ރާއްޖޭގެ ޖަލުތަކުގައި ތިބެންޖެހޭ މީހުންނާއި އެމީހުން ތިބެން ޖެހޭނެ ގޮޅިއެއް އަވަށްޓެރި ގައުމުތަކުން ކަނޑައަޅައިފައިވާ ސަފީރުންނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޖަލުން ދޫކޮށްލަންޖެހޭ މީހުންގެ ލިސްޓެއް އެފަދަ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލައްވަން ގޮވައިލައްވާއިރު ދެންތިބި އެހެން މީހުންވެސް ދޫކޮށްލަން ގޮވައިލައްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަވަށްޓެރި ގައުމުތަކުން ކަނޑައަޅައިފައި ތިބޭ ސަފީރުންނަށް އެނގިވަޑައި ނުގަންނަވާނެ އަޅުގަނޑުމެންގެ ގައުމުގެ ޖަލުތަކުގައި ތިބެންޖެހޭ މީހުންނާއި އޭގެ ތަރުތީބެއް،" ނިހާން ވިދާޅުވިއެވެ. އެކަން ހަމަޖައްސާނީ ގާނޫނުގައި ވާގޮތުގެ މަތިން ގާނޫނީ އުސޫލުން ކަމާބެހޭ ރާއްޖޭގެ ފަރާތްތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މިނިވަންކަން ރާއްޖެއަށް ފުރިހަމައަށް ލިބިގެންވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނު ބުނާގޮތަށް ގާނޫނީ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން، ކުށްވެރިވާ ކޮންމެ މީހަކު އެމީހަކާ އެއް މިންވަރެއްގެ ޖަލަކަށް އެއްމިންވަރެއްގެ ގޮޅިއަކަށް ލުމަކީ އެއީ ދިވެހިންނަށް ލިބިފައިވާ މިނިވަންކަމެއް،" ނިހާން ވިދާޅުވިއެވެ.
ޖަލުން ދޫކޮށްލުމަށް ބޭރުގެ ފަރާތްތަކުން ގޮވާލަމުން ގެންދާ މީހުންގެ ތެރޭގައި ޓެރަރިޒަމާއި، ހަތިޔާރު ގެންގުޅުމާއި، ބަޣާވާތް ކުރުމާއި، އަމުރަށް ނުކިޔަމަންތެރިވުމާއި ރިޝަވަތު ދީފައިވާ މީހުން ހިމެނޭ ކަމަށް ނިހާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ކުރީގެ ނާއިބު ރައީސް އަދީބުވެސް ހިމެނި ވަޑައިގަންނަވައެވެ.
އެފަދަ ކުށް ކޮށްފައިވާ މީހުން ދޫކޮށްލަން ގޮވާލާ ކަމަށްވާނަމަ އާދައިގެ ކުށްތައް ކޮށްގެން ޖަލަށް ލެވިފައިވާ މީހުންވެސް ދޫކޮށްލަން ގޮވާލަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.
rayyithunge majulis membarunnakee verikankuran hunnameehaku thamseelukuran hovaafa hunna meeheh thoaeve?