އަބަހާނީ ބަލި ކުރަން ބޭނުން: ނިއުގެ ކޯޗް

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބަލި ކުރަން ބޭނުންވާކަމަށް ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗް އޮސްކާ ބްރޮޒޯން ބުނެފިއެވެ.

އިންޑިޔާގެ ބައެއް ކްލަބުތަކަށްވެސް ކުރިން އިރުޝާދު ދީފައިވާ މިހެން ބުނެފައި ވަނީ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުގައެވެ. "އަބަހާނީ ބަލިކުރަން އަހަރެން ބޭނުން. ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ 6 މެޗަކީވެސް ހަމަ ފައިނަލް. ފެށުން ރަނގަޅުކޮށް މަޑުމަޑުން ކުރިއަށްދާން ބޭނުންވަނީ" މިދިޔަ ސީޒަނުގައި ނިއުއަށް ތިން ތަށި ކާމިޔާބު ކޮށްދިން ކޯޗް އޮސްކާ ބުންޏެވެ.

މީގެ އިތުރުން އޮސްކާ ބުނީ މިމެޗަށް ފުރިހަމައަށް ތައްޔާރު ވެވިފައިވާ ކަމަށެވެ. "އަހަރެން ހިތްހަމަ ޖެހޭ ގޮތަށް ޓީމު ތައްޔާރު ކުރެވިފައި އޮތީ. ސީޒަން ހުޅުމުގެ ކުރިން ރަނގަޅު ޕްރީސީޒަނެއް ހޭދަކުރެވުނު" ސްޕެއިންގެ ދެވަނަ ޑިވިޝަނުގައިވެސް މަސައްކަތް ކޮށްފައިވާ އޮސްކާ ބުންޏެވެ.

އަބަހާނީގެ ކޯޗް ޓުޓީ ބުނީ ރާއްޖޭގެ ކްލަބަތަކާ ދެކޮޅަށް ކުޅޭއިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތަކުގެ ބޭނުން ނުކުރެވުން ކަމަށާއި މިމެޗުގައި އެކަން ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. "ކްލަބު ލެވެލްގައިވެސް އަދި ގައުމީ ލެވެލްގައިވެސް ދިވެހި ޓީމުތައް އަތްދަށު އަހަރެމެން ވަނީ ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވޭތީ. އަހަރެންގެ ޓީމުގައި ބިދޭސީ ދެފޯވާޑުން އެބަތިބި. އެމީހުންގެ ޒިންމާ މިއަދު ރަނގަޅަށް އަދާކޮށްފިއްޔާ މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑު" ޓުޓީ ބުންޏެވެ.

ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް އަބަހާނީ ވަނީ މީގެ ކުރިން 3 މެޗް ކުޅެފައެވެ. އޭގެ ތެރެއިން ދެމެޗުން މާޒިޔާ އަތުން ބަލިވިއިރު ޓީސީއާ ކުޅެ އެއްވަރުވީއެވެ.

ނިއުރޭޑިއަންޓާއި އަބަހާނީ މިއަދު ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން ހަވީރު 3:15 ގައެވެ. މިމެޗް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.