ހަނދު އޭގެ ހަނދުވަރާ ނުލާ ... (16)

( 6 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މާލިކުގެ މީހުން ، މީރަބް ހޯދައިގެން ގެންގޮސް ، ދަނޑުގެ ގުދަނެއްގައި ބަންދުކޮށްފައި ހުރިކަން އެންގިއެވެ. މީރަބް ހޯދަން އޭނާގާތަށް ސަލާންޖަހަން މުރުތަސިމް އަންނަންދެން ، ބަންދުގައި ބެހެއްޓުމަށްވެސް ޒުބޭރު އެންގިއެވެ. މީރަބް ދޫކޮށްލާނީ ، މާލިކުގެ ހުރިހާ ޝަރުތެއް ޤަބޫލު ކުރުމުންކަމުގައި ޒުބޭރު ނިންމިއެވެ. އޭނާގެ ބޭބެ ، މުރުތަސިމަށް ވިއްކާފައި އޮތްކަމަށްބުނާ ދަނޑު ، އެމީހުންނަށް އަނބުރާ ނުދެނިސް ، މީރަބް ދޫކޮށެއް ނުލާނެއެވެ. ފަތިހު ދަނޑަށްގޮސް ، މީރަބަށް ގޯނާކުރުމަށް ޒުބޭރު ހުރީ ނިޔަތްގަނެގެންނެވެ. މީހުން ނުހޭލަނިސް ، މީރަބަށް ކުރާކަމެއް އޭނާ ކުރާނެއެވެ. ޒުބޭރުގެ ޝިކާރަޔަށްވެފައިވާ އެތައް އަންހެންކުދިންނެއް އެހިސާބުގައި އުޅެއެވެ. އޭނާވަނީ ، އަނިޔާކޮށް ގަދަކަމުން ޢިއްފަތް ފޭރިގަނެ ، އެތައް އަންހެންކުދިންނެއްވެސް މަރާފައެވެ.

މުރުތަސިމްގެ މީހުން ޒުބޭރަށް ގުޅީމަވެސް ، މުރުތަސިމަށް ، އެމީހުންގެ ދަނޑުގެ ސަރަޙައްދަށް ނުވަދެވޭނެކަމަށް ޒުބޭރު އެންގިއެވެ. މުރުތަސިމްގެ އަންހެނުން މިހާރު އެއީ ، އޭނާ ބޭނުންގޮތެއް ހަދަން ލިބިފައިވާ އަންހެނެކެވެ.

އެސަރަޙައްދުގެ ކޮންމެވެސްތަނެއްގައި މީރަބް ހުރިކަމުގެ އިޙްސާސް މުރުތަސިމަށް ކުރެވުނެވެ. އެހެންކަމުން ، މީރަބް ހޯދުމުގެ މަސައްކަތް ހުއްޓާލާކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ. ޒުބޭރުމެންގެ ދަނޑުގެ ސަރަޙައްދަށްވަދެގެން ނަމަވެސް ، މީރަބް ހުރިތާކުން އޭނާ މީރަބް ހޯދާނެއެވެ.

ޙަޔާ ، ފޯނުކޮށްކޮށް ވަރުބަލިވީއިރުވެސް ، މުރުތަސިމް ފޯނެއް ނުނަގައެވެ. އެކަމުގެ ރުޅިގަނޑުވެސް ޙަޔާ ބޭލީ މީރަބަށެވެ. އަންހެނުން ކައިރީގައި ހުރީމަ މުރުތަސިމް ފޯނުނަގަން ބޭނުން ނުވަނީއެވެ. ޙަޔާގެ ރުޅިގަނޑު ގަދަވެގެންގޮސް ، އަތުގައި އޮތް ފޯނު ، ހޫރައިލިއެވެ. އެ ފޯނުގޮސް ހުއްޓުނީ ، ޚާނަމްގެ ފައިބުޑަށެވެ. ޙަޔާގެ ރުޅީގެ އަސްލަކީ ، މުރުތަސިމާއެކީ މީރަބް ދިއުންކަން ޚާނަމްއަށް އެނގެއެވެ. އެކަމާ އެއްޗެތި ކިޔައިގަތްތަނާ ، މަރިޔަމްއަށް އެތަނަށް އާދެވުނެވެ. އަދި ، ރޭއްސުރެ ޙަޔާގެ ފޯނު ހަލާކުވެގެން އުޅޭވާހަކައާއި ، ޙަޔާއަށް ފޯނު ހޫރައިލެވުނީ އެހެންވެގެންކަމުގައި ބުނެ ، މަރިޔަމް ދޮގުހަދައި ޙަޔާ ސަލާމަތް ކުރުމަށް މަސައްކަތް ކުރިއެވެ. ޙަޔާގެ ފޯނު ހަލާކުވެއްޖިއްޔާ ނުއުކައި ، އެފޯނު ހެދުމަށްބުނެ ، ރުޅިއައިސް އެއްޗެތި ކިޔަމުން ޚާނަމް ދިޔަތަނުން ، މަރިޔަމްވެސް ޙަޔާއާ ދިމާލަށް އެއްޗެތި ކިޔަން ފެށިއެވެ.

ޙަޔާ އެހުންނަނީ މުރުތަސިމާހުރެ މޮޔަވެފައެވެ. ޙަޔާގެ ހިތުގައި އަޅަމުންދާ ވޭނާއި ތަކުލީފަކީ ، އެހެންމީހަކަށް ވަޒަން ކުރެވޭނެކަމެއްނޫނެވެ. މީރަބް ބޭނުންވެސް ނުވަނިސް ، އޭނާގެ ނުރުހުމުގައި ކުރެވުނު ކައިވެނީގެ ސަބަބަކަށް ޙަޔާ އަބަދުވެސް އެހަދަނީ މީރަބެވެ. ބަދު ދުޢާކޮށް އެއްޗެތިކިޔަނީ މީރަބާ ދިމާލަށެވެ. އެކަމުގައި ، މީރަބްކުރާނީ ކީއްހެއްޔެވެ ؟

މާލިކުގެ ހުއްދަނެތި ، މާލިކުގެ ދަނޑަށްވަދެގެން މުރުތަސިމްދާން ހިނގައިގަތުމާއެކީ ، އޭނާގެމީހުން އެކަން މަނާކުރިއެވެ. އެހެންނަމަވެސް ، ވީއެންމެ އަވަހަކަށް މީރަބް އޭނާގެ ލޮލަށް ފެންނަން މުރުތަސިމް ބޭނުންވިއެވެ. އެކަން ފުރިހަމަ ކުރުމަށްޓަކައި މުރުތަސިމަށް ކޮންމެފަދަ ކަމަކާ ކުރިމަތިލާންޖެހުނަސް އޭނާގެ ، ގޮތެއް ދުލެއް ނުކުރާނެއެވެ. މާލިކުގެ ދަނޑަށް ވަދެގެން ދަނިކޮށް ، މީރަބްގެ ދޯޕައްޓާ މުރުތަސިމަށް ފެނުމާއެކީ ، ވަކިންބޮޑަށް މުރުތަސިމް ކަންބޮޑުވިއެވެ. އެހެންނަމަވެސް ، މީރަބްގެ ދޯޕައްޓާ މާލިކުގެ ދަނޑުމަތިން ފެނުމާއެކީ ، އެތަނުން ތަނެއްގައި މީރަބް ހުންނާނެކަން ، މުރުތަސިމަށް ޔަޤީންވިއެވެ.

ދަނޑުގައި ބިނާކޮށްފައިވާ ޢިމާރާތްތަކާ ހަމަޔަށް ދެވުނުތަނާ ، ޒުބޭރުގެމީހުން މުރުތަސިމްގެ ކުރިބައްދައި ހުއްޓުވިއެވެ. އެއީ މާލިކުގެ ދަނޑުބިންކަމާއި ، މާލިކގެ ހުއްދަނެތި ، މުރުތަސިމަށް އެތަނަށް ނުވަދެވޭނެކަން އެންގިއެވެ. އެތަނުގައި ހަދާފައިވާ ޢިމާރާތުގައިތިބީ އެމީހުންގެ ޢާއިލާގެ އަންހެނުންކަމާއި ، އެހިސާބަށް މުރުތަސިމަށް ނުދެވޭނެކަންވެސް އެންގިއެވެ. މުރުތަސިމް އެތަނަށް ވަތްކަން އެނގިއްޖިއްޔާ ، މާލިކުއައިސް އެމީހުން ދިރިތިއްބާ ވަޅުލާނެކަމަށް ބުންޏެވެ. މުރުތަސިމްގެ މީހުންވެސް އެތައް ވަރަކަށް އާދޭސްކޮށްގެން ، އެތަނުން އެބުރި ދިއުމަށް މުރުތަސިމަށް މަޖްބޫރުވިއެވެ. މުރުތަސިމް ތަންކޮޅަކަށް ހިނގައިގަތްތަނާ ، މުރުތަސިމަށް މީރަބް ގޮވައިލިއަޑު މަޑުމަޑުން އިވުނެވެ.

މުރުތަސިމްގެ ހިނގުމަށް ހުއްޓުން އެރިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ، ގުދަނެއްގެ އެތެރެއިން ބިއްލޫރި ދޮރެއްގައި ތަޅަމުން ، މީރަބް ، މުރުތަސިމަށް ގޮވަމުންގެންދިޔައެވެ. މުރުތަސިމްގެ މީހުން ވަގުތުން ބަޑިނަގައި ، މާލިކުގެ މީހުންނާ ދިމާލަށް ބަޑިޖަހައި އެމީހުން މައިތިރި ކުރިއެވެ. މުރުތަސިމް ދިޔަގޮތަށްގޮސް މީރަބް އަތުލަފިކޮށްގެން ނެރެ ، ގެޔަށްދާން ދުއްވައިލިއެވެ. މާލިކުގެ ދަނޑުގައި އެހިނގި ޙާދިސާގައި އިސްކޮށް ޙަރަކާތްތެރިވި ތިންމީހުންވެސް ހައްޔަރު ކޮށްގެން މުރުތަސިމް ގެންދިޔައެވެ.

ގެޔާ ހަމަޔަށް ދެވުނުއިރު ، މީރަބްގެ ހެޔެއްނެތެވެ. މުރުތަސިމްގެ އަތްދަނޑިމައްޗަށް ނަގައިގެން ގެންގޮސް އެނދުގައި މީރަބް ބޭއްވިއެވެ. ނަސީބަކުން ، އެއްވެސް މީހަކަށް ނުފެނެއެވެ. ކޮޓަރިތެރޭ މީރަބް ހޭއަރުވަން މުރުތަސިމް މަސައްކަތް ކުރަނިކޮށް ، އެތަނަށް ނޯކަރަކު އައެވެ. މީރަބާބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް އޭނާއަށް މުރުތަސިމް އެންގިއެވެ.

ޙަޔާވެސް ޚާނަމްގާތަށްގޮސް ، މުރުތަސިމުގެ މައްޗަށް ޚާނަމްގެ ހިތުގައި ނަފްރަތު އުފެދޭނެހާ ވާހަކަދައްކައި ހެދިއެވެ. މުރުތަސިމް ދިޔަފަހުން ، ޚަބަރެއްނުވާތީ ، އެއީ މީރަބްގެ ސަބަބުން ދިމާވާ ކަންކަންކަމުގައި ޙަޔާ ބުނަމުން ގެންދިޔައެވެ. މުރުތަސިމަށް އެހުރިހާ ބަދަލުތަކެއް އެއަންނަނީ މީރަބާ ކައިވެނިކުރިފަހުންކަމުގައި ޙަޔާ ބުންޏެވެ. ޙަޔާގެ ވާހަކަތަކުން ، ޚާނަމްގެ ހިތަށް އުދަނގޫވެގެން މުރުތަސިމަށް ފޯނުކުރިއެވެ. މުރުތަސިމް ފޯނުނުނަގާ ކަނޑައިލިއެވެ. މުރުތަސިމް އޭނާގެ ފޯނު ކަނޑައިލުމުން ޚާނަމްގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އެއީ ، ދުވަހަކުވެސް މީރަބްކޮށްފައިވާ ކަމެއްނޫނެވެ. މިއަދު ފޯނު ކަނޑައިލީއެވެ. މާދަމާ ، އޭނާގެ ބަސްވެސް މުރުތަސިމްގެ މައްޗަކަށް ނުވިކޭނެއެވެ. އެއީ ހަމަ މީރަބާ ކައިވެނިކުރިފަހުން ، މުރުތަސިމަށް އައި ބަދަލުތައްކަމުގައި ޚާނަމްއަށް ، ޙަޔާ އިތުރަށް ވިސްނައިދިނެވެ.

މުރުތަސިމާއެކީ ، ގޭގެ އެންމެ އިސް ސަރުދާރުވެސް ޝިކާރަކުރަން ދިޔައެވެ. އެންމެފަހުން ، އޭނާއަށްވެސް ޚާނަމް ފޯނުކުރިއެވެ. އަދި މުރުތަސިމް ކޮބައިތޯ ސުއާލު ކުރިއެވެ. އޭނާބުނިގޮތުގައި ، މުރުތަސިމްވީ ކޮޓަރީގައެވެ. އޭނާ އެބުނިވާހަކަޔަކުން ، ޚާނަމަށް ލިބުނު ޙައިރާންކަމާއި ރުޅިވެރިކަން ވަކިން ބޮޑުވިއެވެ. ފޯނު ކަނޑައިނުލާ ، މުރުތަސިމްގާތަށްގޮސް ، ޚާނަމްއަށް މުރުތަސިމާ ވާހަކަ ދެއްކޭނެގޮތް ހަދައިދިނުމަށް ، ޚާނަމް އެންގިއެވެ. އެހެނަސް ، ސަރުދާރު ބުނިގޮތުގައި ، އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވާ ވާހަކަ މުރުތަސިމް ބުނެފައިވާކަމުގައި އޭނާ ބުންޏެވެ. އެއީ ، މުރުތަސިމް ވަރުބަލިވެފައި ހުރުމުގެ ސަބަބުންކަމުގައި ވެދާނެއެވެ. އެވާނީ ، ވަރުބަލި ފިލުމުން ، މާދަމާ މީހުންނާ ވާހަކަ ދައްކަން މުރުތަސިމް ބޭނުންވީކަމަށެވެ.

 

ހެނދުނު މީރަބަށް ހޭލެވުނުއިރު ، އޭނާއޮތީ ، އޭނާގެ ކޮޓަރީގައެވެ. މީރަބަށް ހޭލެވުމާއެކީ ، މުރުތަސިމްވެސް ، މީރަބްގެ ގާތަށް އައެވެ. އަދި ، މީރަބަށް އެޙާދިސާ އިއްޔެ ދިމާވީ ކިހިނެއްތޯ ސުއާލު ކުރިއެވެ. މުރުތަސިމް ގާތަކަށް ރުޅިއެއް ނާދެއެވެ. މީރަބަކަށް ، މުރުތަސިމްގެ އެ ސުއާލަށް ދޭނެ ޖަވާބެއް ކުއްލިޔަކަށް ނޭނގުނެވެ. އެހިސާބުން ، މުރުތަސިމް ގާތަށް ރުޅިއައެވެ.

" އަހަރެން އަންނަންދެން ކާރުން ނުފައިބާ އިންނާށޭ ބުނެފައި ދިޔައިމަ ، ދެންވީ ކިހިނެއް ހެއްޔެވެ ؟ އެއީ ، އަހަރެންނާއި އަހަރެންގެ ޢާއިލާގެ ޤަދަރާއި ޢިއްޒަތާގުޅިފައިވާ ކަމެކެވެ. ވީގޮތެއް ސާފުކޮށް ބުނާށެވެ ! އެގުދަނަށް މީރަބަށް ދެވުނީ ކިހިނެއް ހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.

މީރަބް އިނީ ބިރުންގޮސް އަވަދި ވެފައެވެ. މީރަބް ކާރުން ފޭބީ ކީއްވެގެންކަމާއި ، އޭނާއަށް ފެނުނު ބަކަރީގެ ފަހަތުން ބަކައްޓާކުޅެމުން ، އޭނާއަށް އެދެވުނު ތަނަކަށް ދެވުނީކަމަށް މީރަބް ބުންޏެވެ. އެއީ ، ކޮންތަނެއްކަމެއް މީރަބަކަށް ނޭނގެއެވެ. ބަކަރިއާ ކުޅެމުން މީރަބަށް އެސަކަރާތުގައި އުޅެވުނީ ކހާއިރަކު ކަމެއްވެސް މީރަބަކަށް ނޭނގެއެވެ. އެއީ ، ގަސްތުގައި މީރަބް ކުރިކަމެއްނޫނެވެ. ވަކިހިސާބަކަށް މީރަބަށް ދެވުނުތަނާ ، ތިންމީހަކާ ދިމާވެގެން އޭނާގެ ކުރި ބެއްދިއެވެ. އަދި ، މުރުތަސިމާ ދިމާލަށް އެމީހުން ވަރަށް ހުތުރު އެއްޗެތި ކިޔެވެ. ދެމީހުންދޭތެރެއިން ޖާގައެއް ހޯދައިގެން މީރަބް ދުއްވައިގަތީއެވެ. އެންމެފަހުން ، މީރަބަށް ނުކުމެވުނީ އަނެއްކާވެސް އެމީހުންގެ ކުރިމައްޗަށެވެ. ދެން ، އެމީހުންއައިސް ގަދަކަމުން ، މީރަބް ގެންގޮސް ގުދަނެއްގައި ބަންދު ކުރީއެވެ.

މީރަބްގެ ވާހަކަ ނިމުމާއެކީ ، މުރުތަސިމް އަވަސް ހިނގުމެއްގައި އެތަނުން ނުކުތެވެ. އެދިޔަގޮތަށްގޮސް ، ބަޑިޔަށް ވަޒަންލައި ބޭރަށްދާން ތައްޔާރު ވިއެވެ. މުރުތަސިމް ދުރަށް ޖެހިލިތަނުން ، މީރަބްގޮސް ، މުރުތަސިމް ބަޑިޔަށް ލީ ވަޒަންތައް ނަގައި ހުސްކޮށްލިއެވެ. މުރުތަސިމަށް ނޭނގި ، މީރަބަށް އެކަން ކޮށްލެވުނެވެ.

މުރުތަސިމް އެދާތާކަށްދާން ދޫކޮށްލަން މީރަބް ބޭނުމެއް ނުވިއެވެ. އެއްވެސްމީހެއްގެ ފުރާނަ ، މުރުތަސިމްގެ އަތުން ގެއްލިގެންދާކަށް ، މީރަބް ބޭނުމެއްނޫނެވެ. އެހެންކަމުން ، މުރުތަސިމް ބޭރަށް ދިއުން މީރަބް މަނާކުރިއެވެ.

މީރަބްގެ ބަސް ޤަބޫލުނުކޮށް ، މުރުތަސިމް ނުކުމެގެން ދިޔައެވެ. އޭނާ ދިޔަގޮތަށް ދިޔައީ ، މާލިކުގެ ގެޔަށެވެ. މާލިކުގެ ގެޔަށް މުރުތަސިމް އައުމަކީ ، މާލިކު ހުއްދަކުރާނެކަމެއްނޫނެވެ. އެހެނަސް ، މުރުތަސިމް އެއައީ ، އަންނަން މަޖްބޫރުވެގެންކަމުގައި މުރުތަސިމް ބުންޏެވެ. އޭނާއަށް އަންނަން މަޖްބޫރު ކުރުވީ ، މާލިކުގެ ދަރިފުޅު ޒުބޭރުކަމަށާއި ، އެއީ ކީއްވެތޯ ޒުބޭރުކުރެން އެހުމަށް މުރުތަސިމް ބުންޏެވެ. އަދި ހައްޔަރުކޮށްގެން އޭނާގެންދިޔަ ތިންމީހުން އެތަނަށް ގެންނަން ، މުރުތަސިމްގެ މީހުންނަށް އެންގިއެވެ.

ޒުބޭރުވެސް އެތަނަށް އަތުވެއްޖެއެވެ. ޒުބޭރުގެ ތިންމީހުންގާތު ، އިއްޔެގެ ޙާދިސާ ހިނގީ ކިހިނެއްތޯ މާލިކު ސުއާލު ކުރިއެވެ. އެމީހުން ބުނިގޮތުގައި ، އެމީހުން ޢަމަލުކުރީ ޒުބޭރު އެންގި ގޮތަކަށެވެ. އެ ދަނޑަށް މުރުތަސިމްގެ އަންހެނުންނަށް އާދެވުނުތަނުން އެއަންހެންކުއްޖާ އަތުލައިގަނެގެން ، އޭނާ މާދަމާ އަންނަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ޒުބޭރު އެންގީއެވެ. މުރުތަސިމް އަމިއްލަޔަށް ، މުރުތަސިމްގެ އަމިއްލަ ފުރާނަ ދުއްވާލާވަރު ، އެކުއްޖާއަށް ކޮށްލާނެކަމަށް އެމީހުންގާތު ޒުބޭރު ބުންޏެވެ.

ޒުބޭރު އެކަމާ ދެކޮޅު ހެދިއެވެ. އަދި ، އެމީހުން އެހަދަނީ ދޮގުކަމަށް މާލިކުގާތު ބުންޏެވެ. ޒުބޭރުގެ މީހުން އެކަމުގައި ދޮގުހަދާނެ ކަމަކަށް މާލިކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ޒުބޭރު އެކަމާ ދެކޮޅުހަދައި ، މުރުތަސިމާ ދިމާލަށް އެއްޗެތި ގޮވަންފެށީމަ ، މާލިކުގެ އަތުގައި ނެތްބާރުލާފައި ޒުބޭރުގެ ކަންކަށިމަތީގައި ވިހެލިއެވެ. އަދި ، އަނގަ މަޑުންލައިގެން ހުރުމަށް ޒުބޭރަށް އެންގިއެވެ.

ޒުބޭރު އެހެދީ ވަރަށްބޮޑު ގޯހެއްކަމަށް މާލިކަށްވެސް ޤަބޫލު ކުރެވުނެވެ. އެކަން ޙައްލު ކުރުމަށް މުރުތަސިމް ބޭނުންވާ ގޮތަކީ ކޮބައިތޯ މާލިކު ސުއާލު ކުރިއެވެ. އެމައްސަލަ ޕޮލިހަށް ހުށަހެޅުމުގެ ފުރުސަތު މުރުތަސިމަށް އެބަ އޮތެވެ. އަދި ، ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތުވެސް އެބައޮތެވެ. އެކަން އެމަގުން ހިނގައިފިނަމަ ، މާލިކުގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެން ދާނެއެވެ. ޒުބޭރުގެ އެ ލާއިންސާނީ ޢަމަލު ސާބިތުކޮށްދެވޭނެ އެތައް ހެއްކެއް މުރުތަސިމްގެ އަތުގައި އެބަ ހުއްޓެވެ.

މުރުތަސިމް ބޭނުންވީ ، ޢިއްޒަތުގެ ބަދަލުގައި ޢިއްޒަތެވެ. މީހާގެ ބަދަލުގައި މީހާއެވެ.

މުރުތަސިމް އެހެން ބުނުމުން ، ޒުބޭރުގާތަށް އައިރުޅީގައި ، އޭނާގެ ޖީބުގައި އޮތް ފިސްތޯލަ ނަގައި ، އެ ފިސްތޯލާގައިވާ ވަޒަންތައް މުރުތަސިމްގެ ގަޔަށް އަމާޒުކޮށް ފޮނުވައިލިއެވެ. ފިސްތޯލައިގެ އަޑާއެކު ، މުރުތަސިމްގެ މީހުންކުރެ އެކަކު ، މުރުތަސިމްގެ ގެޔަށް ފޯނުކޮށް ، މާލިކުގެ ދަރިފުޅު ޒުބޭރު ، މުރުތަސމްގެ ގަޔަށް ބަޑިޖެހިވާހަކަ ވަގުތުން އެންގިއެވެ. އަދި ، އިތުރު ވާހަކައެއް ނުދައްކާ އޭނާގެ ފޯނު ކަނޑައިލިއެވެ. އެއީ ، އޭނާއަށް އިތުރު ވާހަކަ ދެއްކޭ ކަހަލަ ވަގުތެއްނޫނެވެ. އޭނާގެ ސާހިބުމީހާގެ ގަޔަށް ބަޑިޖެހީއެވެ. ގެއިން ފޯނުނެގީ ކާކުކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

މުރުތަސިމަށް އަމާޒުކޮށް ބަޑިޖެހުމާއެކީ ، މުރުތަސިމްގާތުގައި ޖެހިގެންހުރި ، އެމީހުންގެ އިސް ސަރުދާރު މުރުތަސިމްގެ ކުރިމައްޗަށް ވަގުތުން އެރިއެވެ. ހުރިހާ ވަޒަނެއް އެރީ ސަރުދާރުގެ ގަޔަށެވެ. އޭނާ ވަގުތުން ބިންމައްޗަށް ވެއްޓުނެވެ.

މުރުތަސިމްވެސް ވަގުތުން ފިސްތޯލަ ނަގައި ، ޒުބޭރާދިމާލަށް އަމާޒުކޮށް ބަޑިޖެހިއެވެ. އެކަމަކު ، އޭނާގެ ފިސްތޯލާގައި އެންމެ ވަޒަނެއްވެސް ނެތެވެ. އެކަމާ މުރުތަސިމް އަޖައިބު ވިއެވެ. އެފިސްތޯލަޔަށް ވަޒަންލައި ފުރާލީ ޚުދު އޭނާ އަމިއްލަޔަށެވެ. އެހެންކަމަށްވާއިރު ، އެންމެ ވަޒަނެއްވެސް ނެތެންވީ ސަބަބެއް ނޭނގެއެވެ. މުރުތަސިމަށް ލިބުނު ޙައިރާންކަމުގައި އިންދާ ، ޒުބޭރު އަނެއްކާވެސް މުރުތަސިމަށް އަމާޒުކޮށް ބަޑިޖެހިއެވެ. އެވަގުތު މާލިކު ، ޒުބޭރގެ އަތުގައި ހިފައި ، އެވަޒަންތައް މުރުތަސިމުގެ ގަޔަށް އެރުމަށް ހުރަސް އެޅިއެވެ.

މުރުތަސިމްގަޔަށް ޒުބޭރު ބަޑިޖެހިވާހަކަ އެންގުމަށް މުރުތަސިމްގެ ގެޔަށް ކުރި ފޯނުނެގީ ، ގޭގެ ނޯކަރެކެވެ. އެވަގުތު ، އެތާ ވަރަށް ކައިރީގައި މީރަބްވެސް ހުއްޓެވެ. ޚާދިމްމީހާ އެވާހަކަ ބުނުމާއެކީ ، މީރަބްގެ ހިތް ބިރުންގޮސް ތެޅިގަތެވެ. މުރުތަސިމްގެ ފިސްތޯލައިން ވަޒަންތައް ނަގައި ހުސްކުރީ މީރަބެވެ. އެކަމާ ގުޅިގެން ދިފާޢުގައި މުރުތަސިމަށް ކަމެއް ނުކުރެވި ، އޭނާގެ ގަޔަށް ވަޒަންތައް އަރާނެއެވެ. މީރަބަށް ބިރުންގޮސް ރޮވުނެވެ.

އޭރު ، ނޯކަރުވެސް ރޮމުން ގެންދިޔައެވެ. މާލިކުގެ ގެޔަށް މުރުތަސިމް އެދިޔައީ ، މީރަބްގެ ޢިއްޒަތުގެ ދިފާޢުގައެވެ. މީރަބްދެކެ އިންތިހާއަށް މުރުތަސިމް ލޯބިވާވަހަކަ ، އެ ނޯކަރުމީހާ ބުންޏެވެ. މުރުތަސިމަކީ ، ވަރަށް އޯގާތެރި ، މީހުންނަށް އަޅައިލާ ވެރިޔެކެވެ. މުރުތަސިމްގެ ހެޔޮކަމުން އެތައް ބަޔަކު ދިރިއުޅެމުން އެބަ ގެންދެއެވެ. އެވަރުގެ ދަރިޔަކު މަޔަކަށް ނުލިބޭނެއެވެ. އެވަރުގެ ފިރިޔަކުވެސް ، އަނތްބަކަށް ނުލިބޭނެއެވެ. މުރުތަސިމްގެ ފުރާނަ ސަލާމަތް ކޮށްދެއްވުން އެދި ، ﷲ އަށް ދުޢާކުރުމަށް ، ނޯކަރުމީހާ މީރަބްގެ ކިބައިން އެދުނެވެ.

މުރުތަސިމްގެ މީހުން ސިފައިންނަށް އެންގުމުން ، ސިފައިން އައިސް ޒުބޭރު ހައްޔަރުކޮށްގެން ގެންދިޔައެވެ. މުރުތަސިމްގެ ކިބައިން ، މާލިކު މަޢާފަށް އެދުނެވެ. އެހެނަސް ، ޒުބޭރު އެކުރި ކަންކަމުގެ ބަދަލު ނުހިފައި ، މަޢާފުގެ އަޑުއަހާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. މީރަބްގެ އަބުރާއި ޢިއްފަތަށް އަރައިގަތުމަށް ، ޒުބޭރުވަނީ ، މީރަބް ހައްޔަރުކޮށްފައެވެ. މުރުތަސިމްމެން ގޭގެ އެންމެ އިސް ސަރުދާރުގެ ގަޔަށް ޒުބޭރު ބަޑިޖަހައިފިއެވެ. އެއީ ، މުރުތަސިމަށް އެންމެ ވަފާތެރި ޚާދިމެވެ. ބައްޕަ ، މަރްޙޫމް ޝާހްނަވާޒްގެ ފަރާތުން މުރުތަސިމަށް ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. އެކަމަކު ، އެއީ ، މުރުތަސިމް މަރައިލަން ޖެހި ބަޑިއެކެވެ. ޒުބޭރުގެ ބޭނުމަކީ ، އޭނާ އެކުރިކުށުން ރެކި ، ސަލާމަތްވުމަށްޓަކައި މުރުތަސިމް މަރައިލުމެވެ. ޒުބޭރު އެކުރީކީ އާދައިގެ ކުށެއްނޫނެވެ. ސިފައިން ޒުބޭރު ދޫކޮށްލި ދުވަހަކުން އެކަންކަމުގެ ބަދަލު ، މުރުތަސިމް ހިފާނެއެވެ. އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭގެފަހުންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.