ރައީސުލްޖުމްހޫރިއްޔާ، އެޗްއާރްސީއެމްގެ ރައީސް ކަމުގެ މަޤާމަށް ޑރ. ރަމީލާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ.

‎ޑޮކްޓަރ ޢާއިޝަތު ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް އެކަމަނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާގެ އިތުރުން ދެން އެކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަންގެ ނައިބުރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.