ބަންގްލަދޭޝްގެ ޑާކާގައި، "ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ" (ސަރޗް 2026)ގެ ނަމުން ކުރިއަށްގެންދިޔަ ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ދިވެހިރާއްޖެ ތަމްސީލުކުރައްވައިފިއެވެ.
އެކި ޤައުމުތަކުގެ އިސްބޭފުޅުން ބައިވެރިވި މި ކޮންފެރެންސްގައި، މަތީ ތަޢުލީމީ ދާއިރާގެ މުސްތަޤުބަލް ބިނާކުރުމުގައި، ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޖުތިމާއީގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، މި ކޮންފެރެންސްގައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދު ވަނީ ދިވެހިރާއްޖެ ތަމްސީލުކުރައްވައި ޚިތާބުދެއްވަވައިފައެވެ. މި ޚިތާބުގައި އެކަމަނާ ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ޤައުމުތަކާއި ގުޅިގެން ޢިލްމީ މަސައްކަތްތަކާއި ދިރާސާގެ ޢަލީގައި މަތީ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.
ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ (ސަރޗް 2026)ގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދުގެ އިތުރުން މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.
