
(12 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
މަރިޔަމްގެ ކައިވެންޏަށްވުރެ ، މީރަބަށް އިސްކަންދެވޭ އެއްވެސްކަމެއް މިހާރަކު ނެތެވެ. ރަނގަޅަށް ކެވެނީކީވެސް ނޫނެވެ. އޭނާ އެކުރަން އެއުޅޭކަމަކުން ، މުރުތަސިމާއި އޭނާއާ ދެމެދު އުފެދެމުންދާ ، ނޭނގޭ ފޮނި އިޙްސާސްތައް ، މީރަބްގެ ހިތުން ގެއްލި އުނިވެގެންދާކަށް މީރަބް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ، މަރިޔަމް އާއި އަނަސްއަށް އޭނާ ވެފައިވާ ވަޢުދަކީވެސް ކުޑަކަމެއްނޫނެވެ. މީރަބަކީ ގޮތުގައި ހުންނަ މީހެކެވެ. ރަނގަޅަކަށްޓަކައި އޭނާއަށް ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށެއް ނުލާނެއެވެ. މަރިޔަމްގެ ކައިވެނި ، އަނަސްއާ ކުރުވޭތޯ ، މީރަބް އެ މަސައްކަތް ކުރަމުން އެ ގެންދަނީވެސް މަރިޔަމަށްޓަކައެވެ. އަދި މުރުތަސިމަށްޓަކައިވެސް މެއެވެ. މަރިޔަމްއަށް ލިބޭ ކޮންމެ އުފަލަކީ ، މުރުތަސިމަށްވެސް ލިބޭ އުފަލެކެވެ. އެ އުފަލުން މީރަބަށް ލިބޭނީ ކުޑަ އެތިކޮޅެކެވެ. ބޮޑުބައި އޮތީ މަރިޔަމްއާއި މުރުތަސިމަށެވެ.
މީރަބަށް އެހެން އެއްވެސް ގޮތެއް ނެތުނެވެ. މަރިޔަމްގެ ރުއިމާއި އާދޭހުގެ ކުރިމަތީ ، މުރުތަސިމާ ދެކޮޅަށް ތެދުވާން މީރަބަށް މަޖްބޫރު ވިއެވެ. މުރުތަސިމާއި އޭނާއާ ދެމެދު ޖެހޭ މައްސަލަތައް ، ފަހުން ޙައްލު ކުރާނީއެވެ. މި ވަގުތަށް އެންމެ މުހިންމީ މަރިޔަމްގެ އުފަލާއި ހިތްހަމަ ޖެހުމެވެ. އޭނާ އެ ތެދުވަނީ އެ ޢާއިލާގެ އެންމެންނާ ދެކޮޅަށްކަން މީރަބަށް އެނގެއެވެ.
ރޭގަނޑުގެ ކަނު އަނދިރިކަމުގައި ، އަނަސް އެގެޔަށް ގެނެސް ، މަރިޔަމް އަނަސްއާ ޙަވާލު ކުރިއެވެ. އަނަސް ބުނިގޮތުގައި ، އެމީހުން އެރެއިން އެރެޔަށް ކައިވެނި ކުރާނެއެވެ. އަދި މަރިޔަމްގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް އޭނާ ނުކުރާނެކަމަށް މީރަބަށް ވަޢުދުވިއެވެ. މީރަބަށް އެކުރެވެނީ ރަނގަޅުކަމެއްކަމެއް ނުވަތަ ގޯސްކަމެއްކަމެއް މީރަބަކަށް ނޭނގެއެވެ. މީރަބް ބޭނުންވީ ، މަރިޔަމް ބޭނުންވާ ގޮތެއް އޭނާއަށް ފުރިހަމަ ކޮށްދިނުމަށެވެ. މީހަކު ބުނާނެ އެއްޗަކަށް އަދި ކުރާނެކަމަކަށް ވިސްނާކަށް މީރަބް ބޭނުމެއް ނޫނެވެ.
އަނަސް އާ މަރިޔަމް ޙަވާލު ކުރުމަށްފަހު ، މީހަކު އެތަނަށް ނާންނަނިސް އަވަހަށް ދިއުމަށް އެދުނެވެ. އަދި އެރޭ ކައިވެނިކޮށްގެން ، ހެނދުނުގެ ނާސްތާގެ ވަގުތަށް ދެމީހުން ގެޔަށް އައުމަށް މީރަބް އެދުނެވެ. އެމީހުން އައުމުން ގޭތެރެޔަށް ތޫފާނެއް އަންނާނެކަމަށާއި ، އެކަމާ ކުރިމަތިލާނީ މީރަބް ކަމަށްވެސް ބުންޏެވެ.
މީރަބާއި މަރިޔަމް އަދި އަނަސްއާ ތިންމީހުން ދައްކަމުން ގެންދިޔަ ވާހަކަޔާއި ، މަރިޔަމްގެ އަތް އަނަސް އަތަށް ލައިދީ ، މަރިޔަމް އަނަސްއާ ޙަވާލުކޮށް ، ސިއްރިޔާތުގައި އެމީހުން ފޮނުވާލިތަން ، ޙަޔާ ގެންދިޔައީ ފޯނަށް ރިކޯޑް ކުރަމުންނެވެ. ޙަޔާއައީ ، އެންމެ ސިކުންތެއްވެސް ނަގައިނުލާ ، މީރަބާއި މަރިޔަމްގެ ޙަރަކާތްތަކަށް ފާރަލަމުންނެވެ. އަދި އެ ރެޔަކީ ، އަނަސް ނުވަތަ އަޞްލު ޒުބޭރު އައިސް އެގެއިން މަރިޔަމް ގެންދާނެ ރޭކަން ޙަޔާއަށް އޮތީ އެނގިފައެވެ. އެހެންކަމުން ދުރުގައި ފިލާހުރެ ، މީރަބް އެކުރި ހުރިހާކަމެއް ޙަޔާގެންދިޔައީ ، ފޯނުގައި ރިކޯޑް ކުރަމުންނެވެ. މީރަބާ ދެކޮޅަށް ޙަޔާ އެއްކުރަމުން ގެންދިޔަ ހަތިޔާރުތައް ގޮއްވައިލުމުގެ ވަގުތަކީ މާދަމާއެވެ. އެންމެން ތެދުވެ ، މަރިޔަމް ނުފެނިގެން ކަންބޮޑުވެގެން އުޅެން ފެށީމަ ، ޙަޔާއައިސް ، އެއްކޮށްފައިހުރި ހުރިހާ ވީޑިއޯއެއް މުރުތަސިމަށް ދައްކާނެއެވެ. މީރަބްގެ ރޭވުމުން ޒުބޭރު އެގެޔަށް ވައްދައި ، މަރިޔަމް އޭނާއާ ޙަވާލުކުރާ ހިސާބުން ، ވީޑިއޯގެ އަޑު ކެނޑޭނެއެވެ. ދެން އިވޭނީ މުރުތަސިމްގެ އަޑެވެ. ވަގުތުން ، އެގެއިން ނުކުމެގެން ދިއުމަށް މީރަބަށް އަމުރުކުރާ އަޑެވެ. އެހިސާބުން ، ޙަޔާގެ ދުނިޔެ ފެށުނީއެވެ.
މަރިޔަމް ގޮވައިގެން އަނަސް ދިޔައީ ވަރަށް ރީތި ބޮޑުސިންގާ ގެޔަކަށެވެ. އެއީ މަރިޔަމްމެންގެ ގެޔަށްވުރެ ވަކިން ކުޑަ ގެޔެއްނޫނެވެ. ގޯތިތެރެއާއި ބަގީޗާވެސް އެހާ ބޮޑެވެ. މަރިޔަމްހުރީ އުފަލުންގޮސް ކުރާނެ ނުކުރާކަމެއް ނޭނގިފައެވެ. އަނަސްއަކީ ، ފަގީރެއްކަމަށްބުނެ ، މަރިޔަމްގެ ލޯބި އިމްތިހާން ކުރުމަށްޓަކައި އޭނާއަށް އޮޅުވައިލީކަމަށް މަރިޔަމް ބެލިއެވެ. މަރިޔަމްގާތު ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އަނަސް ދުރަށް ޖެހިލިއެވެ. މަރިޔަމް އޭނާގެ އަތްދަށަށް އައުމުން ވީ އުފަލުގައި ހެނދުނު ވަންދެންވެސް އަނަސްއަކަށް ނުހުރެވުނެވެ. ޖީބުން ފޯނު ނަގައި މުރުތަސިމާ ގުޅިއެވެ. މީރަބަށްވެސް އަދި މުރުތަސިމަށްވެސް އޮތީ ނިދިފައެވެ. ފޯނުވާއަޑަށް މުރުތަސިމަށް ހޭލެވިގެން ފޯނު ނެގުމާއެކީ ، އޭނާގެ ކަންފަތުގައި ޖެހުނީ ޒުބޭރުގެ އަޑެވެ.
" މުރުތަސިމް ޚާންއެވެ ! މުރުތަސިމްގެ ކޮއްކޮ މިހާރު އެހުރީ މަލިކު ޒުބޭރުގެ ގާތުގައެވެ. އަހަރެން ގެނައިތަނެއްގައި އަހަރެންގެ އަތްދަށުގައެވެ. " ބޮޑާ ހިނިގަނޑެއް ޖަހާލައިފާ ޒުބޭރު ، އޭނާގެ ފޯނު ބޭއްވިއެވެ.
މުރުތަސިމަށް ލިބުނު ޙައިރާންކަމުގައި ، ފޯނު ބާއްވަންވެސް ނޭނގި ، ދެލޯ ބޮޑުވެފައި ހުއްޓެވެ. އޭރު މީރަބަށްވެސް ހޭލެވިއްޖެއެވެ. މުރުތަސިމް ކުއްލިޔަކަށް ދުއްވައިގަތެވެ. މަރިޔަމްގެ ކޮޓަރިޔަށްގޮސް ބަލައިލިއިރު ، ކޮޓަރީގައި މަރިޔަމެއް ނެތެވެ. މީރަބްވެސް މުރުތަސިމްގެ ފަހަތުން ދުވެފައި ދިޔައެވެ. މުރުތަސިމްގެ ދެފަޔަށް ހުރިބާރެއްލާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. މީރަބްވެސް މުރުތަސިމްގެ ފަހަތުން ހިނގައިގަތެވެ. ވެގެންއުޅޭގޮތެއް ނޭނގޭތީއެވެ.
ފޯނު ބޭއްވުމަށްފަހު ، ޒުބޭރު އައިސް މަރިޔަމްއާ ގާތަށް ޖެހިލައި ، ގޭތެރެޔަށް ވަނުމަށް އެދުނެވެ. މަރިޔަމްހުރީ ވެގެން އުޅޭގޮތެއް ނޭނގި ޙައިރާން ވެފައެވެ. އަނަސް ބުނެފައި އޮތް ގޮތުގައި އެމީހުން ގެއިން ނުކުމެގެންދާނީ ، ކައިވެނީގެ ރަސްމިއްޔާތަށެވެ. އެތަނުގައި މައުޛޫނުންނާއި ހެކިވެރިންނާ އަދި އަނަސްގެ ޢާއިލާގެ މީހުން ތިބޭނެއެވެ. އެހެނަސް ، މަރިޔަމަކަށް އެތަނުން އެކަކުވެސް ނުފެނެއެވެ. އަނަސް ބުނެފައި އޮތީ އެމީހުން އެދަނީ އަނަސްގެ ފްލެޓަށް ކަމަށެވެ. އެކަމަކު އޭނާގެނެސް އަނަސް އެލީ އަވަށާ ފުދޭވަރަކަށް ދުރުގައިހުރި ފާމް ހައުސް އަކަށެވެ. އަނަސް ބުނިގޮތުގައި ، އެމީހުން ފާމް ހައުސްއަށް އެހާ ދުރަށް އެއައީ މުރުތަސިމަށް ފިލަންވެގެންނެވެ. އަނަސްމެންގެ ފްލެޓަށް އެމީހުން ހިނގައްޖެއްޔާ ، މުރުތަސިމް އެމީހުން ހޯދާނެއެވެ. އޭރަކަށް ކައިވެންޏެއްވެސް ނުކުރެވޭނެއެވެ.
ކައިވެނި ކޮށްދޭމީހުން އެބަ އަންނަކަމަށާއި އެމީހުން މިހާރު އުޅެނީ އެގެޔަށް އަންނަ މަގުމަތީގައިކަމަށް އަނަސް ބުންޏެވެ. އެމީހުން އަންނަންދެން ގޭތެރެޔަށް ވަދެ ، އިށީނދެ ހަމަޖެހިލާން ދިއުމަށް ، އަނެއްކާވެސް އަނަސް އެދުނެވެ. އެމީހުން އެތިބީ މުރުތަސިމަށް ހޯދަން އެނގޭވަރަށްވުރެ ދުރު ތަނެއްގައެވެ. ސަލާމަތްކަމާއި ރައްކާތެރިކަމާ އެކުގައެވެ.
މަރިޔަމް ބޭނުންވީ ފުރަތަމަ ކައިވެނި ކުރާށެވެ. ކައިވެނި ނުކޮށް އެ ފާމް ހައުސްގައި ތިބޭކަށް މަރިޔަމް ބޭނުމެއްނޫނެވެ. އެއީ ރަނގަޅުކަމެއް ނޫނެވެ.
" ހީވާގޮތުން ، މަރިޔަމް އަހަރެންދެކެ ލޯތްބެއް ނުވެއެވެ. އަހަރެންނަށް އިތުބާރެއްވެސް ނުކުރެއެވެ. " އަނަސް ބުންޏެވެ.
އަނަސްދެކެ ލޯބިވާކަމަށް މަރިޔަމް ބުންޏެވެ. ގޭގެ މީހުންނަށް ފިލައިގެން އަނަސްއާއެކީ ، އަންނާނީ ލޯބިވާތީކަމަށް މަރިޔަމް ބުންޏެވެ. އެހެންކަމަށް ވަންޏާ އޭނާއަށް އިތުބާރުކުރުމަށް އަނަސް އެދުނެވެ. އެމީހުން އެހާދުރަށް އެތަނަށް އެގެނައީ ، އެދެމީހުންގެ މެދުގައި އޮތް ލޯބިކަމަށް އަނަސް ބުންޏެވެ. އެ ލޯތްބަށް އިޙްތިރާމް ކުރުމާއެކު ޤަދަރުކޮށް ، އޭނާއަށް އިތުބާރު ކުރުމަށް އަނެއްކާވެސް އަނަސް ބުންޏެވެ. އަދި ، ހެނދުނު ހެނދުނާ މަރިޔަމް ހުންނާނީ މަރިޔަމްގެ ގޭގައިކަމަށް އަނަސް ބުނެ އެކަމަށް އަނަސް ވަޢުދު ވިއެވެ. މަރިޔަމް އެކަނި އެތަނުގައި ހުންނަން ބޭނުން ނުވާކަމަށް ބުނެ އަނަސްވެސް އޭނާއާއެކީ އައުމަށް މަރިޔަމް އެދުނެވެ. ޒުބޭރުގެ ރޭވުން ކާމިޔާބުވަމުންދާން ފެށުމާއެކީ ، ހިތުތެރޭގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ފިނިވެގެން ދިޔައެވެ. އަދި ، އެދެމީހުން ތިބޭނީ އެކުގައި ކަމަށާއި ދާތަނަކަށް ދާނީ ދެމީހުން އެކުގައިކަމަށް އަނަސް ބުންޏެވެ. މަރިޔަމްއަށް ދެރަވާނެގޮތެއް އަނަސް އެއް ނުހަދާނެއެވެ. ދެރައެއް ، ގެއްލުމެއް ނުދޭނެއެވެ. މީރަބް އެއޮތީ މީރަބްގެ ވަޢުދު ފުއްދާފައެވެ. އަނަސްވެސް ، މީރަބަށްވީ ވަޢުދު ފުއްދާނެއެވެ. މަރިޔަމް އުފަލުގައި ބަހައްޓާނެއެވެ. މަރިޔަމްގެ އަތުގައި އަނަސް ހިފައިލާ ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ.
މުރުތަސިމާއި އަންވަރާ ދެމީހުން ގޭތެރޭގައި ހާސްވެގެން އެކި ތަންތަނަށް ފޯނުކުރަމުން ގެންދެއެވެ. ޚާނަމްވެސް ރޮނީއެވެ. އެންމެންވެސް ތިބީ ކަންބޮޑުވެ ހާސްގެންގޮސް ހަދާނެގޮތް ބޮޑުވެފައެވެ. ވެގެން އުޅޭގޮތެއް ސާފުނުވާތީ ، މީރަބްހުރީ އަނގަމަޑުން ލައިގެންނެވެ. އަނަސް އާއެކީ ފިލައިގެން މަރިޔަމް ދިޔަވާހަކަ . ބުނެފިނަމަ ، އެގެ އެކޮޅުކޮޅުން ޖެހިގެންދާނެއެވެ. އެރޭ ކައިވެނިކޮށްގެން ، ހެނދުނު ހެނދުނާ ، މަރިޔަމް ގެޔަށް އަންނަންދެން އަނގަ މަޑުންލައިގެން ހުރުމަށް މީރަބް ނިންމިއެވެ.
" މަލިކު ޒުބޭރު ފޯނެއް ނުނަގައެވެ. ޒުބޭރުއޮތީ އަހަރެމެންނަށް އިންޒާރު ދީފައެވެ. ދުޝްމަނެއްގެ ގޮތުގައި ، އޭނާގެ މަޤްޞަދު ފުރިހަމަކުރާނީ މިގޭތެރެއިންކަމަށް ޒުބޭރު އޮތީ ބުނެފައެވެ. މަރިޔަމް ހުންނާނީ ޒުބޭރުގެ އަތްދަށުގައިކަން އަހަރެންނަށް ޔަޤީނެވެ. " އަންވަރު ބުންޏެވެ.
އަންވަރުގެ ވާހަކައިން ، މީރަބް ކަންބޮޑުވާގޮތް ވިއެވެ. އަނެއްކާ އަނަސްގެ މަކަރުވެރިކަމުން ، މަރިޔަމް ގެންގޮސް ޒުބޭރާ ޙަވާލުކުރީ ނޫންބާވައެވެ.
" އެއީ ހަމައެކަނި މިގޭގެ އަންހެންދަރިއެއް ނޫނެވެ. މިގޭގެ ޢިއްޒަތާއި ޤަދަރެވެ. މަރިޔަމް މިއަދު އެހުރީ ޒުބޭރު މަލިކުގެ އަތްދަށުގައެވެ. " ޙަޔާވެސް ބުންޏެވެ.
މަރިޔަމް ، އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެފަދަކަމެއް ނުކުރާނެކަމަށް ޚާނަމް ބުންޏެވެ. ޙަޔާއަށް ރަނގަޅު ފުރުޞަތެއް ލިބުމާއެކީ ، މަރިޔަމަށް އެކަހަލަ ކަމެއްކުރަން ނުކެރޭނެކަމަށާއި ، އޭނާ ލައްވާ ކޮންމެވެސް މީހަކު އެކަން ކުރުވީކަމަށް ޙަޔާ ބުންޏެވެ. އަދި ވަށްކަޅިން މީރަބާ ދިމާލަށް ބަލައިލިއެވެ. ޙަޔާ ބުނަން އެއުޅޭ ވާހަޔެއް ދޭހަނުވާކަމަށް ޚާނަމް ބުންޏެވެ.
" ޚާނަމް މަންމާއެވެ ! އަހަރެންނަށް ހީވާގޮތުގައި މަރިޔަމް ކައިވެނި ކުރަން އެއުޅޭ އަނަސްއަކީ ، މަލިކު ޒުބޭރެވެ. " ޙަޔާ ބުންޏެވެ.
ހަނގުރާމަ ފަށަން ހެނދުނު ވަންދެން ޙަޔާއަކަށްވެސް މަޑެއް ނުކުރެވުނެވެ. މިހާރު އެއޮތީ މަޑުމަޑުން ހަތިޔާރުނަގައި ހަނގުރާމައިގެ ސަފަށް ނުކުންނަންޖެހޭ ވަގުތު ޖެހިފައިކަމަށް ޙަޔާ ނިންމިއެވެ.
ޙަޔާ އެބުނި ވާހަކަޔަކުން އެންމެންގެ މޫނުމަތިން އިތުރު ޙައިރާންކަމާއި ބިރުވެރިކަން ފާޅުވިއެވެ. މީރަބްގެ ދެލޯވެސް ބޮޑުވިއެވެ. އެހެން އެކަން ވެއްޖެނަމަ ، މީރަބްގެ ދުވަސް އެދިޔައީއެވެ.
އަނަސްގެ ފޮޓޯ އެއްވެސް މީހެއްގެ އަތުގައި އެބައޮތްތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބްގެ އަތުގައި އަނަސްގެ ފޮޓޯ އޮވެދާނެކަމަށް ޙަޔާ ބުނުމާއެކީ ، ދެބުމަ ގޮށްޖަހާފައި ، މީރަބާ ދިމާލަށް މުރުތަސިމް ބަލައިލިއެވެ. މީރަބާއި އަނަސްއާ ބައްދަލުކުރުމަށް މަގުފަހިކޮށްދީ ، މަރިޔަމަށް އެކަމުގައި އެހީތެރިވަނީ މީރަބްކަމަށް ޙަޔާ ބުންޏެވެ. މީރަބާ އަނަސް އާ ކައިވެނި ކުރަން މަރިޔަމަށް އެހީތެރިވަމުން އެދަނީ މީރަބެވެ. ފަހަރު ތަންކޮޅެއް ހާމަކުރަމުންގޮސް ، މީރަބްގެ މަގު ޙަޔާ ބަންދު ކޮށްލިއެވެ. މީރަބާ ދިމާލަށް ތީރަކަށްފަހު ތީރެއް އެބަ އާދެއެވެ. ސަލާމަތްވާނެ ގޮތެއް މީރަބަކަށް ނުވިސްނެއެވެ. އެއަށްވުރެ ބޮޑަށް މީރަބްހުރީ ހާސްވެފައެވެ. މުރުތަސިމް ގޮސް ، މީރަބްގެ އަތުގައި އަނަސްގެ ފޮޓޯއެއް އޮތްނަމަ ، އޭނާއަށް ދައްކައިލަ ދިނުމަށް މުރުތަސިމް އެދުނެވެ. އަނަސްއާ ބައްދަލުކުރަން މީރަބް އޮތީ އެގެޔަށް ގޮސްފައިކަން މުރުތަސިމް ހަނދާން ކޮށްދިނެވެ. އޭނާއަތުގައި އަނަސްގެ ފޮޓޯއެއް ނެތްކަމަށް ބުނެ ، މީރަބްގެ ބޯ މަޑުމަޑުން ހޫރައިލިއެވެ.
އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މުރުތަސިމްގެ ފޯނުނަގައި ފޯނުގައިވާ ފޮޓޯއެއް މީރަބަށް ދައްކައިލިއެވެ. އަދި އެއީ ، އަނަސްގެ ގޮތުގައި މީރަބާ ބައްދަލުކުރި މީހާތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބް ހަނުހުންނާތީ މުރުތަސިމްގާތަށް ރުޅިއަންނަން ފެށުމާއެކު ، އެއީ އަނަސްކަމުގައި މީރަބް ބުންޏެވެ. މުރުތަސިމް ، މީރަބްގެ އަތުގައި ހިފައިގެން ބޭރަށް ނުކުމެ ، އަނަސްއާ ބައްދަލުކުރަން ދިޔައީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. މީރަބް އެދިޔަތަނުގެ ނަން ބުނުމާއެކީ ، މުރުތަސިމް ކާރާ ދިމާލަށް ދުއްވައިގަތެވެ. މީރަބްވެސް މިހާރު އެހުރީ ، އޭނާއަށް ނޭނގިހުރެ އެކުރެވުނު ކަމަކުން ހިތަށް އުނދަގޫވެ ހަދާނެގޮތް ބޮޑުވެފައެވެ. އަނަސްގެ ޙަޤީޤަތް ރަނގަޅަށް ނުބަލައި ، މަރިޔަމްގެ ޙާލަށް ހަމްދަރުދީވެ ، މުރުތަސިމާ ޚިލާފަށް މުރުތަސިމާ ދެކޮޅު ވިސްނުމެއްގައި އެކުރެވުނުކަމެއްގެ ހިތިނަތީޖާއިން މީރަބްގެ ހިތުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. މީރަބްވެސް މުރުތަސިމާއެކީ އެތަނަށް ދާން ބޭނުންވިއެވެ. އޭރަށް ، މަރިޔަމް ސަލާމަތް ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ދުވެފައިގޮސް މީރަބްވެސް ކާރަށް އެރިއެވެ.
މީރަބް ދައްކަމުންދިޔަމަގުންލާފައި މުރުތަސިމް ދުއްވަމުންގޮސް ، މަޑުކޮށްލީ ކުރީދުވަހު އަނަސްއާ ބައްދަލުކުރުމަށް އައުމަށް މީރަބަށް އަނަސްދިން ގޭދޮށަށެވެ. އެއީ ، މުރުތަސިމްވެސް އައި ތަނެވެ.
މައްޗަށް އަރައި ، އެގޭގެ ދޮރުގައި މުރުތަސިމް ދެތިން ފަހަރު ޓަކިޖަހައިލުމުންވެސް ދޮރެއް ނުހުޅުވިއެވެ. ތަންކޮޅެއްބާރަށް ދޮރުގައި މުރުތަސިމް ތަޅައިގަތުމުން ، ދޮރުހުޅުވީ ، ޢުމުރުން ދުވަސްވީ މީހެކެވެ. އަނަސް ކޮބައިތޯ މީރަބް ސުއާލު ކުރިއެވެ. އަނަސް އެއީ އެގޭގައި އުޅޭ މީހެއްނޫންކަމަށާއި އެއީ އޭނާގެ ގެ ކަމުގައި އެމީހާ ބުންޏެވެ. ވެގެން އުޅޭގޮތް މުރުތަސިމަށް އެނގުނެވެ. އެމީހާއަކީ މަލިކު ޒުބޭރުގެ މީހެކެވެ. ޖީބުގައި އޮތް ފިސްތޯލަ ނަގައި އެމީހާގެ ބޮލުގައި ޖައްސައި ، އަނީސާ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އަނީސާއަކީވެސް އޭނާ ދަންނަ މީހެއް ނޫންކަމަށް އެމީހާ ބުނުމާއެކީ ، މަލިކު ޒުބޭރު ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ.
އެހިސާބުން އެމީހާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އެއިން އެއްވެސް މީހަކު ނޭނގޭކަމަށާއި ، އޭނާގެ ގެ މީގެދުވަސްކޮޅެއްކުރިން ، އަވަށުން ބޭރަށްދާން ޖެހިފައި އޮއްވައި މީހަކު އައިސް ދެ ހަފުތާއަށް ކުއްޔަށް ހިފިކަމަށް އެމީހާ ބުންޏެވެ. މުރުތަސިމްމެން އެބުނާ ތިންމީހުންކުރެ އެކަކީވެސް އޭނާ ދަންނަ ބަޔެއްނޫނެވެ. އަދި އެމީހުން އުޅޭތަނެއްވެސް ނޭނގެއެވެ.
ގޭގެ ތިރީބުރިޔަށް ފައިބާ ، ކާރުގައި ލެނގިލައިގެންހުރެ ، މަރިޔަމް ސަލާމަތް ކުރުމަށް ދެންކުރެވިދާނެ ކަމަކާމެދު މުރުތަސިމް ވިސްނައިލިއެވެ. އޭރު ، މީރަބް ގެންދިޔައީ އަޑުންއަޑުނަގާ ރޮމުން ، އޭނާއަށް އެކުރެވުނު ކަމަކާމެދު އަމިއްލަ ނަފްސަށް ލަޢުނަތް ދެމުންނެވެ. އެއީ މީރަބް ވަގަށް ނަގައިގެން ގެންގޮސް ބަންދުކުރި މީހާތޯ މުރުތަސިމާ މީރަބް ސުއާލު ކުރިއެވެ. މުރުތަސިމް އާނއެކޭ ބުނުމާއެކީ ، މީރަބްގެ ރުއިމުގެ އަޑު އިތުރަށް ގަދަވިއެވެ. މަރިޔަމްއަށްވެސް އަދި މީރަބަށްވެސް އަނަސްއަކީ ކާކުކަމާއި ، މަލިކު ޒުބޭރަކީ ކާކުކަން ނޭނގޭ ކަމަށް މީރަބް ބުންޏެވެ. އަދި މަރިޔަމް ސަލާމަތް ކޮށްދިނުމަށް އެދި މުރުތަސިމަށް އާދޭސް ކުރަމުން ގެންދިޔައެވެ. މީރަބާ ގާތަށް މުރުތަސިމް ޖެހިލައި ، އޭނާއަށް މަރިޔަމް ގެނެސްދޭނެކަމަށް ވަޢުދުވިއެވެ. އަދި މީރަބްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަދީ ، އެކަމުގައި މީރަބްގެ ކުށެއްނެތްކަން އޭނާއަށް އެނގޭ ކަމަށާއި ނުރޮއެ ، ހަމަޖެހިލުމަށް މުރުތަސިމް ބުންޏެވެ.
މަރިޔަމްއަށް ރަތްކުލައިގެ ކައިވެނީގެ ހެދުމެއް ގެނެސްދީ ، އެތަނުން ކޮޓަރިޔަކަށް ވަދެ ހެދުން ބަދަލު ކުރުމަށް އަނަސް ބުންޏެވެ. އެހެނަސް ، އޭނާލައިގެންހުރި ހެދުން ބަދަލުކުރާކަށް މަރިޔަމް ބޭނުމެއް ނުވިއެވެ. ކައިވެނިވާ ވަގުތު ، އަނަސް ބޭނުންވަނީ ، އޭނާގެނައި ރަތްހެދުން ލައިގެން މަރިޔަމް ހުރުމަށްކަމަށް ބުނެ ، އެތައް ވަރަކަށް ވާހަކަ ދެއްކުމުން ، އަނަސްގެ ބަހަށް ހެއްލި ހެދުން ބަދަލު ކުރުމަށް މަރިޔަމް އެއްބަސްވިއެވެ.
ކައިވެނީގެ ހެދުން ލައިގެން މަރިޔަމް އައުމުން ، މަރިޔަމްގެ ދެތިން ފޮޓޯ ، އަނަސް ނެގިއެވެ. މަރިޔަމްހުރީ ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައިކަން ، މަރިޔަމްގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. އަދި ، ކައިވެނިކޮށްދޭމީހުން ލަސްވަނީ ކީއްވެތޯއާއި ، އެމީހުންގެ ޚަބަރު ބަލައިލުމަށް މަރިޔަމް އެދުނެވެ. އާނއެކޭ ބުނެ ގެއިން ބޭރަށް ނުކުމެ ، މުރުތަސިމާ ގުޅައި އެ ފޮޓޯތައް މުރުތަސިމަށް ފޮނުވިއެވެ. އިރުކޮޅަކުން ، މުރުތަސިމަށް ގުޅިއެވެ.
" މުރުތަސިމެވެ ! ފޮޓޯތައް ލިބިއްޖެ ދޯއެވެ. އަހަރެން މިއުޅެނީ މަރިޔަމްއާ ކައިވެނި ކުރާށެވެ. އެއީވެސް އެންމެ ރެޔަކަށެވެ. އެހިސާބުން އަހަރެންގެ މަޤްޞަދު ޙާޞިލްވެ ނިމުނީއެވެ. މުރުތަސިމާއި ތި ޢާއިލާގެ ޤަދަރާއި ޢިއްޒަތް އަހަރެން ، ވެއްޔާ މޮޑެލާނަމެވެ. " އިންޒާރު ތަކަށްފަހު ޒުބޭރު ، އޭނާގެ ފޯނު ކަނޑައިލިއެވެ.
އޭނާގެ ކޮއްކޮގެ ގައިގައި ބީހިލައިގެންވެސް ނުވާނެކަމަށްބުނެ ، މުރުތަސިމް ހަޅޭއްލަވައިގަތެވެ.
މަލިކު ޒުބޭރު ، ގޭތެރެޔަށްވަދެ ، މަރިޔަމްހުރި ކޮޓަރިޔަށް ދިއުމާއެކީ ، ކައިވެނިކޮށްދޭ މީހުން ކޮބައިތޯ އަހައި އަނެއްކާވެސް މަރިޔަމް ކުރަމުން އައި ސުއާލު ތަކްރާރު ކުރިއެވެ. އެމީހުން އަންނަންވާއިރަށް މަރިޔަމްއަށް އެއްޗެއް ދައްކާލަންހޭ ބުނެ ، އޭނާ އެ ދައްކާ ފޮޓޯތައް ބެލުމަށްފަހު ، އޭނާއާ ކައިވެނިކުރަން މަރިޔަމް އެއްބަސްވަންޏާ ، ވަގުތުން ކައިވެނި ކުރާނެކަމަށް މަލިކު ޒުބޭރު ބުންޏެވެ.
މަލިކު ޒުބޭރު ދެއްކި ފޮޓޯއަކީ ، މަލިކުޚާންގެ ފޮޓޯއެކެވެ. އެއީ މަރިޔަމްގެ ޢާއިލާގެ ޒަމާންވީ ދުޝްމަނެއްކަން ، މަރިޔަމްއަށްވެސް އެނގެއެވެ. ޒުބޭރު ދެން ދެއްކީ އޭނާގެ ފޮޓޯއެކެވެ. އެއީ އޭނާ ކަމަށާއި ، މަލިކުޚާނަކީ އޭނާގެ ބައްޕަކަމަށް ޒުބޭރު ބުންޏެވެ. އަދި އޭނާގެ ޙަޤީޤަތް ހާމަކުރަމުން ގެންދިޔައެވެ. އޭނާއަކީ ، މަރިޔަމްގެ ޢާއިލާގެ ޒަމާންވީ ދުޝްމަން މަލިކުޚާންގެ ދަރި ، މަލިކު ޒުބޭރެވެ. މަރިޔަމްގެ ފަހަރި ، މީރަބް ވަގަށްނަގައިގެން ގެންގޮސް ބަންދުކުރީ އޭނާއެވެ. މަރިޔަމް ހައްލާލައިގެން ، އޭނާގެ ލޯބީގެ މަކަރުވެރިކަމުގެ ޙީލަތްތެރި ދަލުގައި ޖެއްސީ އޭނާއެވެ. އޭނާއަކީ ، މަރިޔަމްގެ ބޭބެ ، މުރުތަސިމް ޚާންގެ އެންމެ ބޮޑު ދުޝްމަނެވެ. މުރުތަސިމްގެ ކިބައިން ބަދަލު ހިފުމަށް ، ފުރުޞަތަކަށް ބަލަބަލާ ހުންނަ މީހެކެވެ. އެހިސާބުން މަރިޔަމްގެ ބޮލަށް އެނބުރުން އަރައި އަރިއަޅައިލިއެވެ. އެ ހުރިހާ މަޢުލޫމާތެއް އެނގުމަށްފަހުވެސް ، އޭނާއާ މަރިޔަމް ކައިވެނި ކުރާނަންތޯ އަހައި ، ޒުބޭރު ސުއާލު ކުރިއެވެ.
ނޫނެކޭ ބުނެ ބޯ ހޫރަމުން ކޮޓަރިން ނުކުންނަން މަރިޔަމް ހިނގައިގަތްތަނާ ، ޒުބޭރު އޭނާ ހިފެހެއްޓިއެވެ. އަދި އޭނާގެ އަތްދަށަށް އަންނަ އެއްވެސް އަންހެނަކަށް ، އޭނާގެ އަތްދަށުން ސަލާމަތްވެގެން ނުދެވޭނެކަމަށް ބުނެ ، މަރިޔަމް ، އެނދުމައްޗަށް ވައްޓައިލިއެވެ. ( ނުނިމޭ )