އެމޭޒަންގެ ވެރިޔާ ޖެފް ބެޒޯސް ދުނިޔޭގެ ބިލިއަނަރުން ލިސްޓުގެ އެންމެ ކުރިއަށް އަރައިފިއެވެ. އިއްޔެ ފޯބްސް މަޖައްލާއިން އާއްމުކުރި މިއަހަރުގެ މަހުޖަނުންގެ ލިސްޓުން އޭނާ އެއްވަނަ ހޯދީ މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ފަހަތަށް ޖައްސާލައިފައެވެ.
ފާއިތުވި އަހަރުގެ ލިސްޓުން 544 ވަނަ ހޯއްދެވި އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕް ވަނީ މިއަހަރުގެ ލިސްޓްގެ 766 ވަނައަށް ވެއްޓިވަޑައިގެންފައެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ބެލެވިފައިވަނީ 3.1 ބިލިއަން އެމެރިކާ ޑޮލަރު ކަމުގައެވެ. އެއީ ފާއިތުވި އަހަރަށްވުރެ 400 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
މިދިޔަ 12 މަސްދުވަހުގެ ތެރޭގައި ހިއްސާގެ ބާޒާރުގައި އެމޭޒަންގެ ހިއްސާގެ އަގު %59 މައްޗަށް ޖެހުމުގެ ސަބަބުން ބެޒޯސްގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަށް ދެގުނަވެ، މިހާރު ވަނީ 120 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ދެވަނައިގައިވާ ބިލް ގޭޓްސްގެ މިލްކިއްޔާތުގެ އަގަކީ 90 ބިލިއަން ޑޮލަރެވެ. މިއީ މިލިސްޓުގެ އެއްވަނައާ ދެވަނައާ ދެމެދު މިހާތަނަށް އެންމެ ތަފާތު ބޮޑުވި ފަހަރެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާވެރިވެރިޔާ ވޮރެން ބުފަޓް 84 ބިލިއަން ޑޮލަރާއެކު ލިސްޓުގެ ހަތަރުވަނަ ހޯދިއިރު، ހަތަރުވަނައިގައި 69 ބިލިއަން ޑޮލަރާއެކު ވަނީ ފްރާންސުގެ ބިލިއަނަރު ބާނާޑް އާނޯލްޓެވެ. 71 ބިލިއަން ޑޮލަރާއެކު، ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގަށް ލިބުނީ ލިސްޓުގެ ފަސްވަނައެވެ.
މި ލިސްޓުގެ އެންމެ ކުރީގައިވާ އިންޑިއާގެ މަހުޖަނަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީއެވެ. އޭނާއަށް ލިސްޓުން 19 ވަނަ ލިބުނީ 40.1 ބިލިއަން ޑޮލަރާއެކުގައެވެ.
ފޯބްސް މަޖައްލާއިން އަހަރަކު އެއްފަހަރު ނެރޭ މިލިސްޓްގެ އެންމެ ކުރީގައިވާ 20 މީހުންގެ ތެރެއިން 13 މީހުންނަކީ އެމެރިކާ މީހުންނެވެ.
މަޢުލޫމާތު: ފޯބްސް.ކޮމް