އިރުވެސް ސައިމް ގެޔަކަށް ނާދެއެވެ. އެކަމާ އިބްރާހީމާއި ފާއިޤާތިބީ ހަދާނެގޮތް ބޮޑުވެފައެވެ. ސައިމް ބޭނުންވާގޮތެއް ހަދައިނުދެނިސް ގޮތްދޫނުކުރާނެކަން ، އިބްރާހީމަށް އެނގެއެވެ. އެކަމަކުވެސް ، ޒުބާއާ އިންނަން ސައިމްއަށް ފުރުޞަތު ދިނުމަކީ ، އިބްރާހީމުވެސް ބޭނުންވާކަމެއް ނޫނެވެ. ސައިމް މިހާރު އެގެންދަނީ ، އޭނާގެ މައިންބަފައިން ބްލެކްމެއިލް ކުރަމުންނެވެ. އެކަން އިބްރާހީމަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް ، އެމީހުން ބްލެކްމެއިލް ކުރެވުނަނުދޭނެކަމަށް އިބްރާހީމް އޭނާގެ އަންހެނުންނަށް ވަޢުދުވިއެވެ.
ސައިމްގެ ރަޙުމަތްތެރިންވެސް ސައިމް މީހަކާ އިނުމާ ދެކޮޅެވެ. ސައިމްއަކީ ކާކު ހެއްޔެވެ ؟ މުޖުތަމަޢުގައި ސައިމްގެ އޮތީ ކޮން ތަޞައްވުރެއް ހެއްޔެވެ. އަމިއްލަ ނިންމުންތައް ނިންމޭވަރުގެ ބާރެއް ސައިމްގެ އެބަ އޮތް ހެއްޔެވެ ؟ މީހަކާ އިނދެގެން އަނތްބަކު ގެންގުޅެވޭފަދަ ތަނަވަސްކަމެއް ސައިމްއަށް ލިބިގެންވޭ ހެއްޔެވެ ؟ މައިންބަފައިންގެ ތައްޕާހުން ސައިމްއަށް އަބަދު ދިރިއުޅެވޭނެ ހެއްޔެވެ ؟ އެންމެ ދެރަވެގެން ، މީހަކާ އިނދެގެން އަނބިމީހާ ވައްދާނެ ބޯހިޔާވަހިކަމެއްވެސް ސައިމްގެ ނެތެވެ. އޭނާގެ މައިންބަފައިންގެ ގެޔަކަށް އަނބިމީހާއެއް ނުވައްދާނެއެވެ. މިއީ ، ސައިމްގެ ރަޙުމަތްތެރިން ސައިމްއާ ކުރާހާ ސުއާލެވެ. އެއިން އެއްވެސް ސުއާލަކަށްވެސް ، ސައިމްއަށް ޖަވާބު ދެވޭކަށް ނެތެވެ. އެއީ އެއްވެސް އަގެއްހުރި މީހެއްނޫނެވެ.
ޒުބާ ޙާޞިލްކުރުމަށްޓަކައި ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާ ކުރިމަތިލާން ސައިމް ގަސްތު ކުރިއެވެ. ސައިމްގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ ، މައިންބަފައިންގެ އަޑުއަހައިގެން ޒުބާއާ ވަކިވުމެވެ. ދެން އޮތްގޮތަކީ ، މައިންބަފައިންނާ އަދި އެކުވެރި ރަޙުމަތްތެރިންނާ ދެކޮޅަށް ޒުބާއާ ކައިވެނި ކުރުމެވެ. މިއީ އުޑާބިމާހާ ތަފާތު ދެކަމެވެ. ދެކަމަކީވެސް ހިތްވަރެއް ހުރެގެން ކުރެވެން އޮތް ކަންކަމެވެ. ސައިމް ހުރީ އެކަންޏެވެ. ޒުބާގެ މައިންބަފައިންގެ ފަރާތުން އެހީތެރިކަމެއް ލިބޭނެކަމަށް ބަލައިގެން ނުވާނެއެވެ. އެއީ ، ޚުދު ސައިމްގެ މަންމަ އާއި ބައްޕަވެސް ، އެމީހުންގެ ކައިވެންޏަށް ދެކޮޅުވީމައެވެ.
ސައިމްގެ މަންމައާއި ބައްޕައާ ދެކޮޅުހަދައި ، ގެއިން ނުކުމެގެންގޮސް ސައިމް އުޅެމުންދިޔައީ ، ސައިމްގެ ރައްޓެހި މުރާދުގެ ގޭގައެވެ. ގެއިން ނުކުމެގެންގޮސް ރައްޓެއްސެއްގެ ގޭގައި އުޅުމަކީ ، ރަނގަޅުކަމެއްނޫންކަމަށް ޒުބާއަށްވެސް ވިސްނެއެވެ. އެކަން ސައިމްއަށް ވިސްނައިދޭން ޒުބާވެސް މަސައްކަތް ކުރިއެވެ. ޒުބާއާ ދެކެވުނު ވާހަކަތަކުގައިވެސް ، ކައިވެންޏަށް އެއްބަސް ނުވަނިސް ގެޔަށް ނުދާން ސައިމް ނިންމިއެވެ. ސައިމްގެ މައިންބަފައިންނަށްވެސް ސައިމް ، އެކަން ކަށަވަރުކޮށްދިނެވެ. (ނުނިމޭ)
