ތިގޮތަށް ނަގައި ނުލައްވާށެވެ !

ހޮސްޕިޓަލަށް ގޮސްލާފަ ، ރިޕޯޓް ނަގައިލައިގެން ، ޑޮކްޓަރަށް ދައްކައިލާފަ ، ފާމަސީއަށް ވަދެލާފަ ، ނަންބަރެއް ނަގައިލާފަ ، ލާރި ދައްކައިލާފަ ބޭސްވެސް ނަގައިލައިގެން ، ގެޔަށް އަންނާނަމެވެ.

ރިޕޯޓް ނަގައިލާންވީ ކީއްކުރަންތޯއެވެ ؟ ރިޕޯޓް ނަގައިލީމަ ، އެ ރިޕޯޓް ޑޮކްޓަރަށް ދެއްކޭނެތޯއެވެ ؟ ނަންބަރެއް ނަގައިލަންވީ ކީއްކުރަންތޯއެވެ ؟ ނަންބަރު ނަގައިލީމަ ، އޭގެ ބޭނުން ކެނޑުނީ ނޫންތޯއެވެ ؟ ލާރި ދައްކައިލީމަ ފައިސާ ދެވޭތޯއެވެ ؟ ބޭސް ނަގައިލައިގެން ގެޔަށް ވަޑައިގަންނަވާއިރު ، އަތްޕުޅުގައި އެއްވެސް އެއްޗެއް އޮންނާނެތޯއެވެ ؟ މިހުރީ ، މަތީގައިވާ ޖުމްލަޔަށް ބަލައިލީމަ ، ހިތުގައި އުފެދޭ ސުއާލު ތަކެވެ. ހުސް ސުއާލެވެ. ޙައްލެއް ނެތެވެ. އެހެނަސް ، ޢަމަލީގޮތުން އެކަންކަމާ ގުޅިފައިވާ ކަންކަން ކޮށްލެވިދާނެއެވެ.

އެ ޖުމްލައިން މާނަކޮށްދެނީ ، ހޮސްޕިޓަލަށްގޮސް ، ރިޕޯޓް ނަގައިގެން ، ޑޮކްޓަރަށް ދައްކާފަ ، ފާމަސީއަށް ވަދެ ، ނަންބަރެއް ނަގައިގެން ފައިސާ ދައްކާފަ ، ބޭސް ނަގައިގެން ގެޔަށް އަންނަ ވާހަކައެވެ. ރީތި ، އަބަދުވެސް ފުރިހަމަވެފައި ، ރީތިވެސް ވާނެއެވެ. އެއީ ، މީހުންކަމަށް ވިޔަސް ، އެއްޗެއް ކަމަށް ވިޔަސް އަދި ދުލުން ބުނެލާ ބަހެއްކަމަށް ވިޔަސް ، ރީތި ވިއްޔާ ރީތިވާނެއެވެ.

ބަސްމޮށުންތެރިކަމުގައިވެސް ، އަދަބިއްޔާތެއް އަދި ދަރަޖަތަކަކާއި އަދަބުތަކެއް ހުރެއެވެ. ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް މެއެވެ. ދިވެހިބަހަކީވެސް ، ރީތިގޮތުގައި ބޭނުންކޮށްފިއްޔާ ރީތި ބަހެކެވެ. މުއްސަނދި އަދަބިއްޔާތަކުން ހިތާކުޅެލާ ، ޖަޒްބާތީ ބަހެކެވެ. އެއީ ، ދިވެހިން އަމިއްލަޔަށް އުފައްދައިގެން ، މުޅި ދިވެހި އުއްމަތް އެއްބަހަކުން ވާހަކަ ދައްކާ ، ދިވެހިންގެ މާދަރީ ބަހެވެ. ނުމެޢީދަކު ނުމެރޯދަޔަކު ، އުފެދި އައިސްފައިވާ ބަހެއްނޫނެވެ. ޒަމާންތަކެއް ވަންދެން ، ބަހުގެ ރީތިކަން އުފެދެމުން ބަދަލުވަމުން ، އެކި ހަރުފަތްތައް ގިރާކޮށް ، ފުރާފުރިހަމަވެފައިވާ ބަހެކެވެ.

ކަންބޮޑުވުމަކީ ، ބަހުގެ ރީތިކަން ފުރިހަމަކޮށްދީފައިވާ ބަހާތައް ، ކަތުރުފަނި އަޅައި ނެތި ހަލާކުވަމުންދާ ދިއުމެވެ. މިއީ ކޮންމެކޮންމެ މީހަކު ކަންބޮޑުވާނެކަމެއްނޫނެވެ. ބަހާމެދު ވިސްނާ ފިކުރުކުރާ މީހަކަށް މެނުވީ ، އެކަން އިޙްސާސެއް ނުވާނެއެވެ. ހަލާކުވަމުންދާ ކަމާއި ނަން ބޭނުންކޮށްގެން ، އެކިޔެނީ ކޮން އެއްޗެއްކަން ނޭނގި ، އެކިޔާ އެއްޗަކުން ، އެމީހަކު ބުނަން ބޭނުންވާ އެއްޗެއް އެބަ ބުނެވެއެވެ. ކުރަން ބޭނުންވާ ކަމެއްވެސް ކުރެވެއެވެ. އަޑުއަހާމީހާއަށް ދޭހަވެސް ވެއެވެ. ބަހުގެ އިޝާރާތުން އެކަންކަން ފުރިހަމަ ވަންޏާ ، މައްސަލަޔަކީ ކޮބައިތޯއެވެ ؟

މައްސަލަޔަކީ ، ބަސް އޭގެ އަސްލުން ބޭރުވެ އޮޔައިދިއުމެވެ. ދިވެހިން އުފެއްދި ދިވެހިންގެ އަމިއްލަބަސް ، މާދަރީބަހެއްގެ ގޮތުގައި އޮވެމެ ، އެބަސް ހަލާކުވަމުން ދިއުމެވެ. ބަސް ހަލާކުކޮށްގެން ބޭނުންކުރެވޭ ޢިބާރާތްތަކުން ، ބުނަން ބޭނުންވާ އެއްޗެއް ބުނެވިދާނެއެވެ. ބަހެއް ބޭނުން ނުކޮށް ، އަތްފައި ބަޅާބޫޅިކޮށްގެން ނުވަތަ ޢިޝާރާތުންވެސް ، ބުނަން ބޭނުންވާ އެއްޗެއް ބުނެވިދާނެއެވެ. ބަސް ހަލާކުކޮށްގެން ވާހަކަ ދެއްކުމާއި ، އަތާއި ލޮލުގެ ޢިޝާރާތުން އަތްފައި ބަޅާބޫޅިކޮށްގެން ވާހަކަ ދެއްކުމުގައި ތަފާތެއް އެބަ އޮތްތޯއެވެ ؟ ކާބަފައިންގެ ފަރާތުން ވާރުތަވެގެން އައިސްފައިވާ ރީތިއަދަބުން ފުރިހަމަވެގެންވާ ދިވެހިބަސް ، ހަލާކުކޮށްގެން ، އަސްލުން ބޭރުވެ ދެއްކޭ ވާހަކައިން ، މުޅި ޤައުމިއްޔަތަށްލިބޭނެ ގެއްލުން ވަރަށް ބޮޑެވެ. އެތަނެއްގައި އޮންނަ ބަހަކީ ، ޚާއްޞަކޮށް ، އެއްބަހަކުން ވާހަކަދައްކާ ޤައުމެއްގައި އޮންނަ ބަހަކީ ، ޤައުމިއްޔަތުގެ އެއް އަސާސެވެ. ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއްކަމުގައި ބުނެ ، އަޅުގަނޑުމެން ފަޚުރުވެރި ވަމުއެވެ. އެހެނެއްކަމަކު ، ބަސް ހަލާކުކޮށްގެން ވާހަކަވެސް ދައްކަމުއެވެ. ފަޚުރުވެރިވާ ބަހެއް ، ފަޚުރުވެރިކަމުގައި ބޭއްވުމަށްޓަކައި ، ފަޚުރުވެރިކަމާއެކީ ، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވެސް ހުންނާނެއެވެ. އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ ، އެއްބަހަކުން ވާހަކަ ދައްކައި އުޅުމުގެ ފަޚުރުން ލިބޭ އުފަލާއި ހިތްހަމަ ޖެހުމަށް އުނިކަން އަންނާނެއެވެ.

ބަހަކީ އުފެދޭ އަދި އުފައްދާ އެއްޗެކެވެ. ޒަމާނަށް މިއަންނަ ބަދަލުތަކާއެކީ ، އާ ބަސްތައްވެސް އުފެދިގެން ބަހަށްލިބޭ މުއްސަނދިކަން އިތުރުވެ މުއްސަނދިވެގެން ދާނެއެވެ. އެހެންނަމަވެސް ، ޒަމާނުއްސުރެ އުފެދިފައި އޮންނަ ބަހެއް ، ބޭނުންކުރުމުގައި އެހެން ގޮތަކަށް ބަދަލުވުމަކީ ބަހެއް އުފެދުމެއްނޫނެވެ. އެއީ ބަސް ހަލާކުވުމެވެ. މިސާލަކަށް ނަގައިލުމެވެ. ނެގުމާއި ނަގައިލުމަކީ ، މުޅިން ތަފާތު ދެ ޙާލަތެކެވެ. ނެގުމަކީ އެއްޗެއް ނެގުމެވެ. މިސާލަކަށް ، ޓެސްޓެއް ހަދާފައި ރިޕޯޓް ނެގުމެވެ. ނަގައިލުމަކީ ގެއްލުވައި ލުމެވެ. ނުވަތަ ކޮންމެވެސް ގޮތަކުން އެއްޗެއް ގެއްލުމެވެ. އެއީ ، އެހެން ޙާލަތެކެވެ. ރިޕޯޓް ނެގީމަ އެއޮތީ ރިޕޯޓް ނެގިފައެވެ. އެހެނަސް ، ރިޕޯޓް ނަގައިލީމަ ، އެ ރިޕޯޓް ގެއްލުނީއެވެ. ޑޮކްޓަރަށް ދައްކަން ، އެ ރިޕޯޓެއް އަތަކު ނުއޮންނާނެއެވެ. ޑޮކްޓަރަށް ދައްކަންޖެހޭނީ ރިޕޯޓް ނުލައެވެ. ނެގުމާއި ނަގައިލުމުގެ ތަފާތަކީ އެއީއެވެ.

ޢާންމުވަމުންދާ އެހެން ބަހަކަށް ބަލައިލަމާތޯއެވެ ؟ ތި ދެންނެވި ، މި ބަހަކީ މިހާރަކަށް އައިސް ، ވަރަށް އަތްމަތީ ، ޢާންމު ބަހެކެވެ.

ނޫސްވެރިންގެ ބައްދަލުވުމެކެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ، ނޫސްވެރިންގެ ސުއާލުތަކަށް ޖަވާބުދެއްވޭ ވަރުގެ ތަރުޖަމާނެކެވެ. ސަރުކާރުގެ ކިތައް މުއައްސަސާ ، ރާއްޖޭގައި އެބަހުރިތޯ ނޫސްވެރިޔަކު ސުއާލު ކުރެއްވިއެވެ. ޖަވާބުގައި ތަރުޖަމާނު ވިދާޅުވަނީ ، ތިދެންނެވި ސުއާލުގެ ޖަވާބު ، ކުއްލިޔަކަށް ދެވެން ނެތްކަމަށެވެ. ތަރުޖަމާނަށް ނޫސްވެރިޔާ އެ ކުރެއްވީ ، ނުވަތަ ދެންނެވީ ސުއާލެކެވެ. ރަނގަޅު ވާހަކަ އެކެވެ. ނޫސްވެރިޔާ އެ ދެންނެވީ ސުއާލެކެވެ. އެއީ ، އެ ބައްދަލުވުމަށް ޙާޟިރުވެ ތިބި އެހެން ނޫސްވެރިންނަށް ދެންނެވި ސުއާލެއް ނޫނެވެ. ތަރުޖަމާނަށް ދެންނެވި ސުއާލެކެވެ. މިޙާލަތުގައި ، ބަހުގެ ހަމަތަކުން އަދަބީގޮތުން ކުށްބަހަކަށްވަނީ ، ނޫސްވެރިޔާ ތަރުޖަމާނަށް ދެންނެވި ދެންނެވުން ، ތަރުޖަމާނަށް އެ ދެންނެވީ މާތްކޮށް ހިތުމަށް ކަމަށްވެފައި ، އެމާތްކަން ތަރުޖަމާނުގެ އަމިއްލަ ނަފްސަށް ލިބިގަތުމެވެ. ނޫސްވެރިޔާ ތަރުޖަމާނަށް އެދެންނެވި ސުއާލަށް ، ތިދެންނެވީއޭ ވިދާޅުވުމެވެ. އަމިއްލަ ނަފްސަށް މާތްކަން ލިބިގަނެ ، އެނގިވަޑައިނުގެންހުރެ ، އެޙާލަތުގައި ކުށްބަހެއް ބޭނުން ކުރެއްވުމެވެ. މި ޙާލަތުގައި ރަނގަޅުގޮތަކީ ، ނޫސްވެރިޔާ އެ ވިދާޅުވި ސުއާލަށް ޖަވާބު ދެއްވެން ނެތްކަމުގައި ވިދާޅުވެ ޖަވާބު ދެއްވުމެވެ.

ހަމަ މި އުޞޫލުން ، ބައްދަލުވުމެއްގައި ވަކި ބޭފުޅަކު ވިދާޅުވި އެއްޗަކަށް ތި ދެންނެވީއޭ ބުނުމަކީވެސް ، މިހާރަކަށް އައިސް ވަރަށް ޢާންމު ކަމެކެވެ. އެއީ ކުށްގޮތެކެވެ. ރަނގަޅު ގޮތަކީ ، ތި ވިދާޅުވީއޭ ބުނުމެވެ.

ކުށްގޮތަކީ ، ތި ދެންނެވިގޮތަށް ، އެކަން ހަމަޖައްސައިދެވެން ނެތްކަމަށް ބުނުމެވެ. ރަނގަޅު ގޮތަކީ ، ތި ވިދާޅުވި ގޮތަށް އެކަން ހަމަޖައްސައިދެވެން ނެތް ކަމަށް ބުނުމެވެ. ބައްދަލުވުމެއްގައި ކިތަންމެބަޔަކު ތިއްބަސް ، ވަކިކަމެއްގައި ވަކި ޚިޔާލެއް ފާޅުކުރައްވާ ބޭފުޅަކު ، އެވާހަކައެއް އެވިދާޅުވަނީއެވެ. ވަކި ބޭފުޅަކަށް އަމާޒުކޮށް ދެންނެވި އެއްޗަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ، އެވާހަކަޔަކަށް ތި ވިދާޅުވީއޭ ބުނެ ޖަވާބު ދެވެން ޖެހެނީ ، އެބޭފުޅަކު އެވިދާޅުވި އެއްޗަކަށެވެ. ދެންނެވި އެއްޗަކަށް ނޫނެވެ. " ތި ދެންނެވި " މިއީ ، ބަހުގެ އަދަބީ ޙާލަތެއްކަމަށް ވާތީ ، މުޚާތަބު ކުރެވޭ އަދަބުގެ ދަރަޖައިން ތިން ގިންތިއެއްގައި ، މިބަސް ބޭނުން ކުރެވިދާނެއެވެ. އެންމެ އާދައިގެ ގޮތަށްނަމަ ، ތި " ބުނި " އެއްޗަކަށް ، ދެވަނަ ދަރަޖަޔަކަށްނަމަ ، ތި " ބުނުއްވި " އެއްޗަކަށް ، އަދި އެންމެ މާތްބަހުންނަމަ ، ތި " ވިދާޅުވި " އެއްޗަކަށް މުޚާތަބު ކުރުމުންނެވެ. މި ބަސް " ތިދެންނެވި " އަކީ ، ބަސް ޢާންމުވެގެންގޮސް ، ބަސް ރަނގަޅުކޮށް ، ރަނގަޅުގޮތް އޮޅުންފިލުވައިދޭން އުނދަގޫވާފަދަ ޙާލަތަކަށް ގޮސްފައިވާ ބަހެކެވެ.

މިގޮތަށް ، ދިވެހިބަހުގައި ހުންނަ ބަސްތައް ، ރަނގަޅު ނޫންގޮތްގޮތަށް ބޭނުންކުރެވެމުން މިދަނީ ، ބަސް ބޭނުންކުރެވޭ މާޙައުލު ނުވަތަ ތަނުގައި ، ޒަމާނުއްސުރެ އުފެދިފައި އޮންނަ އާދަކާދައެއްގެ ސަބަބުންކަމަށް ބެލެވޭކަށް ނެތެވެ.  އެ މާޙައުލުގައި ، އެ ތަނެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ޒަމާނުއްސުރެ ، އެބަސްބަސް ބޭނުންކުރެވޭ ގޮތުން ، އެހެންގޮތަކަށް ބަސް ބޭނުންކުރެވެނީއަކީ ނޫނެވެ. އޭގެ ބަދަލުގައި ، ރަނގަޅުގޮތް ގެއްލުވައިލެވިގެން ، ނުވަތަ ނަގައިލެވިގެން ، ކުށްގޮތަކަށް އެބަސް ތަޢާރުފް ކުރެވިގެން ބޭނުން ކުރެވެމުންދަނީއެވެ.  ރާއްޖެޔަކީ ، އެއްބަހަކުން ވާހަކަ ދައްކާ ޤައުމެކެވެ. ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖޭގައި ނުވަތަ ވަކިވަކި ރަށްރަށާއި އަތޮޅުއަތޮޅުގައި ، ވާހަކަ ދައްކައިއުޅޭ ، ބައެއްބަސްބަހުގެ ތަފާތެއް ހުރެ ، ރާގު ބަދަލުވިޔަސް ، ބަހަކީ އެއްބަހެކެވެ. ދިވެހިންގެ މާދަރީބަސްކަމުގައިވާ ދިވެހި ބަހެވެ. ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ، " ތި ދެންނެވި " ފަދަ ބަސްބަހުގެ ތަފާތެއް ، ވަކިކުރެވިގެންނެއް ނުދެއެވެ. ބޭނުންކުރެވޭ ހަމައާއި އުޞޫލަށް ބަދަލެއް ނާދެއެވެ. އެހެނަސް ، ބޭނުންކުރެވޭ ރާގު ބަދަލުވެ ތަފާތު މޭރުމަކުން ބޭނުންކުރެވިދާނެއެވެ. ދުނިޔޭގެ މީސްގިނަ ، ބައެއް ޤައުމުތަކުގައި ބަސްމޮށުންތެރިކަމުގައި ، ބޮޑެތި ތަފާތުތަކެއް ހުރެއެވެ. އެކި ސަރަޙައްދުގައި އެކިބަހާއި ، ބަސްމޮށުންތެރިކަމުގައި އެއްބަހެއް ބޭނުންކުރެވޭއިރު ، ތަފާތުގޮތްގޮތަށް ބޭނުން ކުރެވެއެވެ. ބައެއް ބަސްބަސް ބޭނުންކުރެވޭ އަޑުގެ ތަފާތުވެސް ހުރެއެވެ.

ދިވެހިރާއްޖޭގައި އޮންނަނީ އެންމެ ބަހެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމަށް ، ރާއްޖޭގެ ޤާނޫނުއަސާސީގެ އެގާރަވަނަ މާއްދާގައި ބަޔާން ކޮށްފައި އެބަ އޮތެވެ. އެހެނަސް ، ދުނިޔެއިން އެކަމެއް ނުފެނެއެވެ. ދިވެހިރާއްޖޭގައި އޮންނަނީ ދެ ބަސްކަމަށް ، މިހާރުގެ ބައެއް ލިޔުންތަކުން ފެންނަމުން އެބަ ދެއެވެ. އެއީ ، ދިވެހިބަހާއި އިނގިރޭސިބަސް ކަމަށް ވެދާނެއެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރާ ޤައުމީ ބަހަކީ ދިވެހިބަސް ކަމަށްވިޔަސް ، ދިވެހިބަހަށް އިސްކަން ދިނުމުގައި ގިނަ ފަރާތްތަކުން އިހުމާލުވަމުން ދާކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ ރަސްމީ ލިޔުންތައް ގިނައިން ލިޔެވެނީ ، އިނގިރޭސި ބަހުންނެވެ. އިނގިރޭސިބަހުން އަދި އެހެން ބަސްބަހުން ލިޔަންޖެހޭ ލިޔުންތައް ހުރެދާނެއެވެ. އެހެނަސް ، ދިވެހިބަހަށް ޙައްޤު ދަރަޖައެއް ނުދެވެއެވެ. އެހެންބަސްބަހުން ، ޚާއްޞަކޮށް އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށް ދެވޭ ސަމާލުކަން ، ދިވެހިބަހުން ލިޔާ ލިޔުންތައް ލިޔުމުގައި ދެވޭތަނެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ނަތީޖާޔަކީ ، ބަހުގެ ރީތިކަމާއި ފުރިހަމަކަން ގެއްލި ، ބަސް ހަލާކުވެގެން ދިއުމަށް އޮންނަ ފުރުޞަތު ބޮޑުވުމެވެ. ބޭނުންކުރެވިދާނެ ރީތި ބަސްތައް ހަނދާން ނެތެމުން ދިއުމެވެ. އަދި ، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިވެ ، ރީތި ދިވެހިބަހެއް ބޭނުންކުރެވިދާނެ ޙާލަތްތައް ގެއްލެމުން ދިއުމެވެ.

އިނގިރޭސިބަހުން ލިޔާ ލިޔުންތަކުގައި ހުންނަ ކުށް އަދި ކޮށިގޮތްތައް އޭއައި ބޭނުންކޮށްގެން ރަނގަޅު ކޮށްލެވިދާނެ ޒަމާނީ އުފެއްދުންތައް އެބަހުއްޓެވެ. އެހެންނަމަވެސް ، ދިވެހިބަހުން ލިޔެފައިހުންނަ ލިޔުން ފުރިހަމަކުރުމަށް ބޭނުންކުރާނެ މާގިނަ ވަޞީލަތެއް އަދި ނެތެވެ. ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުމާއި ، އެހެން ބަސްބަހުން ލިޔެފައި ހުންނަ ލިޔުން ދިވެހިބަހަށް ތަރުޖަމާ ކުރުމަށް ، އޭއައި އާއި އެނޫންވެސް ޕްރޮގްރާމްތަކާއި ވަޞީލަތް އުފެދިފައި ހުއްޓަސް ، އެއިން ކޮންމެ ވަޞީލަތަކީ އެހާ ފުރިހަމަ ވަޞީލަތްތަކެއްނޫނެވެ. އެފަދަ ވަޞީލަތްތައް ބޭނުންކޮށްގެން ، ދިވެހިބަސް ފުރިހަމަވެފައި ބަހުގެ ރީތިކަމެއް އަދި ނުގެނެވެއެވެ. އޭގެ ބަދަލުގައި ، ދިވެހިބަސް އެދަނީ އިތުރަށް ހަލާކުވަމުންނެވެ. އެފަދަ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ، ދިވެހިބަސް އޮޅި ، ބަހުގައި ހުންނަ އަސަރާއި ޖަޒްބާތު އޮޅިގެން ދިއުންނޫން އެހެންކަމެއް ނުވެއެވެ. ނަތީޖާޔަކީ ، ފަސޭހަގޮތް ފަސޭހަ ވުމެވެ. ލޔުމެއް ލިޔަންޖެހޭ ހިނދު ، ދިވެހިބަހުގެ ބަދަލުގައި ، އިނގިރޭސިބަސް އިޚްތިޔާރު ކުރެވުމެވެ. ދިވެހިބަހަށް އޮންނަންޖެހޭ ލޯތްބާއި އިޙްތިރާމް ގެއްލި ، ތިމާމެންގެ މާދަރީބަހުގެމަތިން ހަނދާން ނެތެމުން ދިއުމެވެ. ދިވެހިބަހުން ލިޔުމެއް ނުވަތަ ސިޓީއެއް ލިޔެފައި ، ރަނގަޅުކޮށްލަދޭނެ މީހުން މަދުވަމުން ދިއުމެވެ. އެފަދަ މީހުން އުފެއްދުމަށް މަސައްކަތްކުރަންޖެހޭ ޒިންމާދާރު ފަރާތްތަކުން ، އެކަމަށް އުފުއްލޭ މަސްއޫލިއްޔަތު ފުރިހަމަ ނުވުންކަމަށްވެސް ވެދާނެއެވެ.

ދިވެހިރާއްޖޭގައި މިއޮތީ ރަސްމީ އެންމެ ބަހެކެވެ. އެއީ ދިވެހިބަހެވެ. އެހެނަސް ، ދިވެހިރާއްޖޭގައިވެސް ދެބަސް އޮންނަކަމަށް ބައެއް ލިޔުންތަކުން މިހާރު އެބަ ފާހަގަ ކުރެވެއެވެ. އެއީ ، އިނގިރޭސިބަސްކަމަށް ވެދާނެއެވެ.

ބައެއް ޤައުމުތަކުގައި ގިނަބަހުން ވާހަކަ ދައްކަންޖެހެނީ ، ވަކިވަކި ޤަބީލާއާއި ޖަމާޢަތްތައް ދުރުދުރުގައި ދިރިއުޅުމާއި ، އިހުޒަމާނުއްސުރެ ، ވަކި ޖަމާޢަތެއްގެ ގޮތުގައި އެކި ސަރަޙައްދުތަކަށް ބެހިގެން އެތަނެއްގެ އާބާދީ ދިރިއުޅެން ޖެހުމާ ގުޅިގެންނެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ، އެންމެ ގިނަބަހުން ވާހަކަ ދައްކާ ޤައުމަކީ ، ޕަޕުއާ ނިއު ގިނީއެވެ. އެ ޤައުމުގެ ރައްޔިތުން 840 ބަސް ބެނުން ކުރެއެވެ. ދެވަނަޔަށް އެންމެ ގިނަބަހުން ވާހަކަ ދައްކަނީ އިންޑިނީޝިއާގައެވެ. އިންޑޮނީޝިއާގެ ރައްޔިތުން 707 ބަސް ބޭނުން ކުރެއެވެ. ތިންވަނަޔަށް އެންމެ ގިނަ ބަހުން ވާހަކަ ދައްކާ ޤައުމަކީ ނައިޖީރިއާއެވެ. ނައިޖީރިއާގައި 525 ބަހުން ވާހަކަ ދައްކައެވެ.

އެމެރިކާގައިވެސް އެތައް ބަހަކުން ވާހަކަ ދައްކައެވެ. އެމެރިކާގެ ރައްޔިތުން 219 ބަސް ބޭނުން ކުރެއެވެ. އިނގިރޭސިބަހުން ވާހަކަ ދައްކާ އިނިރޭސިވިލާތުގައިވެސް 13 ބަހަކުން ވާހަކަ ދައްކައެވެ. 4 މާދަރީބަސް އޮވެއެވެ. ޗައިނާގައި 302 ބަހުން ވާހަކަ ދައްކައެވެ. ސުޢޫދީ ޢަރަބިއްޔާގައި 7 ބަހަކުން ވާހަކަ ދައްކައެވެ.

މިސާލަކަށް ، އެ ޤައުމުގައި ދިރިއުޅޭ މީހުންގެ ޢަދަދު ދޮޅުބިލިއަނަށް އަރާ ހަމަކުރާ ، މިވަގުތަށް ދުނިޔޭގައި އެންމެ މީސްގިނަ އިންޑިއާއަކީ ، ބަހުގެ ގޮތުންވެސް ދިގު ތާރީޚެއް އޮތް ޤައުމެކެވެ. އިންޑިއާގެ ޤާނޫނު އަސާސީގައި ، ރަސްމީގޮތުން 22 ބަހެއް ބަލައިގެންފައި ވެއެވެ. އޭގެ އިތުރަށް ، އިންޑިއާގެ އެކި ސަރަޙައްދުގައި 121 ބަހެއް ޤާއިމްވެފައި އެބައޮތެވެ. އިނގިރޭސިބަހުން ބުނާނަމަ ، " މަދަރޓަންގް " ގެ ގޮތުގައި 20 ހާހާ ގާތްކުރާ ޢަދަދެއްގެ ބަހުން ވާހަކަ ދައްކައެވެ.

ހުރިހާ ގޮތަކުން ބަލާއިރުވެސް ، އެތަނެއްގެ މާދަރީބަހަކީ ، ކޮންމެ ޖަމާޢަތެއްގައިވެސް ދިރުވައި އާލާކުރަމުން އަންނަ މުހިންމު ވަޞީލަތެކެވެ. ދިވެހިންގެ މާދަރީބަސް ، ދިވެހިބަހަށް ވަމުން މިދާގޮތަކީ ، އެކަމާމެދު ވިސްނައި ފިކުރުކުރަންޖެހޭފަދަ ޙާލަތެކެވެ. ބަސް ހަލާކުވެގެންދާން ދޫކޮށްލައިފިނަމަ ، އެއީ ޤައުމިއްޔަތަށް ލިބޭ ވަރަށްބޮޑު އުނިކަމެކެވެ. ޒަމާނަށް އަންނަ ބަދަލާއި ، ދުނިޔެއަށް އަންނަތަރައްޤީ ، ފަތުއަޑުކިޔާފައި ކުރިއަރައި ދިޔަޔަސް ، ބަސް އޮންނަންވާނީ ބަހުގެ ގޮތުގައި ، އޭގެ ޙައްޤު ދަރަޖައިގައެވެ. ބަހަކީ ، ބޭނުންކުރުން މަދުވެ ، ކުށްގޮތަށް ބޭނުންކޮށް ، ހަލާކުވެގެންދާން " ވަޔަށް " ދޫކޮށްލެވިފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. މާދަރީ ބަހަށް އިޙްތިރާމްކޮށް ، ޤަދަރުކޮށް އޭގެ ޙައްޤު ދަރަޖައިގާ ބާއްވަން ޖެހޭނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.