
( 18 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ވައްޤާސްއާއެކީ އަލީނާވެސް އައެވެ. ވައްޤާސްގޮސް މީރަބާ ބައްދަލުކޮށްފައި އައުމާއެކީ ، އަނީލާވެސް މީރަބާ ބައްދަލުކޮށްލުމަށް ދިޔައެވެ. އެހެންނަމަވެސް ، އަނީލާއާވެސް އެއްވެސް ވާހަކައެއް ދައްކާކަށް މީރަބް ބޭނުމެއް ނުވިއެވެ.
ވައްޤާސްގެ ދެމަފިރިން ، އެރަސްމިއްޔާތަށް ގެނައީ މުރުތަސިމެވެ. މުރުތަސިމް އެކަން ކުރީ ، އަންވަރު ބުނެގެންނެވެ. އެހެންނަމަވެސް އެކަމާ ، ޚާނަމްހުރީ ހިތްހަމަ ނުޖެހިފައެވެ. ވައްޤާސްމެން އެރަސްމިއްޔާތުން ފެނުމުން ، މީހަކަށް ވިސްނައިގަންނަން ނޭނގޭވަރުގެ ބޮޑުކަމެއްވެސް ، މީރަބް ކޮށްފާނެއެވެ. އެކަމާ ޚާނަމްހުރީ ، އިންތިހާއަށް ކަންބޮޑުވެފައެވެ. އެފަދަ ، އެއްވެސްކަމެއް މީރަބްގެ ފަރާތުން ނުހިނގާނެކަމުގެ ޔަޤީންކަން ، މުރުތަސިމް ، އޭނާގެ މަންމަޔަށް ދިނެވެ.
ކައިވެނި ލައިދިނުމަށްފަހު ، އެކައިވެނި ޤަބޫލުކުރަންތޯ މީރަބްކުރެން މައުޛޫނު ސުއާލު ކުރިއެވެ. މައުޛޫނުގެ ސުއާލަށް މީރަބް ޖަވާބެއް ނުދެއެވެ. އެކަމާ ކަންބޮޑުވެގެންގޮސް ، އެތާތިބި އެންމެންގެ ދެލޯ ބޮޑުވިއެވެ. ވައްޤާސްވެސް އަދި އަނީލާވެސް ، މީރަބް ވާހަކަ ދެއްކުމަށް އެދުނެވެ. އިރުގަނޑެއް ކޮށްލާފައި ، އެކައިވެނި ޤަބޫލުކުރަންތޯ މައުޛޫނު އަނެއްކާވެސް މީރަބާ ސުއާލު ކުރިއެވެ. މީރަބް ޖަވާބެއް ނުދެއެވެ. ރަސްމިއްޔާތަށް ޙާޟިރުވެތިބި އެންމެންގެ ދެލޯ އިތުރަށް ބޮޑުވެ ، އެންމެންގެ މޫނުމަތިންވެސް ހާސްކަން ފާޅުވަމުން ދިޔައެވެ. ޚާނަމްވެސް އިނީ ، ހަދާނެގޮތް ބޮޑުވެފައެވެ. މުރުތަސިމްވެސް އިނީ ، ކުރަންވީ ކީއްކަމެއް ނޭނގޭވަރަށް ހާސް ވެފައެވެ.
" ނޫނެކެވެ. "
މީރަބްގެ އަނގައިން އެ އިވުނު ބަހުން ، މުޅިތަނަށް ވެރިވެގެންދިޔަ ހާސްކަމާއި ، އެންމެންގެ މޫނުމަތިން ފާޅުވެގެންދިޔަ ޙައިރާންކަމުން ، މުޅިތަނަށް ހަމަހިމޭންކަން ފެތުރުނެވެ. އެލިބުނު ޝޮކުން ހިތަށް ލިބިގެންދިޔަ ތަކުލީފު ، އެކަކުއަނެކަކަށް ޙިއްޞާކޮށްލަން ބޭނުންވި ކަހަލައެވެ. މީރަބްގެ އެބަހުން ، ހިނިތުންވުން ލިބުނު އެންމެ މީހަކު އެތަނުގައި ހުއްޓެވެ. އެއީ ޙަޔާއެވެ.
އެކައިވެންޏަށް ރުހި ، އާނއެކޭ ބުނުމަށް ޚާނަމްއާއި ވައްޤާސް އަދި އަނީލާވެސް މީރަބްގާތު އެދެމުން ގެންދިޔައެވެ. އެހެނަސް ، އެބަސް އޭނާގެ ދުލުން ބޭރުކުރާކަށް މީރަބް ބޭނުމެއް ނުވިއެވެ. މީރަބް ކޮޅަށް ތެދުވެ ، ގެޔާ ދިމާލަށް ހިނގައިގަތެވެ. އަދި މަޑުމަޑުންގޮސް އޭނާގެ ކޮޓަރިޔަށް ވަނެވެ.
އެކައިވެންޏަށް މީރަބް އެއްބަސްވާނެ އޮތީ އެންމެ ގޮތެކެވެ. އެއީ ، އެންމެންގާތު އޭނާ ބުނާނެ ވާހަކައެއްނޫނެވެ. އެވާހަކަ އޭނާ ބުނާނީ ހަމައެކަނި މުރުތަސިމްގާތުގައެވެ. އެކަމުގެ ޒިންމާ އުފުއްލަންހުރި މީހަކީ މުރުތަސިމެވެ. ފަހަރަކު މީހަކު އައިސް އާދޭސްކޮށްވެސް ، މީރަބް ނުދިޔައެވެ. ރަސްމިއްޔާތަށް ޙާޟިރުވެތިބި ، ރަށުގެ ކަމުވޮށިވެގެންވާ އެންމެންގެ ކުރިމަތީގައި ، ޢާއިލާގެ އަގުވެއްޓި ފަޟީޙަތްވާން ބޭނުންނޫންކަމަށް ވަންޏާ ، މުރުތަސިމް އޭނާގާތަށް އައިސް ، އޭނާގެ ޝަރުތު ޤަބޫލު ކުރާނެއެވެ.
އެހެން އެއްވެސްގޮތެއް ނެތިގެން ، މުރުތަސިމް އައިސް މީރަބާ ބައްދަލުކުރިއެވެ. މީރަބް އެކުރި ކަމަކުން ހިތްހަމަ ނުޖެހި ، މުރުތަސިމްހުރީ ރުޅިގަދަވެފައެވެ. ކައިވެންޏާ ބެހޭގޮތުން އެދެމީހުންގެ މެދުގައި އެތައް ބަހުސެއް ހިނގިއެވެ. މީރަބް ހުށަހަޅާ ޝަރުތަށް ، މުރުތަސިމް އެއްބަސް ނުވާކަމަށް ވަންޏާ ، އެކައިވެނިކުރަން މީރަބް އެއްބަހެއް ނުވާނެއެވެ. އެ ޝަރުތަކީ ، އޭނާގެ ފުރާނަޔަށްވުރެވެސް އަގުހުރި އަދި މުހިންމު ޝަރުތެކެވެ.
ކައިރީގައިހުރި މޭޒެއްގެ މަތީގައި ބެހެއްޓިފައިއޮތް ފައިލަކަށް ޢިޝާރާތްކޮށް ، އެފައިލް ކިޔައި އޭގައި ސޮއިކުރުމަށް ، މުރުތަސިމަށް މީރަބް އެންގިއެވެ. އެއީ ، އެވަގުތަށް ، މީރަބްގެ ސަލާމަތާއި ރައްކާތެރިކަމަށް ފުދޭނެ މިންވަރެއްގެ މައްޗަށް ތައްޔާރު ކުރެވިފައި އޮތް ލިޔުމެކެވެ. މީރަބް ބޭނުންވީ ، މުރުތަސިމާ ކައިވެނިކޮށްގެން ، މުރުތަސިމްގެ ޙިމާޔަތާއި ރައްކާތެރިކަމެވެ. އެއީ ، މީރަބާ ކައިވެނިކޮށްގެން ، މުރުތަސިމަށް ލިބެން އޮތް އަދަބެކެވެ.
އެލިޔުމުގައި އޮތް އެއްޗަކަށް އެއްބަސްވާން މުރުތަސިމަށްވަނީ މަޖްބޫރުވެފައެވެ. އެކައިވެނި ނުކުރެވިއްޖިއްޔާ ، ޢާއިލާއަށް ލިބޭނެ ބަދުނާމާއި ވާނެ ފަޟީޙަތުގެ މަތިން ، މީރަބްވެސް މުރުތަސިމަށް ހަނދާން ކޮށްދިނެވެ. އައިސްހުރި ރުޅީގައި ، އަތުގައިހުރި ބާރެއް ގަލަމަށްލާފައި ، މުރުތަސިމް ، އެ ލިޔުމުގައި ސޮއި ކުރިއެވެ.
" މީރަބް އަމިއްލަޔަށް މިލިޔުން އިރައިލާނެ ދުވަހެއް އަންނާނެއެވެ. އެކަން ހަނދާން ކުރައްޗެވެ. " މުރުތަސިމް ބުންޏެވެ.
އެދުވަހަކީ ، އޭނާއަށް ، މިނިވަންކަން ލިބިގެންދާނެ ދުވަސްކަމުގައި މީރަބް ބުންޏެވެ. އެދުވަހަކުން ، ރޭގަނޑު ހަތަރުދަމު ، ހުއްޓައިނުލާ ، މީރަބް ރޯންޖެހޭނެކަން ، މުރުތަސިމްވެސް ހަނދާން ކޮށްދިނެވެ.
މީރަބްގެ ޝަރުތަށް މުރުތަސިމް އެއްބަސްވުމާއެކީ މުރުތަސިމާއި މީރަބްގެ ކައިވެނި ، އެރެއިން އެރެޔަށް ކުރެވިގެން ދިޔައެވެ. ކުޑަ ކުންޏެއްޖެހުނުނަމަވެސް ، އިތުރު މައްސަލައެއް ނުޖެހި ، އެކައިވެނި ކުރެވިގެން ދިއުމުން ، މުޅި މާޙައުލަށް އުފާވެރިކަން ފެތުރިގެން ދިޔައެވެ. އެންމެންގެ މޫނުމަތި ، ހިނިތުންވުމާއި އުފާވެރިކަމުން ފޮޅިގެން ދިޔައެވެ. އެކަކު އަނެކަކަށް ސަލާންގަލާންކޮށް ، މަރުޙަބާއާއި ތަހުނިޔާ ކިޔަމުން ގެންދިޔައެވެ. ޙަޔާއަށް ލިބުނު ހިތްދަތިކަމާއި ހިތާމައިގެ ރޯޅިބޭލީ ، އޭނާގެ އަތުގައި އަޅާފައިހުރި ތަނޑުބަޔަށެވެ. ތަނޑުތައް ތަޅަމުން ކުދިކުދިކުރަމުން ގެންދިޔައިރު ، ޙަޔާގެ އަތުން ފޭބި ލޭތައް ، މަރިޔަމްއަށްވެސް ފެނުނެވެ. އެހެން މީހަކަށް އެތަން ނުފެނުނުކަން ނަސީބެކެވެ.
މީރަބްގެ ސިޔާސަކަން ، ޚާނަމަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ކައިވެނިވުމަށްފަހު ، ދެން ކުރަންވީ ކަންކަން މުރުތަސިމް އާއި މީރަބް ލައްވާ ކުރުވަމުން ގެންދިޔައީ ޚާނަމް އެވެ. އެހުރިހާކަމެއްވެސް ، ޚާނަމް އެދޭގޮތަށް ، މީރަބް ފުރިހަމަ ކުރަމުން ގެންދިޔައެވެ. އަދި ، މުރުތަސިމްވެސް އޭނާކުރަންޖެހޭ ކަމެއްވިއްޔާ ކުރަމުން ގެންދިޔައެވެ. އެދެމީހުންގެ ހިތުތެރޭގައި އެކަކުއަނެކަކަށްޓަކައި އުފެދިފައި އޮތް ނަފްރަތު ، އެހެންމީހުންނަކަށް ނާންގައެވެ. ކައިވެނީގެ ފުރަތަމަ ރޭ ، ކައިވެނިވާ ދެމަފިރިންނަށް ލިބެންޖެހޭ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ ބަދަލުގައި ، މުރުތަސިމާއި މީރަބްއާ ދެމީހުން ގެންދިޔައީ ، އެދެމީހުންގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑުން ހީފިލުވަމުންނެވެ. އެންމެ ދެރަވެގެން ، އެއް އެނދުގައި ދެމީހުންނަށް ނިދާލާކަށްވެސް ފުރުސަތެއް ނުލިބެއެވެ. ދެމީހުންކުރެ މީހެއްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ތިބީ ، އެކަކުއަނެކަކަށް ހިތްހަމަ ނުޖެހި ރުޅިގަދަވެފައެވެ.
ޙަޔާގެ ޙާލު ، އަދިވަކިން ބޮޑެވެ. މުރުތަސިމަކީ ، އޭނާގެ ޙައްޤެއްކަމަށް ޙަޔާ އަބަދުވެސް އައީ ބަލަމުންނެވެ. ޙަޔާގެ ބަދަލުގައި މުރުތަސިމްގެ ކޮޓަރީގައި މިރޭ އެއޮތީ މީރަބެވެ. އޭނާގެ ހުރިހާ އުފާތަކެއް ، މީރަބް އެވަނީ އޭނާގެ އަތުން ދަމައިގެންފައެވެ. ނުނިދާ އިނދެ ، ހިތަށް ފާޑުފާޑުގެ ވަސްވާސް ވައްދަމުންގޮސް ، ޙާލާގެ އުޅާގަނޑެއް އަތުތެރެޔަށް ހެރިގެން ، ލޭފައިބަމުން ގޮސް ހެޔަށް ގޮތްވީއިރުވެސް ނޭނގުނެވެ. މަރިޔަމް އާއި ޙަޔާ ނިދަނީ އެއްކޮޓަރީގައި އެއް އެނދުގައެވެ. މަރިޔަމްއަށް ދެބަދޭތެރޭގައި ހޭލެވިގެން ބަލައިލިއިރު ، ޙަޔާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ޙަޔާގެ އަތުން ފޭބި ލޭތައް ތަޅުންގަނޑުމަތީ ހުއްޓެވެ.
މަރިޔަމްއަށް ހަދާނެގޮތް ބޮޑުވެ ބޭރަށް ނުކުމެ ، މުރުތަސިމް ހޯދަން ދުއްވައިގަތެވެ. ނަސީބަކުން ، މުރުތަސިމްހުރީ ، ކޮޓަރީގައި އޮންނަން އުނދަގޫވެގެން ، ސިނގިރެޓެއް ބޮއިލުމަށް ބޭރަށް ނުކުމެއެވެ. ޙަޔާއަށް ވެފައި އޮތްގޮތް ކިޔައިދިނުމާއެކީ ، މަރިޔަމްއާއެކީ ، މުރުތަސިމް ހިނގައިގަތެވެ. އަދި ، ، ޙަޔާގޮވައިގެން ހޮސްޕިޓަލަށްދާން ، މުރުތަސިމް ނުކުތެވެ.
ޙަޔާ އެކުރިކަމެއް ކުރީ ، މުރުތަސިމްގެ ސަބަބުންކަމުގައި މަރިޔަމް ބުންޏެވެ. އަދި އެއީ ބޭބެދެކެ ޙަޔާ ލޯބިވާތީކަމަށް ބުނުމަށް ، މަރިޔަމް ހުޅުވައިލި އަނގަ ، މުރުތަސިމްގެ ޢިޝާރާތުން ބަންދު ކުރިއެވެ.
ޑޮކްޓަރުގެ ފަރުވާއާ ގުޅިގެން ، ޙާލާ ހޭއެރުމާއެކީ ، ހޮސްޕިޓަލުން ނިމިގެން ، ޙަޔާ ގޮވައިގެން މުރުތަސިމްމެން އައިތަނުން ، ދިމާވީ ޚާނަމް އާއެވެ. ރޭގަނޑުގެ ދަންގަނޑިއެއްގައި ، މުރުތަސިމް ބޭރުން އައިތަން ފެނުމުން ، ޚާނަމްގެ އެތައް ސުއާލެއް މުރުތަސިމާ ކުރިމަތިވިއެވެ. މުރުތަސިމްގެ ފަހަތުން ، މަރިޔަމްއާއި ޙަޔާ ފެނުމުން ، ޚާނަމްގެ ސުއާލުތައް ވަކިން އިތުރު ވިއެވެ. ޚާނަމްގެ ސުއާލުތަކަށް ޖަވާބުދިނީ މުރުތަސިމެވެ. އަލަތު ކައިވެނީގެ ރޭ ، މީރަބް ދޫކޮށްލާފައި ، ޙަޔާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ، ޚާނަމްހުރީ ، މުރުތަސިމްދެކެ ރުޅިއައިއްސައެވެ.
ޙަޔާ ގޮވައިގެން މުރުތަސިމް ހޮސްޕިޓަލަށް ދިއުމަކީ ، މީރަބަށް މައްސަލަޔަކަށް ނުވާނެކަމަށް މުރުތަސިމް ބުންޏެވެ. އެހެންނަމަވެސް ، އެއީ ޚާނަމްއަށް މައްސަލައެއްކަމަށް ޚާނަމް ބުނެ ، ނުރުހުން ފާޅުކުރިއެވެ. އެއަށްވުރެ ބޮޑެތި ކަންކަން ދިމާވެދާނެކަމަށް ވިސްނައިގެން ހުރުމަށް ، ޚާނަމްގާތު ބުނުމަށްފަހު ، މުރުތަސިމް އޭނާގެ ކޮޓަރިޔަށް ދިޔައެވެ.
ކޮޓަރިޔާ ހަމަޔަށް ދެވުނުއިރު ، މީރަބް އޭނާގެ އެނދުގައި އޮންނާނެކަމަށް މުރުތަސިމަށް ވިސްނައިލެވިފައެއް ނެތެވެ. ދިޔަގޮތަށްގޮސް ، އެނދަށް އަރައި އޮށޯތެވެ. ނިދީގައި އޮވެ ، މުރުތަސިމް ، އޭނާގެ ގައިމަތީއަޅާ ރަޖާގަނޑު ދަމަމުން ގެންދަނިކޮށް މީރަބަށް ހޭލެވުނުތަނުން ، އެނދުގައި މުރުތަސިމް އޮތްތަން ފެނުމާއެކީ ، އެނދުން ތެދުވުމަށް މުރުތަސިމަށް އެންގިއެވެ.
އެދެމީހުންގެ ކައިވެންޏަކީ ، ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެވިފައި އޮތް އެއްޗެއްކަމަށް ބުނެ ، މީރަބްގެ ޝަރުތުތަކަށް މުރުތަސިމް ޢަމަލުކުރަން ޖެހޭނެކަން ހަނދާން ކޮށްދިނެވެ. ދެމީހުން އެކަކު އަނެކަކަށް އެއްޗެތި ގޮވައި ހެދުމަށްފަހު ، ޗޮކެއް ކަނޑައި ، ރުޅިއައިސް ރަތްވެފައިހުރެ ، މުރުތަސިމް އެނދުންތެދުވެ ސޯފާގައި ޖައްސައިލިއެވެ.
އެރޭ ދަންވަރު ، މުރުތަސިމް ބޭރަށްދިޔަކަން މީރަބަށް އެނގެއެވެ. ހެނދުނު ތެދުވެގެން ، މީރަބް އެންމެ ފުރަތަމަވެސް މުރުތަސިމާ ކުރި ސުއާލަކީ އެއީއެވެ. އެހެނަސް ، އެސުއާލަށް ޖަވާބުދޭކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ. ދެމީހުން ޒުވާބު ކުރަމުންގޮސް ، އެންމެފަހުން ، ކައިވެނީގެ ކުރިން މުރުތަސިމް ސޮއިކުރި ލިޔުމާހިސާބަށް ދިޔައެވެ. އެލިޔުން މީހަކަށް ފެނުމަކީ ، މީރަބް ބޭނުންވާކަމެއްނޫނެވެ. އެލިޔުމާ ގުޅުވައި މީރަބް ބިރުގެންނެވުމަށް ، މުރުތަސިމް މަސައްކަތް ކުރުމުން ، އެއްވެސްމީހަކުދެކެ ، އޭނާ ޖެހިލުން ނުވާކަމަށް މީރަބް ބުންޏެވެ.
" އަހަރެންދެކެ ، މީރަބް ބިރުގަނެއެވެ. ބިރުގަންނަންވެސް ޖެހޭނެއެވެ. އަހަރެންގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ ޝައިޠާނީ ބާރު ހަށިގަނޑުތެރެއިން ނުކުމެއްޖެނަމަ ، މީރަބަކަށް ، އަހަރެން މައިތިރިއެއް ނުކުރެވޭނެއެވެ. " މުރުތަސިމް ބުންޏެވެ.
މުރުތަސިމް އެބުނީ ، ލައްކަ ވާހަކައެވެ. އެވާހަކަތަކުގެ ތެރެޔަށް އިތުރަށްގޮސް ، މައްސަލަ ބޮޑުކުރާކަށް މީރަބްވެސް ބޭނުމެއް ނުވެއެވެ. މުރުތަސިމަކީ ، ރުޅިގަދަ ، އަދި ، ރުޅި އައިއްސިނަމަ އެރުޅި ކޮންޓްރޯލް ކުރަން ނޭނގޭ ، ނުރައްކާތެރި މީހެއްކަން ، މީރަބަށްވެސް އެނގެއެވެ.
ކޮފީތަށްޓެއް ހިފައިގެން ، ސްވިމިންގޕޫލް ކައިރީ މުރުތަސިމް ހުއްޓިލައިގެން ހުއްޓާ ، އަންވަރު އެތަނަށް އައެވެ. މުރުތަސިމްގެ ކޮނޑުގައި އަންވަރުގެ އަތް ބާއްވައިލުމަށްފަހު މުރުތަސިމާ ވާހަކަ ދައްކަން ފެއްޓިއެވެ.
އަންވަރަކީ ، މުރުތަސިމްގެ އެންމެ ތުއްތު އިރުއްސުރެ ، ދަރިއެއްފަދައިން ލޯބިދީގެން ބަލަމުންއައި މީހެކެވެ. މިހާރު ، މުރުތަސިމަކީ ، އަންވަރުގެ ދަނބިދަރިއެއްވެސް މެއެވެ. ކައިވެނީގެ ވަގުތު ، މީރަބް އެކުރީކީ ، ރަނގަޅުކަމެއްނޫންކަމަށް އަންވަރަށް ފެންނަކަމުގައި އަންވަރު ބުންޏެވެ. އެހެނަސް ، މީރަބް އެއޮތީ ، އެކަން ކޮށްފައެވެ. މީރަބަކީ ، އޭނާ ބޭނުންވެއްޖެނަމަ ، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން ، މުރުތަސިމަށްވެސް އަދި އަންވަރަށްވެސް އެނގެއެވެ.
ކައިވެނީގެ ދެހަފުތާއެއްހާ ދުވަސްކުރީއްސުރެ ، މީރަބްގެ ދިރިއުޅުމަށް އެއައި ބަދަލު ތަކާއި ، ހާމަވެގެންދިޔަ ، ދިރިއުޅުމުގެ ޙަޤީޤަތްތަކުން ، މީރަބް އެހުންނަނީ ދެރަވެފައިކަމަށް އަންވަރު ބުންޏެވެ. އަދި މީރަބަކީ ، ހުރިހާކަމެއް އަމިއްލަޔަށް ނިންމަމުން އައި ، އަދި މިހާރުވެސް ވަރަށް އެކަނިވެރި ކުއްޖެއްކަން ، މުރުތަސިމަށް އަންވަރު ހަނދާން ކޮށްދިނެވެ. އަންވަރު ބޭނުންވީ ، ދިރިއުޅުމުގެ ޙާލަތްތަކަށް އެހީތެރިވާ ، ރަނގަޅު ބައިވެރިއެއްގެ ގޮތުގައި މީރަބާއެކީ ، މުރުތަސިމްގެ ދިރިއުޅުން އާބާދު ކުރުމަށެވެ. މީރަބަށް ދިމާވާ ކަންކަމުގައި ، މީރަބްގެ އަތުގައި ހިފައި މީރަބަށް ، މުރުތަސިމް އެހީތެރި ވުމަށެވެ.
އަންވަރު ފިޔަވައި ، މީރަބްގެ އެއްވެސް މީހަކު މިދުނިޔެއަކު ނެތެވެ. އަންވަރަކީ ، މީރަބްގެ ބައްޕަކަމަށް އަދިވެސް މީރަބް ޤަބޫލެއް ނުކުރެއެވެ. ކުޑައިރުއްސުރެ ، މީރަބް އައީ އެޢާއިލާއިން މީރަބަށް ކޮށްދޭކަންކަމަށް ނުރުހެމުންނެވެ. އެންމެފަހުންގޮސް ، މީރަބް އެގެޔަށް އެއައީ ، އެގޭގެ މުސްތަޤްބަލްގެ ވެރިމީހާގެ ގޮތުގައެވެ. މީރަބަށް މަޢާފުކޮށް ، އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރުމުގައި މުރުތަސިމް އެހީތެރިވުން އެދި ، އަންވަރު އާދޭސް ކުރިއެވެ. މީރަބާ އަދި އޭނާއާއި މީރަބްގެ ދިރިއުޅުމާ ގުޅިގެން އޭނާގެ ފަރާތުން ، އެއްވެސް ޝަކުވާއެއް ، އަންވަރުބޭބެއަށް ނުއަންނާނެކަމަށް މުރުތަސިމް ވަޢުދު ވިއެވެ.
ވައްޤާސްގެ ދެމަފިރިން ، ކަރާޗީއަށްދާން ނިންމުމާއެކީ ، އެހެން ނުހަދައި ، ކައިވެނިޕާޓީ ނިމުނީމަ ދިއުމަށް ޚާނަމް އެދުނެވެ. އެހެނަސް ، އެއީ މީރަބް ބޭނުންވާނެގޮތްކަމަކަށް ވައްޤާސްއަކަށް ނުފެނުނެވެ. ކަރާޗީއަށް ދާން ނައްޓައިލުމުގެ ކުރިން މީރަބާ ބައްދަލުކުރުމަށްފަހު ދިއުމަށް ޚާނަމް ބުނުމާއެކީ ، މީރަބްގެ ކޮޓަރިޔާ ދިމާލަށް ދަނިކޮށް ، މީރަބް އައިސް އެމީހުންނާ އަރާ ހަމަ ކުރިއެވެ. މީރަބާ ދޭތެރޭ ، ކަންކުރިގޮތުން ، އެމީހުންނަށް އޭނާ މައާފު ނުކުރާނެކަމަށް މީރަބް ބުންޏެވެ. އެހެންނަމަވެސް ، މީރަބްވެސް ބޭނުންވީ ، ވަލީމާގައި ބައިވެރިވުމަށްފަހު ވައްޤާސްމެން ، އެނބުރި ކަރާޗީއަށް ދިއުމަށެވެ. ( ނުނިމޭ )
Vv.reethi shukuran