
ނ. ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން މި ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ) އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ވެސް ލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.