އެފް.އޭ.އެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗުގައި ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ބައިވެރިވެވަޑައިގެންފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތާ ގުޅިގެން އިންތިޒާމުކުރި ފުޓުބޯޅަ މެޗެކެވެ.

މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ. 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރައްވާފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާޙުކޮށްދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް އަދި މެޗުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ކުޅުންތެރިން ވަނީ، ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވާ ޓީމްތަކުގެ ކުދިންނަށް އޮޓޯގްރާފް ދެއްވާފައެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތްތައް ބާއްވަން ފަށާފައިވަނީ 1950 ވަނަ އަހަރު އުފެއްދެވި، ކުޅިވަރު މުންތަޡިމްގެ ބެލެނިވެރިކަމުގައެވެ. އަދި 1982 ވަނަ އަހަރު އުފެއްދެވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ މެންބަރު އެސޯސިއޭޝަނަކަށް ވެފައިވަނީ 1986 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖޭގައި ކުޅިވަރުގެ ބިނާރު ހަރުދަނާކުރައްވައި، ކުޅިވަރު ކުޅުންތެރިނަށް ފުރުޞަތުތައް ފަހިކުރައްވައި، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ސިޔާސަތެކެވެ.

މި ތާރީޚީ އެގްޒިބިޝަން މެޗް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކުޅިވަރު އެކެޑަމީތަކުގައި ތަމްރީނު ހޯދަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ޢާންމު ރައްޔިތުން، ގަލޮޅު ދަނޑަށް ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.