ހަނދު އޭގެ ހަނދުވަރާ ނުލާ .... (33)

(3 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

ގެޔަށްގޮސް ކާރުން ފައިބަމުން ، މަރިޔަމް މީރަބަށް ގޮވައިލިއެވެ. އަދި ، އެމީހުންގެ ކައިވެންޏަށް މުރުތަސިމް ބޭބެ ޤަބޫލުވާނެތޯ ސުއާލު ކުރިއެވެ.

" އެއީ ، ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު އިރާދަ ކުރެއްވިއްޔާ ނުވާނެ ކަމެއްވެސް ނޫނެވެ. އެކަން އަހަރެންނަށް ދޫކޮށްލާށެވެ ! އެންމެ އުނދަގޫވާނީ ، ޚާނަމް މަންމަ އެކަމަށް އެއްބަސް ކުރުވުމެވެ. މުސްކުޅި އާދަތަކުގައި ހިފަހައްޓައިގެން ގޮތްދޫނުކޮށް ހުރެދާނެއެވެ. " މީރަބް ބުންޏެވެ.

މީރަބާއި މަރިޔަމްއާ ދެފަހަރިން އެކަމާބެހޭގޮތުން ވާހަކަ ދައްކަން ބޭރުގައި ތިއްބާ ޙަޔާ އެތަނަށް އައެވެ. އަދި ހާދަ އުފަލުން ފަހަރިޔާ ވާހަކަ ދައްކާ ދުވަހެކޭބުނެ ، މަރިޔަމްއާ ދިމާލަށް ވަށްބަހުން ޖަހައިލިއެވެ. އަދި ކުރަންދިޔަ މަސައްކަތް ކިހިނެއްތޯ ސުއާލު ކުރިއެވެ. އެދެމީހުންވެސް އެތިބީ ހެނދުނު ގެއިން ނުކުތްގޮތަށް ކަމަށާއި އެއައީ ކޮންތާކަށް ވަދެފައިތޯ ސުއާލު ކުރިއެވެ. އެއީ އަވިގަދަ ދުވަހެކެވެ. ރީތިވެގެން ނުކުންނަތަނުން މޫނުމަތި އިހު ހުރިގޮތަށް ބަދަލުވާނެއެވެ. އެކަމަކު ، މަރިޔަމްގެ ޖަވާބު ، ޙަޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެވަގުތު ، އެއްލި ކަޅިޔަކުން މަރިޔަމްގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓިއަށް ޙަޔާގެ ކަޅި ހުއްޓުނެވެ. މަރިޔަމްގާތަށްގޮސް ، އަނގޮޓީގައި އަތްކާއްތައިލުމަށްފަހު ކާކުދިން އަނގޮޓިއެއްތޯ ޙަޔާ ސުއާލު ކުރިއެވެ. މަރިޔަމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

" އެއީ އަހަރެން މަރިޔަމްއަށް ގަނެދިން އެއްޗެކެވެ. މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ " މީރަބް ޖަވާބު ދިނެވެ.

ހިސާބަށްވުރެ އަގުބޮޑީއެވެ. އެހެންވީމަ ރީތިވެސްވާނެތާއެވެ ؟ ޙަޔާގެ އަނގައިން ނާރާނެކަން އެނގޭތީ ، މަރިޔަމްއާއި މީރަބާ ދެފަހަރިން ގޭތެރެޔަށް ވަނެވެ.

ޙަޔާއަށް ފެނުނު ގޮތުގައި މަރިޔަމްއަކީ ވަރަށް ވަގު ކުއްޖެކެވެ. އެންމެން އެކިޔަނީ މަރިޔަމް ކިޔަވަން މޮޅުކަމަށެވެ. ތޫނުފިލި ކަމަށެވެ. ފިރިހެންކުއްޖަކު ލައްވައި ، އެންގޭޖްމަންޓް އަނގޮޓިވެސް އެޅުވީއެވެ. ގޭގެ އެއްވެސް މީހަކަށް އަންގައިވެސް ނުލައެވެ. ޚާނަމް މަންމަޔަށް އެކަން އެނގޭދުވަހަށް އިންތިޒާރު ކޮށްލާށޭ ބުނެ ، ޙަޔާ ޗޮކެއް ކެނޑިއެވެ.

މީރަބް ގޮސް ކޮޓަރިޔަށްވަދެ ، އަނަސް ދެއްކި ލޯބިވާހަކަތަކުގެ މައްޗަށް ޚިޔާލު ދޫކޮށްލައިގެން ހުއްޓާ ، މުރުތަސިމް އައިސް ވަނެވެ. ކޮން ޚިޔާލަކަށް ސިކުނޑި ދޫކޮށްލައިގެންތޯ މުރުތަސިމް ސުއާލު ކުރިއެވެ. ވާހަކަ ނުދައްކާ ހުރިއްޔާ ޒުވާބެއް ނުކުރެވޭނެ ނޫންހޭ ބުނެ މީރަބް ޖަވާބު ދިނެވެ. މުރުތަސިމްވެސް ކުރީ ސުއާލެކެވެ. ޒުވާބުނުކުރާގޮތަށް ވާހަކަ ނުދެއްކެނީ ހެއްޔެވެ ؟

" ވާހަކައެއް އަހައިލަން ހެއްޔެވެ ؟ މިދުނިޔޭގައި އެއްވެސް މީހަކު ، އަންހެނެއްގެ ލޯތްބަށްޓަކައި ޖާނުދީ މަރުވެދާނެ ހެއްޔެވެ ؟ " މީރަބް އެހިއެވެ.

މީރަބްގެ ސުއާލުން މުރުތަސިމްގާތަށް އައީ ނުލަފާ ފާޑެއްގެ ހިންޏެކެވެ. އެ ސުއާލު މީރަބްގެ ހިތުގައި އުފެދުނީ ކޮންސަބަބަކާ ހެދި ބާވައެވެ.

މުރުތަސިމާ ގާތަށް މީރަބް ޖެހިލިއެވެ. މުރުތަސިމަކީ ، އޭނާދެކެ ލޯބިވާކަމަށް ދަޢުވާކުރާ މީހެއްކަމަށް މީރަބް ބުންޏެވެ. އަދި ، އެވަރަށް މުރުތަސިމަށް މީރަބްދެކެ ލޯބި ވެވިދާނެތޯ މީރަބް ސުއާލު ކުރިއެވެ.

" އަހަރެންނަށްޓަކައި ، މުރުތަސިމްގެ ފުރާނަ ޤުރްބާން ކޮށްފާނަން ހެއްޔެވެ ؟ " މީރަބް ސުއާލު ކުރިއެވެ.

މުރުތަސިމް ޖަވާބެއް ނުދިނީމަ އަނެއްކާވެސް ހަމަ އެ ސުއާލު މީރަބް ތަކްރާރު ކުރިއެވެ. މީރަބްގެ ސުއާލަށް މުރުތަސިމް ޖަވާބުދިނީ ނޫނެކޭ ބުނެއެވެ. އެކަމަކު ، އޭނާ ފުރާނައެއް ދުއްވައިލަފާނެއެވެ. އެއީ ކާކުގެ ފުރާނައެއްތޯ މީރަބް ސުއާލު ކުރިއެވެ.

" ރޮހޭލްގެ ފުރާނައެވެ. " މުރުތަސިމް ޖަވާބު ދިނެވެ.

ސަބަބަކީ ، މީރަބްދެކެ ރޮހޭލް ޙަޤީޤީ ލޯބވާކަމަށް ދަޢުވާކުރާތީ ހެއްޔެވެ ؟ މީރަބް ކުރި ސުއާލަށް ޖަވާބެއްދޭކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ.

ޙަޔާގެ ކައިވެންޏަށް ރޮނޭޒް އަދިވެސް އިންކާރެއް ނުކުރެއެވެ. އެކަމާ ހާސްވެގެން ، ޙަޔާ އެތައްފަހަރަކު ނޮރޭޒަށް ފޯނުކޮށްފިއެވެ. ޞޯބިރާއަށް އެއުޅެނީ ، މުރުތަސިމާއި ޚާނަމް ހިތްހަމަ ނުޖެހިދާނެތީ އެކަން ކުރަން ނުކެރިގެންނެވެ. އެހެންނަމަވެސް ، މަރިޔަމްގެ ޙާލަށް ވިސްނާފައި ، މަރިޔަމް އަތުންފައިން ގޯހެއް ނުހަދަނިސް ، ތަންކޮޅެއް އަވަހަށް އެކަން ކޮށްދިނުމަށް ޙަޔާ އެދެމުން ގެންދިޔައެވެ.

މަރިޔަމްގެ ކައިވެނީގެ ވާހަކަ ދައްކަން ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓާ ، އެރޭ ނިދާގަޑީގައި އެކަން މީރަބަށް ފަހިވިއެވެ. މުރުތަސިމަށް ސައިތަށްޓެއް ހަދައިދީ ، ދުރުދުރުން މީރަބް އެވާހަކަ ދައްކަން ފެއްޓިއެވެ. މީރަބް ފެށީ އެދެމީހުންގެ ކައިވެނީގެ މިސާލުންނެވެ. ދެމީހުން އެކަކު އަނެކަކަށް ދަސްނުވެ ، ކުއްލިޔަކަށް ރާވައިގެން ކުރެވުނު ކައިވެނީގެ ފޮނިމީރުކަން އަދިވެސް އެއުޅެނީ އެމީހުންނަށް ނުލިބިއެވެ. ދެމީހުންގެ މެދުގައި ގާތްކަން އުފެދި ، ލޯބިވެގެން ކައިވެނި ކުރެވުނުނަމަ ، ވަރަށް ބޮޑު ތަފާތެއް އެމީހުންގެ ދިރިއުޅުމުން ފެނުނީހެވެ.

މީރަބް އެ ދައްކަނީ ޙަޔާގެ ވާހަކަކަން މުރުތަސިމަށް އެނގުނެވެ. މީރަބް އެވާހަކަ ދައްކަންވީ ސަބަބެއް މުރުތަސިމަކަށް ނުވިސްނުނެވެ. ނޮރޭޒަކީ ރަނގަޅު ކުއްޖެކެވެ. ޙަޔާއަށް ދެރަގޮތެއް ނުހަދާނެއެވެ. ޞޯބިރާއަކީ ، ރަނގަޅު މަންމައެކެވެ. އެދެމީހުންނަކީވެސް ، މުރުތަސިމް ރަނގަޅަށް ދަންނަ ބަޔެކެވެ. އެވާހަކަ ދައްކައިގެން މީރަބަކަށް ކާމިޔާބެއް ނުވާނެއެވެ.

މީރަބް އެދައްކަނީ ޙަޔާގެ ވާހަކަ ނޫންކަމަށް މީރަބް ބުންޏެވެ. އޭނާ ދައްކަން އެއުޅެނީ މަރިޔަމްގެ ވާހަކައެވެ. އެ ވަގުތު ކުއްލިޔަކަށް އެތަނަށް ޚާނަމް އައެވެ. ޚާނަމްހުރީ ރުޅިއައިސް ރަތްވެފައެވެ. އައީވެސް ، ކުދި ކިޔަމުންނެވެ. އެމީހުންގެ އަބުރާއި ޢިއްޒަތް ، ޞޯބިރާމެން ވެއްޔާ މޮޑެލައިފިއެވެ. ކަމަކަށް ދޫކުރާނެކަމެއް ނެތެވެ. ކިހިނެއްވީތޯ މުރުތަސިމް ސުއާލު ކުރިއެވެ.

ޙާޔާގެ ކައިވެންޏަށް ޞޯބިރާ އިންކާރު ކުރީއެވެ. ހަމައެކަނި އިންކާރު ކުރީކީވެސް ނޫނެވެ. ޞޯބިރާ ބޭނުންވީ ޙަޔާގެ ކައިވެނި ނޮރޭޒާ ނުކޮށް ، އެގުޅުން ކެންސަލް ކޮށްލާފައި މަރިޔަމްއާ ނޮރޭޒް ދެވުމަށެވެ. އެއީ ، ޞޯބިރާ ކުރާނެކަހަލަ ކަމެއްނޫނެވެ.

އެވާހަކަ އަޑުއަހާފައި ، މުރުތަސިމްވެސް އަދި މީރަބްވެސް ދިޔައީ ސިއްސައިގެންނެވެ. މުރުތަސިމް ހުރީ ދެލޯބޮޑުވެފައެވެ. އޭނާގެ ކޮއްކޮ ، މަރިޔަމްގެ ކައިވެންޏަށް ޞޯބިރާ އެދުމަކީ ، ވަކިން ބޮޑަށް މުރުތަސިމްގާތަށް ރުޅިއައި ކަމެކެވެ. ހަމަ އެވަގުތު ، ޞޯބިރާމެންގެޔަށްގޮސް ޞޯބިރާއާ އެވާހަކަ ދައްކަން މުރުތަސިމް ބޭނުންވިއެވެ. ޚާނަމްވެސް ހުރީ ތުރުތުރު އަޅައަޅައެވެ. ޞޯބިރާމެން ގެޔަށްގޮސް ، އެމީހުން ދުވަހަކުވެސް މިގެޔަށް ވަދެގެން ނުވާނެކަމަށް ބުނުމަށް ، މުރުތަސިމަށް އެންގިއެވެ.

މީރަބްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަރިޔަމް އާއ އަނަސް އާ ދެމީހުންނާ ބައްދަލުކޮށް ، ހުރިހާކަމެއް ހަމަޖެއްސީ މިއަދުއެވެ. ރަމްޒީގޮތުން އެދެމީހުންގެ އެންގޭޖްމަންޓް އަނގޮޓިވެސް އެ އެޅުވީ މިއަދުއެވެ. މީރަބް އެންމެ ކަންބޮޑުވީ ، އެވާހަކަ އިވިފައި މަރިޔަމަށް ވާނެގޮތެއް ނޭނގޭތީއެވެ. އެފަކީރުގެ ހިތް ހަލާކުވެގެން އަވަދިވާނެއެވެ.

ކަންބޮޑުވެފައިހުރެ ، މީރަބް މަޑުމަޑުން ހިނގަމުންގޮސް ، ޙަޔާގެ ކޮޓަރިޔާ އަރާ ހަމަވިއިރު ، އަޑުގެ ނެތްތަނަށް މޮޔައެއްހެން ޙަޔާ ހެމުން ގެންދެއެވެ. ކޮޓަރިތެރެޔަށް މީރަބަށް ވަދެވުމާއެކީ ، ޙަޔާގެ އަޑު ވަކިން ގަދަވިއެވެ. އޭނާ އެކަމުން ސަލާމަތް ވިކަމަށްޓަކައި ޙަޔާ ހުރީ އުފަލުންގޮސް މޮޔަވާވަރު ވެފައެވެ. ނޮރޭޒަށް މިހާރު ކަމުދަނީ މަރިޔަމްކަމުގައި ޙަޔާ ބުނަމުން ގެންދިޔައެވެ. ޙަޔާ އެދުނު ގޮތަށް ، އެކައިވެނިން އޭނާ ސަލާމަތްވީއެވެ. މަރިޔަމަށް ކަމުދާ ކަހަލަ ކުއްޖަކު ލިބުނީއެވެ.

މަރިޔަމްވެސް އެހެންލާފައި ދަނިކޮށް ޙަޔާގެ ކޮތަރިތެރެއިން އަޑުގަދަވާތީ ، ބޯދިއްކޮށްލުމާއެކީ ، ކޮޓަރިތެރޭ އުފަލުން ނަށަމުން ގެންދިޔަ ޙަޔާ ފެނުނެވެ. ޙަޔާއަށް މަރިޔަމް ފެނުމާއެކީ ، މަރުޙަބާ ކިޔެވެ. ކައިވެނީގެ ރަސްމިއްޔާތަށް މަރިޔަމް ތައްޔާރުވާންވީކަމަށް ޙަޔާ ބުންޏެވެ. އަދި ، ޙަޔާ އާއި ނޮރޭޒްގެ ކައިވނި ކެންސަލްކޮށް ، ނޮރޭޒްގެ މންމަ ، ޞޯބިރާ މިހާރު ބޭނުންވަނީ މަރިޔަމާ ނޮރޭޒް ދެވަންކަމުގައި ބުންޏެވެ.

" ނޮރޭޒަކީ ވަރަށް ހިތްގައިމު ރީތި ކުއްޖެއްކަމުގައި އަހަރެންގާތު ، މަރިޔަމް ބުނީމެއް ނޫންހެއްޔެވެ. މަރިޔަމަށް ރީތިވި ކުއްޖާ މަރިޔަމަށް އެ ލިބުނީއެވެ. އަހަރެން މިހާރު މިހުރީ ، އެކަމުން ސަލާމަތްވެ މިންޖުވެގެންނެވެ. ކައިވެނީގެ ރަސްމިއްޔާތަށް އަވަހަށް ތައްޔާރު ވާށެވެ ! " މަރިޔަމާ ދިމާލަށް ޙަޔާ ބުންޏެވެ.

ޙަޔާ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ ؟ ނޮރޭޒާ އިންނަން ތައްޔާރުވަނީ ޙަޔާއެވެ. އެކަމާ އުފަލުންގޮސް ، ޙަޔާ އަނެއްކާ މޮޔަވީ ބާވައެވެ. ޙަޔާ އެދައްކާ އެއްވެސް ވާހަކައެއް މަރިޔަމަކަށް ނުވިސްނުނެވެ.

" އަހަރެންނަކީ އަބަދުވެސް ދޮގުހަދާ މީހެކެވެ. އަހަރެންގެ ވާހަކަ ޤަބޫލު ނުކުރަންޏާ ، ތެދުހަދާ ، ލޯބިވާ ފަހަރި އެހުރީއެވެ. މީރަބް ކުރެން އެވާހަކަ އަހާ ބަލާށެވެ. " ޙަނާ ބުންޏެވެ.

މަރިޔަމް ، މީރަބްގާތަށް ޖެހިލައި ، ޙަޔާ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ އަހައި ސުއާލު ކުރިއެވެ. މީރަބް އަދިވެސް އެހުރީ ، ލިބުނު ސިހުމުގައި ބަސްހުއްޓިފައެވެ. އެކަން އެހެން ވެއްޖިއްޔާ ، މަރިޔަމްއާއި އަނަސްގެ ގުޅުމަށް ވާނީ ކިހިނެއްތޯ މަރިޔަމް ސުއާލު ކުރިއެވެ. މަރިޔަމްގެ މުސްތަޤްބަލް އެއްކޮށް ގެއްލި އަވަދިވީއެވެ. މަރިޔަމް މިހާރު އެހުރީ ، އަނަސްއާ ނުލައި ހަމަޔަށް ނޭވާވެސް ނުލެވޭ ހިސާބަށް ގޮއްސައެވެ.

" މަރިޔަމްއަކަށް އެއްވެސް ކަމެއް ނުވާނެއެވެ. ތިކަމުން ސަލާމަތްވާނެ ކޮންމެވެސް ގޮތެއް އަހަރެމެން ހޯދާނީއެވެ. އެހާބޮޑަށް ކަންބޮޑު ނުވާށެވެ. މުރުތަސިމްވީ ޞޯބިރާމެންގެޔަށް ގޮހެވެ. ކޮންމެ ގޮތެއްވިޔަސް ، މަރިޔަމްގެ ލޯބި ، މަރިޔަމްއަށް އަހަރެން ހޯދައިދޭނަމެވެ. އަހަރެންގެ ކައިވެންޏަށްވީގޮތަށް ، މަރިޔަމްގެ ނުޤަބޫލުގައި ، މަރިޔަމްގެ ކައިވެނިވިޔަކަ ނުދޭނަމެވެ. ޙަޔާ އެދައްކާ ވާހަކަ ޤަބޫލު ނުކުރާށެވެ ! " މީރަބް ، މަރިޔަމަށް ނަސޭޙަތް ދެމުން ގެންދިޔައެވެ.

ޚާނަމް ގޭތެރޭގައި އިންދާ ، މަރިޔަމް އައިސް ، އޭނާ ނޮރޭޒާ ކައިވެނި ނުކުރާނެކަމަށް ސާފުބަހުން ބުންޏެވެ. ޙަޔާއެކޭ އެއްގޮތަށް ، މަރިޔަމްވެސް ޚާނަމްއާ ވާހަކަ ދައްކަން ފެއްޓީ ކޮންއިރަކުތޯ ޚާނަމް ސުއާލު ކުރިއެވެ.

" މަންމާއެވެ ! އެއީ އަހަރެންނަށް ދެވޭ އަނިޔާއެކެވެ. އަހަރެންކުރެން އަހައިނުލާ ، އަހަރެން ނުވެސް ދަންނަ މީހަކާ ދެވުމަކީ އަހަރެންނަށް ދެވޭ އަނިޔާއެކެވެ. އަހަރެން ، ވަރަށް ސާފުކޮށް މިބުނަނީއެވެ. ނޮރޭޒަކާ އަހަރެންނެއް ނުއިންނާނަމެވެ. އިންނަން ޖެހިއްޖިއްޔާ ޒަހަރެއް ބޮއެގެން އަހަރެން މަރުވާނަމެވެ. " މަރިޔަމް ބުނަމުން ގެންދިޔައެވެ.

އެވަގުތު ، މީރަބަށްވެސް އެތަނަށް އާދެވުނެވެ. މަރިޔަމްގާތު ، ކެތްކޮށްލައިގެން އިހަށް ހުންނާށޭ ބުނީމަވެސް ، މަޑެއްކޮށެއް ނުހުރެވުނެވެ. މަރިޔަމް އެދައްކަނީކީ ، އޭނާގެ އަމިއްލަ ގޮތްތަކުން ސިކުނޑީގައި އުފެދިގެން އަންނަ ކަހަލަ ވާހަކައެއް ނޫނެވެ. ކޮންމެވެސް މީހަކު ، މަރިޔަމްއަށް ވާގިވެރިވެދޭކަމަށް ޚާނަމްއަށް ޝައްކު ކުރެވުނެވެ. މަރިޔަމްއަށް މީރަބާ ދިމާލަށް ބަލައިލެވުމާއެކީ ، އެއީ މީރަބްގެ ކަމެއްކަން ޚާނަމް ދެނެގަތެވެ. ބިއުޓީ ޕާލަރ އަށް މިއަދުގޮސް ، މޫނު ރީތިކރުމުގެ ބަދަލުގައި ދޮވެލައިގެން އައީ ހިތާއި ސިކުނޑިތޯ ޚާނަމް ސުއާލު ކުރިއެވެ.

" އަހަރެންގެ ދަރިފުޅު އަހަރެންގެ ކުރިމައްޗަށް އައިސް ، ބޭނުންހާ ވާހަކައެއް ދެއްކުމަށް ހިތްވަރު އެލިބުނީ މީރަބްގެ ސަބަބުންނެވެ. މީގެކުރިން ، މަރިޔަމްއަކީ ، އިސްވެ އަހަރެންނާ އެގޮތަށް ޖަދަލަށް ވާހަކަ ދައްކާ ކުއްޖެއްނޫނެވެ. " ޚާނަމް ބުންޏެވެ.

އޭނާއާ މީރަބް އެއްވެސް ވާހަކައެއް ނުދައްކާކަމަށް މަރިޔަމް ބުންޏެވެ. އޭނާގާތު ހުރިހާ ވާހަކައެއް ދެއްކީ ޙަޔާއެވެ. ޙަޔާއާ ދިމާލަށް ޚާނަމް އެއްޗެތި ގޮވައިގަތެވެ. އަދި ، އެކަމާބެހޭގޮތުން ، އެއްވެސް ނިންމުމެއް ނުނިންމާ ކަމުގައި ޚާނަމް ބުންޏެވެ. އެހެންނަމަވެސް ، މަރިޔަމްގެ ހިތަކަށް އެވަރަކުން ތަސައްލީއެއް ނުލިބުނެވެ. އެއްވެސް ޙާލެއްގައި އޭނާ އެ ކައިވެނި ނުކުރާނެކަމަށް ، އަނެއްކާވެސް މަރިޔަމް ބުންޏެވެ.

" ދެން ހުއްޓައިލާށެވެ ! މަރިޔަމްގެ ކައިވެނި ކުރެވޭނީ އަހަރެން ބުނާ މީހަކާއެވެ. އެމީހަކު އިޚްތިޔާރުކުރާނީވެސް އަހަރެންނެވެ. މަރިޔަމަކަށް އެކަމާބެހޭ އެއްވެސް ޙައްޤެއް ލިބިގެންނެއް ނުވެއެވެ. މިޒަމާނުގެ ކުދިން އުޅޭގޮތަށް އަހަރެންގެ ދަރިންނެއް ނޫޅޭނެއެވެ. " މަރިޔަމްއާ ދިމާލަށް ޚާނަމް ހަޅޭއްލަވައިގަތެވެ.

މަރިޔަމްގެ ކައިވެންޏާ ބެހޭގޮތުން އެކުރިމަތރިވީ ، ޚާނަމްވެސް އެހާ ހިތްހަމަޖެހޭ ކަމެއްނޫނެވެ.

" އަހަރެން މިހުންނަނީ ، ޞޯބިރާއާއި ނޮރޭޒާ ވާހަކަ ދައްކަން އެގެޔަށް މުރުތަސިމް ފޮނުވައިގެންނެވެ. ޙަޔާގެ ކައިވެންޏަށް އެމީހުން އެއްބަސްނުވާ ކަމަށް ވަންޏާ ، މަރިޔަމްގެ ކައިވެންޏަށް ދެކޮޅު ހެދުމަށް އަހަރެން ، މުރުތަސިމްގާތު ބުނީމެވެ. " ޚާނަމް ބުންޏެވެ.

ޚާނަމްގެ ވާހަކައިން ، މަރިޔަމްގެ މޫނު އަލިވެގެން ދިޔައެވެ. އަދި މީރަބްގެ މޫނުމަތިވެސް އުފާވެރިކަމުން ފޮޅުނެވެ. މަރިޔަމްގޮސް ، މަންމަގެ ގައިގާބައްދާލައި ، ޝުކުރު އަދާކުރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.