(10 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފައިބެ އަހަރު އަޅުގަނޑުގެ ބޮޑުބޭބެ އަޅުގަނޑުމެންގެ ގާތަށް ވަޑައިގަތުމުން އަޅުގަނޑަށް އެނގުނީ އަޅުގަނޑުގެ އަޞްލު ގެއަކީ ސޫމްނާތުގެ ފައްޅިކަމެވެ. އެ ވަގުތު އެ ވާހަކަ ކަލާގެ އަރިހުގައި ނުދެންނެވުނުކަމީ އަޅުގަނޑަށް ކުރެވުނު ފާފައެކެވެ. ޙަޤީޤަތުގައި އަޅުގަނޑު ކަލާއަށް ކެހި ދިނުމުގެ ބަދަލުގައި ކެހި ދެމުންގެންދިޔައީ އަޅުގަނޑުގެ އަމިއްލަ ނަފުސަށެވެ. އަޅުގަނޑުގެ މާބެ ވިދާޅުވެއެވެ. ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އެބައިމީހުންގެ އަންހެން ދަރީން ސޫމްނާތުގެ ފައްޅިއަށް ވެދުމަށް އަރުވައެވެ. ނަމަވެސް އެ ކުދީން ބޮޑެތި ވާ އިރު ފައްޅީގެ ޚިދުމަތަށް އެކަށީގެން ވާ ކަމުގައި ބެލެވެނީ ދާދި މަދު ކުއްޖެކެވެ. އަޅުގަނޑު ވެސް ހުރީ ސޫމްނާތުގެ އަޅުވެރީން އެހެން އެތަކެއް ހާސް ކުދީންނެކޭ އެއްގޮތަށް އަޅުގަނޑު ވެސް ޤަބޫލު ނުކޮށް ދޫ ކޮށްލާނެ ކަމުގެ އުފަލުގައެވެ. މިއަދާ ހަމަޔަށް އެއްވެސް މީހަކަށް ނުވެއްޓުނު ފާރު އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި ނުލެވޭނެކަމުގައެވެ. ނަމަވެސް ކަލާނގެ އެ ގޮތަކާ ރުހިވޮޑިއެއްނުގެންނެވިއެވެ. އިހަށް ދުވަހު ސޫމްނާތުގެ އަޅުވެރީން ގޮއި ނަގާން އައި ތަނާ އަޅުގަނޑުގެ ބޮޑުބޭބެ ވެސް އަޅުގަނޑުމެންގެ ގެއަށް ވަޑައިގެންފިއެވެ. މި އަހަރުގެ އަޅުގަނޑުގެ ބޮޑުބޭބެގެ ދެ ފިރިހެން ގެރި ވަނީ މަރު ވެފައެވެ. އޭނާ ހީފުޅު ކުރައްވައިގެން ހުންނެވީ އެއީ އަޅުގަނޑު އަދިވެސް ސޫމްނާތަށް ނުގޮސް އިންނާތީ ކަލާނގެ ރުހިވޮޑިނުގަތުމުގެ ސަބަބުން ވީ ކަމެއް ކަމަށެވެ. އަޅުވެރީންނަށް އިހަށް ދުވަހު އަޅުގަނޑު ފެނުމާ އެކު، އެބައިމީހުން އެނބުރި ދާ އިރު ދާނީ އަޅުގަނޑު ގޮވައިގެން ކަމުގައި ބުނެފިއެވެ."
ކުއްލިޔަކަށް ރާމްނާތުގެ ހުވަފެންފުޅުތަކުގެ ރީތި ދުނިޔެ ވީރާނާ ވެއްޖެއެވެ. އޭނާ ކުއްލިޔަކަށް އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުން ވެވަޑައިގަތުމެއްގެ އަސަރު ވެރި ކުރައްވައިފައި ވިދާޅުވެއްޖެއެވެ. "އެހެން ވީ އިރު އަޅުގަނޑު މިއަދު ނުވަތަ މި ދެތިން ދުވަހު ކަލާގެ އަރިހަށް ނައިސް ހުރި ނަމަ، ކަލާ އަޅުގަނޑަށް ފެނިވަޑައިވެސްނުގެން ސޫމްނާތަސް ވަޑައިގެންފީމުސް ދޮގެއްތޯއެވެ؟"
ރޫޕަވަތީ ޖަވާބު ދެއްވިއެވެ. "އާދޭހެވެ! އަޅުގަނޑު ފަހަރެއްގައި ވެސް އަޅުގަނޑުގެ ސަބަބުން ޝިޔޫޖީ މަހާރާޖް ކަލާ ދެކެ ކޯފާ ވާކަށެއް ނޭދެމެވެ. އޭނާގެ ކޯފާއިން ފަރުބަދަތައް ވެސް އަނދައި އަޅިއަށް ވެދާނެއެވެ. ރާމްނާތެވެ! ކަލާ އަޅުގަނޑުގެ ފަހަތުން އަޅުއްވައިގެން ނުއުޅުއްވާނެކަމަށް ވަޢުދު ވެވަޑައިގަންނަވާށެވެ."
ރާމްނާތު ނިހާޔަތުގެ ދަރަޖައަށް ކެތްތެރި ވެވަޑައިގެން ވިދާޅުވިއެވެ. "ރޫޕާއެވެ! ކަލާ ސޫމްނާތަށް ވަޑައިގަންނަވާތީ އަޅުގަނޑު ފަހަރެއްގައި ވެސް ކަންބޮޑެއް ނުވަމެވެ. މުދަލަކީ ކޮންމެ އުނދަގޫ ކަމެއް ފަސޭހަ ކޮށްދޭ ބާރެވެ. އަޅުގަނޑަށް އެނގިފައި ވާ ގޮތުގައި ސޫމްނާތުގެ ބައެއް ކަނީޒުންނަށް މީހުނާ އިނުމުގެ ހުއްދަ ލިބެއެވެ. އެ ކަމުގައި އޮންނަ ޝަރުޠަކީ، އެތާނގެ އަޅުވެރީންގެ ހިތްތައް ރަންރިހީން ފުރައިދިނުމެވެ. އަޅުގަނޑު މިއަދު މި އައީ އަޅުގަނޑު ގަވާލިޔާރުގެ ސިފައިންގެ ތެރެޔަށް ވަން ވާހަކަ ދަންނަވާން ވެގެންނެވެ. އަޅުގަނޑު މިއަދަށް ފަހު ފަޤީރު ދަނޑުވެރިޔެއްގެ ދަރިއެއްގެ ޙައިޘިއްޔަތަކުން ކަލާގެ އަރިހަކަށް ނާންނާނަމެވެ. އަޅުގަނޑުގެ މުލައްދަނޑީގައި އަޅުގަނޑު ކުރިޔަށް ދާނެ މަގުތައް ހުޅުވޭހައި ބާރު އެބަހުއްޓެވެ. ކުރީން އަޅުގަނޑު ގަސްތު ކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން އަޅުގަނޑު އެތަކަށް ސަވާރު ވެގެން ކަލާގެ މާބެގެ ގެއަށް ދާށެވެ. އޭނާގެ ކުރިފުޅުމަތީގައި ކަލާއާ އަޅުގަނޑާ ކައިވެނި ކޮށްދެއްވުން އެދި އާދޭހުގެ ފަސްބައި ފަތުރައިލާށެވެ. ނަމަވެސް މިހާރު ކަލާ ތިޔަ ވަޑައިގަންނަވަނީ ސޫމްނާތުގެ ފައްޅިއަށެވެ. އެހެންކަމުން އަޅުގަނޑު ކަލާއަށް ޔަޤީން ކޮށްއަރުވަމެވެ. އަޅުގަނޑު ލަސްތަކެއް ނުވެ އެތަނަށް ދާނަމެވެ. ކަލާ ހޯދުމަށް ޓަކައި އަޅުގަނޑަށް ރަސްކަލެއްގެ ތާޖުކޮޅުގައި ހުރި އަލިމަހެއް އަތުލާން ޖެހުނު ކަމުގައި ވިޔަސް އެކަމަކަށް ވެސް ފަހެއް ނުޖެހޭނަމެވެ."
ރޫޕަވަތީ ޖަވާބު ދެއްވިއެވެ. "ކަލާ ތިޔަ ދައްކަވަނީ ސޫމްނާތަށް އަމިއްލައަށް އެދިގެން ތަޢުލީމު ޙާޞިލު ކުރާން ދާ ކުދީންގެ ވާހަކައެވެ. އެ ކުދީންގެ މައިންބަފައިން އެ ކުދީން އެ ތަނަށް ފޮނުވަނީ އެ ކުދީން މަޝްހޫރު ކުރުވާށެވެ. ބޮޑެތި އަމީރުންނާއި ރަސްރަސްކަލުން އެ ކުދީންގެ ކާވެންޏަށް އެދިވަޑައިގަންނަވާ ގޮތް ހަދާށެވެ. ނަމަވެސް އަޅުގަނޑަކީ ޝިޔޫޖީއަށް ވެދުމަށް އެރުވިފައި އިން މީހަކީމެވެ. އެ ތަނަށް ދިޔުމަށް ފަހު އަޅުގަނޑުގެ ކުރިމަތީގައި ބޭރަށް ނުކުތުމުގެ ހުރިހައި ދޮރުތަކެއް ބަންދު ވާނެއެވެ. އަޅުގަނޑުގެ ޙަޔާތުގެ މަޤްޞަދެއް ކަމަށް ވާނީ ހަމައެކަނި ފައްޅިއަށް ޚިދުމަތް ކުރުމެވެ. އަޅުގަނޑާ ބައްދަލު ވި އަޅުވެރީން ބުނާ ގޮތުގައި އަޅުގަނޑު ކަހަލަ ކުދީން ވާނީ ސުމްނާތުގެ ދޭވީން ކަމުގައެވެ. ކަލާއަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ސޫމްނާތުގެ ދޭވީއަކާ ދިމާޔަށް ލޯފުޅުގެ ހިމަކޮޅުން ބައްލަވައިލައްވާކަށް ވެސް ހިންދުސްތާނުގެ އެންމެ ބޮޑެތި ރަސްރަސްކަލުންނަކަށް ވެސް ކެރިވަޑައެއްނުގަންނަވާނެއެވެ. އެހެންކަމުން، އަޅުގަނޑު ކަލާއަށް ޓަކައި މަރު ވީ ކަމުގައި ބައްލަވާށެވެ."
ރާމްނާތު ގެނބެމުންދާ އިންސާނަކު ފަދައިން އޮއިކުނިކޮޅެއްގެ އެހީ ހޯއްދެވޭތޯ ބެއްލެވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ސޫމްނާތަށް ދާނީ އެތާނގެ އަޅުވެރިޔަކަށް ވެގެންނެވެ. އަޅުގަނޑުމެން ދެ މީހުންނަށް އެއް މަޤްޞަދެއްގައި ދިރިތިބެވޭ ގޮތް ވިޔަސް، އަޅުގަނޑަށް އެ ވަރު ވެސް ފުދެއެވެ. އަޅުގަނޑު މުޅި ޢުމުރަށް ސޫމްނާތުގެ ދޭވަތާއިންތަކުގެ ކުރިފުޅުމަތީގައި މަދަޙައިގެ ލަވަތައް ކިޔަމުން ގެންދާނަމެވެ. އެކަލާނގެތައް ކޮންމެވެސް ދުވަހަކުން އަޅުގަނޑާ މެދު ރުހިވޮޑިގެން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވީރާނާ ވެފައި ވާ ދުނިޔެ އާބާދު ކުރުމުގެ އަމުރުފުޅު ދެއްވާނެކަމުގެ އުއްމީދުގައެވެ."
"ރޫޕާ! ރޫޕާ!" ކޮންމެވެސް މީހަކު ބޯ ގަސްތަކެއްގެ ތެރެއިން ގޮވައިލި އަޑު އިވިއްޖެއެވެ.
ރޫޕަވަތީ ކަންބޮޑު ވެވަޑައިގެން މަޑުމަޑުން ވިދާޅުވިއެވެ. "ރާމްނާތެވެ! އާދޭހާ އެކު ދަންނަވަމެވެ. ދެން މިތަނުން ވަޑައިގަންނަވާށެވެ. ކަލާކޮށްޓަކައެވެ. އަވަހަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ މާބެގެ އަރިހުގައި އަޅުގަނޑު ވާނީ މީގެ ފަހުން ދުވަހަކު ވެސް ކަލާއާ ވާހަކަ ނުދައްކާން ވަޢުދު ވެފައެވެ."
"އަޅުގަނޑު އަދިވެސް ކަލާއާ ދައްކާން ވެފައި ހުރި ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. ކަލާ ސޫމްނާތަށް ވަޑައިގެންފި ކަމުގައި ވާނަމަ އަޅުގަނޑު ވެސް އެތަނަށް ވަރަށް އަވަހަށް ދާނެކަމަށް ވަޢުދު ވަމެވެ. އަޅުގަނޑުމެންނަށް އިންސާނުންގެ ކުރިމަތީގައި ނުދެކެވޭ ވާހަކަތައް ދޭވަތާއިންގެ ކުރިފުޅުމަތީގައި ދެކެވޭނެ ގޮތެއް ނުވާނެތޯއެވެ؟" ރާމްނާތު މިހެން ވިދާޅުވެފައި ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި ފިލައިވަޑައިގެންފިއެވެ.
ރޫޕަވަތީ އަވަސްއަވަހަށް ހެދުންކޮޅެއް ނަންގަވައިގެން ފެން ފެއްލަވާން ފައްޓަވަމުން ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "މާބޭއެވެ! ކީއްވީތޯއެވެ؟ އަޅުގަނޑު މި އިނީ މިތާނގައެވެ."
ޢުމުރުން ދުވަސް ވެފައި ހުރި މީހެއް ގަސްތަކުގެ ތެރެއިން ނުކުތުމާ އެކު ބުނެފިއެވެ.
"ދަރިފުޅާއެވެ! ކަލޭ މާ ބޮޑަށް ލަސް ވެއްޖެއެވެ. އަވަހަށް ގެއަށް ދަމާހިނގާށެވެ!"
"މާބެއެވެ! މިހާރު މި ދަނީއެވެ. ދެން އޮތީ އެންމެ ހެދުމެކެވެ."
"އެންމެ ރަނގަޅެވެ. އަވަސް ކުރާށެވެ!" ރޫޕަވަތީގެ މާބެ އެހެން ވިދާޅުވެފައި ތަންކޮޅެއް ދުރުގައި އިށީނދެވަޑައިގެންފިއެވެ.
އިރުކޮޅެއްގެ ފަހުން ރޫޕަވަތީ އާއި އޭނާގެ މާބެ ގެޔާ ދިމާޔަސް ވަޑައިގެންފިއެވެ. ރާމްނާތު ގަސްތަކުގެ ތެރެއިން ނުކުމެވަޑައިގެން އެ ބޭފުޅުންނާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެ ބޭފުޅުން ދަނޑުތަކެއް ހުރަސް ކުރައްވައިފައި އަވަށަށް ވެދެވަޑައިގެންފިއެވެ. އެ ބޭފުޅުން އޭނާގެ ލޯފުޅަށް ގެއްލިވަޑައިގަތުމުން ރާމްނާތު ވެސް އޭނާގެ އަވަށާ ދިމާޔަށް ވަޑައިގެންފިއެވެ.
+ + + +
ރާމްނާތުގެ ބައްޕަ ގޯޕީޗަންދަކީ މެދުފަންތީގެ ބިންވެރިއެކެވެ. އޭނާގެ އަވަށަކީ ކޯރުގެ އައްސޭރީގައި އޮންނަ ވިހި މޭލު ދިގު ފަނަރަ މޭލު ފުޅާ ފެހި ކުލައިގެ ދަނޑުބިމުގެ ސަރަޙައްދުގައި ހިމެނޭ އަވަށެކެވެ. އެއީ ސޫމްނާތުގެ ފައްޅީގެ ވަގުފު ބިމެކެވެ. ސޫމްނާތުގެ ފައްޅިއަށް އިންޑިއާގެ އެތަންމިތަނުން އެކަހަލަ އެތައް ބިންތަކެއް އެކިއެކި ރަސްރަސްކަލުން ވަނީ ވަގުފު ކުރައްވައިފައެވެ.
(ނުނިމޭ)
