(23 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ފާރޫޤު އަންނާނެ ވަގުތަކަށް ، ކެތްތެރިކަމެއްނެތި މީރަބް އިންތިޒާރު ކުރަމުން ގެންދިޔައެވެ. މާގިނަ އިރެއްނުވެ ފާރޫޤު އަތުވެއްޖެއެވެ. އެގެޔަށް ދިޔައިންތޯއާއި އެމީހުން އަދިވެސް ނާންނަތީތޯ މީރަބް ސުއާލު ކުރިއެވެ. އެގެޔަށް ދިޔަކަމަށާއި އަދިވެސް އެގޭގެ މީހުން ނާންނަކަމަށް ފާރޫޤު ބުންޏެވެ. ވީ ދެރައިން މީރަބް ކޮޓަރިޔާ ދިމާލަށް ހިނގައިގަތްތަނާ ، މުރުތަސިމްޚާނަކީ ކާކުތޯ އަހައި މީރަބާ ، ފާރޫޤު ސުއާލު ކުރިއެވެ.
މީރަބް ކޮޓަރިޔަށް ދާން ހިނގައިގަތްތަނާ ، ވެގެން އުޅެނީ ކީއްތޯ ރުޤިއްޔާވެސް ފާރޫޤާ ސުއާލު ކުރިއެވެ.
ފާރޫޤު ދިޔައީ މީރަބް ފޯނުކޮށްފައި ބުނީމަ ، އެބުނި ގެޔަކަށްކަމަށް ފާރޫޤު ބުންޏެވެ. މީރަބްގެ ރަޙުމަތްތެރިޔާ ގޭގައި އުޅޭތޯ ބެލުމަށެވެ. އެކުއްޖާއެއް އެގެޔަކު ނެތެވެ. އެކަމަކު އެގޭދޮށުން އަހަރެންނާ ފިރިހެންކުއްޖަކާ ދިމާވިއެވެ. އޭނާގެ ނަމަކީ މުރުތަސިމްޚާނެވެ. އޭނާ އެ މަސައްކަތްކުރަނީ މީރަބް ހޯދާށެވެ. އެ މުރުތަސިމްޚާނަކީ ، މީރަބްގެ ކާކުތޯ ފާރޫޤު ސުއާލު ކުރިއެވެ. އެއީ އޭނާގެ އެއްވެސް މީހެއްނޫންކަމަށް މީރަބް ބުނުމާއެކީ ، އެކަން އެހެން ނުވާނެ ކަމަށް ފާރޫޤު ބުންޏެވެ. މީރަބް ހޯދުމަށްޓަކައި މުޅި ކަރާޗީގައި އޭނާ އެ ދުއްވަނީ ، މީރަބާ އެ މުރުތަސިމްޚާނާ ކޮންމެވެސް ގުޅުމެއް އޮވެގެންނެވެ.
" ދައްތާއެވެ ! އެ މުރުތަސިމްޚާނަކީ ، އާދައިގެ މީހެއްނޫނެވެ. އެއީ ވަރަށް ނުފޫޒުގަދަ ، ބާރުހުރި މީހެކެވެ. ފަހުން ، އަހަރެންނަށް އެނގުނު ގޮތުގައި ، މުރުތަސިމްގެ މީހުން މުޅި ކަރާޗީގައި އެބަ އުޅެއެވެ. އެއެންމެންގެ ހަމައެކަނި މަސައްކަތަކީ ، މީރަބް ހޯދުމެވެ. ފުލުހުންވެސް މީރަބް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް އެބަ ގެންދެއެވެ. ބަސް ސްޓޭޝަންތަކާއި ހޮޓާ ގެސްޓްހައުސް ، އެއަރޕޯޓާއި ހޮސްޕިޓަލްތަކާ އަދި މީހުން އެއްވެ އުޅޭ ހުރިހާ ތަނެއްގައި ، ފުލުހުން އެބަ ޙަރަކާތްތެރި ވެއެވެ. މީރަބް ހޯދުމަށްޓަކައި މުޅި ސަހަރު ހޯދުމަށް މުރުތަސިމް މަސައްކަތް ކުރާއިރު ، އެއީ އޭނާއާ ބެހޭ މީހެއްނޫންކަމަށް މީރަބް އެބުނަނީއެވެ. އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ ؟ ދައްތާއެވެ ! އަހަރެމެންނަށް ވީ ވަރަކުން މީރަބަށް އެހީތެރިކަން ދެވިއްޖެއެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް ދޭނަމުއެވެ. އެކަމަކު ، އަހަރެމެންނަށް މީރަބް އެބަ ކަންތައްތަކެއް ފޮރުވައެވެ. އަހަރެމެންނަށް ޙަޤީޤަތް އެބަ އޮޅުވައިލައެވެ. ދައްތާއެވެ ! މުރުތަސިމްޚާންގެ އަތްދަށުން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެއެވެ. އަހަރެންނަށް ހީވާގޮތުގައި ، މީރަބް އެހަދަނީ ދޮގެވެ. " ފާރޫޤު ބުންޏެވެ.
އޭނާ އެހަދަނީ ދޮގުނޫންކަމަށް މީރަބް ބުންޏެވެ.
" މުރުތަސިމްޚާނަކީ ، އަހަރެންގެ ޢާއިލާގެ މީހުން އަހަރެން ދެވަން ބޭނުންވި މީހާއެވެ. އޭނާއާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަށް ދެކޮޅު ހަދާފައި އަހަރެން ގެއިން ނުކުމެގެން އައީއެވެ. " މީރަބް ދޮގެއް ހަދައިލިއެވެ.
އެކަމަކު ، ކޮންމެ ޙާލެއްގައިވެސް ، މުރުތަސިމްޚާން ، މީރަބް ހޯދާނެކަމުގައި ރުޤިއްޔާގާތު ، ފާރޫޤު ބުންޏެވެ. އެއީ އާދައިގެ މީހެއްނޫނެވެ. އަދި ، މީރަބަށް ފިލައިގެން އުޅެވޭނީ ކިހާ ދުވަހަކުތޯ ސުއާލު ކުރިއެވެ. އެއީ ކިތަންމެ ނުފޫޒަކާއި ބާރެއް އޮތްމީހެއް ނަމަވެސް ، މީރަބް ބޭނުންނުވަންޏާ ، އޭނާއާއެކީ މީރަބް ނުދާނެކަމުގައި ރުޤިއްޔާ ބުންޏެވެ. އެއްވެސް މީހަކު މީރަބަށް މަޖްބޫރު ކުރުވައިގެން ނުވާނެއެވެ. މުރުތަސިމާ ކައިވެނިކުރަން މީރަބް ބޭނުންނުވާކަމަށް ވަންޏާ ، އެއްވެސްމީހަކު އެކަމަށް ، މީރަބަށް މަޖްބޫރު ކުރުވައިގެންވެސް ނުވާނެއެވެ. މީރަބްގެ ދިފާޢުގައި ރުޤިއްޔާ ވާހަކަ ދެއްކިއެވެ. ކިތަންމެ ވަރަކަށް މުރުތަސިމް ހޯދިޔަސް ، މީރަބެއް ނުފެންނާނެއެވެ. އެއީ ، މުރުތަސިމްޚާނަކީ ކާކުކަން ރަނގަޅަށް ނޭނގޭތީ ރުޤިއްޔާއަށް ހީވާގޮތެވެ.
" އަހަރެމެން މިތިބީ މީރަބާ އެކުގައެވެ. މީރަބަކީ އަހަރެންގެ ދަރިޔެކެވެ. އަހަރެމެން މީރަބަށް ރައްކާތެރިކަން ދާނަމެވެ. ތިޔަ މުރުތަސިމްޚާން ކީއްކުރަން ހެއްޔެވެ ؟ އެއްވެސް މީހެއްގެ ފަރާތުން މީރަބަށް ތަކުލީފެއް ލިބުނަކަ ނުދޭނަމެވެ. " ރުޤިއްޔާ ބުންޏެވެ.
މުރުތަސިމް އަންނާނެ ވަޤުތަކަށް ރެޔާއި ދުވާލު ޙަޔާ އިންތިޒާރު ކުރެއެވެ. އެހެން ހުއްޓާ އެރޭގެ ދަންވީފަހުން މުރުތަސިމް އައިސް ގެޔަށް ވަތްއިރު ، ސިޓިންގރޫމުގައި ޙަޔާ ކޮޅަށް ހުއްޓެވެ. މުރުތަސިމް އެއައީ ކޮންތާކުންތޯއާއި ، ކުރީރޭ ދިޔަގޮތަށް ދެދުވަސް ވަންދެން ގެޔަށް ނައިސް އެއައީ ކޮންތާކު އުޅެފައިތޯ ޙަޔާ ސުއާލު ކުރިއެވެ. ރޭގަނޑާ އަދި ދުވާލުގެމަތިން މުރުތަސިމަށް ހަނދާންކޮށް ނުދިނުމަށް ޙަޔާގެ ކިބައިން މުރުތަސިމް އެދުނެވެ. ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި އޭނާ އެއުޅޭ އުނދަގޫ ޙާލަތު ޙަޔާއަކަށް ނޭނގޭނެއެވެ.
" ކޮންމެހެން އުނދަގުލާއި ތަކްލީފުގައި މުރުތަސިމް އުޅޭނެކަމެއް ނެތެވެ. މުރުތަސިމް ދޫކޮށްލާފައި ، ރޮހޭލާއެކު ފިލައިގެން އެދިޔައީ މީރަބެވެ. މީރަބްދެކެ މުރުތަސިމްގެ ހިތުގައި އޮންނަންޖެހޭނީ ފޫއްސާއި ނަފްރަތެވެ. " ޙަޔާ ބުންޏެވެ.
މީހަކުދެކެ ލޯބިވުމަކީ އިންސާނާގެ އިޚްތިޔާރުގައި އޮންނަކަމެއްނޫނެވެ. ހަމަ އެބީދައިން ، ފޫހިވުމަކީވެސް އިންސާނާގެ އިޚްތިޔާރުގައި އޮންނަކަމެއް ނޫންކަމަށް މުރުތަސިމް ބުންޏެވެ. ޙަޔާއަށްވުރެ ބޮޑަށް އެކަން އެނގޭނީ އެހެން ކާކަށްތޯ މުރުތަސިމް ސުއާލު ކުރިއެވެ. ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު މުރުތަސިމް ގޮސް ކޮޓަރިޔަށް ވަނެވެ. ކޮޓަރިޔަށް ގޮސް ވަނުމާއެކީ ، މީރަބާ ދިމާލަށް އެކިފަހަރުމަތިން ، ޚާނަމްބުނެފައިވާ ނުރުހުމުގެ ބަސްތައް މުރުތަސިމް ގެ ކަންފަތްދޮށުގައި ތަކުރާރުވަމުން ދިޔައެވެ.
" މީހަކު ހޯދާކަމަށް ވަންޏާ ރޮހޭލް ހޯދާށެވެ. މުރުތަސިމަށް މީރަބް ފެންނާނީ ރޮހޭލްގާތުގައި ހުއްޓައެވެ. އަހަރެން ހީކުރީ ، އެއީ އަންވަރުގެ ދަރިއެއްކަމަށް ވާތީ ، ހަމައެކަނި ގޮތް ދޫނުކުރާނީ ކަމަށެވެ. އެކަމަކު ، ލަދެއް ޙަޔާތެއްނެތި ހިލޭ ފިރިހެނުންނާއެކީ ގުޅުންތަކެއް ހިންގަފާނެކަމަކަށް ހިއެއް ނުކުރަމެވެ. އެންމެ ބޮޑަށް އަހަރެން ޙައިރާންވަނީ ، އަހަރެންގެ ޖަވާހިރެއްފަދަ ފިރިހެންދަރިފުޅު ދޫކޮށްލާފައި ދިޔައިމައެވެ. މުރުތަސިމާ ކައިވެނިކުރަން މީރަބް އިންކާރުކުރީ ކީއްވެގެންކަން މުރުތަސިމަށް މިހާރު އެނގޭނެއެވެ. މިހާރުވެސް ، މީރަބް އެގެންދަނީ ރޮހޭލާ އޮތްގުޅުން ދަމަހައްޓަމުންނެވެ. އެހުރިހާ ޙަޤީޤަތެއް އެނގިހުރެ ، މީރަބްގެ ފުރާނަދުއްވައިނުލާ ތިހުންނަނީ ކީއްވެހެން ހެއްޔެވެ ؟ ވީ އެންމެ އަވަހަކަށް ، މީރަބް ހޯދައިގެން ގެނެސް ، މީރަބް ވަރިކޮށްފައި ، އެ އަންހެންކުއްޖާއާ އަހަރެމެންނާ ދެމެދު އޮތް ގުޅުން ނިންމައިލާށެވެ ! " ޚާނަމް ބުނެފައި ވެއެވެ.
މުރުތަސިމްގާތަށް އައި ރުޅީގައި އެނދުގައި އަޅާފައި އޮތް ބެޑްޝީޓްގައި ހިފައި ތަޅުންމައްޗަށް ހޫރައިލިއެވެ. އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ކޮޓަރިތެރޭ އެނބުރެމުންގޮސް ، އެތާހުރި މާއަޅާ ކަންވާރެއް ނަގައި ކުރިމަތީހުރި ލޯގަނޑަށް އަމާޒުކޮށް ހޫރައިލިއެވެ. ލޯގަނޑު ތަޅައިގެންދިޔަ އަޑުފައްގަނޑު މުޅި ގޭތެރެޔަށް އިވިގެން ދިޔައެވެ. ޚާނަމް އާއި ޙަޔާވެސް އެއިވުނު އަޑުފައްގަނޑަށް މުރުތަސިމްގެ ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ.
ޚާނަމްއާއި ޙަޔާ ، މުރުތަސިމްގެ ކޮޓަރީގެ ދޮރުމަތީ ތިއްބާ ، ކޮޓަރިތެރެއިން ނުކުމެ އެދެމީހުންގެ މެދުންލާފައި އެތަނުން މުރުތަސިމް ނުކުތެވެ. ޚާނަމް އާއި ޙަޔާ ދުވެފައިގޮސް ކޮޓަރިޔަށް ވަތްއިރު ކަމަކު ދާކަށް ނެތެވެ. އެކޮޓަރިތެރެ އޮތީ އެކޮޅުކޮޅުން ޖަހައިލާފައެވެ. ސީދަލަށްހުރި އެއްވެސް އެއްޗެއް އެތާކު ނެތެވެ. އެކޮޓަރީގެ ހުރިހާ އެއްޗެއް ބަދަލުކުރުމަށް ނޯކަރުންނަށް އެންގުމަށް ޙަޔާގާތު ، ޚާނަމް ބުންޏެވެ. އެކޮޓަރީގައިހުރި ކޮންމެ އެއްޗެއް ، މީރަބްގެ މަތިން މުރުތަސިމަށް ހަނދާން ކޮށްދޭނެއެވެ. ޚާނަމް ބޭނުންވީ ، މުރުތަސިމްގެ ހިތުގައި ބިންވަޅު ނެގިފައިވާ މީރަބްގެ ހަނދާންތައް ، މުރުތަސިމްގެ ހިތުން ފުހެލުމަށެވެ. މީރަބަކީ އޭނާގެ ދަރިފުޅުގެ ބަދުނަޞީބުކަމުގައި ޚާނަމް ބުންޏެވެ. އަދި ، މީރަބާ ދިމާލަށް އެއްޗެތި ކިޔައި ބަދުދުޢާ ކުރަމުން ގެންދިޔައެވެ. ޙަޔާހުރީ ، އެކަމަށް ހިތްވަރުދީ ، އަނދަމުންއެދާ އަލިފާންގަނޑަށް ދަރުއަޅާށެވެ. އެންމެ ތަންފުކެއްވެސް ޙަޔާ ދުލެއް ނުކުރެއެވެ.
މީރަބް ބަލިވެގެން ، ރުޤިއްޔާ ކަންބޮޑުވެފައިހުރެ ، ފާރޫޤާ ގުޅައިގެން ގެނެސް ޑޮކްޓަރަށް ދައްކަން ދިޔައެވެ. އެގެޔަށް ވަތްފަހުން ، މީރަބް އަދި ބޭރަކަށް ނުނުކުމެއެވެ. އެދުވަހުވެސް ޑޮކްޓަރަށް ދިޔައީ ރުޤިއްޔާ ކިޔާކިޔާ ނުހުއްޓައިގެންނެވެ. ރުޤިއްޔާއާއި ފާރޫޤުތިބީ ، މީރަބަށް ވެގެން އުޅޭގޮތެއް ނޭނގި ކަންބޮޑުވެފައެވެ. ކްލިނިކަށް ދެވުމާއެކީ ، މީރަބް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރ ބުނިގޮތުގައި ކަންބޮޑުވާނެ އެއްވެސްކަމެއް ނެތެވެ. އޮތީ އުފާކުރަންވީ ކަމެކެވެ. މީރަބް އިނީ ބަލިވެއެވެ. ޑޮކްޓަރ އެބުނި ވާހަކަޔަކުން ، މީރަބްވެސް ، ރުޤިއްޔާވެސް އަދި ފާރޫޤުވެސް ދެލޯބޮޑުވިއެވެ. ފާރޫޤާއި ރުޤިއްޔާއާ ދެމީހުންވެސް ޙައިރާންކަމާއެކީ ، މީރަބާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. މީރަބްގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ކަންބޮޑުވުމެވެ. ޙައިރާންކަމާއި ބިރުވެރިކަމެވެ. އުފާވެރިކަމުގެ އިޙްސާސެއް ނެތެވެ.
މުރުތަސިމް ބޭރަށްގޮސް އައިއިރު ، އޭނާގެ ކޮޓަރީގެ ހުރިހާ އެއްޗެއް ހުރީ ބަދަލު ކުރެވިފައެވެ. އެކަންކުރީ ކާކުތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެކަންކުރީ ޙަޔާކަމަށް ޚާނަމް ބުންޏެވެ. އެއީ ކީއްވެގެންތޯ ޙަޔާއާ މުރުތަސިމް ސުއާލުކުރިއެވެ. މުރުތަސިމްގެ ސުއާލަށް ޖަވާބުދިނީ ޚާނަމްއެވެ. އެއީ ކޮޓަރީގައިވާ ތަކެތި ހަލާކުކޮށްފައި ދިޔައިމަ ބަދަލުގައި އާ އެއްޗެތި ކޮޓަރިޔަށްލާން އެމީހުން ބޭނުންވެގެންކަމުގައި ޚާނަމް ބުންޏެވެ. އެހެންނޫނަސް ، އެއެއްޗިއްސަކީ ، މީރަބްގެ ހަނދާންތަކާ ގުޅިފައިވާ ތަކެއްޗެވެ. އެތަކެތި އެތާ ހުރިއްޔާ މުރުތަސިމަކަށް މީރަބްގެމަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. މުރުތަސިމަށް މިހާރު އެންމެ ރަނގަޅުވާނީ މީރަބްމަތިން ހަނދާން ނުކުރިއްޔާއެވެ. އެއީ ، އޮޅުކަމުން މުރުތަސިމްގެ ޙަޔާތަށް އައިމީހެއްކަމުގައި ބަލާށެވެ !
" ހަމަ މިހާރު މިވަޤުތު ، ކުރިން އެކޮޓަރީގައިހުރި ހުރިހާ އެއްޗެއް އަލުން އެކޮޓަރިޔަށް ލާން އަހަރެން ބޭނުމެވެ. " މުރުތަސިމް ބުންޏެވެ.
އެހެންވިއްޔާ އެތަކެތި ހަލާކުކުރީ ކީޢްވެތޯ ޚާނަމް ސުއާލު ކުރިއެވެ. އެއީ އޭނާ ބޭނުންވާ ގޮތްކަމަށާއި އޭނާ ކަންކުރާނީ އޭނާގެ ހިތްބުނާގޮތަށްކަމަށް މުރުތަސިމް ބުންޏެވެ. އެއީ މީރަބްވެސް މުރުތަސިމާ ދިމާލަށް ކުރިން ބުނަމުން އައި ބަހެކެވެ.
މީރަބްގެ މަތިން މުރުތަސިމް ހަނދާން ނައްތައިލުމަށް ޚާނަމް އެންގިއެވެ. މީރަބޭކިޔާ މީހަކު ، މުރުތަސިމްގެ ޙަޔާތަށް އައިކަން ހަނދާން ނައްތައިލާށެވެ ! މީރަބް ހޯދުމުގެ މަސައްކަތް ހުއްޓައިލުމަށް ، މުރުތަސިމަށް ޚާނަމް އެންގިއެވެ.
އެކަން އެއްވެސް ޙާލެއްގައި ނުހުއްޓާނެކަމަށް މުރުތަސިމް ބުންޏެވެ. މުރުތަސިމްގެ ހިތުން މީރަބްގެ ހަނދާން ނައްތައެއް ނުލާނެއެވެ. އަދި މީރަބް ހޯދުމުގެ މަސައްކަތްވެސް ހުއްޓައެއް ނުލާނެއެވެ.
" އަހަރެން ، އަހަރެންގެ ހޮބީއާއި ހުވަފެންތައް ، މިޢާއިލާގެ ލާބަޔަށް ދޫކޮށްލިގޮތަށް ، ޢާއިލާގެ އިސްމަޤާމްވެސް ދޫކޮށްލަފާނަމެވެ. މީރަބާ އަހަރެން ކައިވެނިކުރީ ، މަންމަ ބުނެގެންނެވެ. އެކަމަކު ، މަންމަ ބުންޏަސް ، އަހަރެންނެއް މީރަބެއް ދޫކޮށެއް ނުލާނަމެވެ. މީރަބް ހޯދުމުގެ މަސައްކަތް ، ޤިޔާމަތަށް ދާނދެން އަހަރެން ކުރިޔަށް ގެންދާނަމެވެ. އަހަރެންނަށް މީރަބް ލިބުނަސް އަދި ނުލިބުނަސް ، މީރަބް ހޯދުމުގެ މަސައްކަތް އަހަރެން ހުއްޓައެއް ނުލާނަމެވެ. " މުރުތަސިމް ދެލޯބޮޑުކޮށްގެންހުރެ ، ހަރުކަށިކަމާއެކީ މަންމަޔާ ދިމާލަށް ބުންޏެވެ.
" އަހަރެންގެ ކޮޓަރިޔަށް ކަލޭ ވަދެގެން ނުވާނެއެވެ. އަހަރެންގެ ކޮޓަރިޔާ ދުރުގައި ހުންނާށެވެ ! އެހެންނޫނީ މި ގެ ، ލޮލަށް ނުފެންނަ ހިސާބަށް އަހަރެން ކަލޭ ފޮނުވައިލާނަމެވެ. " ޙަޔާއާ ދިމާލަށް އިނގިލި ދިއްކޮށްގެން ، ރުޅިއައިސް ރަތްވެފައިހުރެ މުރުތަސިމް ބުންޏެވެ.
ޙަޔާހުރީ ދެލޯ ބޮޑުވެފައެވެ. މުރުތަސިމް އެތަނުން ދިއުމާއެކު ، އޭނާ ދެން ހަދާނީ ކިހިނެއްތޯ ޙަޔާ ސުއާލު ކުރިއެވެ. މުރުތަސިމަކީ ، ސިންގާއެއްފަދަ ރުޅިގަދަ ނުރައްކާތެރި މީހެއްކަމަށާއި ، ސިންގާގާތަށް ރުޅި އަތުވެއްޖެނަމަ ، މުޅި ޖަންގަލި ކުއްލިޙާލަތަށް އަންނާނެއެވެ. ޚާނަމް އެބުނި ވާހަކައެއް ޙަޔާއަކަށް ނުނެގުނެވެ. އެހެނަސް ، އިތުރު އެއްޗެކޭ ނުބުނެ ، ޚާނަމް އެތަނުން ނުކުމެގެން ދިޔައެވެ.
މީރަބް ގެޔަށް އައީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ގެޔަށް އައިސް އެންމެންގެ ކުރިމަތީ ކުށްވެރިޔެއްހެން ކޮއްޅަށް ހުންނަން މަޖްބޫރުވިއެވެ. ކުށްވެރިއެއް ފަދައިންނެވެ. މީރަބްގެ އެއްވެސް މީހަކު މިދުނިޔޭގައި ނެތްކަމަށް އެމީހުންގާތު މީރަބް އައީ ބުނަމުންނެވެ. މީރަބްގެ އެއްވެސްމީހަކު ދުނިޔޭގައި ނެތްނަމަ ، މީރަބް ބަލިވެއިންގޮތަކާމެދު ، މީރަބާ ސުއާލު ކުރެވުނެވެ. އަނގައިން ނުބުނެ މީރަބް ހުރުމާއެކީ ، އެމީހުންގެ ސުއާލުތަކަށް ޖަވާބު ދިނުމަށް ރުޅިއައިސްހުރެ ފާރޫޤު ހަޅޭއްލަވައިގަތެވެ. ޚާލިދަށް އެކަން ކަމުނުގޮސްގެން ފާރޫޤު މަޑުން ހުރުމަށް އެންގިއެވެ.
" މީނާ މަގުމަތިވެފައި ވަނިކޮށް ގޮވައިގެން ގެނެސް މިގެޔަށް ލައި ބޭބެއާއި ދައްތައާ މީނާ ޙަވާލުކުރީ އަހަރެންނެވެ. އަޅައިލާނެ މީހެއް ނެތްކަމަށް ބަލައިފައެވެ. އަހަރެމެން ތިންމީހުން މިތިބީ މިއީ އަހަރެމެންގެ މީހެއްކަމަށް ބަލައިގެންނެވެ. އެކަމަކު މީނާއެއް ، އަހަރެމެންނަކީ އޭނާއާ ބެހޭ ބަޔެއްކަމަކަށް ނުދެކެއެވެ. އެހާ ބޮޑު އޮޅުވައިލުމެއް އަހަރެމެންނަށް މީނާ އެ އޮޅުވައިލީ އެހެން ވެގެންނެވެ. " މީރަބާ ދިމާލަށް ފާރޫޤު އަޅޭއްލަވަމުން ގެންދިޔައެވެ.
ތެދަށް ބުނުމަށް މީރަބްގެ ކިބައިން ރުޤިއްޔާވެސް އެދުނެވެ. ޚާލިދުވެސް އެކަމަށް އެދުނެވެ. އެމީހުންނަށް އޮޅުވައިލީ ކީއްވެގެންތޯ ސުއާލު ކުރަމުން ގެންދިޔައެވެ. އެމީހުންނަށް ދޮގުހެދީ ކީއްވެގެން ހެއްޔެވެ ؟ މީނާ އެހެދި ދޮގާއި އޮޅުވައިލުމުގެ ޙަޤީޤަތުން އެއްބައި އެމީހުންނަށް މިއަދު އެ އެނގުނީކަމަށް ފާރޫޤު ބުންޏެވެ. ބާކީ އޮތްބައި މީރަބްގެ ދުލުން ބުނުމަށް ފާރޫޤު އެދުނެވެ.
" ޙަޤީޤަތަށް ތެދަށް ބުނުމުގެ ހިތްވަރު އަހަރެންގައި ހުރިނަމަ ، އަހަރެން މިގެޔަށް ގެނެވުނުރޭ ، އެވާހަކަތައް އަހަރެން ކިޔައިދިނީމުހެވެ. ފާރޫޤު އަހަރެންނާ ތި ސުއާލުތައް ކުރަމުން ގެންދަނީ ކޮން ޙައިޞިއްޔަތަކުން ހެއްޔެވެ ؟ މީރަބް ބުންޏެވެ.
އޭނާގެ ޙައިޞިއްޔަތަކީ ، ނާސިގެޔަކަށް ސިފައިންވަދެ އެތާތިބި އަންހެނުންނާއި ފިރިހެނުން ޖަލަށް ގެންދިޔަ އެރޭ ، ސައިކަލްގައި މަގުމަތިން އައި ދެމީހަކު މީރަބް އަތުލައިގަނެގެން ގެންދަން އުޅުނުރޭ ، މީރަބަށް ހަމްދަރްދީވެ ، އެއްވެސް ލާރިޔަކާ ނުލައި މީރަބްގެ ރަޙްމަތްތެރިޔާގެ ގެޔަށް ގެންގޮސްދީ ، ޙާލުގައި ޖެހުނު ވަގުތު ، ހިތަށް އަސަރުކޮށްގެން ، މިގެޔަށް ގެނެސްދިން މީހަކަށް ޙައްޤު ޙައިޞިއްޔަތުކަމަށް ފާރޫޤު ބުންޏެވެ. އެތާއެތިބަ ދެމަފިރިންގެ ލޯތްބާއި ކުލުނު މީރަބަށް ހޯދައިދިނުމުގެ ޙައިޞިއްޔަތެވެ. އެކަމަކުވެސް ، އަހަރެންގެ ޙައިޞިއްޔަތާމެދު މީރަބަށް ސުއާލުކުރަން ކެރުނީ ކިހިނެއްތޯ ފާރޫޤު ސުއާލު ކުރިއެވެ.
މުރުތަސިމްޚާން އެއީ ، މީރަބްގެ ފިރިމީހާ ނޫންތޯ ފާރޫޤު ސުއާލު ކުރިއެވެ. މީރަބަށް އަޑުގެ ނެތްތަނަށް އާނއެކޭ ބުނެވުނެވެ. ނަސީބު ދެރަކަމުން މުރުތަސިމްޚާނަކީ އޭނާގެ ފިރިމީހާއެވެ.
" އަހަރެންގެ ޙަޤީޤަތަކީ އެއީއެވެ. އަހަރެން މިއުޅެނީ އޭނާއަށް ފިލައިގެންނެވެ. އަހަރެން ، އޭނާއާއެކީ އުޅެން ބޭނުން ނުވަންޏާ އެއްވެސް މީހަކަށް އެކަމަށް އަހަރެންނަށް މަޖްބޫރެއް ނުކުރެވޭނެއެވެ. އެކަމާބެހޭގޮތުން ސުއާލެއްވެސް ނުކުރެވޭނެއެވެ. މި އަނިޔާވެރި ތަކްލީފު އަހަރެން މިއުފުއްލަނީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައެވެ. " މީރަބް ބުންޏެވެ.
ފިރިމީހާ ދޫކޮށްލާފައި ފިލައިގެން މީރަބް އެއައި ސަބަބަކީ ކޮބައިތޯ ރުޤިއްޔާވެސް ސުއާލު ކުރިއެވެ. އެއީ ، އޭނާގެ އަމިއްލަ ޒާތީކަމެއްކަމަށް މީރަބް ބުންޏެވެ. އޭނާއަށް އެ ސުއާލުގެ ޖަވާބު ދެވޭކަށް ނެތެވެ. އަނެއްކާވެސް އަނެއް ދޮގުހަދަނީކަމަށް ފާރޫޤު ބުންޏެވެ. މިގޭގައި މީރަބް ހުރިކަން އެނގިއްޖިއްޔާ އެ ތިންމީހުން ދިރިހުއްޓާ ދޫކޮށެއް ނުލާނެއެވެ. އެހިސާބުން އެމީހުންގެ ދުވަސް އެ ދިޔައީއެވެ. އެ މައްސަލަޔަކީ ، މީރަބްގެ މައްސަލައެއްކަމަށާއި އެއިން އެކަކަށްވެސް މިކަމާގުޅިގެން އެއްވެސް އަދަބެއް ނުލިބޭނެކަމަށް މީރަބް ބުންޏެވެ. އެއީ ކިހިނެއްވާނެ ކަމެއްތޯ ފާރޫޤު ސުއާލު ކުރިއެވެ. މުރުތަސިމްގެ އަތްދަށުން މީހަކު ސަލާމަތްކުރުމަކީ ، މީރަބަށް ކުރެވޭނެކަމެއްނަމަ ، މުރުތަސިމަށް ފިލައިގެން އުޅެންވީ ކީއްވެ ހެއްޔެވެ ؟ މިގޭގައި މީރަބް ހުރިކަން މުރުތަސިމަށް އެނގިއްޖިއްޔާ މިތިބަ މުސްކުޅި ދެމަފިންގެ ދުވަސް ދާނެކަމަށް ފާރޫޤު ބުންޏެވެ.
އެހެންކަމަށް ވަންޏާ އެހިސާބުން އޭނާ އެގެއިން ނުކުމެގެން ދަނީކަމަށް މީރަބް ބުންޏެވެ. އޭރަކަށް އެތިން މީހުންކުރެ އެކަކަށްވެސް ކަމެއް ނުވާނެއެވެ. އޭނާގެ ސަބަބުން ، އެއްވެސް އިންސާނަކަށް ގެއްލުމެއް ލިބޭކަށް މީރަބެއް ނޭދެއެވެ. މީރަބް ގެއިން ނުކުންނަން ހިނގައިގަތުމާއެކީ ، މީރަބް ހުއްޓުވުމަށް ، ރުޤިއްޔާއާއި ޚާލިދު ، ފާރޫޤުގެ ކިބައިން އެދުނެވެ. މީރަބަށް ގެއްލުމެއް ލިބިއްޖިއްޔާ އެއިން އެކަކުވެސް އެމީހުންގެ އަމިއްލަ ނަފްސަށް މަޢާފެއް ނުކުރާނެއެވެ. މީރަބް އެއިން ޙާލުގައި ، އޭނާ ދާނީވެސް ކޮންތާކަށް ހެއްޔެވެ ؟ މީރަބާ އަޅައިލާނީ ކާކު ހެއްޔެވެ ؟
އެގެއިން ބޭރަށް ނުކުތުމަށްޓަކައި ، މީރަބް މަޑުމަޑުން ހިނގައިގަތެވެ. އެހެންނަމަވެސް ، ފާރޫޤު ގޮސް މީރަބްގެ މުރިމައްޗަށް އަރައި އޭނާ ހުއްޓުވިއެވެ. އަދި ، އޭނާ އެދަނީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. މީރަބަކަށް އޭނާ ދާނެ ތަނެއް ނޭނގެއެވެ. ކޮންމެވެސް ތާކަށް ދާނީއެވެ. ވިސްނައިނުލާ މީރަބާ ދިމާލަށް އޭނާއަށް އެކިޔުނީ ރަނގަޅު އެއްޗިއްސެއްނޫންކަމަށް ފާރޫޤު އެއްބަސްވިއެވެ. އޭނާއަށް އެ ހެދުނީ ގޯހެކެވެ. މާބޮޑަށް ރުޅި އާދެވުނީއެވެ. މީރަބަށް އެ ގެއިން ނުކުމެގެން ފައިއެޅޭނީ މަގަށް ކަމަށާއި އެއްވެސް ގެޔަކަށް ނޫންކަމަށް އަދި ، މަގުގައި މީރަބްގެ އެއްވެސް މީހަކު ނުހުންނާނެކަމަށް ފާރޫޤު ބުންޏެވެ. އަމިއްލަ ނަފްސަށް ނޫންކަމަށްވަންޏާ މީރަބްގެ ބަނޑުގައި އޮތް ދަރިފުޅަށްޓަކައިވެސް އެކަމާމެދު ވިސްނައިލުމަށް ފާރޫޤު އެދުނެވެ. ބަފަޔަކާއި މަޔެއްފަދަ ޚާލިދުބޭބެ އާއި ރުޤިއްޔާ ދައްތައާމެދު ވިސްނައިލުމަށް އެދުނެވެ. ދަރިއެއްފަދައިން ، އެދެމީހުން މީރަބްދެކެ ލޯބި ވެއެވެ. އެއީ ، މިކަހަލަ ބަދުނަޞީބު ވަގުތެއްގައި ، އިންސާނަކަށް ނުލިބޭނެފަދަ ނިޢުމަތެކެވެ. އެމީހުންނަށް މަޢާފުކޮށް ، އެގޭގައި މަޑުކުރުމަށް މީރަބްގެ ކިބައިން ފާރޫޤު އެދުނެވެ. މީރަބް ގެޔަށް ވަނުމާއެކީ ، ރުޤިއްޔާ އައިސް މީރަބްގެ ގައިގައި ބައްދާލައިގެންހުރެ މީރަބަށް ޚާއްޞަކުރެވިފައިހުރި ކޮޓަރިޔަށް ގެންދިޔައެވެ.
" ދަރިފުޅާއެވެ ! މީގެފަހުން އަހަރެމެންކުރެ އެކަކުވެސް ދަރިފުޅަކާ އެއްވެސް ސުއާލެއް ނުކުރާނަމެވެ. ތިއީ ، އަހަރެންގެ ދަރިއެކޭ މިބުނަނީ ، ދަރިއެއްކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް ، އެކަން ބަލައިގަނެގެންކަން ﷲ ތަޢާލާ ދެނެވޮޑިގެން ވާނެއެވެ. ބަނޑުގައި ތިއޮތް ދަރިފުޅަކީވެސް ، އަހަރެމެންގެ ދަރިފުޅެކެވެ. އަހަރެންގެ މާމަ ދަރިއެކެވެ. އެއްވެސްކަމަކާ ކަންބޮޑު ނުވާށެވެ ! " ރުޤިއްޔާ ބުންޏެވެ. ( ނުނިމޭ )
