
އިދިކޮޅު ފަރާތްތަކުންވެސް ރައްޔިތުން ދެކެ ލޯބިވާ ކަމަށްވާނަމަ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ދެއްވައި އެކަންކަމުގައި ބައިވެރިވުމަށް ވިލިމާލޭ ދާއިރާގެ މަޖިސް މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ 5 އަހަރުގެ ދައުރަކަށް ކަމަށެވެ. ދައުރު ނުމިގެންދާއިރު ފަށައިފައިވާ ތަރައްގީގެ ބޮޑެތި އެތައް މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެހެންވި އިތުރު ތަރައްގީ ގައުމަށް ގެނައުމަށްޓަކައި އެމަނިކުފާނު ދެވަނަ ދައުރެއްވެސް ބޭނުންވާ ކަމަށެވެ. "އެހެންވެ އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ. ތިޔަ ބޭފުޅުންވެސް ތިޔަ ސަކަރާތެއް ޖެހުން ހުއްޓާލެއްވުމަށްފަހު އަޅުގަނޑުމެންނާއެކު ތަރައްގީގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާ،" ޓީވީ އެމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ކޮންމެ ރެއަކު މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ދިޔުމުން އެތައްބަޔަކަށް ދަތިވާކަމަށެވެ. އެހެންވީމާ މަގުތައް ދޫކޮށް އެތަންތަނަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށްފަހު ސިޔާސީ މަސައްކަތް ކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް އޭނާ ގޮވައިލެއްވިއެވެ.