ހަނދު އޭގެ ހަނދުވަރާނުލާ .... (22)

( 27 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޚާނަމްގެ ބަހަށް ހެއްލިގެން ، މައިގެޔަށް އަންވަރު ބަދަލުވެ ، ފުރަތަމަ ފަހަރަށް މުރުތަސިމާ ބައްދަލުވި ވަގުތުވެސް ، އަންވަރުހުރީ މުރުތަސިމް ދެކެ ހިތްހަމަ ނުޖެހިފައެވެ. އޭނާ އުޅެނީ ބަލިވެކަމާއި ، ޙާލު އަހައިނުލާނަންތޯ މުރުތަސިމްކުރި ސުއާލަށް އަންވަރުވެސް ޖަވާބުދިނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. މުރުތަސިމްގެ ސިކުނޑިޔަށް ގެއްލުމެއްވެފައިހުރިކަމަށް ފެންނަކަމުގައި އަންވަރު ބުންޏެވެ. އޭނާއަކީ ކާކުކަން ، މުރުތަސިމް ހަނދާން ނެތުނީ އެހެންވެގެންކަމުގައި އަންވަރަށް ފެނުނެވެ. މުރުތަސިމް ޤަބޫލުކުރާގޮތުގައި ، އަންވަރަކީ އޭނާގެ ރަޙްމަތްތެރިޔެކެވެ. އޭނާއަށްވުރެ ދޮށީ މީހެކެވެ. އެކަމަކު ، އަންވަރަކަށް އެކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތީ އެތިފަހަރެއްޖަހައި ، އެއީ އެއްވެސްމީހަކަށް މުރުތަސިމެއް ނުހެދިއެވެ.

އަންވަރު ރުޅިއައިސް އެހުރީ ، މާލިކުގެ މައްސަލައިގާކަން މުރުތަސިމަށް އެނގުނެވެ. އަދި އެވާހަކަ އަންވަރަށް ކިޔައިދޭނީ މަންމަކަންވެސް މުރުތަސިމަށް އެނގެއެވެ. މުރުތަސިމް ހީކޮށްގެންހުރީ ، މުރުތަސިމްގެ އެ ނިންމުމަށް އަންވަރުބޭބެވެސް އުފާވާނެ ކަމަށެވެ.

" ބޭބެގެ ދަރިފުޅުގެ ޙައްޤުގައި ، ކޮންމެ މީހަކާ ކުރިމަތިލާންޖެހުނަސް އަހަރެން އެކަން ކުރާނަމެވެ. އެއީ ، އޭނާގެ ބައްޕަކަމަށްވިޔަސް އަހަރެންނަށް ފަރުވާލެއް ނެތެވެ. ބޭބޭއެވެ ! އަހަރެން ، ޙަޤީޤަތުގައިވެސް މީރަބްދެކެ ލޯބިވަމެވެ. އެއްވެސް މީހަކާހުރެ ، މީރަބް އަހަރެންނަށް ގެއްލިގެންދާކަށް އަހަރެންނެއް ނޭދެމެވެ. މީރަބް އެހުރީ އަހަރެންނާ އެކީގައެވެ. އަދި ، ގަދަވެ ސަލާމަތުންނެވެ. އެގޮތުގައި އަބަދުވެސް އަހަރެން ، މީރަބް ބަހައްޓާނަމެވެ.  " މުރުތަސިމް ބުންޏެވެ.

ބައްދާލާށޭ ބުނެ މުރުތަސިމް އަންވަރާ ގާތްވެލިވަގުތު ، އޭނާއާ ދުރަށް ދިއުމަށް އަންވަރު ބުންޏެވެ. އަހަރެން ، ބޭބެދެކެވެސް ލޯބިވަމޭ ބުނެ ، މުރުތަސިމް ، އަންވަރުގެ ގައިގާ ބައްދާލިއެވެ. ހިނިތުންވެލުމަށްފަހު ، އަންވަރުވެސް މުރުތަސިމްގެ ގައިގާ ބައްދާލިއެވެ.

ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ، މާލިކާއި ޒުބޭރަކީ ، ނުރައްކާތެރި ދެމީހުންކަމަށާއި ، އެމީހުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ވިސްނައިގެން ހުރުމަށް ، މުރުތަސިމަށް އަންވަރު ނަޞޭޙަތް ދިނެވެ.

އަނީލާއާއި ވައްޤާސް މީރަބާ ބައްދަލުކޮށް ، އެމީހުންނާއެކީ ކަރާޗީއަށް މީރަބް ދިއުމަށް އެދުނެވެ. އެކަމަށް އެދެމީހުން އެއެދުނީ ، މީރަބާ ދޭތެރޭ އެގޭގައި ކަންތައް ކުރެވެމުންދާ އިހާނެތި ގޮތްތަކަށް އެމީހުންނަށް ކެތް ނުކުރެވިގެންނެވެ. މީރަބަކީ މިހާރު މުރުތަސިމާއެކު ، އަނތްބެއްގެ ގުޅުން އުފެދިފައި އޮތްމީހެކެވެ. ވައްޤާސް އާއި އަނީލާއަކީ މީރަބާ އެއްވެސް ގުޅުމެއް އޮތްބައެއްނޫނެވެ. އެދެމީހުންވެސް ވަނީ ، އެމީހުންގެ ދިރިއުޅުމުން މީރަބް ނެރެލާފައެވެ. އެހެންކަމުން ، އެދެމީހުންނާއެކީ މީރަބް ދާންޖެހޭ އެއްވެސް ސަބަބެއް މީރަބަކަށް ނުވިސްނުނެވެ.

މުރުތަސިމްގެ ބަލިޙާލަތާގުޅިގެން ، މީރަބަށް މުރުތަސިމާ އެކުގައި ގިނައިރު އުޅެން މަޖްބޫރު ވެއެވެ. ހިތްނޭދުނަސް ، މުރުތަސިމް ރަނގަޅުވަންދެން ، އަނތްބެއްގެ ޙައިޞިއްޔަތުން މުރުތަސިމަށް ހޭހަންކުރަން ޖެހެއެވެ. އެހެންކަމުން ، ބޭއިޚްތިޔާރުގައި މީރަބްގެ ހިތް މުރުތަސިމްގެ މައްޗަށް ލެނބެމުން ދިޔައެވެ. ޒުވާބު ކުރުން ސަމާސާއަށް ބަދަލުވެ ، އެކަކު އަނެކަކަށް ހީ ސަމާސާ ކުރަމުން ގެންދިޔައެވެ. ޚާނަމްވެސް ، މުރުތަސިމަށް ޚިދުމަތްކުރަން ޙަޔާއަށް ލިބޭ ފުރުޞަތުތައް މީރަބަށްދީ ، މުރުތަސިމާހެދި ޙަޔާ މޮޔަވެފައި ހުރިކަން ނޭނގި ، ޙަޔާއާ މުރުތަސިމާ ދުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އެއީ ޙަޔާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ.

ކުރިން ފަންޑިތަ ހަދައިދިން މީހާގާތަށްގޮސް ، އަނެއްކާވެސް އެކަމަށް ފަންޑިތައެއް ހަދައިދޭން ، ޙަޔާ އާދޭސް ކުރުމުން ، ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ ނަގައި ، ކަމެއް ކޮށްދިނުމަށް ސިހުރުވެރިޔާ އެއްބަސް ވިއެވެ. އޭނާ އެހަދާ ފަންޑިތައިން ، ހުރިހާކަމެއް ހަމަޖެހި ، ޚުދު މީރަބަށްވެސް އޭނާއަކީ ކާކުކަން ނޭނގޭ ވަރަށް މީރަބްގެ ޙާލަތުގޮސް ، މީރަބްގެ ދުވަސްދާނެކަމަށް ސިހުރުވެރިޔާ ، ޙަޔާއަށް ވަޢުދު ވެއެވެ.

ޙަޔާ ނުފެނިގެން ، ޚާނަމްގޮސް ޙަޔާގެ ކޮޓަރިޔަށް ވަތްއިރު ، ޙަޔާއޮތީ މުޅިމޫނުގައި ރަޖާއަޅައިގެން ނިދާފައެވެ. ޙަޔާއާ ދިމާލަށް އެއްޗެތި ކިޔަމުން ، ރަޖާގަނޑު ނެގިއިރު ޙަޔާއެއް ނެތެވެ. ރަޖާގަނޑު ދަށަށް ބާލީސް ލައްވާ ، އެތާ ޙަޔާ އޮތްކަމަށް ދައްކާފަ ޙަޔާ ކޮންމެވެސް ތާކަށް ، ޚާނަމަށް ފިލައިގެން ދިޔައީކަން ، ޚާނަމް ދެނެގަތެވެ. ޙަޔާއާ އެންމެ ގާތްކޮށް އެގޭގައިއުޅޭ ޚާދިމާވެސް ގެޔަކު ނެތެވެ. އޭނާވެސް ޚާނަމްގެ ހުއްދައަކާ ނުލައި ބޭރަށް ހިނގައްޖެއެވެ. އެދެމީހުން ދާނީ އެއްތާކަށެވެ. ކުއްޖަކާ ރައްޓެހިވެގެން ޙަޔާ އުޅުނަސް ، ޚާނަމަށް އެއީ މައްސަލައެއް ނޫނެވެ. ޙަޔާވެސް މިހާރު އެހުރީ ފިރިފުރާވަރަށް އަޅާފައެވެ. އެކަމަކަށް ޚާނަމެއް ހުރަހެއް ނާޅާނެއެވެ. ޚާނަމަށް ފިލައިގެން ދިއުމުގެ ބޭނުމެއް ނެތެވެ.

ޙަޔާ ގެޔަށް އައިތަނުން ޚާނަމްއާ ދިމާވެގެން ސުއާލުކޮށްގަތީމަ ، މުރުތަސިމަށް ބޭނުންވާ ކާނާ ގަންނަން ބޭރަށްދިޔަކަމަށް ބުނެ އެތައް ބަހަނާއެއް ދައްކައި ދޮގުތަކެއް ހަދައިގެން ، ސަލާމަތްވީ ކިރިޔާއެވެ.

ޙަޔާއާ މުރުތަސިމާ އެއްތާކު ތިއްބާ ފެންނަ ހިނދު ، އެކަމުން މީރަބްގެ ހިތަށް އުނދަގޫވާން ފެށިއެވެ. މުރުތަސިމާ ދިމާލަށް އެއްޗެތިވެސް ކިޔަން ފެށުނެވެ. އެއީ އޭނާ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އެހެނަސް ، މުރުތަސިމް ބަލަނީ ، ޙަޔާއަކީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއްގެ ގޮތުގައެވެ. މުރުތަސިމްގެ ހިތްކިޔަނީ މީރަބަށެވެ. އެކަމަކު ، މީރަބްދެކެ އޭނާ ލޯބިވާ ވާހަކަ ، މުރުތަސިމަކަށް އަދި މީރަބްގާތަކު ނުބުނެވެއެވެ. ޙަޔާގެ މައްސަލައިގާ މީރަބްގެ ހިތަށް އަސަރުކުރާކަން މުރުތަސިމަށްވެސް މިހާރު އިޙްސާސް ކުރެވެން ފަށައިފިއެވެ.

މީރަބްގެ ހިތްހަމަޖައްސައިލުމަށްޓަކައި ، މީރަބަށް އަންގައިނުލާ ، ބޭރުން ކާއެއްޗެތި ގެނެސް ، ބަގީޗާތެރޭގައި ރޭގަނޑުގެ ކެއުމެއް މުރުތަސިމް އިންތިޒާމް ކުރިއެވެ. ވަރަށް ލޯބިންނެވެ. އެރޭ ، މުރުތަސިމަށް ޚާއްޞަކޮށްގެން ޙަޔާ ކެއްކިހާ އެއްޗެއް ބޭކާރުވުމުން ޙަޔާގެ ހިތް ހަލާކުވިއެވެ. ކެއުމަށް އައިއިރު ، މީރަބްހުރީ ޕަރީއެއްހެން ނަލަހެދި ފޮޅިފައެވެ. މީރަބްގެ ރީތިކަމަށް މުރުތަސިމްގެ ތަޢުރީފުތައް އޮހި ބަންޑުންވެގެން ދިޔައެވެ. މުރުތަސިމްގެ ލޯތްބަކީ ، އެއްފަހަރު ވެވޭނެ އެއްޗެއްކަން މުރުތަސިމް ހާމަ ކުރިއެވެ. މުރުތަސިމަށް ލޯބިވެވުނީ ކާކުދެކެތޯ އަހައި ، މީރަބްގެނަން ނުގަތުމަށް މީރަބް އެދުނެވެ.

" ލޯތްބަކީ ނޭނގިވެވޭ އެއްޗެކެވެ. ފޮނި އިޙްސާސެކެވެ. އޭގެ ފޮނިކަން ހިތަށް އިޙްސާސްވީމަ ، ދުނިޔޭގެ ހުރިހާކަމެއް ހަނދާން ނެތެއެވެ. ލޯބިވެވުނީމަ އެ ލޯބި އިޙްސާސް ކުރެވޭނެއެވެ. އެއީ ފެންނަ އެއްޗެއް ނޫނެވެ. ހިތަށް އިޙްސާސްވާ އެއްޗެކެވެ. އެއީ ހަމައެކަނި އިންސާނާގެ ލޮލުން ފާޅުވާ އެއްޗެކެވެ. ލޯބިވެޔޭ ނުބުންޏަސް ، އެ ލޯބި އިޙްސާސް ކުރެވޭނެއެވެ. ފާޅުކުރަން ނޭނގުމަކީ ، އެހެންކަމެކެވެ. " މުރުތަސިމް ބުންޏެވެ.

އެތައް އިރެއް ވަންދެން ، އެދެމީހުން އެކަކު އަނެކެއްގެ ލޮލުގެ ތެރެޔަށް ގެއްލިފައި ތިއްބެވެ. މީރަބްގެ ލޮލުގައިވެސް ، އޭނާއަށް ނޭނގިނަމަވެސް ، ލޯބީގެ ޖަޒުބާތު އުފެދިފައި ހުއްޓެވެ. އެކަމަކު ، އޭނާއަށް ލޯތްބެއް ނުފެންނަކަމަށާއި އަޑުވެސް ނީވޭކަމަށް މީރަބް ބުންޏެވެ. މީރަބަކަށް ލޯތްބެއް އިޙްސާސެއްވެސް ނުވެއެވެ.

ކުޑައިރުކޮޅަކު އޭނާއާއެކީ ހިނގައިލުމަށް މީރަބްގާތު މުރުތަސިމް އެދުނެވެ. އޭރަށް ، މީރަބަށްވެސް އެ ލޯބި އިޙްސާސް ކުރެވޭނެ ހިނދުކޮޅެއް އަންނާނެތީއެވެ. އޭރަށް ، މީރަބްވެސް ލޯބިވާނެއެވެ. ހުރިހާކަމެއް އިޙްސާސް ވާނެއެވެ.

މުރުތަސިމާއި މީރަބާ ދެމަފިރިންގެ ޙަރަކާތްތައް ކޮޓަރީގެ ބެލްކަނީން ބަލަން ހުރިއިރު ، ޙަޔާގެ ހިތް ފޮތިފޮތިވެގެން ދެއެވެ. އޭނާއަށް އެތަން ބަލަހައްޓައިގެން ހުރެވެނީކީ ނޫނެވެ. ތުންގަނޑު ބިމަށް ހަރައިގެން ހުއްޓާ ، މަރިޔަމް ކޮޓަރިޔަށް ވަދެ ، އޭނާވެސް އެ މަންޒަރު ބަލައިލިއެވެ. އަދި ، އޭނާގެ ފަހަރި ދައްތައަށް ހިތްނުބައި ނުކުރުމަށް ޙަޔާގާތު ، މަރިޔަމް ބުންޏެވެ.

މީރަބަށް ބަދުދުޢާކޮށް ޙަޔާ އެއްޗެތި ގޮވަން ފެށުމާއެކު ، ޙަޔާގެ ހިތްހަރުކޮށްލާފައި ، އެހިތުން މުރުތަސިމްބޭބެ ނެރެލުމަށް މަރިޔަމް ބުންޏެވެ. މުރުތަސިމް އޭނާގެ ހިތުން ނެރެލައިފިނަމަ ، އެހިތް ހުސްވެދާނެއެވެ. ހިތް މަރުވާނެއެވެ. އެއީ ، އޭނާ މަރުވިޔަސް ޙަޔާއަށް ކުރެވޭނެ ކަމެއްނޫންކަމަށް ، ރޮމުންރޮމުން ޙަޔާ ބުންޏެވެ. އެއްފަހަރު ހިތް ހުސްކޮށްލަ ބަލާށެވެ. އިސާހިތަކު އެހެންމީހަކު އެހިތަށް އައިސް ހުސްކަން ފިލުވައިލަ ދޭނެކަމަށް މަރިޔަމް ބުންޏެވެ.

މީރަބަށް ހީކުރެވުނީ ، އެތަނަށް ގެނެސްހުރި ކާތަކެއްޗަކީ ، މުރުތަސިމަށްޓަކައި އޭނާގެ ޙަޔާ ތައްޔާރުކޮށްދިން ތަކެތި ކަމަށެވެ. އެއީ ބޭރުން ގެނައި ތަކެތިކަމަކަށް މުރުތަސިމެއް ނުބުނެއެވެ. މުރުތަސިމްގެ ހިތުގައިވެސް ޙަޔާގެ މައްޗަށް ކަނެއްދެވިފައިވާ ކަމަށް އޭނާއަށް ހީވާކަމުގައި މީރަބަށް ބުނެވުނެވެ. މީރަބަށް އެގޮތަށް ހީވާކަމަށް ވަންޏާ ، އޭނާ އެކަމަށްވެސް އިޢުތިރާޒެއް ނުކުރާނެއެވެ. ޙަޔާ އައިސް މުރުތަސިމްގެ ފަހަތުން އެނބުރުމަކީ މީރަބް އެހާ ހިތްހަމަޖެހޭކަމެއް ނޫންކަމަށް މީރަބަށް ބުނެވުނެވެ. މުރުތަސިމްގެ ހިތުގައި އޮތް އެއްޗެއް ބުނާނީ ޙަޤީޤަތަށް ކަމުގައި މުރުތަސިމް ބުންޏެވެ. މަކަރެއް ، އޮޅުވައިލުމެއް ދޮގުހެދުމެއް ނުއޮންނާނެއެވެ. އެއީ ، މުރުތަސިމްގެ ރަދީފުގައި ލިޔެވިފައި އޮންނަ ކަންކަމެއްނޫނެވެ.

" އަހަރެންގެ ކައިވެނި މީރަބާއެކީ ނުކުރެވުނުނަމަވެސް ، ޙަޔާއާ އަހަރެން ކައިވެނި ކުރުމަކީ މުސްތަޙީލް ކަމެކެވެ. އެކަމާ ގުޅުވައިގެން ، އިތުރަށް ބަޙުސް ނުކުރަމާ ހިނގާށެވެ ! ޙަޔާއަށްޓަކައި އަހަރެން ހަމްދަރްދީ ވަމެވެ. އަހަރެންގެ ވަށައިގެން ޙަޔާ އެނބުރުމަކީ އަހަރެންނަށްވެސް އުނދަގޫވާ ކަމެކެވެ. އެއީ ، އަހަރެން ބޭނުންވާ ކަމެއްނޫނެވެ. އަހަރެން ޙަޔާއާ މަދުން ވާހަކަ ދައްކާ ސަބަބަކީވެސް އެއީއެވެ. ޙަޔާއާ އަހަރެން ދައްކާނެ ވާހަކައެއް ނުއޮންނާނެއެވެ. " ވަރަށް ލޯބިން މުރުތަސިމް ބުންޏެވެ.

ޙަޔާ ބުނާ އެއްޗަކަށް ޖަވާބު ދިނުމުގެ ބޭނުމެއްވެސް ނެތްކަމަށް މީރަބް ބުންޏެވެ. އަދި ، މުރުތަސިމަށްޓަކައި ޙަޔާއަށް އުއްމީދު ކުރެވޭނެ އެއްވެސްކަމެއް ނުކުރުމަށް މީރަބް ލަފާދިނެވެ. އެހުރިހާކަމެއް ، މުރުތަސިމް ހުއްޓާލައިފިނަމަ ، ޙަޔާއަށް ރަނގަޅާއި ނުބައި ވިސްނިގެން ، އަމިއްލަޔަށް މުރުތަސިމާ ދުރަށް ހިނގައިދާނެއެވެ.

މުރުތަސިމްގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ހަމައެކަނި އެންމެ މީހަކާއެވެ. އެއީ ކާކަށް ލިބިފައި އޮތް ފަޚުރެއްތޯ މީރަބް ސުއާލު ކުރިއެވެ.

" އެއީ ، ޝަރުޢީގޮތުން އަހަރެންގެ ކައިވެނި ކުރެވިފައިވާ ، އަހަރެންގެ އަންހެނުންނެވެ. " ހިނިތުންވެލައިގެން އިނދެ މުރުތަސިމް ބުންޏެވެ.

ޖަޒުބާތުގެ ތެރެޔަށް ގެއްލިގެން ދެވުނުގޮތް ، ޚުދު މީރަބަކަށްވެސް ނޭނގުނެވެ. ޙަޔާއަށް އެތަން ބަލަން ނުހުރެވިގެންގޮސް ، ގޭގެ ފުރަގަހުގައި ބެހެއްޓިފައިހުންނަ ސްވިޗްބޯޑު ހޯދައިގެން ، ގެއިން ކަރަންޓް ކަނޑައިލިއެވެ. އެއީ ، ޙަޔާ ކުރިކަމެއްކަން އެނގެނީ ހަމައެކަނި މަރިޔަމް އަށެވެ. ކުއްލިޔަކަށް މުޅިތަނަށް އަނދިރިކަން ވެރިވިއެވެ. އެހެނަސް ، އުއްބައްތިތައް ދިއްލައި ތަރުތީބު ކުރެވިފައިހުރި ގޮތުން ، އެތަނަށް ލިބެގެން ދިޔައީ އިތުރު ޒީނަތްތެރި ކަމަކާއި ފުރިހަމަ ކަމެކެވެ. މުރުތަސިމްގެ އަތް މީރަބާދިމާލަށް ދިއްކޮށް ލެވުނެވެ. ލޯބި ނުވިޔަސް ، އުއްމީދެއް ދިނިއްޔާ ވާނީ ކީއްހެއްޔޭ ބުނެ ، ލޯބި ގޮތަކަށް މީރަބާ ދިމާލަށް ، މުރުތަސިމް ބަލައިލިއެވެ. އަދި ، ދިއްކޮށްލެވޭ އަތް ހުސްކޮށް އޮތުމަކީ ، އުނިކަމެއްކަމަށް ބުނެ ، މީރަބާ ދިމާލަށް ގުދުވެލިއެވެ. މީރަބްގެ ހަނދާނުގައި ބާއްވާން ބޭނުން ނުވިޔަސް ، އެރެޔަކީ އޭނާގެ މުޅި ޙަޔާތުގައިވެސް ހަނދާން ނައްތައި ނުލެވޭނެ ރެޔެއްކަމަށް މުރުތަސިމް ބުންޏެވެ.

މީރަބްގެ އަތް ދިއްކޮށްލުމާއެކީ ، މުރުތަސިމްގެ އަތުތެރެޔަށް މީރަބްގެ އަތް ފުރޮޅިލި ވަގުތު ، ބޮލިތައް ދިއްލި މުޅިތަން އަލިވެގެން ދިޔައެވެ. އެއީ ، މުރުތަސިމުގެ ހިތަށް އުއްމީދުން ފުރިގެންވާ އުފާވެރިކަމެއް ލިބިގެން ދިޔަ ހިނދު ކޮޅެކެވެ. އޭރު ، ޙަޔާ ގެންދިޔައީ ގަސްތަކުތެރޭ ފިލައިހުރެ މުރުތަސިމާއި މީރަބްގެ ލޯބި ޙަރަކާތްތައް ބަލައި ، އޭނާގެ ހިތަށް ތަދުކުރަމުންނެވެ. ޙަޔާގެ ހިތް ކުދިކުދިވެ ފޮތިފޮތިވެގެންދާފަދަ ، އެތައް މަންޒަރެއް ، މީރަބާއި މުރުތަސިމްގެ ލޯބި އަދި ޖަޒްބާތީ ޙަރަކާތްތަކުން ، ޙަޔާއަށް ފެނިގެން ދިޔައެވެ. އެއީ ޙަޔާގެ މުޅި ޙަޔާތުގައިވެސް ، އޭނާގެ ހިތް ހަލާކުވެ ، ސިކުނޑީގެ ފިއުޒް ދިޔަ އެންމެ ހިތްދަތި މަންޒަރުތަކެވެ.

ފިނީގައި އެރޭ ބޭރުގައި ހުރުމުގެ ސަބަބުން ، މުރުތަސިމް ކިނބިހި އަޅަން ފެށުމާއެކީ ، އިނގުރު ސައިތަށްޓެއް ހަދައިގެން އޭނާއަށް ގެނެސްދިނުމަށް މުރުތަސިމް އެދުނެވެ. ބަދިގޭގައި ތަކެތި ބަހައްޓާފައި ހުންނަ ތަންތަނެއް މީރަބަކަށް އަދި ނޭނގެއެވެ. ހުރިހާ ނޯކަރުންވެސް މިހާރު ތިބޭނީ ނިދާފައެވެ. މުރުތަސިމް އެބުނާކަހަލަ ސައިތަށްޓެއް ހެދުން އެއީ މީރަބަށް ކުރެވެން އޮތްކަމެއްނޫނެވެ. އެވާހަކައިގާ ދެމީހުން ބަޙުސްކުރަން ތިއްބާ ، އިނގުރު ސައިތަށްޓެއް ހަދައިގެން ، ޙަޔާ އައިސް މުރުތަސިމަށް ދިއްކޮށްލިއެވެ. އެހިސާބުން ، މީރަބްގާތަށް އައި ރުޅީގައި ޙަޔާއާ ސުއާލުކޮށްގަތެވެ. މުރުތަސިމް ކިނބިހިއަޅާކަން ޙަޔާއަށް އެނގުނުގޮތެއް ސާފުކުރުމަށް މީރަބް ބޭނުންވިއެވެ. ރޭގަނޑު ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މުރުތަސިމް ކިނބިއްސެއް ނާޅައެވެ. ޙަޔާގެނައި ސައިތަށި ހިފައިގެން ، އެކޮޓަރިން ނުކުމެގެން ދިއުމަށް މީރަބް އެންގިއެވެ. އޭނާގެ ފިރިމީހާ ބޯންވާނެ އެއްޗެއް ޙަޔާއަކަށް ނޭނގޭނެއެވެ. އޭނާ އަމިއްލަޔަށް ބަދިގެޔަށްގޮސް ، މުރުތަސިމަށް ސައްތަށްޓެއް ހަދައިދޭން ނިންމިއެވެ.  މުރުތަސިމްވެސް ، އެތަނުން ޙަޔާ ދިއުމަށް އެންގިއެވެ.

ޙަޔާ އެދިޔަގޮތަށްގޮސް ، ޓެރަސްމައްޗަށް އަރައި ، ފަންޑިތަހަދާމީހާ ، ކޮންމެ ރެޔަކު އަންދަން ދިން އެއްޗެއް އަންދަން ފެއްޓިއެވެ. އެކަމެއްކުރީމަ ، މީރަބަށް ލިބޭ ހިތްހަމަނުޖެހުމުގައި ، މުރުތަސިމް ދޫކޮށްލާފައި އަމިއްލަޔަށް ނުކުމެގެން ހިނގައިދާނެކަމަށް އޭނާ އޮތީ ބުނެފައެވެ. ގޭތެރެއިން މީރަބަށް ހިޔަންޏެއް ފެނުނުކަންވެސް ޙަޔާއަށް އޮތީ އެނގިފައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.