ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރައްވައިފި

ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.

އެސް.ސީ.އޯ ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.

‎ މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

‎ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.

‎މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.