ހަނދު އޭގެ ހަނދުވަރާ ނުލާ .... (18)

( 13 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މައުޛޫނާވެސް މީރަބް ސުއާލު ކުރިއެވެ. އެއަންހެންކުއްޖާގެ ނުރުހުމުގައި ، އެކައިވެނި ކުރެވިދާނެތޯ މީރަބް އެހިއެވެ. މައުޛޫނު ބުނިގޮތުގައި ، އަންހެންކުއްޖާގެ ނުޤަބޫލުގައި ކައިވެންޏެއް ނުކުރެވޭނެއެވެ. ގަދަކަމުން ކައިވެނިކުރެވޭނެ އެއްވެސް އުސޫލެއް ދީނުގައި ކަނޑައެޅިފައެއް ނުވެއެވެ.

މީރަބް ހައްޔަރުކުރުމުގައި އިސްކޮށް އުޅުނު މީހާއަށް މުރުތަސިމް ގޮވައިލިއެވެ. އަދި އޭނާ މީރަބާ ކައިވެނިކޮށްފާނަންތޯ ސުއާލު ކުރިއެވެ. މުރުތަސިމަކީ ، މިހާރު އޭނާގެ ސާހިބުމީހާ ކަމަށާއި ، ސާހިބުމީހާ ބުނާ ކޮންމެ ކަމެއްވެސް ، ހިތުން ރުހުމުން ކުރާނެކަމަށް ، އެމީހާ ބުންޏެވެ. އެކައިވެނިކުރަން އޭނާ ތައްޔާރެވެ.

މުރުތަސިމް ދެން ގޮވައިލީ ނާއިލާއަށެވެ. ނާއިލާ ، އެކައިވެންޏާ ޤަބޫލުތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެ ރަސްމިއްޔާތަށް ޙާޟިރުވެފައިތިބި އެންމެންގެ ކުރިމަތީގައި ، ނާއިލާވެސް އެކައިވެންޏާ ޤަބޫލުކަމަށް ބުނެ އެކަން ހާމަ ކުރިއެވެ. މީރަބަށް ލިބުނީ ވަރަށްބޮޑު ޙައިރާން ކަމެކެވެ. ނާއިލާގެ އެ ޖަވާބަކީ މަޖްބޫރުވެގެން ދިން ޖަވާބެއްކަމަށާއި ، އެކައިވެނި ނުކުރެވޭނެކަމަށް އަނެއްކާވެސް ، މީރަބް ބުންޏެވެ. ނާއިލާ ބޭނުންވަނީ އޭނާގެ މައިންބަފައިންގާތަށް ، އޭނާގެ ގެޔަށް ދާށެވެ. ކައިވެނިކުރަން ނާއިލާ ބޭނުން ނޫންކަންވެސް މީރަބް ހާމަ ކުރިއެވެ. ކޮންމެ ކަމެއް ހިނގާފައި އޮތަސް ، އެކަމުގެ ބަދަލުގައި އެއްވެސް އަންހެނެއްގެ ނަފްސު ޤުރުބާން ކުރުމަކީ ، ޙައްޤުން ކުރެވޭ ކަމެއްނޫނެވެ. އެއީ އިންސާފެއްނޫނެވެ. އެއީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުންކަމަށް ، މީރަބް ބުންޏެވެ. މީރަބް ވާހަކަ ދައްކަމުން ގެންދިޔައިރު ، މުރުތަސިމް އިނީ ދަތްކުނޑި ވިކި މުށްބާރު ކޮށްގެންނެވެ. އޭނާއަށް އިނދެވެނީކީ ނޫނެވެ. އޭނާގެ އަތުގައި ބަޑިއެއް އޮތްނަމަ ، މީރަބްގެ ގަޔަށް މިހާރު ބަޑިވެސް ޖަހައިފީހެވެ.

އެ އެއްވުމުގައި އިއްވާފައިވާ ނިޔާއަށް މީރަބް އިންކާރު ކުރިއެވެ. އަދި ، ނާއިލާގެ ޙައްޤުތައް ކަށަވަރުކޮށްދީ ، ނާއިލާގެ ގެޔަށް އޭނާގެ މައިންބަފައިންގާތަށް ދިއުމަށް ޙުކުމް ކޮށްދިނުމަށް ، މީރަބް އެދުނެވެ.

އޭ މިހިރަ އަންހެނާއޭ ބުނެ ، މީރަބާ ދިމާލަށް މރުތަސިމް ހަޅޭއްލަވައިގަތެވެ. އަދި ، މީރަބްގެ ބަސް އޭނާގެ ބަހުގެ މައްޗަށް ނުވިކޭނެކަން އެންގިއެވެ. އެދެމީހުން ގެނެސް ، ކައިވެނީގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ، އެކައިވެނި ލައިދިނުމަށް މައުޛޫނަށް ، މުރުތަސިމް އެންގިއެވެ. އެކައިވެނި އެތަނުގައި ހަމަ އެވަގުތު ކުރެވޭނެކަން މުރުތަސިމް އިޢުލާން ކުރުމާއެކީ މީރަބް އެތަނުން ނުކުމެގެން ދިޔައެވެ.

 

ގޭގައި އުޅޭ ނޯކަރެއްގެ އެހީގައި ރައްޓެހި އަންހެންކުއްޖަކަށް ހަދައިދޭ އެއްޗެއްކަމަށްބުނެ ، ސިހުރު ހަދާ އަންހެނެއްގެ ގާތަށް ޙަޔާ ދިޔައެވެ. ޙަޔާ ބޭނުންވަނީ ކޮންކަމެއްތޯ ، ސިހުރުހަދާމީހާ ސުއާލު ކުރިއެވެ. އެވަގުތު ، ޙަޔާއާއެކީދިޔަ ނޯކަރު ، ކާރުގައި މަޑުކޮށްލުމަށްބުނެ ، އެތަނުން ފޮނުވައިލިއެވެ.

ޙަޔާ އެއައީ އޭނާގެ ލޯބިވެރިޔާ ، މުރުތަސިމް ، މީރަބްކިޔާ މީހަކު އަތުލައިގަތީމާ އެކަމަށް ސިހުރެއް ހަދަންކަމަށް ބުންޏެވެ. ޙަޔާ ބޭނުންވަނީ ކޮންކަމެއްތޯ ، ސިހުރުވެރިޔާ ސުއާލު ކުރިއެވެ. މުރުތަސިމް އެނބުރި ޙަޔާގާތަށް އައުންތޯ ނުވަތަ ، މީރަބް ، މުރުތަސިމްގެ ދިރިއުޅުމުން ނުކުމެގެން ދިއުންތޯ ސުއާލު ކުރިއެވެ.

ޙަޔާ ބޭނުންވީ ، މުރުތަސިމްގެ ދިރިއުޅުމުން މީރަބް ނުކުމެގެން ދިއުމެވެ. ޙަޔާ އެންމެ ބޭނުމީ ، މީރަބް މަރުވުމެވެ. އޭނާއަށް މުރުތަސިމް ލިބޭނެ ހަމައެކަނިގޮތަކީ އެއީއެވެ. މީރަބް ދުނިޔޭގައި ހުއްޓާ ، މުރުތަސިމް އެހެންމީހަކާ ކައިވެންޏެއް ނުކުރާނެއެވެ.

ޙަޔާގެކަންތައް ހަމަޖެހިއްޖެކަމަށް ބުނެ ، ގެޔަށްގޮސް އަރާމުގައި ހުރުމަށް ، ސިހުރުވެރިޔާ ޙަޔާއަށް އެންގިއެވެ. ޙަޔާ ބޭނުންވާ ގޮތަކަށް އެކަން ނިމޭނެކަމަށް ސިހުރުވެރިޔާ ބުންޏެވެ. އެމީހާއެއީ ، ޙަޔާއާއެކީ ދިޔަ ނޯކަރަށްވެސް ސިހުރު ހަދައިދީފައިހުރި މީހެކެވެ. ނޯކަރު ބުނިގޮތުގައި ، އެ އަންހެންމީހާ ކަމެއްކޮށްދިންތާ ، ހަފުތާއެއްގެ ތެރޭގައި ، އޭނާގެ ފިރިމީހާ ހިތާވެގެން އުޅުނު އަންހެނާ ދޫކޮށްލާފައި ، އޭނާގާތަށް އައެވެ. އެއީ އެހާވެސް ބާރުގަދަ ސިހުރުހަދާ މަޝްހޫރު އަންހެނެކެވެ. އޭނާގާތަށް އަންނަން ޙަޔާ ބޭނުންވީ ، އެ ނޯކަރުގެ ވާހަކަ ޙަޔާއަށް ކިޔައިދިނީމައެވެ.

މީރަބްގާތަށް އައިސްހުރި ރުޅީގައި ، ނާއިލާއާ އަނގައިން ބުނަންވެސް ބޭނުމެއް ނުވިއެވެ. ނާއިލާ ބުނިގޮތުގައި ، އޭނާހީކުރީ ، މުރުތަސިމް އެއުޅެނީ އެތަނުން ހަންޓޯޓޯވެފައިހުރި މުސްކުޅިޔަކާ ނާއިލާ ދެވަން ކަމަށެވެ. އެކަމަކު ، ނާއިލާއާ ދެވަން މުރުތަސިމް އެނިންމި މީހަކީ ، ގޯސްމީހެއްނޫނެވެ. އެއީ ޒުބޭރުގެ މީހެކެވެ. އެކަމަކުވެސް ، އޭނާއަކީ ، ނާއިލާއުޅޭ އަވަށުގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ސާހިބްމީހާއަށް އޭނާ ވަފާތެރިވާނެއެވެ. އޭނާއާ ނާއިލާގެ ކައިވެނި ކޮށްދިނުމަކީ ، އޭނާއަށް މުރުތަސިމް ކޮށްދޭ ހެޔޮ ކަމެކެވެ. އޭނާގެ މުޅި ޢުމުރަށްވެސް ، މުރުތަސިމަށް ވަފާތެރިވުމުގައި ދެމިހުންނާނެކަމަށް ، ނާއިލާ ބުންޏެވެ.

މީރަބްގެ ފަރާތުން މުރުތަސިމަށް އަބަދުވެސް އެލިބެނީ ، ތަކުލީފެވެ. މިއަދުވެސް ، މީރަބް އެކުރިކަމަކުން އަވަށުގެ ކަމުވޮށިވެގެންވާ އެންމެންގެ ކުރިމަތީގައި މުރުތަސިމް ފަޟީޙަތްވެ ، އޭނާގެ އަބުރާއި ޢިއްޒަތަށް ގެއްލުން ލިބިއްޖެއެވެ. ނާއިލާ އޭނާއާ ކައިވނިކުރަން ހިތްހަމަޖެހޭކަން ، މީރަބަށް ނޭނގޭކަމަށް މީރަބް ބުންޏެވެ. އަދި ، މުރުތަސިމް ބޭނުންވިގޮތަށް ، އެކައިވެނިވެސް އެއޮތީ ކުރެވިފައެވެ. ދެމީހުންނާބެހޭ މަޢުލޫމާތު ، މުރުތަސިމް ހޯދިކަމެއް މީރަބަކަށް ނޭނގެއެވެ. އެކަން އެހިސާބުން ނިންމާލައި ، މުރުތަސިމް ހަމަޖެހިލުމަށް މީރަބް ބުންޏެވެ.

މުރުތަސިމް ގާތަށް އައިސްހުރި ރުޅި ، މިފަހަރު މައިތިރިވާގޮތެއް ނުވިއެވެ. މީރަބްގެ އަތުގައި ހިފައިގެން ދަމާފައި ގެންގޮސް ކާރަށް އަރުވައި ބާރަށް ދުއްވައިލިއެވެ. މުރުތަސިމް އެދަނީ ކަރާޗީއަށެވެ. ވައްޤާސްއާ މީރަބް ޙަވާލު ކުރުމަށެވެ. އޭނާއަށް ދެން އިތުރަކަށް މީރަބާއެކީގައެއް ނޫޅެވޭނެއެވެ. ތަންކޮޅެއް މަޑުން ކާރު ދުއްވަން މީރަބް އެދެމުން ގެންދިޔައެވެ. އަދި ހަމަޖެހިލައިގެންތިބެ ވާހަކަ ދައްކައިލުމަށް މީރަބް ބޭނުންވިއެވެ. އޭނާއަށް އެ ކުރެވޭ ކަންކަމާމެދު ، މީރަބް ކަންބޮޑުވިއެވެ. އަދި މުރުތަސިމް ބޭނުންވާ ގޮތަކަށް އޭނާ ބަދަލުވުމަށް އޭނާއެހުރީ ނިޔަތް ގަނެގެންނެވެ. އެހެނަސް އޭގެ މާނައަކީ ، ބޭއިންސާފުން މުރުތަސިމް ކުރާ ކަންކަމާ މީރަބް ދެކޮޅު ހެދުމެއްނޫނެވެ.

މީރަބާއި މުރުތަސިމާ ދެމީހުން ، ކާރުގައި ތިބެގެން އެކަކު އަނެކަކަށް ދޫނުކޮށް ޒުވާބުކުރަމުން ގެންދިޔައެވެ. މީރަބްގެ ކުށަށް މީރަބް މަޢާފަށް އެދުނަސް އެކަމާ ވިސްނައިލެވޭވަރަށްވުރެ ބޮޑަށް މުރުތަސިމް އިނީ ރުޅި އައިއްސައެވެ. އެ ހުރިހާ ރުޅިއެއް ބާލަމުން އެގެންދަނީ ކާރުގެ ހަތަރު ފުރޮޅަށެވެ. ކުއްލިޔަކަށް ، ކާރުގެ ކުރިމައްޗަށް ބޮޑު ލޮރީއެއް ހުރަސްވެ ، އެކްސިޑެންޓް ވިއެވެ. މުރުތަސިމްގެ ޙާލު ވަރަށް ނާޒުކުވިއެވެ. މީރަބަށް ގެއްލުންތަކެއް ވިޔަސް ، އޭނާއަކަށް އެހާބޮޑު ގެއްލުމެއް ނުލިބެއެވެ.

އެކްސިޑެންޓްގެ ޚަބަރު ޚާނަމްއަށާއި އަންވަރާ އަދި ވައްޤާސް އަށް ދިނުމާއެކީ ، އަންވަރާއި ވައްޤާސް ވަގުތުން ހޮސްޕިޓަލަށް އައެވެ. މީރަބްގެ ފަރާތުން އެކްސިޑެންޓްވީގޮތް އޮޅުންފިލުވިއެވެ. މުރުތަސިމަކީ ، ދަރިއެއްހެން އަންވަރު ބަލައި ބޮޑުކުރި މީހެކެވެ. މުރުތަސިމަށް ދެރަގޮތެއް ދިމާވެއްޖެނަމަ ، އެއީ މުޅި އެ ޢާއިލާއަށް ލިބޭ ފޫނުބެއްދޭފަދަ ގެއްލުމެކެވެ. މުރުތަސިމަށް އެހާބޮޑު އަނިޔާއެއްވީ ، މީރަބް ސަލާމަތްކުރަންވެގެން އުޅުމުގެ ތެރޭގައެވެ. މުރުތަސިމް އޮތީ އައިސީޔޫގައި ބޭއްވިފައެވެ. އޭނާގެ ފުރާނަ ސަލާމަތްވާނެކަމެއް އަދި ނުވާނެކަމެއް ނިންމާކަށް އަދި ޑޮކްޓަރުންނަކަށް ނޭނގެއެވެ. އެކަން އެނގޭނީ މުރުތަސިމްގެ އޮޕަރޭޝަނަށް ފަހުގައެވެ.

އަންވަރާއި ވައްޤާސް އެތައްވަރަކަށް ކިޔާކިޔާވެސް ، ގެޔަށްދާކަށް މީރަބް ބޭނުމެއް ނޫނެވެ. އޭނާ އެއިންތަނުން ހިރިލާނީވެސް މުރުތަސިމް ހޭއެރި އިރަކުންނެވެ. މުރުތަސިމްގެ ކިބައިން މަޢާފަށް އެދުމަށް މީރަބް ބޭނުންވިއެވެ.

ގޭތެރެޔަށް ވަދެގެން އައިއިރު ، ޙަޔާހުރީ އުފަލުން ފޮޅިފައެވެ. އޭނާއަށް މުރުތަސިމް ލިބޭކަށް ދެން މާގިނަދުވަހެއް ނުނަގާނެއެވެ. މީރަބް މަރުވާނެއެވެ. އެހާ ހަމަޖެހިލާފައި ޙަޔާހުރިތަން ފެނިފައި މަރިޔަމްވެސް ދެލޯ ބޮޑުވިއެވެ. އަނީލާވެސް އޭރު އެގެޔަށް އައިސް އިނެވެ. ދެން ހުރިހާކަމެއް ރަނގަޅުވެދާނެކަމަށް ބުނެ ، އެތަނުގައިހުރެ ޙަޔާ އުފަލުން އެނބުރިގަތެވެ. ޚާނަމް ގާތަށް އައި ރުޅީގައި ޙަޔާއާ ދިމާލަށް އެތިވަރު ގޮވައިގަތީމަ ، ހުއްޓިލިތަނުން ، މުރުތަސިމް އެކްސިޑެންޓްވީ ވާހަކަ ، ޙަޔާގާތު މަރިޔަމް ބުންޏެވެ. ފުރާނަ ސަލާމަތްވާނެކަމެއްވެސް ނޭނގެއެވެ. ޙަޔާގެ ދެލޯވެސް ބޮޑުވިއެވެ.

ޙަޔާގެ ބޭނުމަކީ ، މީރަބްގެ ދުވަސްދިއުންކަމުގައި ބޭއިޚްތިޔާރުގައި ޙަޔާއަށް ބުނެވުނެވެ. އިތުރަށް އެވާހަކަ ދެއްކުމުގެ ކުރިން ، އޭނާއަށް އެބުނެވެނީ ކީކޭކަން ، އޭނާގެ ހަވަނަ ޙިއްޞު ، ޙަޔާއަށް ވިސްނައިދިނެވެ. ކުއްލިޔަކަށް ޙަޔާގެ ވާހަކަ ބަދަލު ކޮށްލިއެވެ.

" މީރަބާ އިންފަހުން ، މުރުތަސިމަށް ހަމަނޭވާލައިގެން އުޅެވޭވަރެއް ނުވެއެވެ. މީރަބާ ، މުރުތަސިމް ދެވައިގެން ލިބުނު ފައިދާއެއް ނެތެވެ. މުރުތަސިމް ދާކޮންމެ ތާކަށް މީރަބް އެބަ ގެންދެއެވެ. މުރުތަސިމްގެ ބަދަލުގައި މީރަބަށް ކަމެއް ނުވާންވީ ކީއްވެ ހެއްޔެވެ ؟ " ޙަޔާ އެދަމަމުން ގެންދާ ހާސަރު ، އެތާތިބި އެކަކަށްވެސް ދޭހައެއް ނުވެއެވެ.

އެހިސާބުން ، އަނގަ ހިމޭނުންލައިގެން ހިމޭނުން ހުރުމަށް ޙަޔާއަށް ، ޚާނަމްއެންގިއެވެ. އިތުރަށް އެތާ ހުރެގެން ގޯހެއް ހެދިދާނެތީ ރޮމުންރޮމުންކަމަށް ހަދައިގެން ، ޙަޔާ އޭނާގެ ކޮޓަރިޔާ ދިމާލަށް ދިޔައެވެ.

އަނީލާއަށް ފޯނެއް އައުމާއެކީ ، ފޯނުނެގިއިރު އެއީ ވައްޤާސް އެވެ. މުރުތަސިމްގެ އޮޕަރޭޝަން ނިމިއްޖެއެވެ. މުރުތަސިމްގެ ފުރާނަ މިހާރު އެވަނީ ނުރައްކަލުން ސަލާމަތް ކުރެވިފައެވެ.

ސިހުރުހަދާމީހާގާތަށް ޙަޔާ ގެންދިޔަ ނޯކަރުގެނެސް ، އޭނާއާ ދިމާލަށް ހެޓަކަށް ބަވާލިއެވެ. އެކުރިކަމެއްގެ ސަބަބުން މީރަބްގެ ބަދަލުގައި ހުރިހާ ގެއްލުމެއް އެލިބުނީ މުރުތަސިމަށެވެ. ނޯކަރު ބުނިގޮތުގައި އެއީ ، ބައެއްފަހަރަށް ވާ ކަމެކެވެ. ސިހުރު ހެދީމަ އެކަން ކުރުވާ މީހާއަށް އަނބުރާ އެ ސިހުރުޖެހޭފަހަރުވެސް އާދެއެވެ. އެކަމަކު ، ޙަޔާބުނިގޮތުގައި އެކަން ކޮށްދެނީ ޙަޔާގެ ރައްޓެއްސަކަށެވެ. ޙަޔާއަކަށް ނޫނެވެ. އެކަމާ ޙަޔާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ ؟ އެވާހަކަ އިތުރަށް ދައްކަން ވެއްޖިއްޔާ ޙަޔާ ، އިތުރަށް ބޭޒާރުވެދާނެތީ ، އަވަހަށް އެތަނުން އެނޯކަރު ފޮނުވައިލިއެވެ.

މުރުތަސިމްގެ ގަޔަށް އަމާޒުކޮށް ޒުބޭރުޖެހި ބަޑީގެ ވަޒަންތައްއެރި ޚާދިމް ،  އެވަގުތު އެތަނަށް އައެވެ. އޭނާ އެއައީ ، މުރުތަސިމްގާތަށް އޭނާ ދިއުމަށް ޚާނަމްގެ ހުއްދަ ހޯދުމަށެވެ. މުރުތަސިމް މިހާރު އޮޕަރޭޝަންކޮށް ހޭއަރައިފިކަމަށާއި ، އޭނާ ބޭނުންނަމަ ދިޔަސް އެންމެ ރަނގަޅުކަމުގައި ޚާނަމް ބުންޏެވެ. ބަޚްތިޔާރާ ދިމާލަށް ޚާނަމް ހިނިތުންވެލަމުން ބަލައިލިއިރު ، ބަޚްތިޔާރުގެ އެއްއަތް ބެންޑޭޖްކޮށްފައި އޮތްތަން ފެނުމާއެކީ ، އެއީ ކީއްވެގެން ކޮށްފައި އޮތް ބެންޑޭޖެއްތޯ ޚާނަމް ސުއާލު ކުރިއެވެ.  އެއީ ބަޑީގެ ވަޒަން އަރައިގެން ޒަޚަމްވެގެންކަމަށް ބަޚްތިޔާރު ބުންޏެވެ. އެއީ ކޮންކަމަކާ ގުޅިގެން ހިނގިކަމެއްތޯ އަނެއްކާވެސް ޚާނަމް ސުއާލު ކުރިއެވެ. ނުބުނަން ހުރެފައިވެސް ، ޚާނަމް ހަޅޭއްލަވައިގަތީމަ    ، މާލިކުގެ ދަނޑަށް އިއްޔެ މީރަބަށް ދެވުނު ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް ، ޚާނަމްއަށް  އޭނާ ކިޔައިދިނެވެ.  ރުޅިގަދަވަމުން ގަދަވަމުން ގޮސް ، އޭނާގެ ވާހަކަ ނިމުނުއިރު ، ޚާނަމް އިނީ ތުރުތުރު އަޅައަޅައެވެ. މީރަބްދެކެ އައިރުޅިގަނޑު ބޭލީ އަނީލާއަށެވެ.

އެގޭތެރެއިން މީރަބަށް އެއްވެސް އަމާންކަމެއް އަދި ހަމަޖެހުމެއް ނެތެވެ. މުރުތަސިމް އެއޮތީ މަރުގެ ތުންފަތްމަތީގައެވެ. އެކްސިޑެންޓް ހިނގުމުގެ ކުރިން ، މުރުތަސިމް ހުރީ މަޢާފުކުރާވަރަށްވުރެ ބޮޑަށް މީރަބްދެކެ އިންތިހާއަށް ރުޅި އައިހެވެ. އަންވަރު އެހުރީ ، މުރުތަސިމަށް އެ ޙާލަތު ކުރިމަތިވީ މީރަބްގެ ސަބަބުންކަން އެނގިހުރެ ، އޭނާގާތަށް އައިރުޅި މައިތިރިކޮށް މީރަބާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުން ނުވެފައެވެ. ޚާނަމް އެހުރީ ، މުރުތަސިމްގެ ފުރާނަޔަށް ގެއްލުންވާން އެދިމާވާ ކަންކަމުގެ ސަބަބަކީ މީރަބް ކަމަށް ނިންމައިގެން ، މީރަބްދެކެ އިންތިހާއަށް ރުޅި އައިހެވެ. ޙަޔާ އެގެންދަނީ ، މީރަބާއި މުރުތަސިމް ދުރުކުރެވެން އޮތް ކޮންމެ ކަމެއް ކުރަމުންނެވެ. އެންމެފަހުން ، އެދެމީހުން ދުރުކުރަން ފަންޑިތަވެސް ހަދަން ފެށީއެވެ.

" މުރުތަސިމާ މީރަބް ދެވައިގެން ނިކަން ރީތިވެއްޖެ ނޫންހެއްޔެވެ. އެކަމާމެދު ، މީހުން މިހާރު ވިސްނަން ވެއްޖެއެވެ. " ޙަޔާ ބުންޏެވެ.

ޙަޔާ އެބުނި ވާހަކައަކުން އަނީލާއަށް ޙައިރާންކަން ލިބި ، ޙަޔާ އެބުނަނީ ކީކޭތޯ ސުއާލު ކުރިއެވެ. ޚާނަމްވެސް އަދި މަރިޔަމްވެސް އަނގައިން ނުބުނެ އެތާ ތިއްބެވެ. ނިންމަންޖެހެނީ ، ކައިވެނި ކުރިގޮތަށް އެ ކައިވެނި ރޫޅައިލުމާމެދުގައިކަމަށް ޙަޔާ ބުންޏެވެ. ފެންނަ ފެނުމުގައި ، މީރަބްވެސް ބޭނުންވާގޮތަކީ އެއީއެވެ. އެވަގުތު ، މީރަބާއި ވައްޤާސް އަދި އަންވަރު ގެޔަށް އައިސް ވަނެވެ. އަނީލާ ކުއްލިޔަކަށް ތެދުވެގެން މީރަބާ ދިމާލަށް ދާންފެށީމަ ، ޚާނަމް ، އަނީލާ ހުއްޓުވައި ، އޭނާގެ ޅީދަރިފުޅާ ވާހަކަ ދައްކައިލަން އިހަށް މަޑުކޮށްލާށޭ ބުނެ ، މީރަބާ ކުރިމަތި ލިއެވެ. ފިރިމީހާ ގޮވައިގެން މީރަބް ދިޔައީ ، ޒިންމާތަކެއް ބޮލުއަޅައިގެން ނޫންހެއްޔޭ ބުނެ ، މީރަބް އެއައީ ކޮންތާކަށް މުރުތަސިމް ދޫކޮށްލާފައިތޯ ، ޚާނަމް ސުއާލު ކުރިއެވެ. ޚާނަމްގެ ސުއާލަށް ދޭނެޖަވާބެއް މީރަބަކަށް ނޭނގުނެވެ. އޭނާއަށް ބަލައިލެވުނީ އަންވަރާ ދިމާލަށެވެ. އެއަށްފަހު ވައްޤާސްއާ ދިމާލަށެވެ. އެދެމީހުންކުރެ އެކެއްގެ ހިތުގައިވެސް މީރަބްގެ މައްޗަށް ހަމްދަރުދީ އުފެދި ، މީރަބް ދިފާޢުކޮށް ޚާނަމްގެ ކުރިމަތީ އެއްޗެއްބުނުމުގެ ހިތްވަރެއް ނުލިބުނެވެ. ވަރަށް ހިތްވަރުކޮށްފައި ، މީރަބްގެ އެއްވެސް ކުށެއްނެތްކަމަށް އަންވަރު ބުންޏެވެ.

" މުރުތަސިމްގެ ޙާލަތަށް ޒިންމާވަނީ މީރަބެވެ. މުރުތަސިމްގެ ބަސްނާހައި ، މާލިކުގެ ދަނޑަށްވަނީ މީރަބެވެ. މާލިކުގެ ގެޔަށްދާން މުރުތަސިމަށް ދާންޖެހުނު ސަބަބަކީ އެއީއެވެ. އޭގެ އިތުރަށް ، މުރުތަސިމްގެ ބަޑިން ވަޒަންވެސް ނަގައިފިއެވެ. އެއީ ، ދިފާޢުގައި މުރުތަސިމަށް ކުރެވޭނެކަމެއް ނެތި ، ދުޝްމަނުންގެ ބަޑިން ޒަޚަމްވެ އޭނާ މަރުވާނެ ފުރުސަތެކެވެ. އޭގެ ފަހުން ، މުރުތަސިމްގެ އަގުވައްޓާލައި ، ރައްޔިތުން އެއްވެފައި އޮތްތަނަށްގޮސް ، އަމިއްލަ ނިޔާ އިއްވައިފިއެވެ. މިޢާއިލާގެ އެއްވެސް އަންހެނަކު ، ބޯ ނިވާނުކޮށް ގެއިން ބޭރަކަށް ނުނުކުންނާނެއެވެ. އެކަމަކު ، ޢާއިލާގެ އިސްމީހަކަށްހުރި ، ތިމާގެ ފިރިމީހާއާ ދެކޮޅަށް ބަސް ކިޔުމަށް ރައްޔިތުން ކުރިމައްޗަށް ނުކުމެއްޖެއެވެ. " މީރަބާދިމާލަށް ޚާނަމް އެތިވަރު ގޮވަމުން ގެންދިޔައެވެ.

ކޮޓަރިޔަށް ދިއުމަށް ، މީރަބްގާތު ވައްޤާސް ބުންޏެވެ. އެހެނަސް ، ޚާނަމް އެކަން ހުއްޓުވިއެވެ. މީރަބް ، އެއްވެސް ތާކަށް ދާނެކަމެއް ނެތްކަމަށާއި ، ތަނަކަށް ފޮނުވަންޏާ ، ވައްޤާސްމެންނާއެކީ ކަރާޗީއަށް މީރަބް ގެންދިއުމަށް ޚާނަމް އެންގިއެވެ. އެއްވެސް ޙާލެއްގައި ދެނެއް އެގޭގައި މީރަބަށް ނުހުރެވޭނެކަމަށް ޚާނަމް ނިންމިއެވެ. ޚާނަމް ނިންމައިފި ކަމެއްގައި އިތުރު ގޮތެއް ނުއޮންނާނެކަން އެތާތިބި އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ، މީރަބްގެ ދިފާޢުގައި އަންވަރު ތެދުވިއެވެ. އެގެޔަކީ ، މީރަބްގެ ފިރިމީހާގެ ގެކަމަށާއި ، އެގެއިން މީރަބް ނެރެ ނުލެވޭނެކަމަށް އަންވަރު ބުންޏެވެ.

" އެހެންވިއްޔާ ، އެންމެ ފަހަރަކުވެސް ، މިއަންހެންކުއްޖާ އޭނާގެ ފިރިމީހާ ، މުރުތަސިމަކީ އޭނާގެ ފިރިމީހާކަމަށް ބަލައިގެންފި ހެއްޔެވެ ؟ މުރުތަސިމަކީ ، އޭނާގެ ފިރިމީހާކަމަކަށް މީރަބް ޤަބޫލެއް ނުކުރެއެވެ. އެހެންވީމާ ، މިގޭގައި މީރަބް ހުރުމުގެ އެއްވެސް ޙައްޤެއް ނެތެވެ. " ޚާނަމް ބުންޏެވެ.

މީރަބްގެ ލޮލުން ކަރުނަފައިބާ ރޮވެމުން ދިޔައެވެ. އެހެންނަމަވެސް ، އޭނާގެ ދިފާޢުގައި އެއްވެސް އެއްޗެއް ނުބުނެ ހިތްވަރު ކޮށްލިއެވެ. އޭނާގެ ކުށްވެސް ، އެކަންކަމުގައި ކޮންމެވެސް ވަރަކަށް އޮތްކަމަށް ، މީރަބަށްވެސް ޤަބޫލު ކުރެވެއެވެ.

އެގެޔަކީ ، އަންވަރުގެ ގެކަމަށްވެސް އަންވަރު ބުންޏެވެ. މީރަބްގެ ބައްޕަ އަންވަރުގެވެސް ގެއެވެ.

" އެހެން ހެއްޔެވެ ؟ އަންވަރަކީ އޭނާގެ ބައްޕަކަމަށް ޤަބޫލުކުރަންތޯ މި އަންހެންކުއްޖާގާތު އަހައިލަ ބަލާށެވެ ! ބައްޕާއޭ ކިޔާފަ އެންމެފަހަރަކުވެސް ، ގޮވައިލި ހެއްޔެވެ ؟ " ޚާނަމް އަނެއްކާވެސް ބުންޏެވެ.

އަންވަރު މީރަބާ ދިމާލަށް ބަލައިލާ ، ހިންދިރުވައިލިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

  1. ޙަޔާއަކީ ހާދަ ކަންތައްގަނޑު ބޮޑު އަންހެނެކޭ. ޙަޔާތެއް އެއްގޮތަކަށްވެސް ނެތް. މުރުތަސިމްގެ ޙަޔާތުން މީރަބް ވަކިކުރެވިދާނެކަމަކަށް ނުފެނޭ. މީރަބް އެކަމަށް ގޮތެއް ހޯދާނެކަމަށް ބެލެވޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.