
ިކޮފީއަކީ، ވަރަށް ޚާއްސަ ބުއިމެކެވެ. މިހާރާއި އެހާރުގައެވެ. ކޮފީ ބުއިން ފެށުނުކަމަށް ވަނީ، މީލާދީން 16ވަނަ ގަރުނުގެތެރޭގައި މިސުރުގެ ވެރިރަށް ގާހިރާގައެވެ. އެއަށް ފަހު އެކި ގައުމުތަކަށް ފެތުރި މިއަދު މ ވަނީ، އެންމެ ހިނގާ ބުއިމަކަށް ކޮފީވެފައެވެ.
އާންމު ދިރިއުޅުމުގައި ޚާއްސަކޮށް ޒުވާނުންގެ މެދުގައި އާންމުކޮށް ހުރިހާ އުމުރެއްގެ މެދުގައި ވެސް "ކޮފީ"ގެ ބަސް ބޭނުން ނުކުރެވޭ ދުވަހެއް ދިޔަ ނަމަ، އެ ވާނީ ނާދިރު ދުވަހަކަށެވެ. ކޮފީއާ ގުޅިގެން ހިނގާފައި ހުރި ހަނދާނުން ނުދާނެ ހާދިސާތައް ރާއްޖޭގައި ވެސް މަދެއް ނޫނެވެ. ކުޑަ ކޮފީކޮޅެއް ގެންދިޔަ އާދައިގެ މުވައްޒަފެއްގެ މައްޗަށް ކުރެވުނު ދައުވާއަކާއި ޝަރުއީ ލިޔުންތަކެއްގެ މައްޗަށް ކޮފީތަށި ބަންޑުންވީ ވާހަކައަކީ، ތަކުރާރުކޮށް އިވެމުންދާ "މިސާލު ބަހެކޭ " ދަންނަވާ ހިތްވެއެވެ. މި ނޫން ވެސް ކޮފީއާ ގުޅޭ ކިތަންމެ ކަމެއް ހިނގާފައި ހުންނާނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައެވެ.
މީގެ އަހަރުތަކެއް ކުރީން ކަޅުކޮފީގެ ވާހަކައެއް އަޅުގަނޑު ވެސް ލިޔުނީމެވެ. މިފަހަރު އެފަދަ އެހެން ކަމެކެވެ. މިފަހަރުގެ ކޮފީއަކީ، ކަޅުކަމެއް ކިރުކަމެއް އަޅުގަނޑަކަށް ނޭނގުނެވެ.
16 މޭ 2025 ހުކުރު ދުވަހުގެ ރެއަކީ، އަޅުގަނޑުގެ ވަރަށް މުހުރަތަމު ބޭފުޅެއްގެ އަލިމަސް ޖުބުލީ ޕާޓީއެއް އޮތް ރެއެކެވެ. ޕާޓީއަށް ދާން ދައުވަތު ލިބިފައި އޮތީ 8 ޖަހާއިރަށެވެ. ހިސާބެއްގެ ތަތްކަމެއް ހުރުމުގެ ސަބަބުން އަޅުގަނޑަށް ގެއިން ނުކުމެވުނީ، 8 ގަޑި 10 ހިނގި ފަހުންނެވެ. ދާން އޮތީ ވައިލެޓް މަގުގެ އިރުމަތީކޮޅުގައި ހުންނަ "މީރުމާ" އަށެވެ. އެ ގަޑިއަކީ، މަޖީދީ މަގުގެ ނުތަނަވަސް ގަޑިއަކަށް ވާތީ މަޖީދީ މަގަށް ނާރާ އެތެރެއެތެރެއިން، ރަށްދެބައި މަގުން ލިލީ މަގުން އިރުމައްޗަށް ގޮސް ހަނިގޯޅިތަކުން ލައިގެން ގުލޭނޫރަން މަގުން އެޅީ ސޯސަން މަގު ހުރަސްކޮށް، ރޯޝަނީ މަގުން ދުނބުރި މަގުގެ ވައިލެޓް މަގާ ކައިރީގައި ސައިކަލު ބަހައްޓާފައި ހިނގައިލާފައި މީރުމަލަށް ދިއުމަށް ނިޔަތް ގަނެގެންނެވެ.
ކޮންމެއަކަސް އަޅުގަނޑު މިހިރީ ނީސްތައްޓަށް އަރައިފައެވެ. އެހެންވީމާ، ސައިކަލު ދުއްވުނީ އާންމުކޮށް ދުއްވާ ވަރަށް ވުރެ ތަންކޮޅެއް ހަލުވި ދުވެއްޔެއްގައެވެ. ގުލޭނޫރަން މަގުގެ މެދަކާ ހިސާބުން ފެނުނީ ކަޕުތަށީގައި ތިން ތަށި ކޮށީ ހިފައިގެން އޮލަވާހަކައެއްގައި އަންނަ ތިން ރަހުމަތްތެރިންނެވެ. ޝަހާދަތްއިނގިއްޔާއި މެދުއިނގިލިމަތީ ކޮފީތަށި ބަހައްޓައިލައިގެން ބޮޑުވައިއިނގިލިން ހިފަހަށްޓައިލައިގެން ތިބި ގޮތުން ކޮފީތަށިތަކުގެ ހޫނުކަން ވަޒަން ކުރެވެއެވެ.
މަގު ހުރަހަށް އިރުން ހުޅަނގަށް ހިނގަމުން އައި ތިން މީހުންގެ ތެރެއިން މަގު މެދުގައި ހުރި މީހާގެ އުޅަނބޮށީގައި ސައިކަލުގެ ލޯގަނޑުން ޖެހުމާ އެކު ކޮފީތަށި މަގުމައްޗަށް ބަންޑުން ވެއްޖެއެވެ. ހިސާބަކަށް އޭނާގެ ފަޔަށް ވެސް އެޅުނެވެ.
ކުރާނީ ކީއްތޯއެވެ. އަޅުގަނޑު ވަރަށް ދެރަވެއްޖެއެވެ. މަޑުކޮށްލާފައި ސައިކަލު ފަހަތަށް ޖައްސައިލައި އެ މީހުންނާ އަރައިހަމަކޮށްފައި ވަރަށް ބޮޑަށް މާފަށް އެދިއްޖައީމެވެ. 3 މީހުން އެކުގައި ހެން "އިޓްސް އޯކޭ" އޭ ދެ ފަހަރަކަށް ބުނެފިއެވެ. އަޅުގަނޑު ކޮފީ ގަނެދޭން ބޭނުންކަމަށް ވެސް ބުނެފީމެވެ. އެކަމަކު އެ މީހުން އެއްބަހެއް ނުވިއެވެ. ބަންޑުންވި ކޮފީތަށީގެ ވެރިޔާ ސޯސަން މަގު ކަންމަތީގައި މުގުރިގޭގައި ހުރި ކުޑަ ކޮފީ ކޯނަރަށް އަލުން ކޮފީ ގަންނަން ހިނގައްޖެއެވެ. އަޅުގަނޑު ގޮސް އެތާ ކައިރިއަށް މަޑުކޮށްލާފައި ފައިސާ ދައްކާނީ އަޅުގަނޑުކަމަށް ބުނެފީމެވެ. އެކަމަކު ވެސް ހަމަ ހިލާ އޭނާ އެއްބަހެއް ނުވިއެވެ. އަޅުގަނޑަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ގޮތް ހުސްވެގެންނެވެ.
އަޅުގަނޑަށް ހިތައިހިތައި ކިޔައިލެވުނެވެ. ކިހައި ރަނގަޅު ބައެއް ހެއްޔެވެ؟ އެ މީހުން ވެސް އެ ގަބޫލުކުރީ އެއީ، އަޅުގަނޑު ގަސްތުގައި ކުރިކަމެއް ނޫންކަމަށެވެ. އަނެއްކޮޅުން، އަމުދުން އެހައި ހަނި ގޯޅިއަކުންމަގު ހުރަކަށް ތިން މީހުން ދިއުމަކީ އެ މީހުނަށް ވެސް ހެދުނު ގޯހެއްކަމަށް ދުށީ ވެސް ތޯއްޗެކެވެ. ކޮންމެއަކަސް އެއީ ވެސް ހިތްހެޔޮ އަނެކުނަށް އިހުތިރާމްކުރާ ބައެއްކަން ޔަގީނެވެ. އެހެން ނޫންނަމަ ކަންތައްގަނޑަކަށް ވެސް ވީހެވެ. އަދިވެސް ކޮފީގެ ވާހަކަ ހުންނާނެއެވެ. ފަހަރެއްގައި ދުވަސްކޮޅެއް ފަހުން ކުޑަ "ކޮފީ ފޮތެއް" ޗާޕުޖަހައިލެވޭވަރު ވެދާނެއެވެ.