
ގދ. ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ ރައީސް އާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ނިހާދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ނަޑެއްލާ ކައުންސިލުން ވަނީ އެރަށުގެ ކުޅިވަރުގެ ހާލަތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކަށް ބޭނުންވާ މަރާމާތުތަކާ ގުޅޭކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ރަށުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން އެ ރަށުގެ ކުޅިވަރު ކަންކަމަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ރާފިޢު ވަނީ ނަޑެއްލާގެ ކުޅިވަރު ހާލަތު ރަނގަޅު ކުރުމާއި، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.