ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހުރިހާ ސްކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރ

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ސްކޫލުތަކަށް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2024" ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު މުދައްރިސުންނަށް ފަހި ވެއްޓެއް ގާއިމުކުރުމަށް މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު, ހިތްހަމަޖެހޭ ސްކޫލު ވެއްޓެއް ޤާއިމުކޮށްގެން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 2024 އަހަރާ އަޅާ ބަލާއިރު 2025 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ބަޖެޓަށް 300 މިލިއަނެއްހާ ރުފިޔާ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭން ޖެހޭ ވަސީލަތްތައް ދެނެގަތުމާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށްވާ ކޫލް ސްކޫލް ޕްރޮޖެކްޓް, ޓެކްނޮލޮޖީ އިންޓަގްރޭޝަން އަދި މެނިފެސްޓޯގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަދަ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނުއްވާނެ ކަމަށްވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.