
މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 181 މަގެއްގެ، 27654 އަށް ވުރެ ގިނަ ކާނު ސާފުކޮށްފި އެވެ.
ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 181 މަގުން މި މުއްދަތުގެ ތެރޭގައި 1939 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނެގިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން ފަސް މަގެއްގެ ކާނު އަދި ވަނީ މުޅިން ސާފު ވާގޮތް ނުވެފައެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ ކާނެއް ސާފުކޮށް ނިންމާނެ ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިތައް ކުރިމަތިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެރުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރެއެވެ.
މޭޔަރ އާޒިމްގެ އަމާޒަކީ މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.