
އައްޑޫ ސިޓީއަށް 1.8 މެގަވޯޓުގެ އިތުރު ދެ ޖެނެރޭޓަރު ފޮނުވަން ނިންމައިފިއެވެ.
ފެނަކައިން ބުނީ ކަމިންސް ބްރޭންޑްގެ 1.8 މެގަވޯޓުގެ ދެ ޖަނެރޭޓަރު މާލެ ގެނެސްފައިވާ ކަމަށާއި އެ ދެ ޖެނެރޭޓަރު އައްޑޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޖެނެރޭޓަރުތަކާ އެކު 1.6 ގެ އިތުރު އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ގެންދާނެ ކަމަށެވެ.
އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
"މީގެ އިތުރަށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ." ފެނަކައިން އިތުރަށް ބުންޏެވެ.
ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކަށް މައްސަލަަތައް ދިމާވެ އައްޑޫގައި ދޭތެރެ ދޭތެރެއިން ކަނޑަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް ވެސް ވަނީ މައްސަލަ ހައްލުނުވާތީ މުޒާހަރާވެސްކޮށްފަ އެވެ.
ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.