
( 31 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މީރަބާއި މަރިޔަމް ނުކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙަޔާވެސް ، އެއްވެސް މީހަކަށް ނާންގައި ގެއިން ނުކުތެވެ. ޙަޔާ އެނުކުތީ ރޮނޭޒާ ބައްދަލުކުރާށެވެ ! ޙަޔާ ، ރޮނޭޒާ ބައްދަލުކުރަންދާކަން ، އެއްވެސް މީހަކަށް ނުއެންގުމަށްވެސް ރޮނޭޒްގެ ކިބައިން ޙަޔާ އެދުނެވެ. އެއީ ، ރޮނޭޒްގެ މަންމަޔަށް އެކަން އެނގިއްޖިއްޔާ ، ޚާނަމަށް ގުޅާފައި އެވާހަކަ އަހާނެތީއެވެ.
މީރަބާއި މަރިޔަމް އެދިޔަތަނަކަށްގޮސް ، އެތާ ގޯތިތެރެޔަށް މަރިޔަމް ހުއްޓުނެވެ. އޭނާ މާބޮޑަށް ބިރުގަތީއެވެ. ކުރަން އެއުޅެވޭ ކަންތަކުގެ ނުރައްކާތެރިކަން ބޮޑީއެވެ. އެކަމާ ބެހޭގޮތުން ، މަރިޔަމްއާއި މީރަބް އެތައް ބަޙުސެއް ކުރިއެވެ. މަރިޔަމް ބުނާ ގޮތުގައި އެމީހުންގެ ޢާއިލާގެ އަންހެންކުދިންނަކީ ، މަންމަ ދައްކާ މީހަކާ އިންނަންޖެހޭ މީހެކެވެ. މަރިޔަމް ބޭނުންވާ މީހަކާ އިނުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އޭނާ ލައްވާ މީރަބް އެކުރުވަނީ ބޭކާރު ކަމެކެވެ.
މީރަބްގެ ވާހަކަޔަކީ ، ތިމާބޭނުންވާ އެއްވެސްކަމެއް ، ފިނޑިވެގެންނެއް ނުކުރެވޭނެއެވެ. މަރިޔަމްގެ ނާ އުއްމީދީ ވާހަކަތައް އަޑުއަހާފައި ، އަނަސް އާ ގުޅައި ، އޭނާއާ މަރިޔަމަށް ކައިވެނި ކުރެވެން ނެތްކަމަށް ބުނުމަށް މީރަބް އެންގިއެވެ. އެހެނަސް ، އަނަސްގާތު އެވާހަކަ ބުނާކަށް މަރިޔަމް ބޭނުމެއް ނުވިއެވެ. އެއީ ، ކީއްވެގެންތޯ އަހައި މަރިޔަމް އަތުން ފޯނުއަތުލައި އަނަސްއާ ގުޅައި ، މަރިޔަމްމަތިން ހަނދާން ނައްތައިލުމަށް ބުނަން މީރަބް ބޭނުންވިއެވެ. އެހެންނަމަވެސް ، މީރަބް އެކަން ކުރާކަށްވެސް މަރިޔަމް ބޭނުމެއްނޫނެވެ. އެއީ ކީއްވެގެން ހެއްޔެވެ ؟ މީރަބަކަށް އަނަސްއާ ވަކިވެވޭކަށް ނެތެވެ. އަނަސްއާ އިނދެވޭކަށްވެސް ނެތެވެ. އެކަމަކު ، އަނަސްދެކެ އިންތިހާއަށް މަރިޔަމް ލޯބި ވެއެވެ. އެހިސާބުން ، މަރިޔަމްއާ މީރަބް ކުރީ އެންމެ ސުއާލެކެވެ. އަނަސްއާއެކީ ޒަވާޖީ ޙަޔާތެއް ފަށަން މަރިޔަމް ބޭނުންތޯއެވެ. އެކަމަށް ހިތާއި ނަފްސުން އެދޭކަމަށް މަރިޔަމް ބުނުމާއެކީ ، އެހެންކަމަށް ވަންޏާ ތިމަންނަޔާއެކީ އަންނާށޭ ބުނެ ، މަރިޔަމްގެ އަތުގައި ހިފައިގެން މީރަބް ހިނގައިގަތެވެ.
ޙަޔާ ، އެދިޔަގޮތަށްގޮސް ، ރޮނޭޒާ ދެމީހުން ބައްދަލުވާން ނިންމިތަނަށް ވަނެވެ. ހުސްކޮށް ހުރި މޭޒެއްގައި ރޮނޭޒް އިށީނދެލައިގެން އިނެވެ. ސަލާމް ޤަލާމް ކޮށްލުމަށްފަހު ، އެހާ ކުއްލިގޮތަކަށް ، އޭނާއާ ބައްދަލުކުރަންޖެހުނީ ބޮޑުކަމެއް ދިމާވީތޯ ރޮނޭޒް ސުއާލު ކުރިއެވެ. އަނެއްކާ ، އެ ކައިވެންޏަށް ޙަޔާ ނުޤަބޫލީ ބާވައެވެ.
މާގިނަ ވާހަކަ ދައްކާކަށް ޙަޔާއެއް ނުހަދައެވެ. އެހާ ގިނައިރު އެތާނގައި އޭނާއަށް ނީނދެވޭނެތީއެވެ. މީހަކަށް ފެނިދާނެތީ ޙަޔާއިނީ ކަންބޮޑުވެފައެވެ. އެކައިވެންޏަށް އިންކާރު ކުރުމަށް ރޮނޭޒްގެ ކިބައިން ޙަޔާ އެދުނެވެ. އެއީ ކީއްވެގެންކަން ރޮނޭޒްގާތު ބުނާކަށް ޙަޔާއަކަށް ނުކެރޭނެއެވެ. އެއީ ، ޢާއިލާއާ ގުޅޭކަމަކަށް ވާތީއެވެ. ރޮނޭޒާ ކައިވެނިކުރަން ޙަޔާ ބޭނުންނުވާ ސަބަބު ސާފުނުވަނިސް އޭނާ އެތަނުން ނުދިއުމަށް ނިންމައި ، އެއީ ކޮންސަބަބެއްތޯ ރޮނޭޒް އަހަމުން ގެންދިޔައެވެ. އެދެމީހުންގެ ކައިވެންޏަށް ދެޢާއިލާއިން އެއްބަސްވި އިރު ، އެތަނުގައި ޙަޔާވެސް އިނެވެ. އެއިރު ، ޙަޔާގެ ފަރާތުން އެއްވެސް ނުޤަބޫލުކަމެއް ނުފެނެއެވެ. ކުއްލިޔަކަށް އެކައިވެންޏާ ، ޙަޔާ ދެކޮޅުހަދަންޖެހޭ ސަބަބެއް ސާފުނުވަނިސް ޙަޔާއަށްވެސް އެތަނުން ނުދެވޭނެކަމަށް ރޮނޭޒް ބުންޏެވެ.
" އެއީ ، ޢާއިލާގެ ތެރޭގައި ހިމެނޭ އެހެންކުއްޖަކު ، ރޮނޭޒްދެކެ ލޯބިވާތީއެވެ. ރޮނޭޒްދެކެ އެހާ ލޯބިވާމީހަކު ، ޢާއިލާގެ ތެރޭގައި ހުއްޓާ ، އެކައިވެނިކުރަން އަހަރެންނަކަށް ނުކެރޭނެއެވެ. އެއީ ، އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖެކެވެ. އޭނާގެ ލޯތްބަށް ހުރަސް އަޅައި ، ދެބެންގެ ދެމެދުގައި ހަތުރުވެރިކަން އުފެދުމުގެ ސަބަބަކަށްވާކަށް އަހަރެންނެއް ނޭދެމެވެ. " ޙަޔާ ބުންޏެވެ.
ޙަޔާގެ ވާހަކައިން ރޮނޭޒަށް ލިބުނު ޙައިރާންކަން އަދި ވަކިން ބޮޑުވިއެވެ. މުރުތަސިމަކީ ، ކުޑައިރުއްސުރެ އޭނާ ދަންނަ މީހެކެވެ. އެ ޢާއިލާގެ އެންމެންނަކީ ރޮނޭޒާ ދުރުތާތިމާގެ ބަޔެކެވެ. މުރުތަސިމްގެ ޢާއިލާގެ އެއްވެސް އަންހެންކުއްޖަކު ، އޭނާދެކެ ލޯބިވާކަން ، ރޮނޭޒަށް އެނގިފައެއް ނެތެވެ. ޙަޔާ އެދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ އެކުއްޖަކީ ކާކުކަން ދެނެގަތުމަށް ވަކިން ބޮޑަށް ރޮނޭޒް ބޭނުންވިއެވެ. އެކުއްޖެއްގެ ނަން ބުނެދިނުމަށް އެތައްފަހަރަކު ، ރޮނޭޒް ބުންޏެވެ. އެންމެފަހުން ، ރޮނޭޒް ގޮތްދޫނުކުރާނެކަން އެނގުމުން ، އެކުއްޖާގެ ނަން ބުނުމަށް ޙަޔާ ނިންމިއެވެ.
" އެއީ ، މަރިޔަމް އެވެ. މުރުތަސިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މުރުތަސިމަކަށްވެސް އަދި ޚާނަމް މަންމަޔަކަށްވެސް ރޮނޭޒްދެކެ މަރިޔަމް ލޯބިވާކަމެއް ނޭނގޭނެއެވެ. އެކަން އެނގެނީ އަހަރެންނަށް އެކަންޏެވެ. އަހަރެންގެ ކައިވެންޏަށް ރޮނޭޒްގެ މަންމަ އެދުމުން ، އެކަމަށް މުރުތަސިމްވެސް އެއްބަސްވި ސަބަބަކީ އެއީއެވެ. މަރިޔަމަށް ވާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެން ރޮނޭޒާ ކައިވެނި ކޮށްގެން ، މަރިޔަމްގެ ހިތްހަލާކުކޮށްލަން ވެދާނެ ހެއްޔެވެ ؟ އެއީ ، މުރުތަސިމްވެސް ބޭނުންވާޏެ ގޮތެއްނޫނެވެ. " ދޮގަކަށްފަހު ދޮގެއް ދަމުން ޙަޔާ ގެންދިޔައެވެ.
އެހެންކަމަށް ވަންޏާ އެވީ މާ ރަނގަޅަށެވެ. ރޮނޭޒްގެ ހިތަށް އެރިއެވެ. އެކަމަކު ، މަރިޔަމްއަކީ ، އެހާ ރަނގަޅަށް ރޮނޭޒަށް އެނގޭ ކުއްޖެއްނޫނެވެ. ރޮނޭޒްގެ މޫނުމަތި އަލިވެގެން ދިޔަތަން ޙަޔާއަށް ފެނުނެވެ. އެއީ ، އޭނާގެ މަސައްކަތް ކާމިޔާބުވިކަމުގެ ޢަލާމާތެކެވެ. އެކަހަލަ ކަމެއް އެއީ އޭނާ ނޫން އެހެން މީހަކަށް ނުކުރެވޭނެކަމެއްކަން ޚުދު ޙަޔާއަށްވެސް އެނގެއެވެ. މާބޮޑަށް ލަސްވެގެން ޙަޔާ ދާން އުޅެންފެށީމަ ، އަދި ، ކުޑައިރުކޮޅަކު މަޑުކޮށްލަ ދިނުމަށް ޙަޔާގެ ކިބައިން ރޮނޭޒް އެދުނެވެ. މަރިޔަމްއަކީ ކޮންކަހަލަ ކުއްޖެއްކަމާއި ، އޭނާ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ، ޙަޔާގެ ކިބައިން ސާފުކުރުމަށް ރޮނޭޒް ބޭނުންވިއެވެ. ކަންދިމާކުރިގޮތުން ، އެކަން އެންމެ ފަސޭހައިން ސާފުވާނީ ، ޙަޔާގެ ކިބައިންނެވެ. ޙަޔާއާއި މަރިޔަމް އަކީ އެހާގާތްކޮށް އުޅޭ ދެކުދިން ކަމަށްވަންޏާ ، އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް އެހުރިހާކަމެއް އެނގޭނީ ޙަޔާއަށެވެ. ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެގެންދާން ޙަޔާ ބޭނުންވިނަމަވެސް ، ރޮނޭޒް އެބުނި ވާހަކަ ސާފުކޮށްނުދީ ގޮއްސިއްޔާ ، އިތުރު މީހަކަށް ޙަޔާގެ ރޭވުން ސާފުވެދާނެތީ ، މަރިޔަމްއާ ބެހޭ ހުރިހާ ވާހަކަތަކެއް ޙަޔާ ކިޔައިދިނެވެ.
" އަހަރެންނާ ރޮނޭޒް ބައްދަލުވިކަން އެއްވެސް މީހަކަށް އެނގިގެން ނުވާނެއެވެ. މިހާރުދެން ، އަހަރެންގެ ކައިވެންޏަށް ރޮނޭޒް ދެކޮޅުހަދަންޖެހޭނެ ސަބަބު ސާފުވެއްޖެ ނޫން ހެއްޔެވެ ؟ މަންމަގާތު ބުނެގެން ، ވީ އެންމެ އަވަހަކަށް ، މަރިޔަމްގެ ކައިވެންޏަށް އެދި ، ޚާނަމް މަންމަޔަށް ހުށަހަޅާށެވެ ! ލަސްކޮށްފިއްޔާ އަހަރެމެން ދެމީހުންނަށް މިކަމުން ސަލާމަތެއް ނުވެވޭނެއެވެ. މުރުތަސިމާއި ޚާނަމް މަންމަ ، އެގެންދަނީ ކައިވެނީގެ ހުރިހާކަމެއް ތައްޔާރު ކުރަމުންނެވެ. އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް ދެބަސްވެ އިންކާރު ނުކުރެވޭ ހިސާބަށް ، ޚާނަމް މަންމަގެ މަސައްކަތް ގެންދާނެއެވެ. އަހަރެންގެ ކޮއްކޮގެ ލޯބި އޭނާއަށް ލިބުމަކީ އަހަރެންނަށް ދުނިޔެމަތިން ލިބޭނެ އެންމެ ބޮޑު އުފަލެވެ. " ޙަޔާ އިތުރަށް ވާހަކަ ދެއްކިއެވެ.
ޙަޔާ ބުނިގޮތަށް ، މަންމަޔާ ވާހަކަ ދައްކައިގެން ، މަރިޔަމްގެ ކައިވެނި ހުށަހެޅުމަށް މާދަމާ އެގެޔަށް ދާނެކަމަށް ރޮނޭޒް ވަޢުދު ވިއެވެ. އުފަލުންގޮސް ޙަޔާއަށް ރޮވުނެވެ. އެއީ ، ރޮނޭޒަށްޓަކައި މަރިޔަމްގެ ހިތުގައި އޮތް ލޯބި މަރިޔަމްއަށް ހޯދައިދެވުނީތީ ޙަޔާގެ ލޮލުން ފޭބި ކަރުނައެއްނޫނެވެ. އެއީ އޭނާ ރޭވިގޮތަށް ، ރޮނޭޒްގެ ކިބައިން އޭނާއަށް ސަލާމަތް ވެވުނީތީ ، އުފަލުންގޮސް ލޮލުން ފޭބި ކަރުނައެކެވެ. މަރިޔަމް ކަތިލައި ކަފުންކޮށް ވަޅުލެވުނުކަމުގެ ހިތްހަމަ ޖެހުމެވެ. މީރަބަށް ، އެކަމުގައި ކުރެވޭނެ އެއްވެސްކަމެއް ނުއޮންނާނެއެވެ. އެކަމަކު ، އެކަން ރޮނޭޒަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟
އަނެއްކޮޅުން ، މީރަބާއި މަރިޔަމް ، އެމީހުންދާން ނިންމާފައި އޮތް ރެސްޓޯރެންޓަށްވަދެ ، އަނަސް ނުފެނިގެން މާގިނައިރަކު އުޅޭކަށް ނުޖެހުނެވެ. އަނަސް ފެނުމާއެކީ ، މަރިޔަމް މޯޅިވެގަތެވެ. އަދި ، އަނަސްއަށް މީރަބް ތަޢާރުފް ކޮށްދިނެވެ.
އަނަސްއާ ވާހަކަ ދައްކަން ފަށާކަށް މަރިޔަމްއަކަށް ނޭނގުނެވެ. އެހެންކަމުން ، އިސްވެ ވާހަކަ ދައްކަން ފެއްޓީ މީރަބެވެ. އަނަސްއާ ބެހޭ ހުރިހާ މަޢުލޫމާތެއް ، އަލިފުން ޔާޔަށް ކިޔައިދިނުމަށް މީރަބް އެދުނެވެ. އަނަސްގެ ވާހަކަ ފެއްޓީ އޭނާގެ އަމިއްލަ ނަފްސުންނެވެ. އެއަށްފަހު ޢާއިލާއާއި އޭނާގެ ވަޒީފާގެ މަޢުލޫމާތުދީ ، މަރިޔަމްދެކެ ވާލޯބީގެ ޖަޒްބާތުން ފުރިގެންވާ ތަފްސީލް ބަޔާނެއް މީރަބަށް ، އަނަސް ހުށަހެޅިއެވެ.
" މަރިޔަމްއަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވެސް ވެދާނަން ހެއްޔެވެ ؟ ފުރާނަވެސް ޤުރްބާން ކުރަން ޖެހިދާނެއެވެ. އަހަރެން މީ ، މަރިޔަމްގެ ޢާއިލާގެ ޝިކާރަޔަކަށްވެ ، އަމިއްލަ ނަފްސާއި އަހަރެންގެ އަމިއްލަ ގޮތްތައް ޤުރްބާންކުރަމުން ގެންދާ މީހަކީމެވެ. އެކަމުގެ ތަކްލީފާއި ވޭން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. " މީރަބް ބުންޏެވެ.
މީރަބްގެ ކައިވެންޏާ ގުޅިގެން ތަކްލީފް އުފުއްލަމުންދާ ވާހަކަ އަޑުއަހާކަށް މަރިޔަމްއަކަށް ނުއިނދެވުނެވެ. މުރުތަސިމް ބޭބެ ، މީރަބްދެކެ އިންތިހާއަށް ލޯބިވާވަހަކަ މަރިޔަމް ބުންޏެވެ. އެއީ މަރިޔަމްގެ ދުލުން ބޭރުވާ ބޭކާރު ވާހަކައެއްކަމަށް މީރަބް ބުންޏެވެ. މުރުތަސިމްގެ އަނގައިން އެކަހަލަ އެއްވެސް ވާހަކައެއް މީރަބްގާތު ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ، ބައެއް ވާހަކަޔަކީ ، ދުލުން ބަޔާން ނުކުރިޔަސް ، ޢަމަލުން ބަޔާންކުރެވޭ ވާހަކައެއްކަމަށް ބުނެ ، މަރިޔަމް އޭނާގެ ބޭބެ ދިފާޢު ކުރަމުން ގެންދިޔައެވެ.
އެދެމީހުންގެ ގުޅުމާބެހޭގޮތުން ، މީރަބަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނެކަމަށް މީރަބް ވަޢުދުވިއެވެ. އެހެންނަމަވެސް ، އެއީ މީރަބަށް އެކަނި ކުރެވޭވަރަށްވުރެ ބޮޑުކަމެކެވެ. މަރިޔަމްވެސް އަދި އަނަސްވެސް ، މީރަބަށް އެކަމުގައި އެހީތެރިވާން ޖެހޭނެއެވެ. އެހެންކަމުން ، އަނަސްގެ މައިންބަފައިން ، މަރިޔަމްގެ ކައިވެންޏަށް އެދި އެގެޔަށްގޮސް ، އެކަން މުރުތަސިމާއި ޚާނަމް މަންމަޔަށް ހުށަހެޅުމަށް މީރަބް އެދުނެވެ. އަނަސް އަށް އެއީ ވަރަށްބޮޑު ކަމެކެވެ. އުއްމީދެއް ނެތްކަމެއްގައި ބޭކާރުވެގެންދިއުމަކީ ، އަނަސް އެދޭކަމެއްނޫނެވެ. އެކައިވެންޏަށް މުރުތަސިމް އެއްބަސް ނުވާނެކަން އަނަސްއަށް އެނގެއެވެ. އެކަން އަނަސްއަށް އެނގެނީ ކީއްވެގެންތޯ މީރަބް ސުއާލު ކުރިއެވެ.
" ދައްތާއެވެ ! ޙަޤީޤަތް ޤަބޫލު ކުރާށެވެ ! އަހަރެންނަކީ ، ތިޢާއިލާއިން ބޭރު މީހެކެވެ. މުދަލާއި ފައިސާއާ ، މުއްސަނދިކަމުގެ ގޮތުން މުރުތަސިމް މެންނާއި އަހަރެމެންގެ ދެމެދުގައި އުޑާއިބިމާ ދެމެދުގައިވާ ތަފާތު އެބަހުއްޓެވެ. އެހުރިހާ ކަމަކަށް ބަލާއިރު ، އަހަރެމެންގެ ކައިވެނި ޙަޤީޤަތަކަށް ނުވުމުގެ ހުރިހާ ސަބަބުތަކެއް ސާފުކޮށް ފެންނަން އެހުރީއެވެ. އެވަރުކަމެއްގައި އަހަރެންނަށް ކުރެވެން އޮންނާނީ ކޮންކަމެއް ހެއްޔެވެ ؟ މުރުތަސިމްވެސް އަދި ޚާނަމްވެސް ، ވަގުތުން ދެކޮޅުހަދާނެއެވެ. " އަނަސް ބުންޏެވެ.
އަނަސްގެ ވާހަކަޔަކީ ތެދަކަށް ވެދާނެކަމަށް މީރަބް ބުންޏެވެ. އެހެންނަމަވެސް ، މަރިޔަމްގެ ކައިވެންޏަށް އަނަސް އެހާ ބޭނުންވާކަމަށް އޭނާއަކަށް ނުފެނެއެވެ. ލޯތްބެއް ވުމަށްފަހު ، ތަކްލީފާއި އުނދަގޫ އަދި ގެއްލުމާވެސް ކުރިމަތިލާން ޖެހޭނެއެވެ. އުއްމީދެއްވެސް އޮންނަން ޖެހޭނެއެވެ. އެއިން އެއްވެސް ކަމަކާ ކުރިމަތިލާން އަނަސް ބޭނުންވާކަމަކަށް މީރަބަކަށް ނުފެނެއެވެ.
އަވަސް އަރުވާލާފައި ، އެތަނުން ނުކުމެގެން ދަނިކޮށް ، ޙަޔާގެ ކަޅި މީރަބްގެ މައްޗަށް ހުއްޓުނެވެ. އޭނާގެ ފޯނު ވަގުތުން ނަގައި ، ރިކޯޑްކުރަން ފެއްޓިއެވެ. މީރަބް އެއިނީ ، ޙަޔާ ގޮވައިގެން އައިސް ، ހިލޭ ފިރިހެނަކާ އެކީގައެވެ. އެއީ ، މީރަބްގެ ކަމެއްކަމެއް ނުވަތަ މަރިޔަމްގެ ކަމެއްކަމެއް ޙަޔާއަކަށް ނޭނގެއެވެ. އެކަމަކު ، އެއީ ، ގޭގެ ބިންގާ ގުޑުވައިލެވިދާނެ ވަރުގެ މުހިންމު ފުރުޞަތެކެވެ.
މީރަބްގެ ވާހަކައިން އަނަސްގެ ހިތަށް ލިބުނު ތަކްލީފް ، އޭނާގެ މޫނުމަތިން މީރަބަށް ފާހަގަ ކުރެވުނެވެ. ވާހަކަ ނުދައްކާ އެތައް އިރަކު އިނުމަށްފަހު ، އަނަސްގެ ޖީބުން ކުޑަފޮށްޓެއް ނެގިއެވެ. އަދި އެ ފޮށި ހުޅުވާލައި ، އޭގެތެރޭގައިވާ ރީތި އަނގޮޓިއެއް މީރަބަށް ދައްކައިލިއެވެ.
" ދައްތާއެވެ ! މި އަނގޮޓިއަކީ ، އަހަރެންގެ ޖީބުގައި އަބަދުވެސް އޮންނަ އެއްޗެކެވެ. އަހަރެން އިންތިޒާރު ކުރަމުން މިގެންދަނީ ، މަންމަވެސް އަދި އަހަރެންވެސް ބޭނުންވާގޮތަށް ، އަހަރެމެންގެ ކައިވެންޏަށް މުރުތަސިމް އެއްބަސްވެ ، މި އަނގޮޓި މަރިޔަމްގެ އިނގިލީގައި އެޅޭނެ ވަގުތަކަށެވެ. އެވަގުތަކާ ހަމަޔަށް މިއަނގޮޓި އޮންނާނީ އަހަރެންގެ ޖީބުގައެވެ. " އަނަސް ބުންޏެވެ.
މަރިޔަމްދެކެ އަނަސް ލޯބިވާކަމަށް ވަންޏާ ، އެ އަނގޮޓިއަށް އެހާ ދިގު އިންތިޒާރެއް ކުރަން ނުޖައްސައި މިހާރުވެސް އެ އަނގޮޓި އަޅުވަންވީ ނޫންތޯ މީރަބް ސުއާލު ކުރިއެވެ. އެކަމާބެހޭގޮތުން މަރިޔަމްބުނާ ބަހަކަށް އަނަސް އިންތިޒާރުކޮށް ، މަރިޔަމާ ދިމާލަށް ބަލައިލުމުން ، މަރިޔަމް އެކަމަށް އެއްބަސްވެ ބޯޖަހައިލުމަށްފަހު ، އަނަސްއާ ދިމާލަށް އަތްދިއްކޮށްލިއެވެ. އެންމެ އިރުކޮޅަކުވެސް މަޑުކުރާކަށް އަނަސްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ އަތުގައިވާ އަނގޮޓި ، މަރިޔަމްގެ އިނގިލީގައި އަޅުވައިދިނެވެ. އެހުރިހާ މަންޒަރެއް ، ޙަޔާގެ ފޯނަށް ރިކޯޑްކުރަމުން ގެންދިޔައެވެ. ޙަޔާގެ ޙަޔާތުގައި މިއަދަކީ ވަރަށް ނަސީބުގަދަ ދުވަހެކެވެ. އެއްދޮނުގައި ދެބުޅި ޖަހައިލެވުނު ، ކާމިޔާބު ދުވަހެކެވެ.
ޙަޔާ ގެޔަށް ވަދެގެން އައިއިރު ، ޚާނަމްއިނީ ނޯކަރަކު ލައްވައި އަތުގައި ތެޔޮ އުނގުޅަން ދެލޯ މަރާލައިގެންނެވެ. ޙަޔާގެ ފޯނުގައި ރައްކާކުރެވިފައިވާ މަންޒަރުތައް ޚާނަމަށް ދައްކަން ޙަޔާ ނިންމިއެވެ. އެހެނަސް ، އެއީ އަދި އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ، ޙަޔާގެހަވަނަ ޙިއްޞު އޭނާއަށް ވިސްނައިދިނެވެ. އަދިކިރިޔާ މޭވާ ހަރުވީއެވެ. ދޮންވެ ފައްކާވަންދެން މަޑުކުރަން ވީއެވެ. އޭރުން ، ބިންމައްޗަށް ވެއްޓި ފަޅައިގެންދާކަށް މާލަހެއް ނުވާނެއެވެ. އެކަންވާނީ އޭގޭތެރޭގައި އެއަހަރު ހިނގާނެ އެންމެ ބޮޑު ކާރިސާ އަށެވެ. އެހެންކަމުން ، ވަގުތު ޖެހެންދެން މަޑުކުރުމަށް ޙަޔާ ނިންމިއެވެ.
ޚާނަމްގެ އަތުގައި ތެޔޮދަމަން އިން ނޯކަރު ، ޚާނަމްއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޙަޔާއަކީ ، ވަރަށް ގޯސް ކުއްޖެއްކަމުގައި ޚާނަމްގާތު އޭނާ ބުންޏެވެ. ޙަޔާ ތުންފިއްތާލައި ، ނޯކަރާ ދިމާލަށް ލޯއަޅައިލިއެވެ. ނޯކަރަށް ޙަޔާ ނުފެނުނަސް ، ޙަޔާގެ ކަޅީގެ ވިހަ އަސަރު ، އޭނާއަށް ލައްވައިނުލައެއް ނުހުންނާނެއެވެ. އެނގިދާނެތާއެވެ ! ތިޔަބުނާ ޙަޔާއަށް ދޫނުކުރާނެ ނުލަފާ މީހުން އެގޭތެރޭގައި އެބައުޅޭކަން އަންގައިލާނަމެވެ. ޚާނަންގެ ސިކުނޑި ސުމަކަށްދާވަރު ކޮށްލާނަމެވެ. ހިތާހިތާ ޙަޔާ ބުންޏެވެ. (ނުނިމޭ)