( 06 ޖަނަވަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ހޮސްޕިޓަލުން ރަނގަޅުވެގެން ، ޝަހީރު ގެޔަށް ބަދަކުރި ދުވަހުވެސް ، ޒުބާއާއި ސައިމްގެ ގުޅުމަށް ހުރަސް އެޅުމަށްޓަކައި ޝަހީރުގެ އެތިފަހަރެއް ، ސައިމްއަށް އަމާޒުވިއެވެ. ޝަހީރުގެ އެ އެތިފަހަރު ، ސައިމްގެ ހިތަށް ހެރި ފުންޒަޚަމްތަކެއް އަޅާވަރު ކޮށްލިއެވެ. ޒުބާއަށް ޝަހީރަކީ ކާކުކަން ނޭނގޭއިރު ، ސައިމްކަމަށް ހީކޮށް ، ޝަހީރާ ޒުބާ ދައްކާފައިހުރި ވާހަކަ ތަކުގެ ސްކްރީން ޝޮޓްތަކެއް ނަގައި ، ކްލާހުގެ ގްރޫޕަށާއި ، ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ޝަހީރު ދޫކޮށްލީއެވެ. ސައިމްއަށް އެ ސްކްރީން ޝޮޓްތައް ފެނުމާއެކު ، އެއީ ޙަޤީޤަތެއްކަމަށް ބަލައި ، ޒުބާއާ ދިމާލަށް އެއްޗެތި ކިޔައި ، ޒުބާއާ ރުޅިވިއެވެ.
ޒުބާއަށް ކުރެވުނީ ކޮންކަމެއް ކަމެއްވެސް އެފަކީރަކަށް ނޭނގެއެވެ. ސައިމްގެ ލޮލަށް ފެންނަ ހިސާބަށް ޒުބާ އައިއްސިއްޔާ ޒުބާގެ ދުވަސް ދުއްވައިލާނެކަމަށް ބުނެ ، ޝަހީރުގެ ހިތުގައި އުފެދުނު ރުޅިގަނޑު މައިތިރި ނުވެ ، އެދެމީހުންގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމަށް ބުރޫ އެރިއެވެ. ޒުބާގެ ދިފާޢުގައި އެއްވެސް ވާޙަކައެއް ބުނާކަށް ، ސައިމް ފުރުޞަތެއް ނުދެއެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި އެއްޗެއް ބުނެލާނެ ފުރުޞަތު ، ޒުބާއަކަށް ނުލިބުނެވެ.
ގެޔަސްގޮސް ، އެންމެ ފުރަތަމަވެސް ރޮމުންރޮމުން އެވާހަކަ ޒުބާ ބުނީ އޭނާގެ ދައްތަ ރޮޝްނާ ގާތުގައެވެ. ޒުބާއަށް އިތުބާރު ނުކުރާ އަދި ޒުބާ ބުނަންޖެހޭ ވާހަކައެއް ބުނަން ފުރުޞަތު ނުދޭ މީހަކު ދެކެ ލޯބިނުވުމަށް ، ރޮޝްނާ އޭނާގެ ކޮއްކޮއަށް ނަޞޭޙަތް ދިނެވެ. އެހެނަސް ، ޒުބާ ބޭނުންވީ ، ދައްތަ މެދުވެރިކޮށް ސައިމްއާ ވާހަކަ ދައްކައިލެވޭނެ ފުރުޞަތެއް ހޯދާށެވެ.
ރޮޝްނާވެސް އެކަން ކޮށްދޭކަށް އެއްބަހެއް ނުވިއެވެ. ރޮޝްނާ ބޭނުންވީ ، އެ ހިތްހަމަ ނުޖެހުންގަނޑުގެ ތެރޭގާއި ، ސައިމް އާއި ޒުބާގެ ގުޅުން ކެނޑި ، ނެތިގެން ދިއުމެވެ. އެހެނަސް ، އެއީ ޒުބާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. ޒުބާއާއެކީ ސައިމް ނެތްޙާލަތެއްގައި ޒުބާގެ ދިރުމެއް ނުވެއެވެ. ޒުބާގެ އެއްވެސް ވާހަކައެއް ސައިމްއަކަށް ޤަބޫލެއް ނުކުރެވުނެވެ. ޤަބޫލުކުރާކަށް ބޭނުމެއްވެސް ނުވިއެވެ. ޒުބާގެ ވާހަކަ ސައިމް ޤަބޫލުނުކޮށްގެން ، ޒުބާ ބޭނުންވާ ކަމެއް ކުރަންވީއެވެ. ސައިމްއަށް އޭނާގެ މޫނު ފެންނަ ހިސާބަށް ޒުބާ އައުމަކީވެސް ސައިމް އެދޭކަމެއްނޫނެވެ. ސައިމްދެކެ ޒުބާ ލޯބިވާވަހަކަ ބުނުމުން ، އެވާހަކަވެސް ސައިމް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއީ ، ޒުބާގެ ދުލުން ސައިމް އަޑުއަހަން އެންމެ ބޭނުންވި ވާހަކައެވެ. އެއީ ސައިމްކަމަށް ބަލައިގެން ޒުބާއަށް އެހެން މީހަކާ ދެއްކުނު ވާހަކަތަކެއްކަމަށް ޤަބޫލުކުރާކަށް ސައިމް ބޭނުމެއް ނުވިއެވެ.
" ވާންވީ ގޮތެއް މިހާރު އެނގިއްޖެނޫންހެއްޔެވެ ؟ ތިމާގެ ޢުމުރަށް ބަލައިލަބަލާށެވެ. ކުރާ ހަޑިކަންތައް ނިކަން ދެކިބަލާށެވެ ! ޒުބާއާއެކީ ، އަހަރެންގެ ދަރިފުޅު މަގުއޮޅި ، ގެއްލިގެން ނުދަނިސް ، އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދީ ، އޭނާއާ ދުރުވާށެވެ ! " ޒުބާއާ ކުޑަތަންކޮޅެއް ދުރުގައިހުރި ފާއިޤާ ޒުބާއާ ދިމާލަށް ބުންޏެވެ.
ކިޔަވާ ކުޑަކުއްޖަކަށް ވީމަ ، ފާއިޤާގެ ހިތުގައި ޒުބާގެ މައްޗަށް ހަމްދަރްދީ އުފެދުނެވެ. އެހެން ނޫންނަމަ ، ޒުބާގެ ވާހަކަ ، އެންމެ ފުރަތަމަ ބުނާނީ ޒުބާގެ މައިންބަފައިން ގާތުގައެވެ. ޒުބާގެ ޢިއްޒަތާއި ޤަދަރަށް ޒުބާ ފަރުވާލެއް ނުބެހެއްޓިޔަސް ، ސައިމްއާމެދު ފާއިޤާ ޚިޔާލު ބަހައްޓައެވެ. ސައިމްގެ ޙަޔާތަށް އައުމަށް ޒުބާ ކުރަމުން އެގެންދާ އުއްމީދު ދޫކޮށްލުމަށް އަންގައި ، ފާއިޤާ ، ޒުބާއަށް އިންޒާރު ދިނެވެ. އަދި ، ދެވަނަފަހަރަށް އެގެޔަށް އައިސްގެން ނުވާނެކަމަށް ޒުބާއަށް އެންގިއެވެ.
ރޮމުންރޮމުން ޒުބާ އޭނާގެ ގެޔަށް ގޮސް އެނދަށް ވެއްޓިގަތެވެ. އެރޭ އަލިވިލުނުއިރު ، ޒުބާހުރީ ހުން އައިއްސައެވެ. ގޭގެ އެންމެންވެސް އެކަމާ ކަންބޮޑުވެގެން ، އެންމެފަހުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންދާ ހިސާބަށް ޒުބާގެ ޙާލަތު ދިޔައެވެ.
ސައިމްގެ ހިތުގައި ޒުބާގެ މައްޗަށް ޙަޤީޤީ ލޯބި އުފެދިފައި އޮތްކަމަށް ވަންޏާ ، އެހާ ފަސޭހައިން ރުޅިއެއް ނާންނާނެއެވެ. ޒުބާއާ ދޭތެރޭ ސައިމް ކަންތައްކުރިގޮތުން ، ރޮޝްނާވެސް ހުރީ ސައިމްދެކެ ފޫހިވެފައެވެ. އަދި ، ސައިމްއާމެދު ޒުބާ އިތުރަށް ނުވިސްނުމަށް ، ޒުބާއަށް ނަޞޭޙަތް ދެމުންގެންދިޔައެވެ. އެހެނަސް ، ސައިމްދެކެ ޒުބާވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. ސައިމްއާ ނުލައި ، ޒުބާއަކަށް ދުނިޔެއަކު ނުއުޅެވޭނެއެވެ.
ހަފުތާއެއްވީއިރު ، ޒުބާގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެ ، ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ދެތިން ދުވަހު ބާއްވަން ޖެހުނެވެ. އެހާތަނަށް ދިޔައިރު ، ޒުބާގެ މެސެޖްތަކުގެ ސްކްރީން ޝޮޓްތަކުގެ އަސްލު ، ސައިމްއަށް ސާފުވިއެވެ. ރައްޓެއްސެއްގެ ފަރާތުންނެވެ. އެއީ ، ޒުބާއަށް އޮޅުވާލައިގެން ، ސައިމްކަމަށް ހެދިގެން ، ޝަހީރު ހެދި އެތިފަހަރެއްކަން ޝަހީރަށް އެނގުނު ހިސާބުން ، ހަނދާނެގޮތް ބޮޑުވިއެވެ. އެހެނަސް ، ޒުބާމެންގެޔަށް ދާކަށް ޝަހީރަކަށް ނުކެރުނެވެ. ސައިމްއަށް ، ޒުބާމެންގޭގެ ދޮރުމަތިން މާގިނައިން ކުރުކާލި ކެނޑެން ފެށުނެވެ. އެއީ ، ހޮސްޕިޓަލުގައި ބާއްވާފައި ޒުބާ ގެނައި ދުވަހެވެ. ކާރުން ބާލައިގެން ޒުބާ އަތުލަފިކޮށްގެން ގޭތެރެޔަށް ވެއްދީ ، ޒުބާގެ ބައްޕައާއި ދައްތައާ ދެމީހުންނެވެ. އެވަގުތު ސައިމްގެ ލޮލުން ކަރުނަ އައެވެ. ވިސްނައި ނުލާ އޭނާއަށް އެކުރެވުނު ކަމެއްގެ ހިތިކަން އިޙްސާސް ވިއެވެ. މީހަކާ ދިމާވާ ހިސާބަށް އެތެރެޔަށް ވަންނާކަށް ސައިމްއަކަށް ނުކެރެއެވެ. އެހެން ހުއްޓާ ، އެގޭގެ ބަޒާރުކުރާމީހާއާ ސައިމްއާ ދިމާވިއެވެ. ކެތްމަދުވެފައިހުރެ ، ޒުބާގެ ޙާލުގެ ވާހަކައިން އޭނާއާ ސައިމް ސުއާލު ކުރިއެވެ.
އޭނާ ސައިމްގާތު ބުނިގޮތުގައި ، ޒުބާގެ ޙާލު ވަރަށް ދެރައެވެ. މިއަދު ގެޔަށް އެ ގެނެވުނީވެސް ، ހޮސްޕިޓަލުގައި ދެތިން ދުވަހު ބާއްވާފައެވެ. ޒުބާއަކަށް އެއްޗެއް ނުކެވެއެވެ. އެއްވެސް އެއްޗެއް ނުބޮވެއެވެ. ސައިމްގެ ހިތް ހައްތާ ދިޔައީ ފޮތިފޮތި ވަމުންނެވެ. އެވަރުންވެސް ، ގޭތެރެޔަށް ވަދެ ޒުބާއާ ބައްދަލު ކުރާނެ ހިތްވަރެއް ސައިމްއަކަށް ނުލިބުނެވެ.
އޭގެފަހުން ، ކިރިޔާވެސް ހުސްވަގުތެއް ލިބިއްޖިއްޔާ ސައިމް އައީ ، ޒުބާމެންގޭގެ ބިއްދޮށްފަރާތުގައި ، އެމީހުން ވަކިން ބައްދަލުކުރަމުން އައި ތަނަށް ޒިޔާރަތް ކުރަމުންނެވެ. އެތަނަކަށްވެސް ޒުބާއެއް ނާދެއެވެ. ގޭތެރެއިން ޒުބާ ނުނުކުންނަނީކަމަށް ވެދާނެއެވެ.
އެއްދުވަހެކެވެ. ސައިމްއަށް އާދެވުނުއިރު ، އެތަނުގައި އެކަނިމާއެކަނި ޒުބާ އިނެވެ. ޖެހިލުންވެފައިހުރެ މަޑުމަޑުން ސައިމް ކައިރިވަމުންގޮސް ، އެތަނަށް އައިސް ، ޒުބާގާތުގައި އިށީނދެލައި ، ޒުބާގެ ކިބައިން މަޢާފަށް އެދުނެވެ. އެހެނަސް ، ޒުބާއިނީ ސައިމްދެކެ ފޫހިވެފައެވެ. މަޢާފުކުރާކަށް ބޭނުމެއް ނުވިއެވެ. ޒުބާއާމެދު ސައިމްގެ ހިތުގައި އުފެދުނު ނަފުރަތުގެ އިޙްސާސާއި ޒުބާއާ ދިމާލަށް ސައިމްކީ އެއްޗެތީގެ މަތިން ޒުބާ ސައިމްއަށް ހަނދާން ކޮށްދިނެވެ. އަދި ، ސައިމްއަށް އޭނާ މަޢާފު ނުކުރާނެކަމަށާއި ، ސައިމް އޭނާދެކެ އެވާ ލޯބި އެއީ ޒުބާ ބޭނުން އެއްޗެއް ނޫންކަމަށް ބުނެ ސައިމްއާ ވާހަކަ ދައްކަންވެސް ދެކޮޅު ހެދިއެވެ. ޒުބާއާއި ސައިމް އެތާ ތިއްބާ ފެނިގެން ، ރޮޝްނާ އައިސް ، ސައިމް އެތަނުން ދިއުމަށް އެދުނެވެ. އިތުރަށް ، ޒުބާގެ ހިތަށް ދަތިކުރަން ޒުބާއާ ސައިމް ބައްދަލު ނުކުރަން ރޮޝްނާ އެދުނެވެ. ޒުބާވެސް އެކަމަށް އެއްބަސް ވުމާއެކީ ، އެހެންގޮތެއް ނެތިގެން ، ސައިމް އެތަނުން ނުކުމެގެން އޭނާގެ ގެޔަށް ދިޔައެވެ. ހިތް ހަލާކުވެ ފޮތިފޮތިވެފައިވާ ޙާލުގައެވެ. ސައިމް ފޮނުވައިލިޔަސް ، އެއީ ޒުބާގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއްނޫނެވެ. އެއީ ، ޒުބާގެ ހިތް އޭނާއަށް އަންގައިދިން ކަމެކެވެ. އެހިތަކީ ވަރަށް ޅަ ، އަދި މަޢުޞޫމު ހިތެކެވެ. ސައިމުގެ ހިތަށް އެހާބޮޑު ތަކުލީފެއްދޭކަށް އެހިތަކަށް ނޭނގޭނެއެވެ. އެއީ ، ޒުބާގެ ދައްތަ ، ރޮޝްނާ އޭނާގާތު ހުރީމަ ވީ ގޮތެކެވެ.
ސައިމްގެ ލޯތްބަކީ މިހާރު ޒުބާއަށް ބޭނުންވާ އިޙްސާސެއް ނޫނެވެ. އެއްފަހަރު ލޯބިވެފައި އަނެއްފަހަރު އެ ލޯބި ނަފްރަތަށް ބަދަލުވާ ލޯތްބެއްވެސް އަދި ނަފްރަތެއްވެސް ޒުބާއަކަށް ކަމަކު ނުދެއެވެ. އެއީ އޭނާގެ ދައްތަ ރޮޝްނާވެސް އެދޭ ގޮތެވެ. ޒުބާއަށް އިޙްތިރާމް ނުކުރާ މީހަކަށް ޒުބާވެސް އިޙްތިރާމް ކުރާނެކަމެއް ނެތެވެ. އެގޮތުގައި ޒުބާ ހިފަހައްޓައިލުމަށް ޒުބާއަށް ރޮޝްނާ ހިތްވަރު ދިނެވެ. ސައިމް ނުކުމެގެން އެދިޔައީ ، ކިހާވަރަކަށް އޭނާގެ ހިތަށް ތަދުކޮށްގެންކަމެއް ޒުބާއަކަށް އިޙްސާސެއް ނުވާނެއެވެ. ސައިމް ނުކުމެގެން ދިޔައިރު އޭނާގެލޮލުން ފައިބަމުންދިޔަ ކަރުނަ ، ޒުބާއަކަށް ނުފެންނާނެއެވެ.
ސައިމަށް ކެތްކޮށްލެވުނީ ދެދުވަހުއެވެ. ޒުބާއާ ނުގުޅައެއް ސައިމަކަށް ނުހުރެވުނެވެ. ޒުބާއަކަށްވެސް ސައިމްއާ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ފުރަތަމަ ވާހަކަ ދެއްކީ ދައްތަޔަށް ވަގަށެވެ. ސައިމްއާއެކީ ، ސައިކަލް ދުއްވާލަން ، ޖައްސައިލުމަށް އެދުމުން އެކަމަށްވެސް ޒުބާ އެއްބަސްވިއެވެ. ސައިކަލް ދުއްވުމަކީ ޒުބާ ވަރަށް ބިރުގަންނަ ކަމެކެވެ. އެކަމަކުވެސް ، އެކަމަށް އެއްބަސްވެ ، ބިރުންހުރެ ، ސައިކަލަށް އެރިއެވެ. މަޑުން ސައިކަލް ދުއްވަން ސައިމްއަށް އިންޒާރު ދެމުންނެވެ. ސައިމްއަކީ މަޑުން ސައިކަލް ދުއްވޭ މީހެއްނޫނެވެ. މަޑުންނާއި ބާރަށް ދުއްވަމުން ގޮސް ، އެންމެފަހުން އެކްސިޑެންޓެއްވެ ، ދެމީހުން ބަނޑުވަތަށް ވެއްޓުނެވެ. ދެމީހުންކުރެ އެކަކަށްވެސް ، ނަޞީބަކުން މާބޮޑުގެއްލުމެއް ނުލިބެއެވެ.
އެކްސިޑެންޓްވުމަށްފަހު ، ޒުބާގެ ހިތުގައި އަނެއްކާވެސް ސައިމްގެ މައްޗަށް ނަފުރަތު އުފެދުނެވެ. ޒުބާގެ ހިތަށް ސައިމްގެ ލޯބި ވެއްދުމަށްފަހު ، ސައިމްގެ ފަރާތުން ޒުބާއަށް ލިބެމުންއެދަނީ ، ލޯބީގެ އެއްވެސް ތަޖުރިބާއެއްނެތް ޅަހިތަކަށް ކުޅަދާނަވާވަރުގެ ތަކުލީފެއްނޫނެވެ.
ޒުބާއަށް ވަމުން އެދާގޮތްތަކުގެ އަސްލު އޭނާގެ ބައްޕަޔަކަށް ނޭނގެއެވެ. އެކަން ސާފުވޭތޯ ޒުބާގެ ބައްޕަ ލައްކަ މަސައްކަތް ކޮށްފިއެވެ. އެތައް ގޮތަކަށް އެކިކަހަލަ ސުއާލުކޮށްގެންވެސް ، އޭނާގެ ދަރިފުޅުގެ ހިތަށް ތަދުވަމުން އެދަނީ ކީއްވެގެން ، ކޮން ސަބަބަކާ ހުރެކަމެއް ޒުބާގެ ބައްޕަޔަކަށް ސާފެއް ނުކުރެވުނެވެ. އޭނާގެ އަންހެނުންވެސް އެކަމާބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ރޮޝްނާގެ ފަރާތުންވެސް އެއްވެސްކަމެއް ސާފެއް ނުވިއެވެ.
ޒުބާގެ ބަލިޙާލަތަކީ ، ގޭގެ އެންމެންނަށްވެސް ވަރަށްބޮޑު ކަމަކަށް ވިއެވެ. ޒުބާއަށް ގެއްލިގެން އެދިޔައީ ދުވަސްވީ ރަޙުމަތްތެރިޔެކެވެ. އޭނާ ސަމާސާއެއް ކޮށްލާކަށްވެސް ދެން ، މީހަކު ނުހުންނާނެއެވެ. އެގޭގައިވެސް ، ދާނިޔަލްނޫން އެހެން ފިރިހެން ކުއްޖަކު ނުހުރެއެވެ. ސައިމްއާ ކުރާ ސަމާސަތައް ދާނިޔަލްއާ ކުރާކަށް ޒުބާއަކަށް ނުކެރެއެވެ. ބޭބެކަމަށް ވާތީއެވެ. ރޮޝްނާގެ މައްސަލަޔަކީ ، ޒުބާއަށް އޭނާގެ ރަޙުމަތްތެރިޔާ ގެއްލިގެން އެކުރާ ހިތާމައިގައި ، ގޭގެ އެހެންމީހުންނަށް ލިބޭ ތަކުލީފާމެދު ޒުބާ ނުވިސްނުމެވެ. ސައިމްކުރި ކަމަކުން ، އޭނާގެ ޢާއިލާއަށް ތަކުލީފެއް ލިބޭގޮތަށް ޒުބާގެ ހިތް ހަލާކުކޮށްލާކަށް ރޮޝްނާއެއް ނޭދެއެވެ. ޒުބާއަކީ އެ އަވަށުގައި ނެތްފަދަ ރީތި ، ނަލަ ކުއްޖެކެވެ. ޒުބާ ޙާޞިލްކުރަން ބޭނުންވާ އެތައް ކުދިންނެއް ކޮލެޖްގައިވެސް އުޅޭނެއެވެ. ސައިމްއާމެދު އެއްގޮތަކަށްވެސް ނުވިސްނުމަށް ރޮޝްނާ ނަޞޭޙަތް ދެމުން ގެންދިޔައެވެ. އެހާ ޅަ ޢުމުރުގައި ، ފިރިހެން ކުއްޖަކާހުރެ ، ޒުބާގެ ހިތަށް އުނދަގޫކުރާނެކަމެއް ނެތެވެ. ޤަވާޢިދުން ކޮލެޖަށްގޮސް ، އެހެންކުދިންނަށްވުރެ މޮޅުވީމަ ، ހުރިހާ ކުދިންގެ ތެރެއިން ހުނިޖެހިގެން ޒުބާ ނެގޭނެއެވެ. ހިތްވަރު ކޮށްފައި ކޮލެޖަށް ގޮސް ، އިތުރަށް ކުދިންނާ ރަޙުމަތްތެރިކަމުގެ ގުޅުން އުފެއްދުމަށް ރޮޝްނާ ، ޒުބާއަށް ނަޞޭޙަތް ދިނެވެ.
ޒުބާއަށް ހިތްވަރު ދީގެން ޒުބާ އެނދުން ނަގައިގެން ރޮޝްނާއާއެކީ ބޭރަށް ނެރުނެވެ. ކޮޓަރިން ބޭރަށް ނުކުތުމާއެކީ ، ޒުބާގެ ކަންފަތުގައި އެޖެހުނީ ، ސައިމް ގިޓާޖަހާ އަޑެވެ. އެއަޑަކީވެސް މިހާރު ، ޒުބާގެ ކަންފަތަށް އުނދަގޫވާ އަޑެކެވެ. ޒުބާއަކަށް ނުހުރެވުނެވެ. ބޭރަށް ނުނުކުންނަން ރޮޝްނާ ގޮވަގޮވާ އޮއްވައި ޒުބާއައިސް ސައިމްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
އެގޭގައި އެހެންމީހުންވެސް އެބަ އުޅެއެވެ. ގޭ ބުޑުގައި އިނދެގެން ގިޓާ ޖެހީމަ އެމީހުންގެ ބޮލަށްވެސް އަދި އޭނާގެ ބޮލަށްވެސް އުނދަގޫ ވެއެވެ. އެކަން ނުކުރުމަށް ސައިމްއަށް ޒުބާ އެންގިއެވެ. ގިޓާޖެހުން ސައިމް ނުހުއްޓައިފިއްޔާ އޭނާ އަންނަގޮތަށް އައިސް ގިޓާގެ ނަރުތައް ބުރިބުރިކޮށްލައި އަތުކޮޅަށް ހޫރައިލާނެކަމަށް ޒުބާ ބުނެ ނުނިމެނިސް ، ސައިމްގެ އަތުގައި އޮތް ގިޓާ ޒުބާމެންގެޔާވީކޮޅަށް އަތުކޮޅަށް ހޫރައިލާ އެއްލައިލިއެވެ. އަދި ، އިތުރު ކަމެއް ޒުބާ ބޭނުންތޯ ސައިމް އެހިއެވެ.
ސައިމްގެ ކުއްލި އެ ޙަރަކާތުން ، ޒުބާއަށް ސިހުންލިބުނެވެ. ޒުބާގެ މަޤްޞަދަކީ ސައިމް އެހާ ލޯބިން އެ ގެންގުޅޭ އޭނާގެ ގިޓާ ހަލާކުކޮށްލުމެއް ނޫނެވެ. ސައިމްއަށް ފިލާވަޅެއް ދިނުމެވެ. ޒުބާއަށް ސައިމް އެދިން ތަކުލީފުގެ ބަދަލު ، ސައިމްގެ ކިބައިން ހިފުމެވެ. ލޯބިން ސައިމް ގެންގުޅޭ އެއްޗިއްސަށް ގެއްލުންދިނުމެއް ނޫނެވެ. ސައިމްގެ ހިތަކީވެސް ، އޭނާ އެހާ ލޯބިން ގެންގުޅޭ އެއްޗެކެވެ. އެހެނަސް ، އެހިތަށް ގެއްލުމެއްދެވޭކަމުގެ އިޙްސާސެއް ޒުބާއަކަށް ނުވެއެވެ. ލޯތްބެއްގެ ކުރީކޮޅު އެހެން ވެދާނެއެވެ. ޅަ ހިތެއްގައި އުފެދިފައިވާ ޒުވާން ލޯތްބަކަށް ތަޖުރިބާއިން ނޫނީ އެކަހަލަ ކަންކަމެއް ނޭނގޭނެއެވެ.
ޒުބާ ބުނެފިއްޔާ ސައިމް މިހާރު އެހުރީ އޭނާގެ ގޭގެ ބެލްކަނިންވެސް ބޯކޮޅުވަތަށް ފުންމާލަން ތައްޔާރަށެވެ. ސައިމްގެ އެ ޙަރަކާތުން ، ޒުބާގެ ހިތަށް އަސަރު ކުރިއެވެ. ހަދާނެގޮތް ބޮޑުވިއެވެ. އެކަމަކު ، ޒުބާއަދި އެހުރީ ހަތިޔާރު ބަހައްޓާ ވިސްނުމެއްގައެއްނޫނެވެ. ޒުބާގެ ޖަޒުބާތުތައް ބޭރުވެދާނެތީ އެތަނުގައި ހުންނަން ބޭނުންނުވާތީ ގޭތެރެޔަށް ވަންނަން ޒުބާ ބޭނުންވިއެވެ. ފަސްއެނބުރި ހިނގަތްތަނާ ، ޒުބާއަށް ފައިން އެ އެރުނީ ، ޒުބާގެ ހަނދާނަކަށް ސައިމްއަތަށް ދީފައި އޮތް ކެވެލިކޮޅަށެވެ. ކެވެލިކޮޅު ނަގައި ، ސައިމްއާ ދިމާލަށް ބަލައިލިއެވެ. އެއަށްވެފައި އެއޮތީ ކީއްކަން ޒުބާ ދެނެގަތެވެ. އެ ކެވެލި ކޮޅަކީ ، ފުރަތަމަ ދުވަހު ޒުބާދެކެ ރުޅިއަރައިގަނެގެން އައިސް ، ޒުބާމެންގޭގެ މެދުގޯއްޗަށް ސައިމް އެއްލައިލި ކެވެލި ކޮޅެވެ.
ސައިމްއަށް އަނެއްކާވެސް އެ އެޅުނީ ޅަ އެއްޗެކެވެ. ޒުބާގެ ހިތަށް ވަތް ހަމްދަރުދީގެ އަސަރު އެހިތާ ކުޅެނުލަނިސް އެކަން އެއޮތީ ގޮސް ނިމިފައެވެ. ސައިމްއަށް ހައްތާވެސް އެލިބެނީ ލަނޑެވެ. މިފަހަރުވެސް ގިޓާވެސް ހަލާކުވީއެވެ. އޭގެ އިތުރަށް ރިހޭފައިމައްޗަށް ފޮއެ ވެއްޓުނީއެވެ. ޒުބާގެ ކެވެލިފަށް ، ރުޅިއައިސްގެން ޒުބާމެންގެޔާ ދިމާލަށް އެއްލައިލިކަންވެސް ޒުބާއަށް އެ އެނގުނީއެވެ. އަމިއްލަ ނަފުސަށް ލަޢުނަތް ދެމުން ، ސައިމްވެސް ގެޔާދިމާލަށް މިސްރާބު ޖެހިއެވެ.
ޒުބާއަކީ ތުއްތު އިރުއްސުރެ ސަމާސާ ކުރަމުން އޭނާއާއެކީ ބޮޑުވި ކުއްޖެކެވެ. ޒުބާ ބުނާ އެއްޗެއްގެ އަޑުނާހައި ، ތިންވަނަ މީހަކު ބުނާ އެއްޗެއްގެ އަޑު އަހަންޖެހޭ އެއްވެސް ސަބަބެއް ސައިމްއަކަށް ނުވިސްނުނެވެ. އޭނާއަށް ވިސްނައިނުލާ އެކުރެވުނީ ކުރަން ނުވާވަރުގެ ކަމެކެވެ. މައްސަލަޔަކީ އެކަން ނިމުމަކަށް ގެންނާނެގޮތެއް ސައިމްއަށް ނޭނގުމެވެ. ރަނގަޅުކުރަން އޭނާ ކުރާ ކޮންމެކަމެއް އެދަނީ ފެއިލްވެ ، މަތިމައްޗަށް ގޯސް ހެދެމުންނެވެ. އޭނާއާ ޒުބާ ހައްތާ ދުރުވަމުންނެވެ. ( ނުނިމޭ )
