ކާޅަކީ ، އެސޮރުމެންގެ ދިރިއުޅުމުގައި ޢަޖައިބެއްފަދަ އާދަކާދަ އަކާއި އެއްބައެއްވަންތަކަން ޤާއިމްވެފައި އޮންނަ ޠާބީޢަތެއް ގެންގުޅޭ ދޫންޏެކެވެ. ކާޅުގެ ޠަބީޢަތް އެންމެ ރަނގަޅަށް ފެންނާނީ ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނެވެ. މާލޭގައި ކާޅު ވަރަށް މަދެވެ. އެހެނަސް ވިލިގިއްޔާއި ހުޅުމާލޭގައި ކޮންމެވެސް ވަރަކަށް ކާޅު އުޅެއެވެ.
ކާޅުގެ ޠަބީޢަތަކީ ، ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނަ ސިފަތަކެއްނޫނެވެ. ދެބަސްވެ ބައިބައިވެ ، އަމިއްލަ އެދުން އިސްކޮށް އަނެއްކާޅަށް މޮޅެއް ނުލިބުން އެއީ ކާޅުގެ މިޒާޖުގައި ހުންނަ ސިފަތަކެއްނޫނެވެ. ކޮންމެ ޙާލެއްގައިވެސް ، އެއްބައެއްވަންތަކަން ޤާއިމްކޮށް ، ދެބަސްވާ ޙާލަތްތަކުގައި ، މަޝްވަރާކޮށް ، އެންމެން އެއްބަސްވާގޮތަކަށް އެކަމެއް ޙައްލުކޮށް ، ޖަމާޢަތުގެ އެންމެން އެއްގަލަކަށް އެރުމަކީ ކާޅުގެ ޠަބީޢަތުގައި އޮންނަ ރީތި ސިފައެކެވެ. ކާޅުގެ ޠަބީޢަތުގައި ހަރުލައްވާފައިވާ ، ބަދަލެއް ނުގެންނަ ހަމަތަކާއި އުޞޫލުތަކަކީ ، ކާމިޔާބީގެ މަގުން ދަތުރުކުރުމަށް އެއްބައެއްވަންތަކަން ، ދަމަހައްޓަންޖެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގްރޫޕާއި ޕާޓީތަކަށް ، ވަރަށް މުހިންމު ސިފަތަކެކެވެ.
ޖުމްލަ ގޮތެއްގައި އިންސާނީ ޢާއިލާތަކާއި އިންސީންގެ ޖަމާޢަތްތަކުން ޢަމަލުކުރަންޖެހޭ ، އެއްބައެއްވަންތަކަމުގެ މާތްސިފަ ، ކާޅުގެ ޠަބީޢަތުގައި ހަރުލައްވާފައި ވެއެވެ. ބައިބައިވެ ދެބަސްވުމަކީ ، އަދި އެހެންމީހަކަށް މޮޅެއްލިބުމަށް ހިތްނޭދުމަކީ ، އަމިއްލަ އެދުން އިސްކުރުމަކީ ، ޖަމާޢަތް ރޫޅިގެންގޮސް ހަމަޖެހުމާއި ކާމިޔާބީއަށް އެޅޭ ހުރަސްކަން ، ކާޅަށް އެނގޭއިރު ، އިންސީންގެ ޢާއިލާތަކާއި ޖަމާޢަތްތަކަށް އެކަން ނޭނގުމަކީ ދެރަކަމެކެވެ.
އިރޮއޮއްސޭވަގުތު ، ރާއްޖޭގެ މީހުންދިރިއުޅޭ ބައެއް ރަށްރަށުން ފެންނަ މަންޒަރެކެވެ. ޚާއްޞަކޮށް ، ކައިރީގައި ފަޅުރަށެއް އޮންނަ ، މީހުންދިރިއުޅޭ ބައެއް ރަށްރަށުންނެވެ. ބަނޑުހައިކަން ފިލުވުމަށް ، އެތައްމިތަނަށް އުދުހި ، ދުވާލުގެ ބުރަމަސައްކަތް ނިންމާފައި ، ކައިރީގައި އޮންނަ ފަޅުރަށަށް ނިދަންދާ ، ކާޅުގެ ޖަމާޢަތްތައް ފެންނާނެއެވެ. އެތައް ކާޅެއް އެ ޖަމާޢަތުގައި ހިމެނޭނެއެވެ. އުދުހިފައިދާނީ އެކީގައެވެ. ހުރިހާ ކާޅެއްގެ ކުރީގައި ނަގައިކިޔަން އެއްކާޅު އޮވެއެވެ. އެންމެންވެސް ދަތުރުކުރާނީ އިސްކޮށް އޮންނަ ކާޅު ދަތުރުކުރާ މަގުންނެވެ. އެހެނަސް ، ދަތުރުމަތީގައި ޚިޔާލު ބަދަލުވެގެން އެ ޖަމާޢަތާ ވަކިވާ ކާޅު ފެންނާނެއެވެ. ދެބަހެއްވެ ނުވަތަ ޚިޔާލު ބަދަލުވެ ، އަނބުރާ ފުރި ރަށަށް އަންނަން ބޭނުންވެގެން ބޮޑު ޖަމާޢަތް ދޫކޮށް ، ކޮޅު ބަދަލުކޮށްލަނީއެވެ. އަދި ، އެފަދަ ކާޅެއް ކޮޅު ބަދަލުކޮށްލީމަ ، އެ ކާޅާ އެއްބައިވެގެން އޭގެ ފަހަތުން ، ކޮޅުބަދަލުކޮށްލާ ކާޅުވެސް އުޅޭނެއެވެ. އެހެނަސް އެއީ ، މަދު ކާޅެކެވެ. ކާޅުގެ ބޮޑު ޖަމާޢަތް އޭރު އޭގެ މިޞްރާބަށް ދަތުރު ކުރަމުން ދާނެއެވެ. އެންމެ ކުރީގައި ، މަގުދައްކަން އޮންނަ ކާޅު ، އެސޮރުގެ މަސްއޫލިއްޔާތާއި ވާޖިބު ، ފުރިހަމަޔަށް އަދާކުރާނެއެވެ. ކޮންމެ ޙާލަތެއްގައިވެސް ، ކާންދީގެން ، ހަދިޔާ ދީގެން ، ނަޞޭޙަތްދީގެން ނުވިއްޔާ އަޑުލައިގެން އަދި އެވަރުން ނުވިއްޔާ އަދަބުދީގެން ކަމަށްވިޔަސް ، ހުރިހާ ކާޅުތަކެއް އެއްޖަމާޢަތެއްގެ ގޮތުގައި ، އެއްބައެއްވަންތަކަމުގައި ދަމަހައްޓަން މަސައްކަތް ކުރާނެއެވެ. އިސްކާޅާ އެންމެ ގާތުން އުދުހިދާ ކާޅުތަކުގެ މެދުގައި ދެބަސްވެ ޚިލާފު އުފެދުނަސް ، އެ ކާޅުތައް އެއްގަލަކަށް އަރުވާނެއެވެ. އެއްވެސް ޙާލެއްގައި ބައިބައި ވެގެންދިޔަކަ ނުދޭނެއެވެ.
ބޮޑުޖަމާޢަތާ ވަކިވެގެން ކޮޅު ބަދަލުކޮށްފައި ، ފުރި ރަށަށް އެނބުރި އަންނަން ބޭނުންވެގެން ކޮޅު އަނބުރައިލި ކާޅުތަކުން ބައެއް ކާޅު ، އަނެއްކާ ކޮޅު ބަދަލުކޮށްލައި ބާރަށް އުދުހިފައިގޮސް ، ބޮޑުޖަމާޢަތާ ގުޅޭތަންވެސް ފެންނާނެއެވެ. ބައެއްފަހަރަށް ކޮޅު ބަދަލުކޮށްލާ ހުރިހާ ކާޅެއް އަނބުރައިލާފައި ގޮސް ބޮޑު ޖަމާޢަތާ ގުޅޭނެއެވެ. މަދު ފަހަރަކު ، އެއްކާޅު ނުވަތަ ދެތިން ކާޅު ، ގޮތްދޫނުކޮށް ، ބޮޑު ޖަމާޢަތާ ނުގުޅި ، ފުރި ރަށަށް އަންނަތަންވެސް ފެނިދެއެވެ. އެ ހުރިހާކަމެއް ހިނގާއިރުވެސް ، ޖަމާޢަތް ފުރިއިރު ، ނަގައިކިޔަން ، ޖަމާޢަތުގެ ކުރިއަށް އަރައި އޮންނަކާޅު ، އެސޮރަށް ފެންނަ ގޮތަކަށް އުދުހެމުން ދާނެއެވެ. މަޖާވެސް ކުރާނެއެވެ. މައްޗަށް އަރައިލާ ތިރިވެ ، ފަރާތްފަރާތަށް ޖެހިލައި ހަދާނެއެވެ. އަދި އިސްކޮށް އޮންނަ ކާޅު އެޖަހާ ސަކަރާތުގައި ، ފަހަތުން ދަތުރުކުރާ ކާޅުގެ ޖަމާޢަތް ބައިވެރިވެ ، އެސޮރުމެންވެސް ސަމާސާކޮށް މަޖާކުރަމުން ދާނެއެވެ. އެއީ އެއްބައެއްވަންތަކަން ޤާއިމްކުރުމުގައި ، ﷲ ގެ ކުޅަދުންވަންތަކަމުގެ ތެރެއިން އިންސާނުންނަށް މަގުދެއްކެވުމަށް ، ޤުދްރަތީ ނިޒާމުގައި ލައްވާފައިވާ ކޮންފަދަ ރީތި މިސާލެއް ހެއްޔެވެ ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް ހެކިދައްކަވަނީ އެފަދައިންނެވެ. އެކަން އެނގި އޮޅުންފިލާނީ ، ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.
ކީރިތި ޤުރްއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 43 ވަނަ އާޔަތުގައި ، ﷲ ސުންޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ
މިއާޔަތުގެ މާނަޔަކީ ، " އަދި އެ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި ޢިލްމުވެރިންނަށް މެނުވީ، އެ މިސާލުތަކެއް ނުވިސްނޭނެތެވެ. "
ކީރިތި ޤުރްއާނުގެ އަލްޙުޖްރާތު ސޫރަތުގެ 10 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ
މިއާޔަތުގެ މާނަޔަކީ ، " މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. "
ދެބަސްވެ ، ބައިބައިވެ ރޫޅިދިއުމުގެ މިސާލުތައް އިންސާނުންގެ ތެރެއިން ފެނެއެވެ. ޢާއިލީ ދެބަސްވުންތަކުގައްޔާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕާޓީތަކުގެ މެދުގައި އެކަން ހިނގަމުން ދެއެވެ. ވަކިވެގަތުމަކީ ، ނިކަމެތިކަމެއްކަމުގައި ނޫނީ ނުވެއެވެ. އެކަތިގަނޑަކަށް ވެގެން އެކުގައި މަސައްކަތް ކުރުމުގެ ފޮނި ނަތީޖާވެސް ، ޢާއިލާތަކުގެ މެދުން ، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުން ، އަދި ޕާޓީތަކުގެ މެދުންވެސް ފެންނަމުން އެބަ ދެއެވެ. ކަނޑައެޅިގެން ، ޤުދްރަތީ ނިޒާމާ ދެކޮޅު އެ ފަލްސަފާއަށް އިންސާނުން ތަބާވާ ސަބަބަކީ ، އަމިއްލަ އެދުމެވެ. އެހެންމީހަކަށް ނުވަތަ ބަޔަކަށް ހެވެއް އަދި ރަނގަޅެއް ނޭދުމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ، އިންސާނާ މިދުނިޔެމައްޗަށް ފޮނުއްވީ ، އެއިންސާނާ އުޅެންވީ މަގު އަންގަވައިފައެވެ. އެމަގުން ހިނގާނެގޮތް ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ، މި އުއްމަތަށްވަނީ ދައްކަވާފައެވެ. ދުނިޔޭގެ އެދުމާއި މާއްދިއްޔަތަށް ހެއްލި ، ދުނިޔެ ފަސާދަކުރުމުގައި އެ އިންސާނާ އަވަދިނެތި އުޅޭކަށް ނުޖެހެއެވެ. އެހެނީ ، އެއީ ކަނޑައެޅިގެންހުރި ކަތިމަގެއްކަން ، ދުނިޔެ ދައްކަމުން ގެންދާތީއެވެ. ކާޅުގެ ޠަބީޢަތާއި މިޒާޖާ އަދި ދިރިއުޅުމުގައި އެ ގެންގުޅޭ މަތިވެރި އަޚްލާޤުން އެކަނިވެސް ، އިންސާނުންނަށް ފިލާވަޅެއް ނުލިބޭ ހެއްޔެވެ ؟ އެއިންސާނާގެ ދަރަޖަ އުފުއްލަވައި ، އެހެން ހުރިހާ އެއްޗަކަށްވުރެ ބާރުގަދަ ސިކުނޑިއެއް މިންވަރު ކުރައްވާފައިވާއިރު ، އެފަދަ ދޫނިސޫފާ ސޫތްޕަށްވުރެ އިންސާނާ މަތިކުރެއްވިކަން ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ ؟ މިހުރިހާ ސުއާލުތަކެއްގެ ޖަވާބަކީ ، އަމިއްލަ އެދުމާއި އެހެންމީހަކަށް ހެވެއް އަދި ލާބައެއް ލިބުމަށް ނޭދުމެވެ.
މި ހިސާބުން ، މިލިޔުމުގެ އަޞްލު މަވްޟޫޢުކަމުގައިވާ ކާޅުގެ ދިރިއުޅުމުގައި އަދި އެސޮރުމެންގެ ޠަބީޢަތުގައި ލައްވާފައިވާ ސިފަތަކުގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ.
ކާޅަކީ ، ވިސްނުންތޫނު ރިވެތި އާދަކާދަތަކެއް ލައްވާފައިވާ ދޫންޏެކެވެ. އަލިގަދަ އޮފްއަރާ ތަކެއްޗަށް ، އެސޮރު ލޯބި ކުރެއެވެ. ދިރިއުޅުމުގެ އެކި ޙާލަތްތައް ޢަދްލުވެރިކަމާއި އިންސާފާއެކީ ޙައްލު ކުރެއެވެ. އެއީ ، އެކަންކަމަށް ވިސްނައި ފިކުރުކޮށްފިނަމަ ، އިންސާނުންނަށް އެތައް ފިލާވަޅުތަކެއް ލިއްބައިދޭ އަގުހުރި ސިފަތަކެކެވެ.
ކާޅަކީ ، ދުނިޔޭގައި ލެއްވި އެންމެ ބުއްދިވެރި އަދި ތޫނުފިލި ދޫނިސޫފާސޫފީގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ. އެސޮރުމެން ދިރިއުޅުމަށް ލިބިފައި އޮންނަ މާޙައުލަކަށް ފައްތައިގެން ދިރިއުޅެން ދަސްކުރެއެވެ. އުނދަގޫ މައްސަލަތައް ގުޅިގެން ޙައްލު ކުރެއެވެ. އިންސާނާގެ މޫނު ދަސްކޮށް ވަކިކޮށް ފާހަގަ ކުރެއެވެ. އެކި ޖަމާޢަތްތަކުގެ މެދުގައި އިންނަ ގުޅުންތައް އެކުވެރިކަމާއެކީ ދަމަހައްޓައެވެ. އެއްބައެއްވަންތަކަމަށް އިސްކަން ދެއެވެ. އެބަޔަކު އަނެއްބަޔަކަށް އެހީތެރިވެދެއެވެ. ޖަމާޢަތުގެ ގުޅުންތައް ބަދަހިކޮށް ދަމަހައްޓައެވެ.
ގޭގޭގެ ފުރާޅާއި ގަސްގަހުގައި އެއސޮރުމެންތިބޭއިރު ، އެކަތި އަނެކައްޗަށް ސަމާސާކޮށް ހަދައެވެ. އެސޮރުމެންނަށް ކާނާ ހޯދާނެގޮތްގޮތް ރާވައި ތަންފީޒު ކުރެއެވެ. އެހެން ޖަނަވާރުންނާ ހަނގުރާމަކޮށްގެންކަމަށް ވިޔަސް ، އެސޮރުމެންނަށް ބޭނުންވާ ކާތަކެތި ހޯދައެވެ.
ކާޅަކީ ، އިންސާނާ ވަކިކޮށް ދެނެގަނެ ، ރައްކަލާއި ނުރައްކާ ދެނެގަންނަ ދޫންޏެކެވެ. ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަން އެހެން ކާޅުތަކަށް އަންގައި ދެއެވެ. އަދި ، އެ މަޢުލޫމާތު އެސޮރުމެންގެ ދަރިފަސްކޮޅަށް ދަސްކޮށްދެއެވެ. ކާޅުގެ އެންމެ މުހިންމު ސިފަޔަކީ ، އެސޮރުމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމެވެ. އަދި ، އެކުގައި ދިރިއުޅޭ ޖަމާޢަތުގެ މަސައްކަތުގައި ކާމިޔާބީ ޙާޞިލްކުރުމަށް އެކުގައި ، ގުޅިގެން މަސައްކަތް ކުރުމެވެ.
ކާބޯތަކެތި ހޯދުމުގައި ކާޅަކީ ، އެކުގައި މަސައްކަތްކުރާ ދޫންޏެކެވެ. އެއްކާޅަށް ލިބޭ އެއްޗެއް އަނެއްކާޅު ، ގަދަކަމުން އަތެއް ނުލައެވެ. އެއްކާޅަށް ގިނައިން ލިބުނަސް އަޅައެއް ނުލައެވެ. އެކަމަށް ހިތްހަމަ ޖައްސާލައެވެ. ހުރިހާ ކާޅުތަކުގެ މަސައްކަތުން ހޯދާ ކާބޯތަކެތި ، ބަހައްޓާތަން ފާހަގަކޮށް ، ހަފުތާއެއް ނުވަތަ މަހެއްވަންދެން ރައްކާކޮށް ފޮރުވައެވެ. އެސޮރުމެން ބިސްއަޅާ ހާއްޔަށް އުނދަގޫކޮށް ގެއްލުންދޭ މީހުން ، އެސޮރު ފާހަގަ ކުރެއެވެ. އިންސާނުންގެ އަތްނުފޯރާފަށުގައި ، ދިގު ރުއްރުކާއި ގަސްގަހުގެ ކުރީގައި ، އެސޮރުމެން ބިސްއަޅާ ހާލި ހަދައި ދަރިފަސްކޮޅުގެ ދެމިއޮތުން ކަށަވަރު ކުރެއެވެ. ކޮވެއްޔެއް އައިސް ، އެސޮރުމެންގެ ހާއްޔަށް ބިސްއެޅިޔަސް ، އެބިސް އެއްލައެއް ނުލައެވެ. އެ ބހަށްވެސް ރައްކާތެރިކަން ދެއެވެ.
ކާޅަކީ ، އެކަނިވެ އެކަހެރިވެގެން އުޅޭ ދޫންޏެއްނޫނެވެ. ޢާއިލީ ގުޅުން ވަރަށް ވަރުގަދަޔަށް ބަދަހި ކުރެއެވެ. ޖަމާޢަތް ހަދައިގެން އެކުގައި ދިރިއުޅެއެވެ. ބައިބައި ވެގެންނެއް ނުދެއެވެ. ގިނަކާޅު ހިމެނޭނަމަ ، އެ ޖަމާޢަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭކަން އެސޮރުމެންނަށް އެނގެއެވެ. ވަޞީލަތްތަކާއި މަޢުލޫމާތު ޙިއްޞާކުރުމުގައި ގިނަކާޅު އެއްޖަމާޢަތަކަށް ނިސްބަތްވުމުން އޮންނަ ފަސޭހަކަން އެސޮރުމެންނަށް އެނގެއެވެ.
ކާޅަކީ ، އިންސާފާއި ޢަދްލުވެރިކަން ޤާއިމްކުރާ ދޫންޏެކެވެ. އެއްކާޅެއްގެ ބައިވެރިޔަކާއެކީ ، އަނެއްކާޅެއް ގުޅުން ހިންގައިފިނަމަ ، ހުރިހާ ކާޅެއް ބައިވެރިވެގެން ، ނާޖާއިޒް އެ ގުޅުން ހިންގި ކާޅު މަރައިލާނެއެވެ. ނުވަތަ އެކުރި ކަމަކާ އެކަށޭނަ އަދަބެއްދީ ، ހުރިހާ ކާޅެއް ބައިވެރިވެގެން ، އެކާޅަކަށް އަނިޔާ ކުރާނެއެވެ. ރަށްމެދަށް ވިހައިފިނަމަ ، ރަޖަމްކުރާ ގޮތަށް ، ހުރިހާ ކާޅެއް އައިސް ، އެކަންކުރި ކާޅަށް އަނިޔާދީ މަރައިލާނެއެވެ.
ކާޅުގެ ޠަބީޢަތާއި ދިރިއުޅުމުގެ ވައްޓަފާޅި އެނގުމަކީ ، އިންސާނުންނަށް އެސޮރުމެންގެ ފަރާތުން ލިބޭ ގެއްލުމާ އެއްވަރަށް ފައިދާވެސް ހުރިކަމެއްކަން ސާފުވާނެ ކަމެކެވެ.
ކާޅު ނުކާ އެއްޗެއް ވަރަށް މަދުވާނެއެވެ. އޭގެ ތެރޭގައި ގަސްގަހާ ގެއްސަށް ގެއްލުންދޭ ބައެއް ބާވަތުގެ ފަނިފަކުސަ ހިމެނެއެވެ. އެފަދަ ފަނިފަކުސަ ، ކާޅު ކެއުމުގެ ސަބަބުން ، ގަހަށް ދިރުންލިބި ، ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ކޫޑިއަޅައި ގަހަށް ގެއްލުންދޭ މޭވާ އެސޮރުމެން ކައެވެ. އޭގެ ސަބަބުން ، ކޫޑިބަލިން ގަހަށްލިބޭ ގެއްލުން ކުޑަކޮށް ދެއެވެ. ވަލުތެރޭގައި ހުރެ ، ކުނިބުންޏަށް ބަދަލުވާ ކާބޯތަކެތި ، އެސޮރުމެން ކައި ހެދުމުން ތިމާވެށީގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ގެނެސް ދެއެވެ. އެހެންނަމަވެސް ، މީހުން ދިރިއުޅޭ ސަރަޙައްދުގައި އެސޮރުމެން އެކަންކުރާނަމަ ، އުނދަގުލަކަށް ބަދަލު ވެއެވެ.
ދިރިއުޅުމުގެ މާޙައުލު ކަނޑައެޅުމުގައި ކާޅު ވިސްނާ ކަންތައްތަކެއް ހުރެއެވެ. ކާބޯތަކެތި ފަސޭހައިން އަތުޖެހޭ ތަންތަނާއި ގަސްގަހުގައި އަޅާ މޭވާ ގިނައިން ގަސްދޮށަށް ފައިބާ ތަންތަނާ އަދި ބަންދު ނުކުރާ ބޮޑެތި ގާބޭޖްބިން ހުންނަ ތަންތަން އޭގެތެރޭގައި ހިމެނެއެވެ. މީގެ އިތުރަށް ، ހާލިހަދަން ފަސޭހަ ތަންތަނާއި ، އެސޮރުމެންގެ ޅަ ކާޅަށް ރައްކާތެރި މާޙައުލުތަކަށް ބަލައެވެ. އެސޮރުމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ތަންތަނާއި ސަރަޙައްދުގައި އާބާދުވުމަށް ވިސްނައެވެ.
ކާޅުގެ ޝަޢުޤުވެރިކަން ހުންނަ ތަކެތީގެ ތެރޭގައި ، ލޯލާރިއާއި އޮފްއަރާ ވިދާ ތަކެތި ، އަދި ރަންވަރަން ކަރުދާހާއި ގަހަނާ ހިމެނެއެވެ. ގޭގެއިން އެތަކެތި ވަގަށް ނަގައިގެން ގެންދިޔަސް ، އެސޮރުމެންނަށް އޭގެ ބޭނުންނެތްކަން ވިސްނޭ ހިސާބުން އެއެއްޗެއް އެއްލައިލައެވެ.
ކާޅަކީ އަޑުގަދަކުރާ ދޫންޏެކެވެ. މެދުނުކެނޑި ގޮވަގޮވާ އިނދެދާނެއެވެ. ގެޔެއްގެ ދޮރުމަތީ އިނދެ މެދުނުކެނޑި ކާޅެއް ގޮވާނަމަ ، އެގެޔަކަށް އެދުވަހު ބޭރުރަށެއްގެ ރައްޓެއްސަކު އަންނާނެކަމަށް ރަށްފުށުގެ މީހުން މިހާރުވެސް ބަލައެވެ. އެފަދަ ކާޅެއް ފައްސައިލިޔަސް ، އަލުން އައިސް ނުވަތަ އެގެޔެއްގެ މީހުންނަށް އަޑުއިވޭ ހިސާބުގައި ދުރުގައި އިނދެގެން ގޮވަމުން ގެންދާނެއެވެ.
ކާޅަށް ނުވަތަ ކާޅުގެ ޖަމާޢަތަށް ނުރައްކަލެއް ކުރިމަތިވާކަން އެނގޭހިނދު ހުރިހާކާޅެއް އެއްފަހަރާ ގޮވައި އެކަން ، އެހެން ކާޅުތަކަށް އަންގަމުން ގެންދާނެއެވެ. އިންސާނުންނަށް އުނދަގޫވާވަރަށް ގޮވަމުން ގެންދާނެއެވެ.
ގެޔެއްގެ ތެރެޔަށް ކާޅު ވަދެއްޖެނަމަ ، އެތަންމިތަނުގައި އެސޮރު ހިނގާނެއެވެ. ކާ އެއްޗެއް ފެނޭތޯ އެކި ތަންތަނަށް ވަންނާނެއެވެ. ތަންތަން ބޯކޮށްޕައިގެން ހާވާނެއެވެ. އެއީ ، ޞިއްޙަތާއި ސާފުތާހިރުކަމުގެ ނަޒަރުން ވިސްނާއިރު ، އެންމެ ރަނގަޅުކަމެއްނޫނެވެ. އެހެނީ ، އިންސާނުންގެ ޞިއްޙަތަށް ގެއްލުންދޭފަދަ ބެކްޓޭރިއާ އެސޮރުމެންނާއެކީ އުފުލި އެތަންތަނުގެ ސާފުތާހިރުކަން ގެއްލޭނެތީއެވެ. އެހެންކަމުން ކާޅު ވަންނަ ތަންތަން ސާފުކުރުމަކީ މުހިންމު ކަމެކެވެ.
ގޭތެރޭގައި ހައްދާފައި އޮންނަ ވިނައިގެ ތެރޭގައި އުޅޭ ފަނިފަކުސަޔަކީ ކާޅު ކާ އެއްޗެކެވެ. އެހެންކަމުން އެތަންތަނުގެ ރައްކާތެރިކަން އިތުރު ކޮށްދެއެވެ. އެކިވައްތަރުގެ ރުކުމަޑިއާއި ، މަސްކާށިދޫނި އަދި އުދުހޭ ކުދި ސޫފިވެސް ކާޅު ކާނެއެވެ. އެއީ ތިމާވެށީގެ ރައްކާތެރިކަމަށް ކޮންމެވެސް ސިފައެއްގައި ރައްކާތެރިކަން ގެނެސްދޭ ކަމެކެވެ.
ކާޅުގެ އުނދަގުލުން ރައްކާތެރިވުމަށްޓަކައި ، މަދިރިން ސަލާމަތްވާން މަދިރިދާ ޖަހާގޮތަށް ، ގޭގެ ކުޑަދޮރުތަކުގައި ދާޖެހުން މުހިންމެވެ. އަދި ކުނިބުނި އަޅާ ބިންތައް މަތިޖެހުން މުހިންމެވެ. ބިޔަކޮށް ހެދޭ ގަސް ގޯތިތެރޭގައި ނުހެއްދުން ރަނގަޅެވެ. އެއީ ، އެސޮރުމެން އައިސް ހާލިހަދާނެތީއެވެ. ޢާންމުކޮށް ކާޅު އަންނަނަމަ ފައްސައި ހެދުމުން އެސޮރުމެން އައުން ހުއްޓައިލާނެއެވެ. ކާޅަކީ ކިޔަމަންތެރި ދޫންޏެކެވެ. އެހެންކަމުން ، އެސޮރުމެން ފެއްސުމުގައި މަރައިލުމުގެ ނިޔަތަކާ ނުލައި މަޑުމައިތިރިކަމާއެކީ ޢަމަލުކުރުން ބުއްދިވެރިއެވެ. ކާޅުމަރަން ވިހަލާމީހުން ، ކޮންމެތާކުން ފެނުނަސް އެސޮރު ދިރިހުރިހާ ހިނދަކު ، އެމީހަކު ފާހަގަ ކުރާނެއެވެ. ބައެއްފަހަރަށް ޙަމަލާވެސް ދީފާނެއެވެ. އެފަދަކަމެއް ކުރާނަމަ ، މޫނު ނުފެންނަގޮތަށް މޫނު ނިވައިކުރުން މުހިންމެވެ.
މިއީ ކާޅުގެ ޠަބީޢަތާއި ދިރިއުޅުމާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ލިޔުމެކެވެ. އިންސާނުން ދަސްކޮށް ދެނެގަންނަންޖެހޭ އެތައް ފިލާވަޅުތަކެއް ، ކާޅުގެ ޠަބީޢަތާއި މިޒާޖުގައިވަނީ ލައްވާފައެވެ. އެއީ ،ﷲ ގެ ކަށަކުޅަދުންވަންތަކަމުން ، އެސޮރުމެންނަށް މިންވަރުކުރައްވާފައިވާ ރީތި ސިފަތަކެކެވެ. އެސިފަތައް އެސޮރުމެންގެ ދަރިދަރިކޮޅަށް ދަސްކޮށްދީ ވާރުތަކުރަމުން އާދެއެވެ. ހަމަލޮލަށް ފެންނަ މި ޙަޤީޤަތުގައި ، ޤުދްރަތުގެ ސިއްރުތަކެއް ވެއެވެ. ހެޔޮނިޔަތެއްގައި ، އެކަމަށް ވިސްނައި ފިކުރުކުރާ ބަޔަކަށް މެނުވީ ، އެއިން އެއްވެސްކަމެއް ނުވިސްނޭނެއެވެ.

މިއީ ޢިލްމީ ފަލްސަފާއެއްގެ ލިޔުންތެރިކަމުގެ ނަމޫނާއެއް. ވަރަށް ފުރިހަމަ ލިޔުމެއް. ދިވެހިބަހުގެ އަދަބިއްޔާތުގެ މިސާލެއް. ޢިލްމާއި ތަޖްރިބާއިން ތަރުތީބު ކުރެވިގެންދާ މިފަދަ ލިޔުން ، މިހާރަކަށް އައިސް ވަރަށް މަދުވާނެ. ލިޔުންތެރިޔާގެ ޢިލްމާއި ތަޖްރިބާގެ ފުންނާބު އުސްކަން ، މިލިޔުމުން އެކަނިވެސް ސާބިތުކޮށްދޭ. މިފަދަ އިތުރު ލިޔުންތަކަށް އުއްމީދު ކުރަން.
އެކީގައި ކިޔެވި، ކްލާސްމޭޓެއް، އޭރުވެސް މޮޅު މިހާރުވެސް މޮޅު. މި ޒަމާނަށް ފުރިހަމަ ޢިބްރަތްތެރި ލިއުމެއް، ކިޔާލުމުގެ ފުރްޞަތު ގިނަ ރައްޓެހީންނަށް ދެވޭތޯ އެބަ ބަލަން.
މިވެސް އެކުގައި ކިޔެވި ސްކޫލްމޭޓެއް. އައްޑިހައިގެ މެދެއްހާ ހިސާބުން ފެށިގެން ، ސަރުކާރުގެ އިސްމަޤާމްތަކުން ފެންނަ ބޭފުޅެއް. ވޭތުވެދިޔަ ސާޅީހަކަށް އަހަރު ރަސްމީ ވަޒީފާގެ އިތުރުން ހޮބީއެއްގެ ގޮތުގައި ލިޔުއްވަމުން އައި ގިނަ ލިޔުންތައް ކިޔަން. ޖެހިލުން ކުޑަ ، ބަސްބުނާ ، ވަގުތާއި ޒަމާނަށް ފެތޭގޮތަށް ލިޔުއްވާ ލިޔުންތެރިއެއް. ފުއާދު ބުނުއްވިހެން އަބަދުވެސް މޮޅު. ހެޔޮ ރަޙްމަތާއި އިތުރު ކާމިޔާބީއަށް އެދެން.