ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނެ: ރައީސް

ނ. ހެނބަދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަޤީންކަންދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހެނބަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ހިމަނުއްވާފައިވާ ކަމަށެވެ. ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ތޮށިލާންޖެހޭ ހިސާބާއިކަނޑާއި ކައިރިވުމުން އިންޖިނިއަރިންގެ ގޮތުން ޑީޓެއިލް ޑިޒައިނެއް ހެދެންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށް ސެޕްޓެމްބަރު މަހާއި ހަމައަށް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ރައީސުލްޖުމޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެނބަދޫގައި ބިންހިއްކެން އޮތް އެންމެ ބޮޑުމިނަކީ ހަ ހެކްޓަރުކަށާއި އެއީ ރަށަށް ވަރަށް މުހިންމު ޖާގައެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބިންހިއްކާ ނިމުމުން ބިމުން ގޯތި ނުވަތަ ހައުސިންއަށާއި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ޖާގައެއް ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމާއިރު އޮންނަވަރަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ހެނބަދޫގައި ފުލް ސައިޒްގެ ފުޓުބޯޅަ ޕިޗެއްވެސް ހެދެންއޮތީ ބިންހިއްކައިގެން ކަމަށްވާތީ ބިންހިއްކުމާއި ތޮށިލުމުގެ މަސައްކަތް ގުޅިގެންދާގޮތަށް އެ ސަރަޙައްދު ހިމާޔަތްވާގޮތަށް ބޮޑު ފުޓްބޯޅަ ދަނޑެއް އެޅޭގޮތަށް މަސައްކަތް ކުރިއަށްގެންދަން ރާއްވަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅު ކުރެއްވުމަށްޓަކައި މުވައްޒަފުން އިތުރުކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 16 ގަޑިއިރަށް، ޚިދުމަތްދެވޭވަރަށް ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާއި އެއްގޮތަށް ހެނބަދޫގައި މިސްކިތެއް އެޅުމަށްޓަކައި މިއަދު ވަނީ އެ މިސްކިތުގެ ބިންގާއަޅުއްވާފައެވެ. މީގެ އިތުރުން ނ. ހެނބަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.