ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާ ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ކޮމިޝަނުން މަސައްކަތްކުރަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ބަޑެތި އަދަދުތަކުގެ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ މިންވަރަކުން އެއަށްވުރެ މަދުން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ކޮމިޝަނުން ބެލިބެލުމުން މިހާތަނަށް އެންމެ ގިނައިން ދައުލަތަށް ފައިސާ ލިބެންޖެހެނީ އެކިފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ފައީސާ ކަމަށެވެ.
އޭގެތެރޭގައި މިނިސްޓްރީއޮފް ޓޫރިޒަމަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ތިން ބިލިއަން ހަސަތޭކަ އޮނަތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ވިހި ރުފިޔާ ބައްތިރީސް ލާރިއެވެ. އޭގެ އިތުރަށް ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ހަތް މިލިއަން ފަސްސަތޭކަ ބާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ އެކާހި ލާރި ހިމެނޭ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.
އެ ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުއީ މަރުހަލާ ފެށިގެން މިހާރު ކުރިއަށްދާ މައްސަލަތައް ކަމަށްވެސް އެބަޔާނުގައިވެއެވެ. ޝަރުއީ މަރުހަލާ ފެށިހެން ކުރިއަށްދާ އެހެން މައްސަލަތަކުގެ މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.