ދޫނިދޫ ގޮޅީގައި މިހާރުއޮތް އެމްޑީޕީ އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
އަދުހަމްގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު އަދުހަމް ފަށައިފައިވަނީ ބުރާފަތި ދުވަހުގެރޭ ކަމަށެވެ. ބަނޑުހައިނޫ ކަމުގެ ހަޅުތާލެއްގައި އޭނާއުޅޭކަން އެނގި ވަޑައިގެންނެވީ ވަކީލު ބައްދަލުވުމަށް މިއަދު މެންދުރު 1:15 އެހައިކަންހާއިރު ދޫނިދުއަށް ވަޑައިގެންނެވުމުން ކަމަށް މަހުފޫޒު ވިދާޅުވިއެވެ. "ދެދުވަސް ވަންދެން ނުކައި އިނީމައި ވަރަށް ބޮޑަށް ވީކުވެފައި އަދުހަމް އިނީ،" މަހުފޫޒް ވިދާޅުވިއެވެ.
ބަނޑުހައިހޫނު ކަމުގެ ހަޅުތާލު އަދުހަމް ފެށީ ދަތެއްގައި ރިއްސާތީ ދޫނިދޫގައި ހުންނަ ޑޮކްޓަރަށް ދެއްކުމުން އެކަށިގެންވާ ފަރުވާ ނުލިބުންނެވެ. "ދޫނިދޫގައި ހުންނަވާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ އޭނާއަކީ ދަތުގެ ޚާއްސަ ޑޮކްޓަރެއް ނޫންކަމަށް. އެހެން ވިދާޅުވެފައި ޑޮކްޓަރު ދެއްވީ ޕެއިންކިލާ ކަމަށް އަދުހަމް ބުނީ. އެ ކައިގެންވެސް ރަނގަޅު ނުވެގެން އިތުރު ފަރުވާއަށް މާލެ ފޮނުވައި ދިނުމަށް އެދުމުން ދޫނިދޫ ކަސްޓޯޑިއަލްއި ބުނި ކަމަށްވަނީ ޑޮކްޓަރު އެގޮތަށް ރިފާ ނުކުރާހާ ހިނދަކު ނުފޯނުވޭނެޔޭ. މާލެ ފޮނުވައި ދިނުމަށް ޑޮކްޓަރު ގާތު އަދުހަމް އެދުމުންވެސް މާލެ ރިފާއެއް ނުކުރި. އެހިސާބުން ހަންގަރ ސްޓްރައިކަށް ދިޔައީ،" މަހުފޫޒު ވިދާޅުވިއެވެ.
މަހުފޫޒު ވިދާޅުވީ އޭނާގެ ކުލައިންޓަކު އެފަދަ ކަމެއް ކުރިއިރު އެކަން ފުލުހުންނަށް އެނގޭ ހިސާބުން ފެށިގެން ވަކީލަށާއި އާއިލާއަށް އަންގަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ފުލުހުންވެސް އެކަން އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުހަމް މިހާރު ކަމުންދަނީ އޭނާގެ އާއިލާއިން ފޮނުވައިފައިވާ ބޭސްތަކެއް ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އެބޭސް ކާއިރު ވަރަށް ރަނގަޅަށް ކާންޖެހޭނެ ކަމަށް އާއިލާއިންވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންމަވެސް އަދުހަމް ބުނަނީ ދަތުގައި ރިއްސާވަރުން ކެވޭވަރެއްވެސް ނުވާކަމަށް. ފަރުވާ ނުދެނީސް ނުކާނެ ކަމަށް އޭނާ ބުނަމުންދަނީ،" މަހުފޫޒު ސައީދު ވިދާޅުވިއެވެ.
ފުލުހުން އޭނާ ބަންދުކޮށްފައިވަނީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ މުޒާހަރާއެއްގެ ތެރެއިންނެވެ.