14 September 2025 (Sunday)

ރައީސުލްޖުމްހޫރިއްޔާ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ބާސެލޯ ނަސަންދުރާގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފައެވެ.

މީގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، އެމަނިކުފާނު ވަނީ އިނާމް ޙަވާލުކޮށްދެއްވައިފައެވެ. ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް މިރޭގެ ޖަލްސާގައިވަނީ އިނާމް ދެއްވާފައެވެ. މި މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، އެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.

މިރޭ ބޭއްވެވި ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ އޮތް ޖަލްސާގައި ނެންގެވި ހަނދާނީ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.