
ޒަކާތާ ގުޅޭ ފަހުގެ ނުވަތަ އަލަށް އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން އިސްލާމިކް ސެންޓަރުގެ ކޮންފަރެންސް ހޯލުގައި ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
14 އޮކްޓޫބަރުގައި ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގެ ސީނިއަރ ލެކްޗަރަރ ޕްރޮފެސަރ ޑރ. އަޒްމާން ބިން މޮހްދް ނޫރެވެ.
މި ސެޝަން އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވާ ސެކްޝަނުން، އައި.އައި.ޔޫ.އެމް އާ ގުޅިގެންނެވެ. މިއީ 29 އޭޕްރިލް 2025 ގައި ޒަކާތު ހައުސްއާއި އައި.އައި.ޔޫ.އެމް އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ހަރަކާތެކެވެ.
މި ހަރަކާތުގައި ރާއްޖޭގެ ޢިލްމުވެރިންނާއި ޒަކާތު ހައުސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސެޝަންގައި، މމުދަލު ޒަކާތުގެ ތެރޭގައި ހިމެނޭ އައު އާމްދަނީ ލިބޭ ވަސީލަތްތަކުން ޒަކާތް ދައްކާނެގޮތާއި އަދި އެ މުދަލުގެ ނިޞާބު ފަދަ މުހިންމު މައުޟޫޢުތަކާމެދު މަޝްވަރާކުރެވުނެވެ. އަދި މެލޭޝިއާ އާއި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ އުޞޫލުތައް އަޅާކިޔައި، ދެ ޤައުމުގެ ތަޖުރިބާތަކާއި މަޢުލޫމާތު ޙިއްޞާކުރެވުނެވެ.
ޕްރޮފެސަރ ޑރ. އަޒްމާން އާއި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން، ވަނީ ޒަކާތުގެ ނިޒާމު ހިންގުމާއި ޒަކާތު ފަންޑުން ހޭދަކުރެވޭނޭ ގޮތްތަކާމެދު ޚިޔާލު ބަދަލުކުރެއްވާފައެވެ. މި މި ސެޝަނުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އައި.އައި.ޔޫ.އެމް އާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، އިސްލާމީ މާލިއްޔަތާއި ޚައިރާތުގެ ދާއިރާގައި ދެމެހެއްޓެނިވި ތަޢުލީމާއި މަޝްވަރާގެ މުހިންމުކަން ފާހަގަކުރެވުނެވެ.