ﷲ ގެ އިސްމުފުޅު އަރަބި އަކުރުން ނޫން ގޮތަކަށް ނުލިޔާން އަންގަން ޖެހުނީ، އެއީ ލަފްޒު ޖަލާލާ ކަމުގައި ވެފައި، މިހާރަކަށް އައިސް އެ ލަފުޒުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އެ ލަފުޒު ބޭނުން ކުރަމުން ގެންދާތީ ފާހަގަ ކުރެވިގެން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
އާފަތިހާ ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ ޒިޔާދު ވިދާޅުވީ ލަފްޒު ޖަލާލާއަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ހަމައެކަނި އަރަބި އަކުރުން ލިޔުމަށް ބާރުއެޅުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އަބަދުވެސް ކުރައްވަމުން އަންނަ ކަމެކެވެ. އަދި އެކި ދުވަސްވަރު، އެ ދުވަސްވަރަކު އޮތް ސަރުކާރަކުންވެސް ވަނީ ތާނަ ލިޔާއިރު އަރަބި އަކުރުން ނޫން ގޮތަކަށް ﷲ ގެ އިސްމުފުޅު ލިޔުން މަނާވެސް ކޮށްފައެވެ.
"ﷲ ގެ އިސްމުފުޅު ތާނައިން ލިޔުމަކީ އެއްވެސް ދުވަސްވަރަކު ދިވެހީން ކޮށް އުޅުނު ކަމެއް ނޫނެވެ. އަރަބި އަކުރުން ލިޔުމަކީ މައްސަލައެއް ކަމަކަށް ދިވެހިން ބެލި ޒަމާނެއް ދިޔަކަމެއް އެނގޭކަށް ނެތެވެ. އަދި މިހާރުވެސް އެއީ ދިވެހީންނަށް މައްސަލައަކަށް ވެގެން އުޅޭ ކަމެއް ނޫނެވެ." މިނިސްޓަރު ވިދާޅުވިއެވެ.
ޑޮކްޓަރ ޒިޔާދު ވިދާޅުވި ގޮތުގައި ޢަބްދުﷲ ގެ ބަދަލުގައި އަބުޅޯ ކަހަލަ ނަންނަން މިހާރަކަށް އައިސް ބޭނުން ކުރާތީ ފެނެއެވެ. "ﷲ ގެ އިސްމުފުޅާއެކު ލިޔެވޭ ނަންނަމުގެ ބަދަލުގައި އެފަދަ ނަންނަން ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް ކުރުން ހެޔޮ ވާނޭ ކަމެއް ނޫނެވެ. ހުއްދަ ވާނޭ ކަމެއްވެސް ނޫނެވެ."
ﷲ ގެ އިސްމުފުޅާއި، އިސްމުފުޅު ބޭނުން ކޮށްގެން ލިޔާ ނަންނަމާއި، ކީރިތި ރަސޫލާގެ ހަދީސުތަކާއި، ކީރިތި ޤުރްއާނުގެ އާޔަތްތައް ހަމައެކަނި އަރަބި އަކުރުން ލިޔާން އިސްލާމިކް މިނިސްޓްރީން އެންގީ، އެ ތަކެއްޗަށް އޮންނަ ގަދަރާއި، ޝަރަފަށް އެއްވެސް ވަރެއްގެ އުނިކަމެއް ގެނައުމަކީ ކޮށްގެން ވާނޭ ކަމެއް ކަމަށް ނުވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.