ހަނދު އޭގެ ހަނދުވަރާ ނުލާ ... (6)

( 1 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މީރަބަށް ފެނުނު ގޮތުގައި އޭނާގެ ޙަޔާތުގެ އެންމެ ނާޒުކް ދަނޑިވަޅުގައި ، އޭނާގެ ތަކުލީފުތައް ލުއިކުރުމަށްޓަކައި ، އޭނާގެ މަންމަ އާއި ބައްޕަ އެއްވެސް އެހީތެރިކަމެއް ނުދެއެވެ. އޭނާއަކާ އަޅައެއް ނުލައެވެ. އެހެންކަމުން ، ކުރަންޖެހޭކަމެއް ކުރާނީ އޭނާ އަމިއްލަޔަށްކަމުގައި ނިންމިއެވެ.

އަންވަރުގެ ބިމާއި މުދަލަކީ ، ޝާހްނަވާޒާ ގުޅިފައިވާ އެއްޗެކެވެ. އަންވަރުގެ މުދާ ވާރުތަވަނީ މުރުތަސިމަށެވެ. އަންވަރުގެ ބިމާއި މުދާ މީރަބްގެ ނަންމައްޗަށް ބަދަލުކޮށް ، ޚާނަމްއާ ވަޞިއްޔަތުނާމާ ޙަވާލުކޮށް ، މުރުތަސިމް އަތަށް ދިނުމަށް އަންވަރު އެދުނެވެ. މީރަބަކީ މިހާރު ހަމައެކަނި ، އަންހެން ކުއްޖެއް އެކަންޏެއްނޫނެވެ. އަންވަރުގެ ވަޞިއްޔަތުނާމާއާ ގުޅިގެން ، މީރަބަކީ ، ބޮޑެތި ބިންތަކާއި މުދަލުގެ މިލްކުވެރިއެކެވެ. އެތަކެތި ޚާނަމްގެ އަތުތެރެއިން ވީއްލިގެންދާކަށް ، ޚާނަމް ބޭނުމެއްނޫނެވެ. އެކަން ވާން އޮންނާނެ ހަމައެކަނި ގޮތަކީ ، މުރުތަސިމް ، މީރަބާ ކައިވެނި ކުރުމެވެ. އަންވަރުގެ އެނިންމުމަކީ ، މަންމައާއި އަންވަރާ ދެފަހަރިން ރާވައިގެން ، މީރަބްގެ ކައިވެންޏަށް ، މުރުތަސިމް އެއްބަސް ކުރުވުމަށްޓަކައި ޖެހި މަޅިއެއްކަމަށް މުރުތަސިމަށް ފެނުނެވެ.

މީރަބަކީ މުރުތަސިމް ގަޔާވާ އަންހެން ކުއްޖެއްނޫންކަން ، ޚާނަމްއަށް ވެސް އެނގެއެވެ. މުރުތަސިމް ހިތްހަމަ ނުޖެހޭ އެތައް އާދަތަކެއް މީރަބްގެ އެބަހުއްޓެވެ. ހަމަ އެގޮތަށް ، ވިޔާނުދާ އާދަތަކެއް މުރުތަސިމްގެވެސް އެބަހުއްޓެވެ. ކައިވެންޏާއި އަންވަރުގެ މުދަލާބެހޭގޮތުން ، ޚާނަމް ދައްކަމުންގެންދިޔަ ވާހަކަތައް މުރުތަސިމް ހުއްޓުވިއެވެ. އަދި ، އެކަމާބެހޭގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން މުރުތަސިމް ބޭނުންނުވާކަން ހާމަ ކުރިއެވެ.

ބެލްކަންޏަށް ނުކުމެ އޭނާ ފުންމާލާނެ ދިމާލެއް ނިންމުމަށް މީރަބް މަސައްކަތް ކުރަމުން ގެންދަނިކޮށް ، މުރުތަސިމަށް އެތަނަށް އާދެވުނެވެ.

" ފަތާ ފެންގަނޑު އެހާ ފުނެއްނުވާނެއެވެ. ވެއްޓޭގޮތަކުން އިސްކޮޅުވެސް ކައިފާނެއެވެ. ޖެހޭގޮތަކުން ބޯ ފަޅައިގެން ހިނގައިދާނެއެވެ. އަތްވެސް ބިނދިދާނެއެވެ. ފައިވެސް ބިނދިދާނެއެވެ. މޫނުމަތިވެސް ޗިސްޗިސް ވެދާނެއެވެ. އެކަމަކު ، މަރެއްނުވާނެއެވެ. " މުރުތަސިމް ބުންޏެވެ.

މުރުތަސިމް ، ހަމައެކަނި މުރުތަސިމާމެދު ވިސްނުމަށް މީރަބް ބުންޏެވެ. މުރުތަސިމްގެ ހުރިހާ ފިކުރެއް މިހާރު ގުޅިފައި އޮތީ މީރަބާކަމެއް ، އޭނާ ހަނދާނެއް ނެތެވެ. މީރަބް އަމިއްލަޔަށް ފުންމައިލުމުން ، ބިނދޭ ތަންތަން ރަނގަޅުވާން ދެތިންމަހެއް ނަގާނެއެވެ. ކައިވެނިކުރަން ލަސްވާނީ އެ މުއްދަތަށެވެ. އޭގެފަހުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ އެއީ ، މުރުތަސިމްގެ ކިބައިން ، ކުޑަ ހިދުކޮޅަކަށް ނަމަވެސް ސަލާމަތްވާން އޮތް ގޮތެއްކަމަށް ވަންޏާ ، މީރަބް އެހުރީ އެކަންވެސް ކުރާށެވެ. މީރަބް އެކަން ކުރާނީ ، އޭނާއަށްޓަކައެއް ނޫނެވެ. މުރުތަސިމަށްޓަކައެވެ. އެހެނަސް ، މީރަބަށްޓަކައި ، މުރުތަސިމުގެ ހަށިގަނޑުން އެންމެ ލޭތިއްކެއްގެ މިންވަރުވެސް ޤުރުބާނެއް ނުކުރާނެއެވެ. އެދެމީހުންގެ ވާހަކަ ހުއްޓުނީ ، މުރުތަސިމާ އޭނާ ކައިވެނި ނުކުރާނެކަމަށް މީރަބް ބުނުމާއެކުގައެވެ.

މުރުތަސިމަށް އެއީ މައްސަލައެއް ނޫނެވެ. އެހެނަސް ، މީރަބް އޭނާއާ ނުއިންނާނެކަން ، މީރަބްގެ މައިންބަފައިންނަށް އަންގައި ، އެމީހުން އެކަމަށް އެއްބަސް ކުރުވުމަށް މުރުތަސިމް އެދުނެވެ. މީރަބަކީ ، ވައްޤާސް އަޙްމަދުގެ ދަރިއެއްކަމަށް މުރުތަސިމް ޤަބޫލުކުރާނީ ، މީރަބަށް އެކައިވެނި ހުއްޓުވިއްޖެ ކަމަށް ވަންޏާއެވެ.

ވައްޤާސް އާއި ޚާނަމް އަދި އަންވަރާ ތިންމީހުން ވާހަކައެއްގެ ތެރޭގައި ތިއްބާ ، މީރަބްގޮސް ، އޭނާ ކަރާޗީއަށް ދާން ބޭނުންވާކަމުގައި ، ވައްޤާސްގާތު ބުންޏެވެ. އޭނާ އެގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫނެވެ. މީރަބް ބޭނުންވީ ވަގުތުން ކަރާޗީއަށްދާން ނައްޓައި ލުމަށެވެ. ވައްޤާސް ، އެކަމަކަށް އެއްބަހެއް ނުވިއެވެ.

" މިތިބަ މީހުންގާތު ބުނެލަން އަހަރެން ބޭނުމެވެ. އެމީހުންގެ ނިންމުމަށް ތަބާވާކަށް އަހަރެންގެ މައްޗަކަށް ވާޖިބެއް ނޫނެވެ. " މީރަބް ބުންޏެވެ.

އެއީ ބައްޕައާއި ބޮޑުބޭބެގެ ކުރިމަތީ ހުރެގެން ވާހަކަ ދައްކަން އެހާ އަދަބުވެރިގޮތެއް ނޫންކަމުގައި ބުނެ ، ޚާނަމް ، މީރަބަށް ނަޞޭޙަތް ދިނެވެ. މީރަބާ ދޭތެރޭ އެއްވެސް މިންވަރަކަށް ނުވިސްނާ ، އެއްވެސް މީހަކަށް އިޙްތިރާމް ކުރުމަކީ ، މީރަބު ކުރަންޖެހޭނެ ކަމެއްކަމަކަށް މީރަބަކަށް ނުފެނެއެވެ. އެމީހުންނަށް އިޙްތިރާމްކުރަން ޖެހެނީ ، އެއީ މީރަބްގެ ޢާއިލާގެ ބޮޑެތިމީހުންކަމަށްވާތީކަން ، މީރަބަށް ޚާނަމް އެންގިއެވެ. އެ ޚާންދާނުގެ އެއްވެސް އަންހެންކުއްޖަކު ، އެމީހުންގެ ބައްޕަމެންނާ އިސްވެ އަނގަޔަކުން ނުބުނާނެއެވެ.

" އެފަދަ އަންހެންކުދިންނަކީ ، ބުދުތަކެއްފަދަ  ބަޔެކެވެ. ތި ޢާއިލާގެ މީހުން ، އިޙްތިރާމް އަދާކުރާކަން ދައްކައިގެން ، ހެދިގެން ، ބޯގުދުކޮށް އެހަދަނީ ތިޢާއިލާގެ ކުދިންނެވެ. އެކަންކުރާކަށް ، މަށަކު ނެތީމެވެ. " މީރަބް ބުންޏެވެ.

މީރަބްގެ ބަސްތަކަށް ރައްދުނުދީ ޚާނަމްއަކަށް ނީނދެވުނެވެ. އޭނާއާ އެގޮތަށް މީރަބް އެވާހަކަ ދައްކަނީ ކީއްވެގެންތޯ ވައްޤާސްއާ ސުއާލުކޮށް ، އޭނާއާ އެގޮތަށް ބޭއަދަބީ ވާހަކަ ދައްކަން އެ އަންހެންކުއްޖާއަކީ ކާކުތޯވެސް ވައްޤާސްއާ ސުއާލު ކުރިއެވެ.

މީރަބާ ދޭތެރޭ ޚާނަމްވެސް ހިތްހަމަ ނުޖެހޭކަން މީރަބަށް އެނގެއެވެ. އެންމެ ބޮޑު މައްސަލަޔަކަށްވާނީ ، ޚާނަމްގެ ކުރިމަތީ އަނގަ ހިމޭނުންލައިގެން މީރަބް ނުހުރުމެވެ. ލޮލާ ލޯ ސީދާކޮށްގެން ހުރެ ، ބަސް ބުނާތީއެވެ. އިސްޖަހައިގެން ގުދުވެގެން އޮވެ ، ވާހަކަ ނުދައްކާތީއެވެ. އެއީ ، ޚާނަމް ހިތްހަމަޖެހޭނެ ކަންކަމެއްނޫނެވެ. ހިތްހަމަ ނުޖެހޭނެ އެފަދަ އާދަތަކެއް ހިފައިގެން ، އެމީހުންނާ ބައްދަލުކޮށް އުނދަގޫކުރަން  ، އެގެޔަށް އަންނާކަށްވެސް ، މީރަބް ބޭނުމެއްނޫނެވެ. އޭނާ ވާހަކަ ދައްކަން ބޭނުންވަނީ ހަމައެކަނި އޭނާގެ ބައްޕައާއެވެ. އެހެން މީހުންނާ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ.

ވައްޤާސް އަނގައިން ނުބުނެ ހުންނާތީ ، އޭނާ އަނގައިން ނުބުނެ އެހުންނަނީ ކީއްވެގެންތޯއާއި ، ވާހަކަ ދެއްކުމަށް ވައްޤާސްއަށް ޚާނަމް އަމުރު ކުރިއެވެ. ތަކުރާރުކޮށް ޚާނަމް ބުނެބުނެވެސް ވައްޤާސް އެއްޗެކޭ ނުބުންޏެވެ. މީރަބް އައިސް ވައްޤާސްގެ އަތުގައި ހިފައި ، އޭނާ ގޮވައިގެން ހަމަ މިހާރު ކަރާޗީއަށްދާން ނައްޓާލުމަށް އެދުނެވެ.

" އަހަރެންނަކީ މީރަބްގެ ބައްޕައެއް ނޫނެވެ. " ވައްޤާސް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

މީރަބްގެ ދެފައިތިލަދަށުން ބިންގަނޑު ދެމިގަތެވެ. މީރަބްގެ ދެލޯ ހުރީ ބޮޑުވެ ، އަނގަ ތަންމިނަށް ހުޅުވިފައެވެ. އެވަގުތު އެތަނުގައި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެންހުރި ޙަޔާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނާގެ އަނގަވެސް އޮތީ ތަންމިނަށް ހުޅުވިފައެވެ.

ޙަޤީޤަތަކީ އެއީކަމަށް  ވައްޤާސް އިތުރަށް ބުންޏެވެ. މީރަބް ޤަބޫލުކުރިގޮތުގައި ، އޭނާގެ ބައްޕަ އެގޮތަށް އެބުނީ ، އޭނާ މުރުތަސިމާ ކައިވެނިކުރަން އެއްބަސް ނުވާތީއެވެ.

އެ ޙަޤީޤަތަކީ ، ކޮންމެވެސް އެއްދުވަހަކުން ހާމަވާނެ ޙަޤީޤަތެކެވެ. އެހެނަސް ، މީރަބް ޤަބޫލުކުރާގޮތުގައި ވައްޤާސްއަކީ އޭނާގެ ބައްޕަޔަށް ނުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެވާހަކަ ، މީރަބް ޤަބޫލެއް ނުކުރާނެއެވެ. ވައްޤާސްއާ އެކިގޮތްގޮތުން މީރަބް ސުއާލު ކުރަމުން ގެންދަނިކޮށް ، އަންވަރު ، މީރަބަށް ގޮވައިލިއެވެ.

އަންވަރު މަޑުންހުރުމަށްބުނެ ، މީރަބް ހަޅޭއްލަވައިގަތެވެ. އަދި އޭނާ އެ ވާހަކަ ދައްކަނީ އޭނާގެ ބައްޕަޔާކަމަށް ބުންޏެވެ. އެނޫން އެހެން އެއްވެސްމީހަކާ ، މީރަބް ވާހަކައެއް ނުދައްކާނެއެވެ.

އޭނާގެ މޫނު އެއްފަރާތްކޮށްގެން ނުހުރެ ، މީރަބްގެ ލޮލާ ލޯ ސީދާކޮށް ، ބައްޕަ އެބުނާ ވާހަކައެއް ބުނުމަށް މީރަބް އެދުނެވެ. އޭގެ ބަދަލުގައި ، ވައްޤާސް ބުނީ އޭނާއަކީ މީރަބްގެ އެއްވެސް މީހެއް ނޫންކަމުގައެވެ. މީރަބަކީ އޭނާގެ އުފަން ދަރިއެއް ނޫންކަމުގައެވެ. މީރަބާ އޭނާއާ ދެމެދު ، ލޭގެ އެއްވެސް ގުޅުމެއް ނެތެވެ.

އެހެންކަމަށް ވަންޏާ ، އޭނާއަކީ ކާކުތޯ މީރަބް ސުއާލު ކުރިއެވެ. އޭނާއަކީ ޔަތީމު ކުއްޖެއް ހެއްޔެވެ ؟ ދެ މީހަކަށް ލިބުނު ނަހަލާލު ދަރިއެއް ހެއްޔެވެ ؟ އޭނާގެ ބައްޕައެއް ނެތް ހެއްޔެވެ ؟ މީރަބްގެ އެއްވެސް ސުއާލަކަށް ވައްޤާސް ޖަވާބެއް ނުދިނެވެ.

މީރަބަކީ އޭނާގެ ކުއްޖެއްކަމަށް ، އެންމެ ފަހުން އަންވަރު ބުންޏެވެ. މީރަބްގެ ބައްޕަޔަކީ އަންވަރެވެ. މީރަބަށް ލިބިފައިވާ ޙައިރާންކަން އިތުރަށް ބޮޑުވިއެވެ. ދެލޯ ބޮޑުކޮށްގެން ، އަންވަރާ ދިމާލަށް ބަލަހައްޓައިގެން ، އެތައް އިރެއްވަންދެން މީރަބަށް ހުރެވުނެވެ.

" މީރަބަކީ ، އަހަރެންނާއި ނާދިއާގެ ދަރިޔެކެވެ. ނާދިއާއަކީ ، ޝާހްނަވާޒާއި ޚާނަމްގެ ، ނިޔާވެފައިވާ އަންހެން ދަރިއެވެ. " އަންވަރު ބުންޏެވެ.

އެވާހަކަޔަކީ ، އޭނާ ޤަބޫލުކުރާނެ ވާހަކައެއް ނޫންކަމަށް ، މީރަބް ބުނަމުން ގެންދިޔައެވެ. މީރަބް ، ޤަބޫލުކުރާނީ ހަމައެކަނި ވައްޤާސްގެ ވާހަކަ ކަމަށް ޚާނަމް ބުންޏެވެ. އަދި ، މީރަބަށް ޙަޤީޤަތް ކިޔައިދީ އޮޅުންފިލުވައި ދިނުމަށް ވައްޤާސްގެ ކިބައިން ޚާނަމް އެދުނެވެ.

އަންވަރު އެބުނަނީ ތެދުކަމަށް ވައްޤާސް ބުންޏެވެ. މީރަބްގެ އަސްލު ބައްޕަޔަކީ އަންވަރެވެ. މީރަބަކީ ، އަންވަރުގެ އުފަން ދަރިއެކެވެ. އަނީލާއާއި ވައްޤާސްގެ މަޤާމަކީ ، މީރަބް ބަލައި ބޮޑުކުރި ދެމީހެއްގެ މަޤާމެވެ. މީރަބަކީ ، ލޭގެ ގުޅުމެއްގެ ތެރެއިން ، ވައްޤާސް އާ އެއްވެސް ގުޅުމެއް އޮތް މީހެއްނޫނެވެ. އޭރު ، މީރަބް ދިޔައީ ، ނޫނެކޭ ބުނެ ބޯހޫރަމުން ، ރޮމުންނެވެ. އެންމެފަހުން ، އެތާ ނުހުރެވިގެން ، ރޮމުންރޮމުން މީރަބްގެ ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ.

" މިއަދަށްފަހު ، އަންވަރުގެ ދަރިފުޅު އަންވަރަށް ލިބުނީއެވެ. މަރުޙަބާއެވެ ! މީރަބާ މިއަދުން ފެށިގެން ޙަވާލުވާށެވެ " އަންވަރަށް މަރުޙަބާ ކިޔަމުން ވައްޤާސްވެސް އެތަނުން ، ނުކުމެގެން ދިޔައެވެ.

އަންވަރުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ޚާނަމް ވަކި އެއްޗެއް ނުބުނެއެވެ.

ޙަޔާއަށް ލިބުނު ޙައިރާންކަމުގައި މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިޔަށް ވަނެވެ. އޭރު މަރިޔަމް އެކޮޓަރީގައި ހުއްޓެވެ. އޭނާގެ ހިތުގައިވާ ޒަޚަމްތަކަށް އިތުރަށް ރިހުންދޭން ހިމޭނުން ނުހުންނާނެކަމަށް ޙަޔާ ބުނަމުން ގެންދިޔައެވެ. އޭނާގެ ހިތުގައިވާ އިންސާނާއާ ، އެހެން މީހަކު ވައިއެޅުނަވެސް ނުދޭނެއެވެ.

" ވައިއެޅުނަ ނުދޭނީ ކާކާ ހެއްޔެވެ ؟ " ފަހަތުން ، އެ އިވުނީ ޚާނަމްގެ އަޑެވެ.

މަރިޔަމްއާއި ޙަޔާ ދިޔައީ ސިއްސައިގެންނެވެ. ޙަޔާ ވަކި އެއްޗެއް ބުނުމުގެ ކުރިން ، ޙަޔާގެ ވާހަކަ އޮއްބާލުމަށް މަރިޔަމް ވާހަކައެއް ބުނަން އަނގަހުޅުވައިލިތަނާ ، ޚާނަމް އޭނާ ހުއްޓުވިއެވެ. އަދި ، ޙަޔާއާ ސުއާލު ކުރަމުން ގެންދިޔައެވެ. އެއީކާކުތޯ އަހައި ، ޚާނަމްގެ ސުއާލު ތަކުރާރު ކުރަމުން ގެންދިޔައެވެ. އެންމެ ފަހުން ، އެހެން ގޮތެއްނެތިގެން ޙަޔާގެ ހިތުގައިވާ މީހާގެ ނަން އިއްވައިލިއެވެ.

އެއީ މުރުތަސިމެވެ. ޚާނަމް ދިޔައީ ސިއްސައިގެންނެވެ. މުރުތަސިމްގެ ކައިވެނި ، މީރަބާ ކުރެވެންވީ ކީއްވެގެންތޯ ޚާނަމްއާ ޙަޔާ ސުއާލު ކުރިއެވެ. މީރަބަކީ ، އަބަދުވެސް ދުރުމީހެކެވެ.

" ފެށުނީއްސުރެ އަހަރެން މިއުޅެނީ ، މިގޭގައެވެ. އަހަރެންނަކީ ދުރުމީހެއްނޫނެވެ. އަހަރެން ، މުރުތަސިމް ދެކެ ލޯބިވަމެވެ. މުރުތަސިމްގެ ކައިވެނި އަހަރެންނާ ނުކުރެވެންވީ ކީއްވެ ހެއްޔެވެ ؟ " ޙަޔާ ސުއާލު ކުރިއެވެ.

ޙަޔާވެސް ވަކި މީރަބަކަށް ދުލެއް ނުކުރެއެވެ. ޚާނަމްގެ ހިތަށް އެރިއެވެ. ޚާނަމް ހަމަ އިސްކޮޅަށް ތެދުވެ ، އަތުގައި ހުރި ބާރެއްލާފައި ޙަޔާގެ  މޫނުމަތީ ޖެހިއެވެ. އަދި ، ޙަޔާގެ ސުއާލުގެ ޖަވާބަކީ އެއީކަމަށް ބުންޏެވެ. ޙަޔާގެ ކައިވެނި ދުވަހަކުވެސް މުރުތަސިމާ ނުކުރެވޭނެކަން ، ޙަޔާގެ މޫނުމައްޗަށް އެ ސީދާވި އެތިފަހަރުން ކަށަވަރު ކޮށްދޭނެކަމަށް ޚާނަމް ބުންޏެވެ. އެމީހުންގެ ޚާންދާނުގެ އެއްވެސް އަންހެންކުއްޖަކު ، އޭނާގެ ކައިވެންޏާ ބެހޭގޮތުން ، ޢާއިލާގެ ބޮޑުންނަށް އަމާޒުކޮށް ، އެގޮތަށް ބަހެއް ނުބުނާނެއެވެ. އެކުދިންގެ ކައިވެނީގެ ކަންކަން ނިންމާނީ ޢާއިލާގެ ބޮޑެތިމީހުންނެވެ. އެކުދިން އަމިއްލަޔަކަށް ނޫނެވެ.

ޙަޔާ އެގެޔަށް ގެނެސް ބަލައި ބޮޑުކުރެވުނު މޮޔަ ، ޚާނަމްގެ ހިތަށް އެރިއެވެ. އެގޭގެ ޢިއްޒަތާއި ޤަދަރާ ގުޅުވިގެން ، އެގޭތެރޭގައި ބޮޑުވެގެން އައިސް ، ޙަޔާގެ ހިތްވެސް އަރާ އެއޮތީ ސިދުރަތުލް މުންތަހާގައެވެ. އެކަމުގެ އަގުވަޒަންކުރަން ޙަޔާއަށް އެނގުނުނަމަ ، އެކަހަލަ ވިސްނުމެއްގެ ތެރެޔަށް ހިތްދޫވެގެންދާކަށް ދޫކޮށެއް ނުލެވޭނެއެވެ.

މީރަބާއި ، މުރުތަސިމްގެ ކައިވެންޏާ ގުޅޭ އެހެން ސިއްރެއްވެސް ، ޚާނަމްގެ ދުލުން އެވަގުތު ބޭރުވިއެވެ. އެ ދެމީހުން ވިހޭ ވަގުތުން ފެށިގެން އެދެމީހުންގެ ކައިވެނި އޮތީ ކަނޑައެޅި ނިމިފައެވެ. މީރަބަކަށްވެސް އަދި މުރުތަސިމަކަށްވެސް އެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. އޭގެ އިތުރަށް ޚުދު ޚާނަމްއަށްވެސް އަދި ޙަޔާއަކަށްވެސް ، އެ ނިންމުމަށް ބަދަލެއް ނުގެނެވޭނެއެވެ. އެކަން ޙަޔާގެ ހިތުގައި އަބަދުވެސް ބާއްވާށޭ ބުނެ ، ޙަޔާއާ ދިމާލަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ، ގެންދިޔައެވެ. އެވާހަކަ ޙަޔާގެ ދުލުން ދެން ބޭރުވާ ދުވަހަކީ ، ޙަޔާގެ ބައްޕަ ގާތަށް ، އެއްކޮށް އޭނާ ފޮނުވައިލާނެ ދުވަހެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.