
(2 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މޯހަންޗަންދުގެ ހުރިހައި އުއްމީދުތަކަކާއި އުފާފުޅުތަކެއް ގުޅިފައި ވަނީ އެ ދެ ބޭފުޅުންނާއެވެ. އޭނާ އެދިވަޑައިގަންނަވަނީ ރަންބީރަކީ ރަސްގެފާނު ފިޔަވައި ގުނޫޖުގެ އެންމެ އަރައިހުންނެވި ޝަޚްޞިއްޔަތު ކަމުގައި ވެވަޑައިގަންނަވާތަން ފެނިވަޑައިގަތުމެވެ. ޝަކުންތަލާ ކޮންމެވެސް ރަސްކަމެއްގެ ރަނިކަނބަލެއްގެ ގޮތުގައި އިންނަވަނިކޮށް ދެކެވަޑައިގަތުމެވެ.
ރަންބީރުގެ އުމުރުފުޅުން އަށާރަ އަހަރުފުޅަށް އެޅުނު އިރު ރަންބީރަކީ މުޅި ގުނޫޖުން ވެސް ހޮވައިލެވޭ ފަދަ ރީތި ޒުވާނެކެވެ. ސިފައިންގެ މީހެއްގެ ސިފަތައް އޭނާއަށް ލިބިވަޑައިގެންފައި ވަނީ ބައްޕާފުޅުގެ ފަރާތްޕުޅުން ވާރުތައިންނެވެ. ތަޢުލީމާއި ތަރުބިޔަތުގެ ގޮތުން ގުނޫޖުގައި އޭނާއާ ހަމަހަމަކަމުގެ ދަޢުވާ ކުރެވޭނީ ދާދި މަދު ޒުވާނަކަށެވެ. ރަންބީރު ސިފައިންގެ މަސައްކަތަށް ހުރި ކުޅަދާނަފުޅުކަމުގެ ޚަބަރު ގުނޫޖުގެ ރަސްގެފާނަށް ލިބިވަޑައިގަތުމުން، އޭނާ ބަލައި ފޮނުއްވައިގެން ގެންދަވައި ޝާހީ ކިއްލާ ޙިމާޔަތް ކުރާ ޚާއްޞަ ސިފައިންގެ އެންމެ އިސް އޮފިސަރުކަން ދެއްވައިފިއެވެ.
މޯހަންޗަންދު އޭނާގެ ބޭފުޅުންނާ މެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅުތައް ތަޢުބީރު ވުމުގެ ވަގުތު އަންނަނީއެވެ. ނަމަވެސް سلطان محمود غزنوی ޕަންޖާބުގައި ހޯއްދަވާ ފުތޫޙާތުގެ ސަބަބުން ހިންދުސްތާނުގެ ރަސްކަލުންނާއި އަމީރުންނާއި ޕަންޑިތުންގެ ހިތްޕުޅުތަކުގައި ހަމަނުޖެހުމުގެ ރާޅުބާނިތައް އުފެދިގަތެވެ. ޤައުމާއި ދީނުގެ ޙިމާޔަތުގައި ގުނޫޖުން އަޑު އުފުއްލަވައިލެއްވި ބޮޑުންގެ ތެރޭގައި އަމީރު މޯހަންޗަންދު ވެސް ހިމެނިވަޑައިގެންނެވިއެވެ. ގުނޫޖުގެ ރަސްގެފާނު ވެސް އަވަށްޓެރި ރަސްރަސްކަލުން ނަމޫނާއަކަށް ބައްލަވައިގެން ތަރުލޯޗަންޕާލަށް އެހީ ވެވަޑައިގެންދެއްވާން އެއްހާސް ސިފައިން ފޮނުއްވާން ތައްޔާރު ވެވަޑައިގެންނެވިއެވެ. މި ދެންނެވި ސިފައިންގެ ކޮމާންޑަރަކަށް ފޮނުއްވާނެ ބޭފުޅެއްގެ މައްސަލަ ހުށައެޅުމާ އެކު ރަސްގެފާނުގެ ނަޒަރު ހުއްޓުނީ ރަންބީރުގެ މައްޗަށެވެ. ޚުދު މޯހަންޗަންދު ވެސް އެ ހަނގުރާމައިގައި ބައިވެރި ވެވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް ހުޅުފުޅުތަކުގައި ރިހިވަޑައިގަތުމުގެ ސަބަބުން އޭނާ ހުންނެވީ ޢުޒުރުވެރި ވެވަޑައިގެންފައެވެ.
ގުނޫޖުން ފުރައިވަޑައިގެންނެވި އިރު ރަންބީރުގެ ޢުމުރުފުޅަކީ ވިހި އަހަރެވެ. އޭނާ އަމިއްލަ ނަފުސާ މެދު ވަރަށް ބޮޑަށް އިތުބާރު ކުރައްވައެވެ. ރަސްގެފާނުގެ ދަރުބާރުގެ ނުޖޫމީ ޢިލްމުވެރިޔާ އޭނާގެ އަތްޕުޅު ބަލައިފައި ދެންނެވިއެވެ. "މަނިކުފާނު ނަންދުނާއިން ވަޑައިގަންނަވާނީ ފަތަޙައިގެ ދިދަ ވިހުރުއްވަމުންނެވެ." ރަންބީރު ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދަނީ ނަންދުނާއަކަށް ނޫނެވެ. ޣަޒްނީ އަށެވެ." އެ ވަގުތު މުސްކުޅި ސިފައިންގެ މީހަކަށް "ޣަޒްނީ ވަރަށް ދުރެވެ" ބުނެލެވުމުން، ރަންބީރުގެ ބައްޕާފުޅުގެ މޫނުފުޅު ކޯފާގެ ސަބަބުން ރަތް ވެގެން ހިނގައްޖެއެވެ. އޭނާ ހަޅޭއްފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "ޣަޒްނީ ދުރެއް ނޫނެވެ. ތިޔަބައިމީހުންގެ ޣީރަތެއް ނެތީއެވެ."
ގުނޫޖުގެ ސަރަޙައްދު ހުރަސް ކުރެއްވުމުގެ ކުރީން ރަންބީރު ދަތުރުފުޅު ކުރެއްވީ އޭނާގެ އަވަށުގެ ތެރެއިން ލައްވައިފައެވެ. ރަންބީރު އޭނާގެ ގަނޑުވަރާ ހަމަޔަށް ވަޑައިގަތުމާ އެކު ޝަކުންތަލާ ދުވެވަޑައިގެންފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ އަވަސްއަވަހަށް ރަންބީރުގެ ކަމަރުކޮޅުގައި އޮތް ޚަންޖަރު ނަންގަވައިފިއެވެ. ޝަކުންތަލާ އެ ޚަންޖަރުން އޭނާގެ އިނގިލިފުޅު ކަނޑުއްވައިލައްވައިފައި ރަންބީރުގެ ނިތްކުރިފުޅުގައި ލެއިތިއްކެއް ޖައްސަވައިދެއްވިއެވެ. އޭނާ ކަރުނަފޮދު ހިފަހައްޓަވަމުން ވިދާޅުވިއެވެ. "ބޭބޭއެވެ! ދޭވަތާ ބޭބެއަށް ނަޞުރު ދެއްވާށިއެވެ! އަވަހަށް އެނބުރިވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވައްޗެވެ!"
ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑު ވަރަށް އަވަހަށް އަންނާނަމެވެ. ނަމަވެސް އަޅުގަނޑުގެ ތުއްތު ކޮއްކޮ އަޅުގަނޑު އެނބުރި އަންނަމުން އޭނާއަށް ހަދިޔާއަކަށް ގެނެސްދޭންވީ ކޮން އެއްޗެއްކަމެއް ވެސް ވިދާޅެއްނުވިއެވެ."
"އެކައްޗެއް ވެސް ބޭނުމެއް ނޫނެވެ. އަންހެން ކޮއްކޮއަކަށް އޭނާގެ ބޭބެ ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ." އެހެން ވިދާޅުވުމާ އެކު ޝަކުންތަލާގެ ރީތި ލޯފުޅުގެ ތެރޭގައި ފަތަފަތައި ހުރި ކަރުނަފޮދުތައް އޭނާގެ ކޯތާފަތްޕުޅުމައްޗަށް އޮހޮރިގެންފިއެވެ. ރަންބީރު އިރުކޮޅަކު އެއްޗެއް ވިދާޅުނުވެ ހުންނަވައިފައި އޭނާގެ އަސްކޮޅުގެ ލަގަނަށް ދޫ ކޮށްލައްވައިފިއެވެ.
+ + + +
ގުނޫޖް ފިޔަވައި ދެކުނު އިންޑިއާގެ އެހެން އެތައް ރަސްކަލެއްގެ ފަރާތްޕުޅުން ވެސް ނަންދުނާގެ ހަނގުރާމައަށް އެހީގެ ގޮތުން ސިފައިން ފޮނުވިއެވެ. ތިމަތިމާމެންގެ ސިފައިންގެ ކުޅަދާނަކަން ދުށުމަށާއި، އެބައިމީހުންނަށް ހިތްވަރު ދިނުމަށް ބުރަހުމަނުންގެ ޖަމާޢަތްތައް ވެސް ހަނގުރާމައަށް ދިޔައެވެ. ވަރަށް ގިނަ ބުރަހުމަނުން ހަނގުރާމައިގައި ހިންދީންގެ ސިފައިންގެ ޖޯޝާއި ފޯރި ދެމެހެއްޓުމަށް ޓަކައި އެބައިމީހުންނާ އެކު ބުދުތައް ވެސް ގެންދިޔައެވެ. އެހެންކަމުން، ނަންދުނާގެ ކިއްލާގައި ބަލި ކޮށްނުލެވޭނެކަމުގެ އެންމެ ބޮޑު ޔަޤީންކަމެއް އޮތް އެއްޗެއްސަކީ ދޭވަތާއިންގެ ބުދުތަކެވެ. އެ ބުދުތަކަކީ ބުރަހުމަނުން އެ ތަކެތީގެ ކަރާމާތުގެ ވާހަކަ ބަޔާން ކޮށްދީފައި، އެ ބުދުތައް ހުއްޓައި މުސްލިމުންގެ ސިފައިން ނަންދުނާގެ ކިއްލާގައި ފައިތިލަ ބީއްސައިލި ކަމުގައި ވިޔަސް އަނދައި އަޅިއަށް ވެގެން ދާނޭކަން ޔަޤީން ކޮށްދެމުންގެންދިޔަ ބުދުތަކެވެ.
ކިއްލާގެ ބޭރުގައި ވާ ހާމަ މައިދާނުގައި ބަހީމްޕާލާއި سلطان محمود غزنوی ގެ ވެރިކަމުގެ ދަށުގައި ހަނގުރާމަ ކުރަމުން ގެންދިޔަ ސިފައިން ފިރިހެންވަންތަކަމުގެ ޖައުހަރު ދައްކަމުން ގެންދިޔަ އިރު، ބުރަހުމަނުން ކިއްލާގެ ހަތަރު ފާރުގެ ތެރޭގައި ތިބީ ރަނގަބީލު ތަޅައި ސަންގު ފުމެހަދައިގެން އެބައިމީހުންގެ ދޭވަތާއިންތައް ޣަފުލަތުގެ ނިދީން ހެއި ލެއްވޭތޯ މަސައްކަތް ކުރުމުގައެވެ. ނަމަވެސް އެ ރަންރިހީގެ ބުދުތަކުގައި "ފޮރުވިފައި ވާ ދިފާޢީ ބާރު" ހެއިލެއްވޭ ގޮތެއް ނުވިއެވެ.
ބަހީމްޕާލްގެ ލަޝްކަރު ބަލި ވުމުން، ބައެއް މީހުން ކިއްލާއަށް ވަދެ ރައްކައުތެރި ވާން މަސައްކަތް ކުރިއެވެ. ލަޝްކަރުގެ ދެން އޮތް ބައި އެކި ފަރާތްފަރާތަށް ވިއްސިވިހާލި ވީއެވެ. ބައެއް ރަސްރަސްކަލުންނާއި އަމީރުން އެ ބޭފުޅުންގެ ލަޝްކަރު އަލުން އިންތިޒާމު ކުރައްވައިގެން މުސްލިމުންގެ ޙަމަލައިގެ ޖަވާބު ދެއްވިއެވެ. ނަމަވެސް ބަހީމްޕާލް ފިލައިވަޑައިގަތުމުގެ ސަބަބުން ހިންދީ ސިފައިންގެ ހިތްވަރު އެލިއްޖެއެވެ. އެބައިމީހުންނަށް އެއްވެސް ތަނަކު ފައިތިލަ ސާބިތު ކޮށްގެން ތިބެ ހަނގުރާމަ ކުރެވޭ ގޮތެއް ނުވިއެވެ. ޣަޒްނީގެ އަބްޠާލުންގެ ޠޫފާނީ ޙަމަލަ އެބައިމީހުން ދެވަނަ ފަހަރަށް ފަހަތަށް ކޮއްޕައި ކައިރިކައިރީގެ ފަރުބަދަތަކުގެ މަތީން ސަލާމަތް ހޯދާން މަޖުބޫރު ކޮށްފިއެވެ. سلطان محمود އެމަނިކުފާނުގެ ލަޝްކަރުގެ އެއްބައި ދޫކޮށްލެއްވީ ދުޝްމިނުން ފަހައި ދާށެވެ. އެމަނިކުފާނު ލަޝްކަރުގެ އަނެއް ބަޔާއިގެން ކުރިޔަށް ވަޑައިގެން ނަންދުނާގެ ކިއްލާ ވަށައިލެއްވިއެވެ.
މެންދުރު ވެގެން އައި އިރު މުސްލިމުންގެ އަސްވާރުންނާއި ފައިމަތީ ހަނގުރާމަ ކުރާ ސިފައިން ކިއްލާގެ ވަށަވަށައިގެން އެތައް މޭލެއްގެ ތެރޭގައި ވިއްސިވިހާލި ވެފައި ތިބި ދުޝްމިނުން ފަހަމުން ގެންދަނީއެވެ. އަނެއްކޮޅުން ކިއްލާ ވެސް ވަނީ ވަރުގަދަޔަށް ޙިޞާރު ކުރެވިފައެވެ.
ރަންބީރު ވަނީ ޒަޚަމް ވެވަޑައިގެންފައެވެ. އެހެން ނަމަވެސް އޭނާ އެންމެ ފަހު ވަގުތާ ހަމަޔަށް މައިދާނުގައި ފައިތިލަފުޅު ސާބިތު ކުރައްވައިގެން ހުންނެވިއެވެ. މައިދާން މުޅީން ހުސް ވާން ފެށުމުން އޭނާ އޭނާގެ ސިފައިން ގޮވައިގެން ފަރުބަދައެއްގެ މަތީގައި ފައިތިލަ ސާބިތު ކުރެއްވޭތޯ ބެއްލެވިއެވެ. ނަމަވެސް އެހެން މީހުން ފިލާން ދުވާތަން ފެނުމުން ގުނޫޖްގެ ސިފައިން ވެސް ފިލާން ދުއްވައިގެންފިއެވެ. ރަންބީރުގެ އަރިޔަހުގައި ސާބިތު ވެތިބީ މުޅިއެކު ފަނަރަ ވަފާތެރީންނެވެ. ފަތަޙަ ލިބިފައި ވާ ލަޝްކަރުގެ ސިފައިން ފިލައިގެންދާ ދުޝްމަނުންގެ ބޮޑެތި ޖަމާޢަތްތައް ފަހަމުން ވަރަށް ދުރަށް ދިޔައެވެ. ނަމަވެސް އެބައިމީހުން ރަންބީރުގެ އަރިހުގައި ސާބިތު ވެތިބި ހިތްވަރުގަދަ މަދު މީސްކޮޅާ މެދަކު ސަމާލުކަމެއް ނުދެއެވެ. ތުރުކީންނާއި އަފްޣާނީންގެ އެތައް ޖަމާޢަތްތަކެއް އެ ފަރުބަދައިގެ ކައިރީން ދަތުރު ކުރަމުންގެންދެއެވެ. އެންމެ ފަހުން، ސިފައިންގެ ޖަމާޢަތެއް އެ ފަރުބަދަ ވެސް ވަށައިލައިފިއެވެ. ރަންބީރުގެ އެކުވެރީން ދުނި އަމާޒު ކޮށްގެން ހިލަހިލައިގެ ނިވަލުގައި އިށީނދެއްޖެއެވެ. ނަމަވެސް ފަރުބަދަ ވަށައިލި ސިފައިން ފަރުބަދައަށް އަރާން އުޅުމުގެ ބަދަލުގައި ހިތްހަމަޖެހުމާ އެކު ހަތަރު ފަރާތުގައި ބަލަހައްޓައިގެން ތިބީއެވެ.
ރަންބީރު އޭނާގެ އެކުވެރީންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަޚުންނޭވެ! އަހަރެމެންނަށް މިތަނުން ސަލާމަތް ވެގެން ދެވުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު އިރު އޮއްސޭން ކައިރި ވަނީއެވެ. އަހަރެމެންނަށް އަދި އިރުކޮޅަކު ހިފަހައްޓައިލެވިއްޖެ ކަމުގައި ވާނަމަ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ފުރާނަ ސަލާމަތް ކޮށްގެން ފިލައިގެން ދެވުމުގެ ފުރުޞަތު ލިބުން އެކަށީގެން ވެއެވެ. މި ފަރުބަދައިގެ ކުރީގައި ތިބެގެން ދުޝްމަނުންނާ ދިމާޔަށް އަހަރެމެން ޖަހާ އެއްވެސް ދުންޏެއް ބޭކާރު ވެގެންނެއް ނުދާނެއެވެ. ދުޝްމަނުންނަކީ ވެސް އެބައިމީހުންނަށް ފަތަޙަ ލިބިފައި ވަނިކޮށް، މިހައި މަދު މީހުންކޮޅެއް ޤަތުލު ކުރުމުގެ ނުވަތަ ހައްޔަރު ކުރުމުގެ އެދުމުގައި އެބައިމީހުންގެ ސިފައިންގެ އެތައް ބައެއްގެ ފުރާނަ ދުއްވައިލާހައި މޮޔަ ބައެއް ނޫނެވެ. ފަހަރެއްގައި އެބައިމީހުން އެކަމަށް ކުރިމަތި ލައިފި ކަމުގައި ވާނަމަ ރާޖުޕޫތަކަށް އެމީހާގެ ވަޒަނާއި ދީނުގެ ދުޝްމަނުންގެ އަތްދަށުގައި ހައްޔަރު ވުމަށް ވުރެ މަރު ވެގެން ދިޔުން ވެސް މާ ރަނގަޅެވެ. އަހަރެން އަހަރެމެންގެ އެކުވެރީން ކުރެ އަހަރެމެން ދޫ ކޮށްލައިފައި ފިލައިގެން ދިޔަ މީހުންނަކަށް ވެސް ފިނޑިކަމުގެ މަލާމާތެއް ނުކުރާނަމެވެ. ނަމަވެސް އެބައިމީހުންނަކީ މޮޔައިންކަން ކަށަވަރެވެ. އަހަރެމެން ބަލި ވާނޭކަމުގެ ހެކިތައް ފެނުމާ އެކު ދުޝްމަނުން އެބައިމީހުންގެ ރިޒާވް ގެމަތަކުގެ ހަނގުރާމައިގައި ބައިވެރި ނުވެ ތިބި އަސްވާރުން ހަތަރު ފަރާތަށް ބަހައިލައިފިއެވެ. އެހެންކަމުން، ފިލައިގެން ދިޔަ މީހުން ކުރެ ގިނަ މީހުން މިހައިތަނަށް ޤަތުލު ނުވާ ކަމުގައި ވާނަމަ ތިބޭނީ ހައްޔަރު ވެފައިކަން ކަށަވަރެވެ. އެބައިމީހުން ފިލާން ދިޔުމުގެ މާ ކުރީން ދުޝްމަނުން ކިއްލާގެ ދޮރޯށްޓާ ހަމަޔަށް ހިނގައްޖެއެވެ. އަހަރެމެންގެ އެކުވެރީން ވެސް އިރު އޮއްސޭންދެން އަހަރެމެންނާ އެކު ހިތްވަރު ކުރި ނަމަ ހާދަ ރަނގަޅު ވީހެވެ!"
ފަރުބަދަ ވަށައިލި މީހުން އިރުކޮޅެއްގެ ފަހުން އަސްމަތީން ފައިބައިގެން ބޮޑެތި ހިލަހިލަޔާ ނިވައި ވަމުން ފަރުބަދަމައްޗަށް އަރާން ފަށައިފިއެވެ. ރަންބީރުގެ އެކުވެރީން ކަންބޮޑު ވެގެން އޭނާއާ ދިމާޔަށް ބަލާން ފަށައިފިއެވެ. ރަންބީރު ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. "ހީ ވާ ގޮތުން އަހަރެމެން ސަލާމަތް ވެގެން ދާން ދޭވަތާއިން ރުހިވޮޑިނުގަންނަވަނީއެވެ. ނަމަވެސް ދޭވަތާއިންނަކަށް ވެސް އަހަރެމެން ހިތްވަރުގަދަ ފިރިހެނުންގެ ގޮތުގައި މަރު ވުމަކުން މަޙުރޫމެއް ނުކުރެއްވޭނެއެވެ. ތިޔަބައިމީހުންގެ މަރުކަޒުތަކުގައި ސާބިތު ވެތިބޭށެވެ. ދުޝްމަނުން އަހަރެމެންގެ ދުނިފަށަށް އަންނާންދެން އިންތިޒާރު ކުރާށެވެ."
ކޮންމެވެސް މީހެއް ފަރުބަދައިގެ ކުރިޔާ ފަންސާހަކަށް ގަޒު ދުރުން ހިލަގަނޑެއްގެ ނިވަލުން ބޯ ނެރެފިއެވެ. އޭނާ ހިންދީ ބަހުން ހަރު އަޑުން ބުންޏެވެ. "ތިޔަބައިމީހުންގެ ފުރާނަ ސަލާމަތް ކުރާން އެދޭ ކަމުގައި ވާނަމަ ހަތިޔާރު ބަހައްޓައިފައި ތިރިޔަށް ފައިބާށެވެ."
(ނުނިމޭ)
varah reethi shukuran