
(17 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ގެޔަށް ދިއުމާއެކީ ، މުރުތަސިމްގެ ރުޅިއާ ކުރިމަތިލާން މީރަބަށް ޖެހުނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދޫނުކޮށް ޒުވާބު ކުރަމުން ގެންދިޔައިރު ، ކޮޓަރިން ބޭރަށްވެސް އެއަޑު އިވެއެވެ. މީރަބާއި މުރުތަސިމާ ދެމެދު މައްސަލަ ޖެހޭނެކަން ޙަޔާއަށް އެނގެއެވެ. އެހެންކަމުން ، މަޑުމަޑުން ގޮސް ، އެދެމީހުންގެ ޒުވާބުގެ އަޑުއަހަން ކޮޓަރީގެ ދޮރުކައިރީ ހުއްޓިލައިގެން ޙަޔާ ހުއްޓެވެ. އެހެން ހުއްޓާ ، މުރުތަސިމް ބޭރަށް ނުކުންނަން އަންނަހެން ހީވީމަ ، ކަޑަބޮށް ޖަހާފައިގޮސް ، ސިޓިންގރޫމުގައި ހުރި މޭޒެއްމަތި ފޮހެން ކަމަށް ހަދައިގެން އެތަނުގައި ހުއްޓުނެވެ. މުރުތަސިމްގާތަށް އައިސްހުރި ރުޅީގެ ހޫނު ޙަޔާއަށް އިޙްސާސް ކުރެވުނެވެ. މުރުތަސިމް އައިގޮތަށް އައިސް ، މިއަދު އެދިމާވި ކަންކަމުގެ ވާހަކަ މަންމަގާތު ނުބުނުމަށް ، ޙަޔާގެ ކިބައިން އެދުނެވެ. ބޯޖަހައިލުމަށްފަހު ، އެވާހަކަ އެއްވެސް މީހެއްގާތު ނުބުނާނެކަމަށް ޙަޔާ ވަޢުދުވިއެވެ. ޙަޔާއަށް ޝުކުރު އަދާކުރުމަށްފަހު ، މުރުތަސިމް ދުރަށް ދިއުމާއެކީ ، މީރަބަށް ޙަމަލާ ދިނުމަށް އޭނާގެ އަތަށް އެއްވަމުންދާ ހަތިޔާރުތަކުގެ މަތިން ހަނދާންކޮށްލިއެވެ. އެއިން ކޮންމެ ހަތިޔާރަކީ ، އޭގެ ވަގުތު ޖެހުނީމަ ނަގަން ، ޙަޔާ ރައްކާކޮށްގެންހުރި ތަކެއްޗެވެ. ކޮންމެވެސް އެއް ހަތިޔާރަކުން މީރަބްގެ ދުވަސް ދުއްވައި ލެވޭނެއެވެ. ލަސްވިޔަސް ، އެއީ ކޮންމެވެސް ދުވަހަކުން ޙަޔާއަށް ފުދިގެންދާނެ ކަމެއްކަމަށް ޙަޔާ ޤަބޫލު ކުރެއެވެ. މިއޮއް ހުރިހާ ދުވަހުވެސް ކެތްކުރީތާއެވެ ! އަދިވެސް ކެތްކުރާނީއެވެ. ކެތްކުރީމަ ލިބޭނެ ނަތީޖާވެސް ފޮނިވާނެއެވެ.
އަންވަރާއި މުރުތަސިމްގެ ރޭވުމެއްގެ ތެރެއިން ، މީރަބަށް އޭނާގެ ޤާނޫނީވަކީލްކަމުގެ ކިޔެވުން ފުރިހަމަ ކުރުމަށް ފުރުޞަތު ލިބުނެވެ. ޤާނޫނީ ވަކީލަކަށްވުމަކީ ، މީރަބްގެ ހުވަފެކެވެ. އެހެނަސް ، މަރިޔަމްގެ ކައިވެނީގެ މައްސަލާގައި މީރަބަށް ލިބިފައިވާ މާޔޫސްކަމުގައި ، މުރުތަސިމް އެކޮށްދިން އެއޮށްބޮޑު ކަންތަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ. މުރުތަސިމާ ވާހަކަ ދައްކާކަށްވެސް މީރަބް ބޭނުމެއް ނުވެއެވެ.
މީރަބްގެ އެ ހަމަހިމޭންކަމަކީ ، މުރުތަސިމަށް ބަރުދާސްތު ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެންމެފަހުން ، އެ އަނަސްއަކީ ކާކުތޯ މީރަބްކުރެން މުރުތަސިމް އެހިއެވެ. އޭނާގެ ވަނަވަރު ކިޔައިދިނުމަށް އެދުނެވެ. އަނަސްދެކެ ، މަރިޔަމްވާ ލޯބި އެއީ އަނަސް ދެނެގަތުމަށް ފުދޭނެ އެއްޗެއްކަމަށް މުރުތަސިމެއް ނުބަލައެވެ. އަންހެނަކަށްވީތީ ، މީރަބަށް އެވަރުން ފުދިދާނެއެވެ. އެހެނަސް ، އަނަސްއާ ބެހޭ ހުރިހާ މަޢުލޫމާތެއް ސާފުނުވަނިސް ، އެކަމަށް މުރުތަސިމް އެއްބަހެއް ނުވާނެއެވެ. އެކަމުގައި އޭނާ ގޮތެއް ނިންމަން ޖެހޭނީ މަންމަޔާ ދެކޮޅަށް ކަމަށް ވާތީއެވެ. އަނަސް އަކީ ކާކުކަން ދެނެގަތުމަށްޓަކައި ، މުރުތަސިމް ، އަނަސްއާ ބައްދަލު ކުރުމަށް މީރަބް އެދުނެވެ. މީރަބްގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ، މުރުތަސިމް ހިތްހަމަޖެހުން ލިބިގަތެވެ. އެވަރުން އޭނާއަށް ފުދެއެވެ. އޭނާ ބޭނުންވަނީ މީރަބް އުފަލުގައި ހުރުމެވެ. އެކަމަށްޓަކައި ، ކޮންމެފަދަ ޤުރްބާނީއެއްވާންވެސް މުރުތަސިމް ހުންނަނީ ތައްޔާރުގައެވެ.
މީރަބްގެ ބާރުއެޅުމުގެ މަތިން ، ވަރަށް ހިތްވަރުކޮށްފައި ، އަނަސްއާއި މަރިޔަމްގެ ލޯބީގެ ވާހަކަ ، މުރުތަސިމް އޭނާގެ މަންމަގާތު ދެއްކިއެވެ. އެހެނަސް ، ޚާނަމް އެކަމަށް ވަގުތުން އިންކާރު ކުރިއެވެ. މުރުތަސިމް އެދެއްކި ވާހަކަ ، އޭނާއަށް އަޑުނީވޭކަމުގައި ބެލުމަށް ޚާނަމް އެންގިއެވެ. އެވާހަކަ ދެކެވުނުއިރު ، މީރަބްވެސް އަދި މަރިޔަމްވެސް އެތަނުގައި ތިއްބެވެ. މުރުތަސިމް އެވާހަކަ ދައްކަނީ އޭނާގެ ދުލުން ނޫންކަމަށާއި ، އެއީ މުރުތަސިމްގެ އަންހެނުންގެ ދުލުން ދައްކާ ވާހަކައެއްކަމަށް ޚާނަމް ބުންޏެވެ. މަރިޔަމް ބޭނުންވާ ގޮތަކީ އެއީކަމަށް ، މުރުތަސިމް ބުނިނަމަވެސް ، އެކަން ޚާނަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނުވަތަ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.
" އަހަރެންގެ ދަރިފުޅު ، ރަނގަޅު ޢާއިލާއެއްގެ ރަނގަޅު ކުއްޖަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އޭނާއަށް ލިބޭކަށް މީރަބް ނޭދެމެއް ނޫންހެއްޔެވެ. އަހަރެންގެ މައްޗަށް ބަސް ނުވިކިގެން ، އަހަރެންގެ ފިރިހެންދަރިފުޅު ލައްވާ އެކަމަށް އެއްބަސް ކުރުވަން ތިއުޅެނީ ކޮން މަޤްޞަދެއް ޙާޞިލް ކުރަން ހެއްޔެވެ ؟ " ޚާނަމް މީރަބާ ދިމާލަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ.
މީރަބާ ދިމާލަށް އެއްޗެތި ނުގޮވާ ، މަރިޔަމް ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލަން މަރިޔަމްއާ ، ޚާނަމް ސުއާލު ކުރުމަށް މުރުތަސިމް އެދުނެވެ. މަރިޔަމްއާ އެސުއާލު ކުރާކަށް ޚާނަމް ބޭނުމެއްނޫނެވެ. އެކަހަލަކަމެއް މަރިޔަމެއް ނުކުރާނެއެވެ. މަންމަގެ ހިތަށް ތަދުވާނެ އެއްވެސްކަމެއް މަރިޔަމް ނުކުރާނެކަމަށް ޚާނަމް ބުންޏެވެ.
" މަރިޔަމް އެވެ ! މަރިޔަން ބޭނުންވާގޮތް މަންމަ ގާތު ބުނެދޭށެވެ ! މަރިޔަމަށްޓަކައި އެންމެންނާ ދެކޮޅަށް އަހަރެން މަސައްކަތްކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. މިހާރު މިއޮތީ މިކަމުގައި މަރިޔަމްގެ ބަސްބުނަންޖެހޭ ވަގުތު ޖެހިފައެވެ. މަރިޔަމްގެ ކައިވެންޏާބެހޭގޮތުން ، މަރިޔަމް ބޭނުންވާ ގޮތް މަންމަގާތު ، ސާފުކޮށް ބުނާށެވެ ! " މީރަބް ބުންޏެވެ.
މަރިޔަމް އެއްޗެކޭ ބުނަން ޚާނަމް ފުރުޞަތެއް ނުދިނެވެ. މަރިޔަމް އެއްވެސް އެއްޗެކޭ ނުބުނާނެކަމަށް ޚާނަމް ބުންޏެވެ. ކުޑައިރުއްސުރެ މަރިޔަމްއަށް ޚާނަމް ދަސްކޮށްދީފައި އޮންނާނީ ، މަރިޔަމްގެ ކައިވެނި ޢާއިލާއިން ބޭރު މީހަކާ ނުކުރެވޭނެ ކަމުގައެވެ. އެކަން އެހެން އޮއްވާ ، އެއާ އިދިކޮޅު ވިސްނުމެއް މަރިޔަމެއް ނުގެންގުޅޭނެއެވެ. މަންމަގެ ވިސްނުމާ ދެކޮޅަށް މަރިޔަމް ، އެއްވެސްކަމެއް ނުކުރާނެއެވެ. އެކަމުގައި ބަހެއް ބުނުމަށް މަރިޔަމްއަށް އޮތް ފުރުޞަތު ، ޚާނަމްގެ ވާހަކައިން ހަނިކުރަމުން ގެންދިޔައެވެ. ޢާއިލާގެ ހަމަތަކާއި އުޞޫލުތައްވެސް މަރިޔަމެއް ރޫޅައެއް ނުލާނެއެވެ.
މަރިޔަމް ބޭނުންވާގޮތެއް ބުނުމަށް މުރުތަސިމްވެސް ބާރުއަޅަމުން ގެންދިޔައެވެ. އެހެންކަމުން ، މަންމަޔާ ގާތަށް ޖެހިލައި ވަރަށް ޖެހިލުންވެފައިހުރެ ، މީރަބް އެދައްކަނީ ، ރަނގަޅު ވާހަކައެއްކަމަށް މަރިޔަމް އިޢުތިރާފް ވިއެވެ.
ޚާނަމްގެ މޫނުމައްޗަށް ކުނިބިހެއް ޖެހިކަހަލައެވެ. ދެލޯ ބޮޑުވެ ޙައިރާންވެފައި އެތައް އިރަކު ޚާނަމަށް ހުރެވުނެވެ. ކުއްލިޔަކަށް އަތްއުފުލާލައި އަތުގައި ނެތްބާރުލާފައި މަރިޔަމްގެ މޫނުމަތީ ޚާނަމް ޖެހިއެވެ. މަރިޔަމްގެ ގައިގައި އިތުރަށް ތަޅަމުން މިކުއްޖާ މަރައިލާންވީއޭ ގޮވަމުން ގެންދިޔައެވެ. މުރުތަސިމާއި މީރަބް އެދެމެދަށްވަދެ ، ދެމައިން ދުރު ކުރިއެވެ. އެކަމުގައި މަރިޔަމްގެ އެއްވެސް ކުށެއް ނެތްކަމަށް މީރަބް ބުނަމުން ގެންދިޔައެވެ.
" އަހަރެންގެ އެ ދަރިފޅު ، އަހަރެން ބުނާގޮތްނޫންގޮތެއް ނުހަދާނެއެވެ. މިހުރިހާ ކަމަކީ ، މީރަބް އޭނާލައްވާ ކުރުވާ ކަންތަކެވެ. އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުކޮށްލާނެއެވެ. މީރަބަށް ވެގެން ވިއްޔާ ، އަހަރެމެންގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލާނެއެވެ. " މީރަބާ ދިމާލަށް ޚާނަމް އެއްޗެތި ކިޔަމުން ގެންދިޔައެވެ.
އެކަމުގައި މީރަބް އެއްވެސްކަމެއް ނުކުރާ ކަމަށާއި ، އެކަމުގައި މީރަބްގެ ކުށެއް ނެތްކަމަށް މުރުތަސިމް ބުންޏެވެ. މުރުތަސިމްގެ އަޑު ހަރުވިއެވެ. އިރުއިރު ކޮޅުން ، ކޮންމެ ކަމެއްވީމަ ، މީރަބްގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވަމުން ގެންދާތީ ، މުރުތަސިމްވެސް މަންމަދެކެ ހިތްހަމަ ނުޖެހުނެވެ. މަރިޔަމް އަމިއްލަޔަށް ، މަންމަގެ ކުރިމަތީ އިޢްތިރާފް ވީމަވެސް ، ކުށްވެރިޔަކީ މީރަބް ހެއްޔެވެ ؟
މަރިޔަމްގެ ގައިގައި ޚާނަމް ތަޅައިގަތްއިރު ، ނަޞީބަކުން ޙަޔާއެއް ނެތެވެ. އެހެންނަމަވެސް ، މަރިޔަމް ރޮމުންރޮމުން މީރަބާއެކީ ކޮޓަރިޔަށް އައިސް ވަތްތަނުން ، ފަހަތުން ޙަޔާވެސް އައިސް ވަނެވެ. ޙަޔާ އެކޮޓަރިޔަށްވަނުން މަރިޔަމް މަނާކުރިއެވެ. އިތުރަށް އޭނާއަށް ގެއްލުމެއްދޭން ޙަޔާ ނުއުޅުމަށް ބުނަމުން ، ޙަޔާނެރެ ، ކޮޓަރީގެ ދޮރު ލެއްޕިއެވެ.
އެނދުގައި މަރިޔަމް ބޭންދުމަށްފަހު ، މީރަބް އޭނާއަށް ނަޞޭޙަތް ދޭން ފެއްޓިއެވެ. ޚާނަމް އޭނާއަށް ދީފާނެ އަދަބަކަށް މަރިޔަމް ބިރުގަނެއެވެ. ގެއިން ބޭރުކޮށްލައި ، ދަނޑުބިން އޮންނަ އަވަށަށްވެސް އޭނާ ފޮނުވައިލަ ފާނެއެވެ.
" އެހެންނެއް ނުހެދޭނެއެވެ. އެހުރިހާކަމެއް ހަމަޖައްސަން މުރުތަސިމް އެހުރީ ތައްޔާރަށެވެ. މީރަބަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަނަސްއަށް ގުޅާފައި މިއަދު އެ ހިނގި ކަންކަމުގެ ވާހަކަ ބުނާށެވެ ! އަނަސްގެ މަންމަ ގޮވައިގެން ، ކައިވެނީގެ ދަޢުވަތު ހިފައިގެން އައުމަށް ބުނާށެވެ ! " މީރަބް ބުންޏެވެ.
މަރިޔަމަކަށް އެކަން ކުރާކަށް ނުކެރޭނެއެވެ. މަންމަ އެހުރީ އެކަމާ އިންތިހާއަށް ރުޅި އައިއްސައެވެ. މުރުތަސިމް އެކައިވެންޏަށް އެއްބަސްވި ވާހަކަ ބުނެ ، މަންމަގެ ކަންތައް ހަމަޖައްސާނީ މުރުތަސިމްކަމަށް މީރަބް ބުންޏެވެ. މުރުތަސިމް އެކަމަށް އެއްބަސްވީމަ ، މަންމަޖެހޭނީ މަންމަގެ ގޮތް ދޫކުރާށެވެ ! ޢާއިލާގެ އެކަހަލަ ކަންކަމުގެ އެންމެ ފަހުނިންމުން ނިންމާނީ މުރުތަސިމެވެ.
މީރަބް އެބުނަނީ ރަނގަޅު ވާހަކައެއްކަމަށް މަރިޔަމްއަށްވެސް ޤަބޫލު ކުރެވުނެވެ.
އަނަސް އަށް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. އެހެނަސް ، އެހެންގޮތެއް ނެތިގެން ، މަންމަ ގޮވައިގެން އޭނާ ދާނެކަމަށް ބުނެ އެވާހަކަ ނިންމައިލިއެވެ. އެއީ ، އެކައިވެނިކުރަން އަނަސް ބޭނުންވާ ގޮތެއްނޫނެވެ. މުރުތަސިމްގެ ކިބައިން ބަދަލު ހިފުމަށްޓަކައި ، އަނަސް ބޭނުންވަނީ ، މަރިޔަމް ފިލައިގެން އައިސް އެކައިވެނި ކުރުމަށެވެ. އެކައިވެނިން ، މުރުތަސިމްގެ ޢާއިލާއަށް ހިތްދައިކަމާއި ގެއްލުންތަކެއް ދިނުމެވެ.
މަންމަޔާ ވާހަކަ ދައްކައިގެން މުރުތަސިމަށް ކުރި ލިބޭނެގޮތެއް ނުވިއެވެ. ޚާނަމް ހުރީ ނޮރޭޒާ މަރިޔަމް ދެވުމަށް ނިންމި ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ.
" މީރަބްކުރެން އަހައިނުލާ ، އަހަރެންގާތުވެސް ނުބުނެ ، އަހަރެމެންގެ ކައިވެނި ކުރުވައިފީމުއެވެ. އެކައިވެނި އަހަރެމެން ދެމީހުން މިގެންދަނީ އެތައް ތަކުލީފަކާއެކީ ، އެހާމެ އުނދަގުލުގައި ދަމަހައްޓަމުންނެވެ. ވާނެގޮތެއްވެސް ނޭނގެއެވެ. ފަހަރެއްގައި މީރަބް ، އަހަރެން ދޫކޮށްލާފައި ވަކިވެގެން ހިނގައިވެސް ދާނެއެވެ. އެކަމަކު ، އަހަރެންގެ ކޮއްކޮއަށް އެފަދަ އަނިޔާއެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. " މުރުތަސިމް އޭނާގެ މަންމަގާތު ބުންޏެވެ.
މުރުތަސިމް އެދައްކާ ވާހަކަޔަކީ ، މުރުތަސިމް ދައްކާ ވާހަކައެއް ނޫންކަމަށް ޚާނަމް ބުންޏެވެ. އެއީ ، މުރުތަސިމްގެ އަންހެނުން ދައްކާ ވާހަކައެކެވެ. މީރަބް އެއުޅެނީ ، މަރިޔަމްގެ ޙަޔާތް ބަރުބާދު ކޮށްލަން ވެގެންނެވެ. އެއީ ، މީރަބްގެ ހުޅުވިފައިވާ މިނިވަން ވިސްނުމުން މުރުތަސިމް ބުނުމަށް ، މީރަބްގެ ހަރުކަށި ސިކުނޑިން ނެރެދޭ ވާހަކައެކެވެ. އެއީ ، މުރުތަސިމްގެ ވިސްނުމުގައި ، މުރުތަސިމްގެ ސިކުނޑިން ނެރެގެން ދައްކާ ވާހަކައެއްކަމަކަށް ޚާނަމް ޤަބޫލެއް ނުކުރެއެވެ.
" އެހެންކަމަށްވިޔަސް ، މީރަބްގެ ވިސްނުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ ؟ އަހަރެމެންގެ ދީނާއި މަޛުހަބު އެކަން ހުއްދަ ކުރެއެވެ. އަންހެންކުއްޖާގެ ރުހުމުގައި ކައިވެނި ކުރުމަށް ދީން ބާރު އަޅައެވެ. ގަދަބާރުން ކުރެވޭ ކައިވެންޏަށް މުޖުތަމަޢުގެ ހަމައާއި އުޞޫލުތައް ހުރަސް އަޅައެވެ. " މުރުތަސިމް ބުންޏެވެ.
އޭނާއަށް ދީން ކިޔަވައިދޭން ނުއުޅުމަށް ، މުރުތަސިމަށް ޚާނަމް އެންގިއެވެ. މީހަކަށް ދީން ކިޔަވައިދެންޏާ ، މުރުތަސިމްގެ އަންހެނުންނަށް ދީން ކިޔަވައިދިނުމަށް ޚާނަމް އެދުނެވެ. ފިރިމީހާގެ ސިކުނޑިޔާ ކުޅެ ، ޢާއިލީ ހަމަތަކާއި އުޞޫލުތައް މުގުރައިލުމަށް ، ފިރިމީހާ ވާ ވައްދަމުންގެންދާ އަންހެނަކަށް ، ދީން ކިޔަވއިދިނުން މާ މުހިންމުކަމަށް ޚާނަމް ބުންޏެވެ.
މުރުތަސިމް ކިތަންމެ ވާހަކައެއް ދެއްކިޔަސް ، އެކައިވެންޏަށް ޚާނަމް އާނބަސް ނުބުނާނެ ކަމަށް ޚާނަމް ބުންޏެވެ. ޢާއިލާއިން ބޭރު ފިރިހެނަކަށް އޭނާގެ ދަރިފުޅު ނުދޭނެކަން ޚާނަމް ، މުރުތަސިމަށް އެންގިއެވެ. އެންމެ ފަހަރަކު ނަމަވެސް އެމީހުންނާ ބައްދަލު ކޮށްލުމަށް މުރުތަސިމް ، އޭނާގެ މަންމަގެ ކިބައިން އެދުނެވެ. އެއްވެސް މީހަކު ދެކެން އޭނާ ބޭނުން ނުވާކަމަށް ބުނެ ، ޚާނަމް އެތަނުން ތެދުވެގެން ދިޔައެވެ.
މަންމަ އެއްބަސް ކުރުވުމަށްޓަކައި ، މުރުތަސިމަށް ދެންކުރެވޭނެ އެއްވެސް ކަމެއް ނެތުނެވެ. ނޯކަރަކަށް ގޮވައި ، އަންވަރު ބޭބެގާތު އެތަނަށް އައުމަށް ބުނުމަށް މުރުތަސިމް އެންގިއެވެ. އަންވަރު އައުމުން ، އަންވަރުގާތު އެހުރިހާ ވާހަކައެއް މުރުތަސިމް ކިޔައިދިނެވެ.
އަންވަރު ގޮސް ޚާނަމް އާ ވާހަކަ ދައްކައިގެންވެސް އެކަކަމަކަށް ޚާނަމް އެއްބަހެއް ނުވިއެވެ. އެއީ ، ޝާހްނަވާޒްގެ މަރުމަތީ ކުރި ވަޞިއްޔަތަށް ފުރަގަސްދިނުންކަމުގައި އަންވަރު ބުންޏެވެ. އޭނާގެ ދެދަރިން ބަލައި ބޮޑުކޮށް ، އެމީހުން ބޭނުންވާ ހުރިހާކަމެއް ފުރިހަމަ ކޮށްދިނުމަށް ، ޝާހްނަވާޒްގެ އެންމެ ފަހުވަގުތުކޮޅު ، ބުނެ ، ޚާނަމަށް އޮތީ ވަޞިއްޔަތް ކޮށްފައެވެ. އަދި އެކަން ކުރާނެކަމަށް ޚާނަމްވެސް އޮތީ ، ވަޢުދު ވެފައެވެ. އަންވަރު އެތައް ވާހަކައެއް ދައްކައިގެން ، އެންމެފަހުން އަނަސްގެ ޢާއިލާއާ ބައްދަލުކުރުމަށް ޚާނަމް އެއްބަސްވެ ، އެމީހުން އައުމަށް އެންގިއެވެ.
އަނަސް އަންނަން ބުނި ގަޑިޖެހުނުއިރުވެސް ، ނައިސްގެން އެންމެންތިބީ ކަންބޮޑުވެފައެވެ. ގޭގައި އުޅުނު ނޯކަރެއްގެ ފަރާތުން އަނސްއާއި އޭނާގެ މަންމަޔާ ބެހޭ ހުރިހާ މަޢުލޫމާތެއް ޙަޔާ އޮތީ ހޯދާފައެވެ. މީރަބާއެކުގައި ރެސްޓޯރެންޓަކަށްގޮސް ، އަނަސްއާ ބައްދަލުކޮށް ، އެންގޭޖްމަންޓް އަނގޮޓި އެޅުވި ދުވަހު އެކިޔާ އަނަސްއަކާ ޙަޔާއަށް އޮތީ ދިމާވެފައެވެ. އެއީ ، އަނަސްނޫންކަން އެނގެނީ ޙަޔާއަށް އެކަންޏެވެ. މަރިޔަމަކަށްވެސް އަދި މީރަބަކަށްވެސް އެއީ ، އަނަސް ނޫންކަމެއް ނޭނގެއެވެ. އެއީ މަލިކު ޒުބޭރުކަން އެނގެނީ ހަމައެކަނި ޙަޔާއަށެވެ. އެއީ މީރަބް ބަލިކޮށްލުމަށްޓަކައި ޙަޔާ ރައްކާކޮށްގެންހުރި ، ބާރުގަދަ ހަތިޔާރެކެވެ.
އެތައް އިރެއްވީފަހުން ، އެގެޔަށްއައި އަންހެނަކު އެއީ މަލިކު ޒުބޭރުގެ މަންމަކަމަށް ބުނެ ، މުރުތަސިމް މެންނާ ބައްދަލު ކުރިއެވެ. ޚާނަމް އެތަނަށް އައުމުންވެސް ، ޚާނަމަކަށްވެސް ، އެއަންހެނާ އަދަބު އިޙްތިރާމެއް ނުކުރެއެވެ. މަލިކު ޒުބޭރު އެގެޔަށް ނުގޮސް ، ލާރި ދީފައި އަނަސްގެ މަންމަޔަށް ވެގެން ވާހަކަ ދެއްކުމަށް ފޮނުވި އަންހެނާގެ އަދަބެއް ސަދަބެއް ނެތުމާއެކު ، ޚާނަމްވެސް ، އަންވަރުވެސް އަދި ޚުދު މުރުތަސިމްވެސް ، އެކައިވެންޏަށް އެއްބަސްވުމަށް ދެކޮޅު ހެދިއެވެ. (ނުނިމޭ)