ވެލިދޫ ތަރައްގީ އަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް އާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައާއި ރަށު ރައްޔިތުން ޕިކްނިކް ދިއުންފަދަ ބޭނުންތަކަށް ފަޅުރަށެއް ހަމަޖެއްސުމާއި އެންމެ ފުޓްބޯޅަ ދަނޑެއް އޮތުމުން ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ހުރި ދަތިތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ މަގު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. ކަރަންޓުގެ މައްސަލައާއި އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުލިބި ހުރުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެލިދޫ ސްކޫލުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތަކާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.