ރާއްޖޭގައި މިއޮތް ، ޕެންޝަނުގެ ނިޒާމަކީ ، އިންސާފެއްނެތި ، ޤާނޫނު އަސާސީއާ ޚިލާފަށް ، ދިމާ އިދިކޮޅަށް ހިންގާ ނިޒާމެއްކަމުގައި ، ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ޚާއްޞަކޮށް ބޭއިންސާފުން ޕެންޝަންލިބޭ މީހުން އެވާހަކަ ދައްކާލެއް ގިނަވެފައި ، އެމީހުންގެ ހިތަށްވާ ތަދު ވަކިން ބޮޑެވެ. އެހެންކަމުން މިއީ ، ދައްކަންވެފައި އޮތް ވާހަކައެކެވެ. މާދިގެއް ނުކުރާނަމެވެ. ކުރުކޮށް ، ފޮނިކޮށް މިވާހަކަ ދައްކައިލާނަމެވެ.
ދިވެހިރާއްޖޭގައި ، ޕެންޝަން ލިބުމުގެ ޙައްޤަކީ ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 38 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ، ޕެންޝަން ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.
ދައުލަތުގެ ވާޖިބަކީ ، ޤާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ، ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި ، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ، އެބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ، އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ، ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ، އެމީހެއްގެ ނަސްލަށް ، ނުވަތަ އުފަންވީ ޤައުމަށް ، ނުވަތަ ކުލަޔަށް ، ނުވަތަ ޖިންސަށް ، ނުވަތަ ޢުމުރަށް ، ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ، ނުވަތަ މާލީ ފުދުންތެރިކަމަށް ، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ، ނުވަތަ އުފަން ރަށަށް ، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ، އެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ވެރިކަން ހިންގުމަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން ، ޕެންޝަނާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ، އެބިލް ، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤު ކުރައްވާފައެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރުމާގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.
ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތަކީ ، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުމާއި ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުމެވެ. އަދި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ، އެކުލަވައިލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެކަށައަޅަންޖެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމެވެ.
ޕެންޝަން އޮފީހުގެ މައިގަނޑު އެއް އަސާސަކީ ، އެއޮފީހުން ކަނޑައަޅާފައިވާ ގޮތުގައި ، މަސައްކަތަށް ޒިންމާދާރު ވުމެވެ. މަސައްކަތަށް ޒިންމާދާރުވެ ، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ، ގަދައަޅައި މަސައްކަތްކޮށް ، ކަންކަމުގެ ޙައްލު ހޯދުމަށް ، އަބަދުވެސް އަމާޒު ހިފުން އެއީ އެއޮފީހުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައި ވެއެވެ. އީޖާދީ ވިސްނުމާއި ، ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި ، މަސައްކަތް ކުރާހިތުން ކުރުމާއި ، ޙާލަތާ އެކަށޭނަގޮތަށް ކަންކަން ބަދަލުކުރުމާއި ، ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކޮށްގެން ، އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް ، އެންމެ ރަނގަޅު ނަތީޖާ ނެރެދިނުން އެއީ ، މަސައްކަތް ކުރުމަށް ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އަސާސެވެ.
ޕެންޝަން އޮފީހުން ޤާނޫނީގޮތުން ބަލަހައްޓަނީ ދެބާވަތެއްގެ ޕެންޝަނެކެވެ. އެއީ ، ދައުލަތުގައި މަސައްކަތް ކުރާތާ 20 އަހަރު ނުވަތަ 40 އަހަރު ނުވަތަ 60 އަހަރުވުމުން ، ދެވޭ ޕެންޝަނާއި ، ޢުމުރުން 55 އަހަރު އަދި 65 އަހަރުވުމުން ، ވަޒީފާއިން ރިޓަޔަރކުރާ މުއައްޒަފުންނަށް ދެވޭ ޕެންޝަނެވެ. ޢުމުރުން 65 އަހަރުވުމުން ، ދެވޭ އަސާސީ ޕެންސަނަކީވެސް ، ޕެންޝަން އޮފީހުން ބަލަހައްޓާ ޕެންޝަނެކެވެ.
ޕެންޝަނާ ގުޅިގެން ، ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤާއި ، ޕެންޝަން އޮފީހުގެ ޒިންމާއާއި މަސްއޫލިއްޔަތު މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުން ވަރަށް ސާފުކޮށް އެނގެއެވެ. ޕެންޝަން އޮފީހުން ، ޕެންޝަންގެ ނިޒާމް ހިންގަނީ ، ޤާނޫނު އަސާސީއާ ޚިލާފަށް ، ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފަށް ، ދިމާ އިދިކޮޅަށް ކަމެވެ. ޤާނޫނު އަސާސީއާ އެއްގޮތަށް ، ޤާނޫނުތަކާއި އުޞޫލުތަކާ އެއްގޮތަށް ، ދިމާ ސީދަލަށް ޕެންޝަންގެ ނިޒާމް ހިނގާނަމަ ، 65 އަހަރުވެގެން ލިބޭ އަސާސީ ޕެންޝަންގެ ފަސްހާސް ރުފިޔާއިން ، ވިހިއަހަރު ވަންދެން ދައުލަތަށް ޚިދުމަތްކުރީމަ މީހަކަށް ޙައްޤުވާ ޕެންޝަނަށް ލިބޭ ތިންހާސްރުފިޔާއެއް ނުކަނޑާނެއެވެ.
ދައުލަތަށް ނުވަތަ ޖަމާޢަތަށް އެއްވެސް ޚިދުމަތެއް ނުކޮށްހުރި މީހަކު ، 65 އަހަރުވުމުން އަސާސީ ޕެންޝަނަށް ފަސްހާސް ރުފިޔާ ލިބެއެވެ. ވިހި އަހަރުވަންދެން ދައުލަތަށް ޚިދުމަތް ކުރީމަ އަދި އޭގެ އިތުރަށް މުސާރައިގެ އިންސައްތައެއް ވިހި އަހަރު ވަންދެން ސަރުކާރަށް ދެއްކީމަ ، ޙައްޤުވާ ތިންހާސް ރުފިޔާ ލިބިލިބި ހުންނަ މީހާއަށް 65 އަހަރުވީމަ ، އެ ތިންހާސް ރުފިޔާ އުނިކޮށްފައި އަސާސީ ޕެންޝަން ދިނުމަކީ ، ޤާނޫނު އަސާސީއާ ، ޕެންޝަންގެ ނިޒާމުގެ ރޫޙާ ޚިލާފު ކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލަވަންސަކީ ، އަސާސީ ޕެންޝަނުން ކެނޑޭ އެއްޗެއްނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ދެހާސް ރުފިޔާއާއެކު ، އަސާސީ ޕެންޝަނުގެ ފަސްހާސް ރުފިޔާ ލިބިގެން އެފަދަ މީހުންނަށް ޖުމްލަ ހަތްހާސް ރުފިޔާ ލިބެއެވެ. އެހެންކަމަށްވާނަމަ ، ދިގުމުއްދަތަށް ސަރުކާރަށް ޚިދުމަތްކޮށްގެން ލިބޭ ޕެންޝަންގެ ފައިސާ ، އަސާސީ ޕެންޝަންގެ ފައިސާއިން ކެނޑިގެން ނުވާނެއެވެ.
ވިހި އަހަރުވަންދެން ދައުލަތަށް ޚިދުމަތްކޮށްގެން ، ލާރިވެސް ދައްކައިގެން ހުންނަމީހާއާއި ދައުލަތަށް އަދި ޖަމާޢަތަށް އެއްވެސް ޚިދުމަތެއް ކޮށްނުދީ ހުންނަމީހާއަށް ޕެންޝަން ލިބުމުގައި ތަފާތެއް ނެތުމަކީ ، ޤާނޫނު އަސާސީގެ 38 ވަނަމާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އަންނަ ޙާލަތެކެވެ.
މި މިސާލުގައި ، ވިހި އަހަރުވަންދެން ދައުލަތަށް ޚިދުމަތްކޮށްގެން ، ލާރިވެސް ދައްކައިގެން ޕެންޝަނަށް ތިންހާސް ރުފިޔާ ލިބިލިބި ހުއްޓާ 65 އަހަރުވެގެން އަސާސީ ޕެންޝަން ލިބޭމީހާއަށް ލިބެންޖެހޭނީ ދެ ޕެންޝަންގެ ޖުމްލަޔަށްވާ ، އަށްހާސް ރުފިޔާއެވެ. އެހެން ނޫންކަމަށްވާނަމަ ، ޕެންޝަން އޮފީހުން ، ޢަމަލުކުރަމުން އެގެންދަނީ ޤާނޫނު އަސާސީއާ ޚިލާފަށެވެ.
ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ، އެމް އެންޑީ އެފާއި ޕޮލިހަށް ވަކި ނިޒާމެއް ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަކި ނިޒާމެއް ، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ވަކި ނިޒާމެއް ، ރައީސް އޮފީހުގެ މުއައްޒަފުންނަށް ވަކި ނިޒާމެއް ، އަދި ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ވަކި ނިޒާމެއް އޮވެގެން ނުވާނެއެވެ. އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެކެވެ.
އެއްބަޔަކަށް ، ޝަރަފްވެރިކަމާއެކީ ޢިއްޒަތުގައި ރިޓަޔަރ ކުރެވޭގޮތަށް ، އަނެއްބަޔަކަށް ބުނެކިޔައި އާދޭސްކޮށްގެން ރިޓަޔަރ ކުރެވޭގޮތަށް ޤާނޫނާއި ޤަވާޢިދު ހެދުމަކީ ، ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއްނޫނެވެ.
" ބޮޑެތިމީހުން " ދައުރު ހަމަކޮށްފައި ، އޮފީހުން ނުކުންނަންވީމަ ، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޕެންޝަނާއި ޕެކެޖާއި އެނޫންވެސް ޢިނާޔަތްތައް ލިބޭގޮތް ހެދޭނަމަ ، އިންތިޚާބުތަކާ ދިމާކޮށް ޕެންޝަންގެ އުޞޫލުތައް ބަދަލުކޮށް ، ވަކިބަޔަކަށް މޮޅުވާގޮތަށް ހެދޭނަމަ ، އެ ޚިލާފުވެވެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއެވެ. ޕެންޝަން އޮފީހަށް މަތިކޮށްފައި އޮންނަ ޕެންޝަންގެ ނިޒާމުން ބޭރުން ، ރައީސް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ސަލާމަތީ ބާރުތަކުން އަދި ޝަރުޢީ ދާއިރާއިން ޕެންޝަނުގެ ވަކި އުޞޫލުތަކެއް ހަދައިގެން ، ވަކިބަޔަކަށް ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިތުހުރި މިންވަރަކަށް ފައިސާ ޚަރަދު ކުރާނަމަ ، ޕެންޝާނޭ ކިޔާފަ ނިޒާމެއް ނުބާއްވައި ، ޤާނޫނު އަސާސީގައި އޮންނަ ހަމަހަމަކަން ބަޔާންކޮށްދޭ މާއްދާ އުނިކޮށްލަމާތޯއެވެ ؟
އަސާސީ ޕެންޝަނުގެ ގޮތުގައި ދެހާސް ރުފިޔާ ދޭންފެށީ 2010 ގައެވެ. އޭގެ 9 އަހަރުފަހުން ، މާރޗް 2019 ގައި އަސާސީ ޕެންޝަންވަނީ ފަސްހާސް ރުފިޔާއަށް މަތިކުރެވިފައެވެ.
ކޮންމެ ރިޔާސީ އިންތިޚާބެއްގެ ވަޢުދެއްގެ ގޮތުގައި ، ޕެންޝަނަށް ހެޔޮބަދަލު ގެންނާނެކަމަށް ، ކޮންމެ ކެންޑިޑޭޓަކުވެސް ބުނަމުން އާދެއެވެ. އެއީ ޤާނޫނުގައި ކަނޑައެޅިފައި އޮތްގޮތަށް ، ދިރިއުޅުމުގެ ޚަރަދުތައް މަތިވެގެން ، ގެންނަ ހެޔޮބަދަލެއްނޫނެވެ. އެކަމެއް ނުކުރެވެއެވެ. ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ، ކޮންމެ މީލާދީ ތިން އަހަރަކުން އެއްއަހަރު ، އަސާސީ ޕެންޝަނުގެ ޢަދަދު މުރާޖަޢާކުރުން ޤާނޫނުގައި ލާޒިމްކޮށްފައި އެބައޮތެވެ. އަދި ، އެގޮތުން މުރާޖަޢާ ކުރާއިރު ، ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތް ކުރުމަށްފަހު ، އަސާސީ ޕެންޝަނަށް ބަދަލުގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ ، އަސާސީ ޕެންޝަނަށް ދެވޭ ޢަދަދު އިޞްލާޙުކުރަންވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ. 2019 ގައި ، އަސާސީ ޕެންޝަނަށް ބަދަލު ގެނެވުނުފަހުން ، މިވީ 5 އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާފަށަށް އުފުލިގެން ހިނގައްޖެކަން ، އެއީ އެންމެންނަށްވެސް އެނގޭ ޙަޤީޤަތެކެވެ.
ކަންމިހެން އޮތްއިރު ، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ، ކޮންމެ މީލާދީ ތިން އަހަރަކުން އެއްއަހަރު ، އަސާސީ ޕެންޝަނުގެ ޢަދަދު މުރާޖަޢާކުރުން ޤާނޫނުގައި ލާޒިމްކޮށްފައި އެބައޮތެވެ. އަދި ، އެގޮތުން މުރާޖަޢާ ކުރާއިރު ، ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތް ކުރުމަށްފަހު ، އަސާސީ ޕެންޝަނަށް ބަދަލުގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ ، އަސާސީ ޕެންޝަނަށް ދެވޭ ޢަދަދު އިޞްލާޙުކުރަންވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.
ޤާނޫނުގައި އެބުނާ ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ ކޮބައިބާވައެވެ ؟ އެ ވުޒާރާތަކަށް ޤާނޫނުން ލާޒިމްކުރާ ، ރައްޔިތުންގެ ޙައްޤުތަކާގުޅޭ މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ކަމާބެހޭ ފަރާތްތަކުން އިސްނުނަގާނަމަ ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ވެރިކަމެއް ނުހިންގޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ، ރައްޔިތުންގެ ކަންކަން ފުރިހަމަކުރަމުން ގެންދެވުމަކީ ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރުންގެ ވާޖިބެކެވެ. އެވާޖިބުތައް އަދާނުކުރެވޭނަމަ ، ކޮށްގެންތިބޭ ހުވަޔާ ޚިލާފުވުމުގެ އިތުރަށް ، އެ ހުރަސް އެޅެނީ ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަށްކަން އެނގެން ޖެހޭނެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީ ޚަރަދުކުރާ ބަޔަކަށް ، އެބައެއްގެ ޒިންމާ އަދާނުކުރެވޭނަމަ ، އެބަޔަކު ، އެ ޚަރަދަށް ޒިންމާވާން ޖެހޭނެއެވެ.
ރާއްޖޭގެ އާބާދީގައި ޒުވާނުންދަނީ ގިނަވަމުންނެވެ. އާބާދީގެ 45 އިންސައްތަޔަކީ ޒުވާނުންނެވެ. 8.3 އިންސައްތަޔަކީ 60 އަހަރުންމަތީގެ މީހުންނެވެ. 2050 ވަނައަހަރާ ހަމަޔަށްދާއިރު ، 60 އަހަރުންމަތީގެ އާބާދީ 30 އިންސައްތަޔަށް މަތިވާނެކަމަށް ބެލެވެއެވެ. އެހެންކަމުން ޕެންޝަނާބެހޭ ނިޒާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން އެބަ ޖެހެއެވެ. އަސާސީ ޙައްޤުތައް ނުގެއްލޭގޮތަށް އެންމެންނަށް ހަމަހަމަގޮތެއްގައި އެ ޙައްޤުތައް ލިބޭގޮތަށް ، ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ ޤާނޫނު އަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ.
ވިހި އަހަރުވަންދެން މެދުނުކެނޑި ދައުލަތަށް ޚިދުމަތްކޮށްގެން ، ލިބޭ މުސާރައިގެ 7 އިންސައްތަވެސް ، ވިހިއަހަރުވަންދެން ދައްކައިގެން ޕެންޝަނަށް ތިންހާސް ރުފިޔާ ލިބިލިބި ހުއްޓާ ، 65 އަހަރުވެގެން އަސާސީ ޕެންޝަނަށް ފަސްހާސް ރުފިޔާ ދޭއިރު ، ދައުލަތަށް ޚިދުމަތްކޮށްގެން ޕެންޝަނަށްލިބެމުން އައި ތިންހާސް ރުފިޔާ ކެނޑިގެން ނުވާނެއެވެ. ކަމެއްނުކޮށް ހުއްޓާ 65 އަހަރުވީމަ އަސާސީ ޕެންޝަނަށް ފަސްހާސް ރުފިޔާ އެބަ ލިބެއެވެ. އެކަން އެހެން އޮއްވާ ، ގިނަދުވަހު ޚިދުމަތްކުރިމީހާއަށް 65 އަހަރުވީމަ ، ކުރިން ލިބެމުންއައި ޕެންޝަންގެ ލާރިކޮޅު ނުދީ ، ފަސްހާސް ރުފިޔާ ދިނުމަކީ ، އިނސާފެއްނޫނެވެ. އެއީ ، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ރޫޙެއްނޫނެވެ. އެފަދަ ބޮޑު އަނިޔާވެރި ތަފާތު ކުރުމަކަށް ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަނެއް ނުދެއެވެ. ޤާނޫނު އަސާސީ ތަންނުދޭ ގޮތަކަށް ޤާނޫނެއްވެސް ، ޤަވާޢިދެއްވެސް އަދި ހަމައަކާއި އުޞޫލެއްވެސް ނުހެދޭނެއެވެ.
