އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގަ: ރައީސް

މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ޕޯސްޓު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން އަރުވައި، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވައި، އަދި އެންމެހާ އެދުރުންގެ ޢާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށާއި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން ފާހަގަކުރައްވައި، މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުޢާކުރައްވައި، އެކަމަނާ ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.