ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، އެ ދެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ.

މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ "ވީ.އައި.ޕީ އޯކިޑްސް" ކަލެކްޝަންގައެވެ.

ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައެވެ. ސިންގަޕޫރު ބޮޓެނިކް ގާޑަންސްއަށް ކުރެއްވި މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ޒިޔާރަތުގައި ގާޑަންގެ ތާރީޚީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކިތަންތަން ވަނީ ދައްކަވާލައްވާފައެވެ.

ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީޚުގައި ހިނގަމުން އަންނަ ޘަޤާފަތެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.