
(16 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
މީރަބަށް އެކުރެވުނު ކަމަކާ ގުޅިގެން ، ހިތަށް އުނދަގޫވެގެން ، އަބަދު ރޮނީއެވެ. އެއީ ، މަލިކު ޒުބޭރުކަން މީރަބަށް އެނގުނުނަމަ ، މަރިޔަމް އެކަމުން ސަލާމަތް ކޮށްދިނީހެވެ. މީރަބްގެ ރުއިމަކީ ، މުރުތަސިމްގެ ހިތަށް ލިބޭ އިތުރު ތަކްލީފަކަށް ވިއެވެ. އެއްކޮޅުން ، ޒުބޭރު އެއޮތީ ، މަރިޔަމް ވަގަށް ނަގައިގެން ގެންގޮއްސައެވެ. އަނެއްކޮޅުން ، އެކަމުގައި ނޭނގުމެއްގެ ތެރޭގައި މަރިޔަމްއަށް އެހީތެރިވެވުނީތީ ، މީރަބް ރޮނީއެވެ. މީރަބްގެ އެއްވެސް ކުށެއް އެކަމުގައި ނެތްކަމަށްބުނެ ، މީރަބް ހަމަޖެއްސޭތޯ މުރުތަސިމް މަސައްކަތް ކުރަމުން ގެންދިޔައެވެ. މީރަބްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ، މުރުތަސިމް ފުހެދެމުން ގެންދިޔައެވެ.
މުރުތަސިމާއި މީރަބާ ދެމީހުން ، މަރިޔަމް ވީތަނެއް ހޯދުމާބެހެގޮތުން ވާހަކަ ދައްކަން ތިއްބާ ، ޚާނަމް އެތަނަށް އައިސް މީރަބާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ. މަރިޔަމް ހައްލާލައިގެން ، ޒުބޭރުގެ އަތްމައްޗަށް މަރިޔަމް ފޮނުވީ މީރަބްކަން ، ޚާނަމްއަށް ޔަޤީންވާކަމުގައި ބުންޏެވެ. ޚާނަމްގެ ވާހަކަ ޤަބޫލުކުރާކަށް މުރުތަސިމް ބޭނުމެއް ނޫނެވެ. އެފަދަކަމެއް ، މީރަބް ނުކުރާނެކަމުގައި މުރުތަސިމް ބުނަމުން ގެންދިޔައެވެ. ޙަޔާވެސް އެތަނަށް އައިސް ހުއްޓެވެ. މީރަބަށް ، މުރުތަސިމް އެހާބޮޑަށް އިތުބާރުކުރާތީ ޚާނަމްގާތަށް ހުރީ ރުޅިއައިސްފައެވެ. މުރުތަސިމް ގާތަށްވެސް މަންމަދެކެ ރުޅިއައިސް ހަޅޭއްލަވައިގަތެވެ.
" އަހަރެން މަންމަގާތު ، ކުރިންވެސް އޮންނާނީ ބުނެފައެވެ. އަދިވެސް މިބުނަނީއެވެ. މީރަބް ، އަހަރެންގެ ފުރާނަ ދުއްވައިލިޔަސް އަހަރެންގެ އިޢުތިރާޒެއް ނެތެވެ. އެކަމަކު ، މިގޭގެ އެއްވެސް މީހަކަށް ، މީރަބްގެ ފަރާތުން ގެއްލުމެއް ނުލިބެނިސް ، މީރަބާ ދިމާލަށް ތިގޮތަށް އެއްޗެތި ކިޔައިގެން ނުވާނެއެވެ. " މީރަބް ބުންޏެވެ.
މަލިކު ޒުބޭރު އެގެޔަށް ވަގަށް ވައްދައި ، މަރިޔަމް ވަގަށް ގެންދިއުމުގައި މީރަބްގެ އަތެއްވާކަން ސާބިތުވެއްޖެނަމަ ، އެގެއިން މީރަބް ބޭރުކޮށްލަން ޖެހޭނީ މުރުތަސިމް ކަމަށް ޚާނަމް ބުންޏެވެ. އެކަން ކުރަންޖެހޭނެ ޙާލަތެއް ނުއަންނާނެކަމުގައި މުރުތަސިމް ބުންޏެވެ. މުރުތަސިމްގެ ޙާޟިރުގައި މީރަބާ ދިމާލަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދޭނެކަން ޚާނަމްއަށް އެނގުމާއެކު ، އެތަނުން ނުކުމެގެން ދިޔައެވެ.
މީރަބް އަދިވެސް ، އެކަން ހިނގިގޮތް މުރުތަސިމް ގާތަކު ، ރަނގަޅަކަށް ނުބުނެއެވެ. ޙަޔާގެ އަތުގައިހުރި ވީޑިއޯތައް މުރުތަސިމަށް ފެނިއްޖެނަމަ ، އެހިސާބުން އެ ޤިޔާމަތްވީއެވެ. އެ ވީޑިއޯތައް ޙަޔާއަތުގައި ހުރިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ޙަޔާ އެހުންނަނީ ، އެވީޑިއޯތައް ލީކް ކޮށްލާނެ ރަނގަޅު ފުރުޞަތަކަށް ބަލަބަލައެވެ. މިހާރު އެދަނީ އެކަމަށް މަގުފަހިވަމުންނެވެ.
މުރުތަސިމް ، މީރަބާ ގާތަށް ޖެހިލައި މީރަބްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަ ދިނެވެ. އަދި މީރަބްގެ ރުއިން ހުއްޓައިލުމަށް އެދުނެވެ. އެކަމުގައި މީރަބްގެ އެއްވެސް ކުށެއް އޮތްކަމަކަށް މުރުތަސިމެއް ނުދެކެވެ. ވީ އެންމެ އަވަހަކަށް ، މަރިޔަމް ގެންނަންޖެހޭކަން ، މުރުތަސިމަށް މީރަބް ހަނދާން ކޮށްދިނެވެ. އެހެން ނޫނީ ޚާނަމް މަންމަ މީރަބަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. މީރަބަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދޭނެކަމަށް މުރުތަސިމް ވަޢުދު ވިއެވެ.
މަރިޔަމް އިނީ އޭނާއަށް އެކުރެވުނު ކަމަކާމެދު ރޯން އެނދުމަތީ އިށިނދެލައިގެންނެވެ. އޭނާ އަނބުރާ ގެޔަށް ގެންގޮސް ދިނުމަށް ޒުބޭރުގާތު އާދޭސް ކުރަމުން ގެންދިޔައެވެ. އެހެނަސް ، ޒުބޭރުގެ މަޤްޞަދަކީ ، މަރިޔަމްގެ ޢިއްފަތް ދުއްވައިލުމަށްފަހު ، މުޅި ޢުމުރަށް އެކަމުގެ ހިތާމަކުރަން ޖެހޭފަދަ ގޮތަކަށް އެރޭ މަރިޔަމަށް އަނިޔާ ދިނުމަށްފަހު ، ފޮނުވައިލުމެވެ. މުރުތަސިމްގެ ފަރާތުން ބަދަލު ހިފުމަށް ، ޒުބޭރަށް އެލިބުނު ފުރުޞަތު ، އެއްވެސް ޙާލެއްގައި ، އެއްވެސް މީހެއްގެ ބުނުމަކަށް އޭނާ ދޫކޮށެއް ނުލާނެއެވެ. އެއީ ، އެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ނުލިބޭނެފަދަ ރަނުގެ ފުރުޞަތެކެވެ. އެއީ ، އެތައް ދުވަހެއްގެ ރޭވުމާއި މަސައްކަތުން ޒުބޭރު ހޯދި ފުރުޞަތެކެވެ.
މުރުތަސިމް ފޮނުވައިގެން ، އެ ގޭގެ އިސް ސަރުދާރު ، ބަޚްތިޔާރު ، މަލިކު މުޚުތާރުގެ ގެޔަށް ދިޔައެވެ. މުރުތަސިމް ވާޙަކަ ދައްކަން ބޭނުންވެގެން އައީކަމަށް ބަޚްތިޔާރު ބުނުމާއެކީ ، މާދަމާ އިރުނާރަނިސް މަޑުނުކުރެވުނީ ކޮން ވާހަކައެއް ދައްކަންތޯ މަލިކު މުޚްތާރު ސުއާލު ކުރިއެވެ. މުރުތަސިމާ ، އެރެއިން އެރެޔަށް މަލިކު މުޚްތާރު ވާހަކަނުދައްކައިފިނަމަ ، އެރޭ ޤިޔާމަތްވެދާނެކަމަށް ބަޚްތިޔާރު ބުންޏެވެ. މަލިކު މުޚުތާރަށް ، މުރުތަސިމާ ވާހަކަ ނުދައްކަން ދެއްކޭނެ ބަހަނާއެއް ނެތުމާއެކީ ، މަލިކު މުޚްތާރު މުރުތަސިމްގެ ފޯނު ނެގިއެވެ.
" އަހަރެން ފޮނުވި ފޮޓޯތަކުން ، ޙާލަތުގެ ނުރައްކާތެރިކަން މަލިކު މުޚުތާރަށް ވިސްނޭނެކަމަށް އަހަރެން ހީކުރަމެވެ. އަހަރެންގެ ކޮއްކޮ ، މާދަމާ އިރުއެރުމުގެ ކުރިން ، އަހަރެންގެ ކުރިމައްޗަށް ގެނެސްދޭށެވެ ! " މުރުތަސިމް ބުންޏެވެ.
ސަލާމަތީ ކަންކަން އެހާ ރަނގަޅަށް ބަލަހައްޓާ ގެޔަކުން މުރުތަސިމްގެ ކޮއްކޮ ނެރެ ، ޒުބޭރުގެ އަތްދަށަށް އޭނާ އަންނާނެގޮތް ހަމަޖެއްސީ ކާކުތޯ މަލިކު މުޚްތާރުވެސް މުރުތަސިމާ ސުއާލު ކުރިއެވެ. އަނަސްކިޔާ މީހެއްގެ ނަމުގައި އެހެން މީހަކަށް ހެދިގެން ، މަރިޔަމްދެކެ ލޯބިވާކަމަށް ހަދައި މަރިޔަމް ހައްލާލައިގެން އެގެއިން ނެރުނީކަމަށާއި ، މަރިޔަމްއާ ކައިވެނިކުރާނެކަމުގެ އިންޒާރު ޒުބޭރުދިން ވާހަކަ ، މުރުތަސިމް ބުންޏެވެ.
" މަލިކު މުޚްތާރެވެ ! ކުރިންވެސް އަހަރެން ބުނެފައިވާގޮތަށް ، އެންމެ ފަހު ފަހަރަށް އަދިވެސް މިބުނަނީއެވެ. މާދަމާ އިރު އެރުމުގެ ކުރިން އަހަރެންގެ ކޮއްކޮ އަހަރެންނާ ޙަވާލު ނުކޮށްފިނަމަ ، ތިޔައިން އެކަކުވެސް ދުނިޔޭގައި ނުހުންނާނެކަން ހަނދާން ކުރައްޗެވެ. މީހުން މަރައިގެން އަހަރެންގެ މުޅި ޢުމުރު ޖަލުގައި އޮންނަން ޖެހުނަސް ، އަހަރެން އެކަން ކުރާނަމެވެ. އަހަރެންނަކީ ޝަހްނަވާޒްގެ ފިރިހެންދަރިކަން ، މަލިކު މުޚުތާރު ހަނދާން ހުންނާނެއެވެ. " މުރުތަސިމް ބުންޏެވެ.
މުރުތަސިމްގެ ފޯނަށްފަހު ، މަލިކު މުޚުތާރު ، ޒުބޭރަށް ގުޅިއެވެ. އޭނާއެއުޅެނީ ކޮންތާކުތޯ ސުއާލު ކުރިއެވެ. ޒުބޭރު އެއުޅެނީ ، ރައްޓޭހިންނާއެކީ ބޭރުގައިކަމަށް ޒުބޭރު ބުންޏެވެ. އެހެންނަމަވެސް ، ޒުބޭރު އެއުޅެނީ ، މުރުތަސިމް ޚާންގެ ކޮއްކޮ ވަގަށް ނަގައިގެން ކަމަށާއި ، އެ އަންހެންކުއްޖާ ވަގުތުން ، މުރުތަސިމާ ޙަވާލު ކުރުމަށް މަލިކު މުޚުތާރު އެންގިއެވެ. ބައްޕަގެ ބަސް އެރޭ އޭނާ ނާހާނެކަމަށް ޒުބޭރު ބުންޏެވެ. އަދި ، އެއްވެސް އިންސާނަކަށް ، އޭނާގެ އަތްދަށުގައިވާ އަންހެންކުއްޖާ ، ސަލާމަތް ނުކުރެވޭނެކަމަށާއި ، އެކުއްޖާގެ ޢާއިލާއާ އެކުއްޖާ ޙަވާލުކުރާނީ ، އެރޭ ، އޭނާ ކުރާކަމެއް ކޮށްފައި ، މުރުތަސިމް ޚާންގެ ކިބައިން ބަދަލު ހިފުމަށްފަހުގައިކަމަށް ބުނެ ، ޒުބޭރު އޭނާގެ ބައްޕަގެ ފޯނު ކަނޑައިލިއެވެ.
އޭނާގެ ފޯނު ޒުބޭރު ކަނޑައިލުމާއެކީ ، މަލިކު މުޚްތާޜު ، ބަޚްތިޔާރާ މުޚާތަބް ކުރިއެވެ. މަލިކު މުޚްތާރުގެ ހުރި ހަމައެކަނި ދަރިފުޅު ، މަލިކު ޒުބޭރު ، މަރުވެއްޖެކަމަށް އޭނާ ބަލައިފިކަމުގައި ، މުރުތަސިމްގާތު ބުނުމަށް އެދުނެވެ. މަލިކު މުޚްތާރުގެ ބަސް އޭނާގެ ދަރިފުޅުގެ މައްޗަށް ވިކޭގޮތެއް ނުވިއެވެ. ބަޚްތިޔާރު މުރުތަސިމަށް ފޯނުކުރިއެވެ. މަލިކު މުޚްތާރުގެ ދަރިފުޅު މަލިކު ޒުބޭރު ފެނުނު ތަނަކުން ، ބަޑިޖަހައި މަރައިލުމަށް މުރުތަސިމްގާތު ބުނުމަށް މަލިކު މުޚްތާރު ބުނާކަމަށް ބަޚްތިޔާރު ބުންޏެވެ.
މަލިކު މުޚްތާރު ލައްވާ ، މަލިކު ޒުބޭރު ހުއްޓުވެން އޮތް ފުރުޞަތުވެސް އެހިސާބުން ގެއްލުނީއެވެ. ގޭތެރޭގައި އޮތް ހާސްކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެކަމުގައި ، ފުލުހުން މެދުވެރިކުރުމުގެ މުހިންމުކަން ، މީރަބް ހަނދާން ކޮށްދިނެވެ. އޭރަށް ، މަލިކު ޒުބޭރުގެ ފޯނު ޓްރޭސް ކޮށްގެން ، އެމީހުން އުޅޭތަނެއް ހޯދުމުގެ ފުރުޞަތު ލިބިދާނެކަމަށް މީރަބް ބުންޏެވެ. މަކަރުވެރި ގޮތަކަށް ، ދެރަވާކަމަށް ހަދައިގެން އެއްވެސް އެއްޗެކޭ ނުބުނެ ޙަޔާ އިނެވެ. އޭނާގެ އަތުގައި ފޮރުވާފައިހުރި ހަތިޔާރުގެ ބޭނުން ކުރުމުގެ ވަގުތު އަދިވެސް ނުޖެހޭކަމަށް ޙަޔާ ނިންމިއެވެ. އެކަން ޙަޔާކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު އެންމެ ނުރައްކާތެރި ގޮތަކަށް ، ހުރިހާކަމެއް އެހިސާބުން ނިމޭ ގޮތަށެވެ.
މީރަބް އެބުނި ވާހަކަޔަށް ، އަންވަރުވެސް ތާއީދު ކުރިއެވެ. އޭރު ، މުރުތަސިމް އޮތީ ފުލުހަށް އެކަން އަންގާފައެވެ. ކުޑައިރުކޮޅަކުން ، އެމީހުން އެއުޅޭ ތަނެއްގެ މަޢުލޫމާތު ލިބޭނެކަމަށް މުރުތަސިމް ބުންޏެވެ.
އެންމެން ހާސްވެފައި ތިއްބާ މަލިކު ޒުބޭރުގެ ފޯނެއް މުރުތަސިމަށް އައެވެ. އޭނާގެ ބައްޕަޔާ ގުޅިޔަކަސް ، އޭނާ އުޅޭތަނެއް ނޭނގޭނެކަމަށް މަލިކު ޒުބޭރު ބުންޏެވެ. އޭނާ ވީތަނެއް އެއްވެސް މީހަކަށް އެނގޭނީ ، ހަމައެކަނި އޭނާ ބޭނުންވެގެން ބުނީމާކަމަށް ޒުބޭރު ބުންޏެވެ. ޒުބޭރު ކޮންމެ ތަނެއްގައި ހުރިނަމަވެސް އެތަނަކުން ޒުބޭރު ހޯދާނެކަމަށާއި ، އޭނާގެ ކޮއްކޮގެ ގައިގާ ބީހިވެސް ނުލުމަށް މުރުތަސިމް ބުންޏެވެ. އެކަން އެގޮތަށް ކުރަން ބޭނުންކަމަށް ވަންޏާ ، މުރުތަސިމަށް ބޮޑުއަގެއް ދައްކަން ޖެހޭނެކަމަށް ޒުބޭރު ބުންޏެވެ. މަރިޔަމްގެ ފުރާނައިގެ ބަދަލުގައި ޒުބޭރު ހުށަހެޅީ ، ޝަރީޢަތުން މުރުތަސިމްމެންގެ މައްޗަށް ލިޔެދީފައިވާ ، މަލިކު ޒުބޭރު ވެރިވެގެން ކުރިން ގެންގުޅުނު ދަނޑު ބިމެވެ. އޭގެ އިތުރަށް ޒުބޭރުގެ މައްޗަށް މުރުތަސިމް ކޮށްފައިވާ މީހަކު މެރުމުގެ ދަޢުވާ އަނބުރާ ގެންދިއުމަށްވެސްވެސް ޒުބޭރު އެދުނެވެ.
މަލިކު ޒުބޭރުގެ ދެ ޝަރުތުންކުރެ އެއްވެސް ޝަރުތެއް ، މުރުތަސިމް ޤަބޫލު ނުކުރާނެކަމަށް މުރުތަސިމް ބުންޏެވެ. އެ ބިމަކީ ، މުރުތަސިމްގެ މަރްޙޫމު ބައްޕަ ، ޝާހްނަވާޒްގެ ބިމެކެވެ. ޒުބޭރު ޝަހީދުކޮށްލި މީހުންނަކީ ، މުރުތަސިމްމެންގެ ދަނޑުބިމުގައި މަސައްކަތްކުރި ، އޭނާގެ ޚާދިމުންނެވެ. ޒުބޭރު ޤަތުލުކުރި މީހުންގެ ޢާއިލާތަކުގެ ޙައްޤު ދޫކޮށްލުމުގެ އިޚްތިޔާރު ، މުރުތަސިމަށް ލިބިގެން ނުވާކަމަށް މުރުތަސިމް ބުންޏެވެ.
އެހެންކަމަށް ވަންޏާ ، މުރުތަސިމްގެ ކޮއްކޮ މުރުތަސިމަށް ގެއްލުނީކަމަށް ބެލުމަށް ޒުބޭރު ބުންޏެވެ. އެއީ ނުވާނެކަމެއް ކަމަށާއި ، ކުޑައިރުކޮޅެއްގެ ތެރޭގައި މުރުތަސިމް ހުންނާނީ ، ޒުބޭރުގެ ކުރިމަތީގައިކަމަށާއި ، ޒުބޭރު ފުރާނަ ދުއްވައިލާނީ އޭނާގެ އަތުންކަމަށް ، މުރުތަސިމް ބުންޏެވެ. އޭނާގާތަށް މުރުތަސިމް ނުވަތަ ފުލުހުން އަތުވެއްޖެނަމަ ، މުރުތަސިމްގެ ކޮއްކޮ ލިބިދާނެކަމަށާއި ، އެހެނަސް ، ލިބޭނީ މުރުތަސިމްގެ ކޮއްކޮގެ ފުރާނަނެތް ހަށިގަނޑުކަމަށް ބުނެ ޒުބޭރު އިންޒާރު ދިނެވެ.
ގޭތެރޭގައި އެހުރިހާ ވާހަކައެއް ދެކެވޭއިރުވެސް ، މަކަރުވެރި ހިނިތުންވުމެއްގައި ޙަޔާ އިނެވެ. ހުރިހާކަމެއްވެސް އެދަނީ އޭނާ ބޭނުންވާގޮތަށް ކަމަށް ބަލައިގެންނެވެ.
ޚާނަމްވެސް އެހިސާބުން ރޮއެގަތެވެ. މަރިޔަމް އެހާ ނުރައްކާތެރި ކަމަކާ ކުރިމަތިލީ ކޮންކަމަކުން ހިތްވަރު ލިބިގެންކަމެއް ނޭނގޭ ކަމަށް ޚާނަމް ބުންޏެވެ.
" އެކަން ކުރަން މަރިޔަމަށް ހިތްވަރުދިނީ މީރަބެވެ. " ޙަޔާ ، އެންމެ ފަހުން ހަތިޔާރުގައި ހިފިއެވެ.
ޚާނަމްގެ ވާހަކަ ނުނިމެނިސް ، ކޮޅަށް ތެދުވެ ، ޙަޔާ ބުންޏެވެ. މާލަސް ވެއްޖިއްޔާ އޭނާގެ އަތުގައިވާ ވީޑިއޯތަކުގެ ބޭނުން ކެނޑިދާނެކަމަށް ޙަޔާ ނިންމިއެވެ. މިއީ ، މީރަބް ބޭޒާރު ކޮށްލަން އެންމެ ރަނގަޅު ވަގުތެވެ. ސިހުރު ހަދާމީހާއަށް އަނބުރާ އެ ސިހުރު ރައްދުވާގޮތަށް ، ޙަޔާ އެކުރިކަމެއް ، އޭގެ އެންމެ ގޯސްގޮތުގައި ، އޭނާއާ ދިމާލަށް އަތުވެދާނެކަމަކަށް ، ޙަޔާ ހިއެއް ނުކުރެއެވެ. އެހެން އެކަން ވިޔަސް ، ޙަޔާ ހުރީ މީރަބް ބޭޒާރުކޮށްލަން ލިބޭ ކުޑަވެސް ފުރުޞަތެއް ދޫކޮށްލާ ގޮތަކަށް ނޫނެވެ. މީރަބް އެހާވަރަށް އެ ރޮނީ އެހެންވެގެންކަމަށް ޙަޔާ ބުންޏެވެ.
މީރަބް އެރޮނީ ، މަރިޔަމާމެދު ކަންބޮޑުވެގެންކަމަށް ބުނެ މުރުތަސިމް ، ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
" ނޫނެކެވެ ! މީރަބް އެރޮނީ ، އޭނާއަށް އެކުރެވުނުކަމެއްގެ ސަބަބުންނެވެ. މަލިކު ޒުބޭރާ މަރިޔަމްއާ ދެމީހުން ގުޅުވަން މަސައްކަތްކުރީ މީރަބެވެ. މަލިކު ޒުބޭރު މިގެޔަށް ވަގަށް ގެނެސް އެންމެންނަށް ވަގަށް ، މަލިކު ޒުބޭރާއެކީ މަރިޔަމް ދާން ، މަލިކު ޒުބޭރާ މަރިޔަމް ޙަވާލުކުރީ މީރަބެވެ. " ޙަޔާ ބުނަމުން ގެންދިޔައެވެ.
އެވަރުބޮޑު އިލްޒާމެއް ، މީރަބްގެ ބޮލުގައި ނުއެޅުވުމަށްބުނެ ، ޙަޔާއާ ދިމާލަށް މުރުތަސިމް ހަޅޭއްލަވައި ގަތެވެ. ، އެއީ ޙަޤީޤަތް ކަމަށާއި ، އެކަން ފަޅާއަރަންޖެހޭ ވަގުތު އައިއްސިކަމަށް ޙަޔާ ބުންޏެވެ. ޙަޔާ އެވަރުގެ އިލްޒާމެއް މީރަބްގެ ބޮލުގައި އެއަޅުވަނީ . އެއްވެސް ހެއްކެއް އޮވެގެންތޯ މުރުތަސިމް ސުއާލު ކުރިއެވެ.
ހެކި އެބަހުރިކަމަށާއި ، އެއީ އެންމެ ހެއްކެއްވެސް ނޫންކަމަށާއި އޭނާގެ އަތުގައި ދެހެއްކެއް އެބަ އޮތްކަމަށް ބުނެ ، ފޯނުގައިހުރި ވީޑިއޯތައް މުރުތަސިމަށް ދެއްކިއެވެ. މުރުތަސިމާއި ޚާނަމް އަދި އަންވަރަށްވެސް ވީޑިއޯ ފެނުނެވެ. މީރަބަށްވެސް އެވީޑިއޯ ފެނުނެވެ. އެއީ ، އެގެޔަށް ޒުބޭރު ގެނެސް މަރިޔަމް ޒުބޭރާ ޙަވާލުކުރި ރޭގެ މަންޒަރުތައް ފެށުނީއްސުރެ ރިކޯޑް ކުރެވިފައި އޮތް ވީޑިއޯ އެކެވެ.
ޚާނަމަކަށް މަޑެއްކޮށެއް ނުހުރެވުނެވެ. މީރަބާ ދިމާލަށް ފުންމައިގަނެ ، މީރަބަކީ އެ ޢާއިލާގެ ދުޝްމަނެއްކަމުގައި އޭނާ ބުނަނީ އެހެންވެގެންކަމަށް ބުނެ ، މީރަބްގެ ގައިގައި ތަޅައިގަތެވެ. އަންވަރާއި ޚާނަމްއާ ދެމީހުންވެސް މީރަބާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ. މުރުތަސިމް ހުރީ މަޑުން އެކަމާމެދު ވިސްނާށެވެ. ޙަޔާވެސް މީރަބާ ދެކޮޅަށް ކިޔުނުހާ އެއްޗެއް ކިޔަމުން ގެންދިޔައެވެ.
މުރުތަސިމް ، މީރަބްގާތަށް ޖެހިލިއެވެ. އަދި ، އެއީ ދޮގު ވީޑިއޯއެއްކަމަށް ބުނުމަށް މީރަބްގާތު އެދުނެވެ. މީރަބްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" މީރަބެވެ ! އަހަރެމެންގެ ލޯބީގެ ޙައްޤުގައި ، އެއީ ދޮގެއްކަމުގައި މީރަބް ބުނެފިނަމަ ، އެކަން އަހަރެން ޤަބޫލު ކުރާނަމެވެ. ބުނާށެވެ ! " މުރުތަސިމް ބުންޏެވެ.
މީރަބް ، އަނގައިން ނުބުނެ ހުރީމަ ، އެއްފަހަރު ނަމަވެސް އެއީ ދޮގުވީޑިއޯއެއްކަމަށް ބުނުމަށް ތަކްރާރުކޮށް މުރުތަސިމް ބުނަމުން ގެންދިޔައެވެ. ވަރަށް ހިތްވަރު ކޮށްފައި ، އެއީ ދޮގުވީޑިއޯއެއް ނޫންކަމަށް މީރަބް ބުންޏެވެ.
އަންވަރުގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. އަދި ޙަޔާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. މުރުތަސިމަށް ހުއްޓުން އަރައި ގަބުވިއެވެ. އަދިވެސް މީރަބް ދިފާޢުކޮށް ހަދާނަންތޯ ސުއާލުކޮށް ، މުރުތަސިމާ ދިމާލަށް ޙަޔާ ގާބުރިއެއް އެއްލިއެވެ.
މުރުތަސިމް ، މީރަބާ ދުރަށް ޖެހިލިއެވެ. އަދި ޒުބޭރަށް ގުޅައި ، ޒުބޭރުގެ ހުރިހާ ޝަރުތެއް ޤަބޫލުކުރާ ކަމަށް ބުންޏެވެ. އަދި އޭނާ ދާންވީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ.
ޒުބޭރު އެބުނާ ޝަރުތުތައް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ލިޔުންތަކެއް ހިފައިގެން ، ވަގުތުން މުރުތަސިމް ނައްޓައިލިއެވެ. މުރުތަސިމާއެކީ އެއްވެސް މީހަކު ނުގެންދެއެވެ.
މުރުތަސިމް ދިއުމާއެކީ ، ޙަޔާއަށް ފުރުޞަތުލިބި ، ޚާނަމްގެ ބޯ ކައިލަން ނިންމިއެވެ. އޭނާ ނަގާފައިވާ ދެ ވީޑިއޯ ޚާނަމަށް އަލުން ދައްކައި ، ޚާނަމްގެ ޒަޚަމް އިތުރަށް ފާރުކޮށްލިއެވެ. އެހެނަސް ، ޙަޔާއާ ، ޚާނަމް ސުއާލެއް މަތިކުރިއެވެ. އެއީ ، އެންމެ ފުރަތަމަ ވީޑިއޯގައި އެމީހުން ބައްދަލުކުރިއިރު ، އެކަން ޚާނަމް އަށް ނޭންގީ ކީއްވެތޯއެވެ. ޙަޔާގެ ޖަވާބު ވަރަށް ޗާލާކީއެވެ. ކުރިންވެސް ، މީރަބްގެ ދޮގުތައް އޭނާ ޚާނަމް މަންމަޔާ މުރުތަސިމާ ޙިއްޞާކުރި ކަމަށާއި އެއިން ކޮންމެ ފަހަރަކުވެސް ، ޙަޔާގެ ވާހަކަ އަނބުރާ އޭނާގެ އަނގަޔަށް ޖެހިކަން ޙަޔާ ، ޚާނަމްއަށް ހަނދާން ކޮށްދިނެވެ. އެހެނަސް ، މިފަހަރު ، ޙަޔާގެ އެއްވެސް ކުށެއް ސާބިތުވެއްޖެނަމަ ، ދެން އަނބުރާ އެގެޔަށް ނުވަދެވޭގޮތަށް ޙަޔާ ފޮނުވައިލެވޭނެކަމުގެ އިންޒާރު ، ޚާނަމް ދިނެވެ. މީރަބް އެއިރު އިނީ ، ކޮޓަރީގައި ރޯށެވެ.
މީރަބް ކޮބައިތޯ ޚާނަމް ސުއާލު ކުރިއެވެ. އަދި ، މުރުތަސިމް އެނބުރި ގެޔަށް އައުމުގެ ކުރިން މީރަބް އެގެއިން ފޮނުވައިލަން ވާނެކަމުގައި ޚާނަމް ބުންޏެވެ. ޙަޔާއަށް ލިބުނު އުފާވެރިކަމުގައި ، ނަށައިގަނެވުނެވެ. އޭނާގެ ޙަމަލާއިން ، މީރަބްގެ ދުވަސް ވަރަށް ރަނގަޅަށް ދުއްވައިލެވިއްޖެއެވެ. ދެނެއް ، މީރަބަކަށް މުރުތަސިމްގެ އަނތްބެއްގެ ގޮތުގައެއް ނުހުރެވޭނެއެވެ. ދެން ، އެ މަޤާމް އަދާކުރާނީ ޙަޔާއެވެ. ޙަޔާއާއި ޚާނަމް އާ ދެމީހުންވެގެން ، މުރުތަސިމް އައުމުގެ ކުރިން ، އެރެއިން އެރެޔަށް ، މީރަބް އެގެއިން ނެރެ ، ފޮނުވައިލުމުގެ މަސައްކަތާ ކުރިމަތިލިއެވެ. ( ނުނިމޭ )