
ވިލިމާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 38 މަގެއްގެ، 8487 އަށް ވުރެ ގިނަ ކާނު ސާފުކޮށްފިއެވެ.
ކައުންސިލްގެ ތަފާސް އިސާބުތަކުން ދައްކާ ގޮތުގައި ވިލިމާލޭގައި ކާނު ސާފުނުކުރެވޭ ފަސް މަގެއް ވާއިރު، ވިލިމާލޭގައި ހުރި ޖުމްލަ ކާނުތަކުގެ އަދަދަކީ 9925 ކާނެވެ.
މާލެ އަދި ވިލިމާލޭގެ ކާނު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކާނުތައް ސާފުކުރުމަށް މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި، ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މޭޔަރ ޢާޒިމްގެ އަމާޒަކީ، މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.