ދިރާގުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދިވެހި ޕްރިމިއަރ ލީގުގެ މައި ސްޕޮންސަރަކަށް

ރާއްޖޭގެ އެންމެ މަގުބޫލު، އަދި އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކާއި ކުޅުންތެރިން ފެނިގެންދާނެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރިގަދަ މުބާރާތް ކުރިއަށްދާނީ 18 ސެޕްޓެންބަރު 2025 އިން 5 ފެބުރުވަރީ 2026ގެ ނިޔަލަށް، ގަލޮޅު ރަސްމީ ދަނޑުގައެވެ. ރާއްޖޭގެ އެންމެ މޮޅު 10 ފުޓްބޯޅަ ޓީމު ވާދަކުރާ މި މުބާރާތުގައި މި ފަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް އަދި އޯޑީ ސްޕޯޓްސް ކްލަބް ފެނިގެންދާނެއެވެ.

"ދިރާގު ދިވެހި ޕްރިމިއަރ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕަރޓްނަރއަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީ ހިނދު، ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" އަލީ ރިޔާޒް، ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވިއެވެ.

"ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވައި، ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން. އަދި، ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށްލަން" އަޙްމަދު ތޯރިގް، އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ދިރާގުން ދަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުން ދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.