ހަނދު އޭގެ ހަނދުވަރާ ނުލާ ... (5)

(  28 މޭ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ވައްޤާސްގެ މަޖުބޫރީ ޙާލަތު ، މީރަބަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. ކޮންމެ މީހަކު ކޮންމެ މަޖުބޫރެއްކުރިނަމަވެސް ، މީރަބްހުރީ ، މުރުތަސިމާ ކައިވެނިކުރާ ގޮތަކަށްނޫނެވެ. ބައްޕަޔަށްޓަކައި އެކަމަށް އެއްބަސްވުމަށް ، ވައްޤާސް އާދޭސްކޮށްވެސް ، މީރަބް އެކަމަކަށް އެއްބަހެއް ނުވިއެވެ.

މުރުތަޟާ ބޭރުންއައިސް ގެޔަށްވަނުމާއެކީ ، އޭނާއަށްދޭން ބުނެފައި އޮންނަ ފެންތަށި ހިފައިގެން އައި ނޯކަރު އަތުން ، ފެންތަށި އަތުލައި ، އެފެންތަށި ހިފައިގެން މީރަބްގޮސް ، މުރުތަސިމަށް ދިއްކޮށްލިއެވެ. މުރުތަސިމަށް ލިބުނު ޙައިރާންކަން ކަނޑުވައިލީ ، މީރަބެވެ. މުރުތަސިމާ ވާހަކަ ދައްކަން އޭނާ ބޭނުންވާކަމަށް ބުނެއެވެ. މީރަބް ވާހަކަ ދައްކަން ބޭނުންވީ ދެމީހުން އެކަނި ތިބެގެންނެވެ. އެވަގުތު ޚާނަމް އައިސް ، މީރަބްގެ ޒިންމާ އެހާ އަވަހަށް އަދާކުރަން ފެށިކަން ފާހަގަކޮށް ، މުރުތަސިމާ ދިމާއަށް ކަޅިއެއް އެއްލިއެވެ. ކައިވެންޏަށް މީރަބް އެއްބަސް ވިނަމަވެސް ، އެކައިވެނި ކުރާކަށް މުރުތަސިމްވެސް ބޭނުމެއް ނޫނެވެ. ޚާނަމްގެ ޤަދަރާއި ޢިއްޒަތަށް މުރުތަސިމް އިޙްތިރާމް ކުރެއެވެ. އެހެންނަމަވެސް ، މަންމަގެ އެ ނިންމުމަކީ ، މުރުތަސިމްގެ ހިތް އެއްވެސް ވަރަކަށް އެދޭ ނިންމުމެއްނޫނެވެ. މުރުތަސިމްގެ ދުނިޔެ ބިނާކުރާނީ ، މުރުތަސިމް ބޭނުންވާ ގޮތަކަށެވެ.

ޙަޔާއަށް ލިބުނު ހިތްދަތިކަމުގައި ކޮޓަރިޔަށްވަތްގޮތަށް ބޭރަކަށް ނުނިކުމެއެވެ. ކޮޓަރީގައި ބެހެއްޓިފައިވާ ލޯގަނޑުގައި މުރުތަސިމާއި ޙަޔާގެ ނަން ، ހިތަކާއެކީ ލިޔެފައި ހުއްޓެވެ. ކުރިމަތީގައި ދިއްލިފައިވާ އުއްބައްތިޔެއްގެ ކައިރިޔަށް ޙަޔާ ޖެހިލިއެވެ. އޭނާގެ ކަނާތް އެ އުފުލުނީ ، އެ އުއްބައްތީގެ ހުޅުގަނޑުން އޭނާގެ އަތް ފިއްސައި އަންދާލުމުގެ ބޭނުމުގައެވެ. ނުކުޅަދާނަވާ ވަރަށް ހިތަށް ތަދުވެގެންނެވެ. ހުޅުކޮޅުގައި ކިރިޔާ އަތްނުޖެހި ހުއްޓާ ، ކުއްލިޔަކަށް އެކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހިއެވެ. އެއީ މަރިޔަމްއެވެ. ދޮރހުޅުވުމަށް ، ޙަޔާއަށް މަރިޔަމް ގޮވަމުން ގެންދިޔައެވެ. މަރިޔަމް ހަޅޭއްލަވާ އަޑަށް ޚާނަމްވެސް އައިސް ދޮރުގައި ޓަކިޖަހައި ، ދޮރުހުޅުވުމަށް ޙަޔާއަށް އެންގިއެވެ. އެހެންގޮތެއް ނެތިގެން ، ޙަޔާގޮސް ދޮރު ހުޅުވިއެވެ.

ކޮޓަރިޔަށް ވަތްތަނުން ، ލޯގަނޑުގައި ޙަޔާ ލިޔެފައިވާ ތަން މަރިޔަމްއަށް ފެނުނެވެ. މަންމަޔަށް އެތަން ފެނިއްޖިއްޔާ ޙަޔާގެ ދުވަސް ދާނެއެވެ. އެހެންކަމުން ، ލޯގަނޑުގައި ލިޔެފައިވާ އެއްޗަކާ ދިމާއަށް ދުވެފައިގޮސް ، ޚާނަމްއަށް އެތަން ނުފެންނަގޮތަށް ، ހުރަހަކަށް ވެގެން މަރިޔަމް ހުއްޓިލިއެވެ.

ޚާނަމްކުރި އެއްވެސް ސުއާލަކަށް ޙަޔާ ޖަވާބެއް ނުދެއެވެ. ހުންއައީތޯ ޚާނަމްކުރި ސުއާލަށް ޖަވާބުދިނީވެސް މަރިޔަމެވެ. ޙަޔާގެ ނިތްކުރީގައި ޚާނަމް އަތްލިއިރު ، ހުމެއް ނެތެވެ. އެހެނަސް ، އެ ހުމަކީ އޭނާގެ އެތެރެހަށީގައިވާ ހުމެއްކަމަށް ޙަޔާ ބުންޏެވެ. ޙަޔާ ދިފާޢުކުރުމަށްޓަކައި ވާހަކަ ދައްކަމުން ގެންދިޔައީ މަރިޔަމެވެ. އެންމެފަހުން ، ޙަޔާގެ މަންމަމެން މަތިން ހަނދާންވެގެން ޙަޔާއަށް އެރޭ ނުނިދުނީކަމަށް މަރިޔަމް ބުންޏެވެ.

ޚާނަމްއަކީ ، އޭނާގެ މަޔެއްފަދަ މީހެއްކަމަށާއި ، މަންމަމެންނާ ދޭތެރޭ ފިކުރުކޮށް ދެރަނުވުމަށް ޚާނަމް އެދުނެވެ.

" މައިންނަކީ ، ބުނެ އާދޭސްކުރުމުގެ ކުރިން އަންހެންދަރިންގެ ހިތުގެ ޙާލަތު އެނގޭބަޔެކެވެ. " ޙަޔާވެސް ބުންޏެވެ.

އެކަމާ ، ޙަޔާ ދެރަވާނެކަމެއް ނެތެވެ. ރަނގަޅު ކުއްޖެއް ހޯދާފައި ، ޙަޔާގެ ކައިވެނިކޮށްދޭނީ ޚާނަމެވެ. އޭގެކުރިން ، މީރަބާއި މުރުތަސިމްގެ ކައިވެނި ކޮށްދޭން ޚާނަމް ބޭނުމެވެ. ޙާޔާއާ ދޭތެރޭ ވިސްނާނީ އޭގެފަހުންނެވެ.

ސައިހަދައިގެން މީރަބްގޮސް ، މުރުތަސިމްގެ ކޮޓަރިޔަށް ވަނެވެ. އެއްތަށި ގިރައިގެން މުރުތަސިމްގާތަށް މީރަބް ޖެހިލިތަނުން އެތަށީގައި ހިފުމަށް މުރުތަސިމްގެ އަތް އުފުލައި ލެވުނެވެ. އެހެނަސް ، ޖޯޑުނަގައި މީރަބް އެސައިތަށި ބޯން ފެއްޓިއެވެ.

" މުރުތަސިމާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ލޮލަށް ފެނިލަންވެސް އަހަރެން ނޭދޭ މީހަކާ އިންނާނީ ކިހިނެއް ހެއްޔެވެ ؟ އެމީހުންނާ އެކަށީގެންނުވާ މީހުންނާ ، މީހުން އިންނަނީ ކީއްވެގެންބާވައޭ ހިތަށް އަރައެވެ. އަސްލު ، މިޢާއިލާގެ މީހަކާ އަހަރެން ކައިވެންޏެއް ނުކުރާނަމެވެ. އެއީ ، މުރުތަސިމް ކަމަށްވިޔަސް އަދި އެހެންމީހެއްކަމަށް ވިޔަސް ، މިއާއިލާގެ މީހަކާ އަހަރެންނެއް ނުއިންނާނަމެވެ. އަހަރެން އިންނާނީ އަހަރެން ބޭނުންވާ މީހަކާއެވެ. " މީރަބް ވާހަކަ ދައްކަމުން ގެންދިޔައެވެ.

މީރަބް ދައްކަމުން ގެންދިޔަ ހުރިހާ ވާހަކަޔަކަށްވެސް އެއްބަސްވުމަށް އާނހޫ ކިޔާލަކިޔާލަ ، މުރުތަސިމް ހުއްޓެވެ. އެ ކައިވެންޏަކީ އެދެމީހުންކުރެ އެކަކުވެސް ، ކުރަން ބޭނުންވާ ކައިވެންޏެއްނޫނެވެ. މުރުތަސިމް ގޮސް ، މަންމަގާތު އެކައިވެންޏަށް އޭނާ އިންކާރުކުރާ ވާހަކަ ބުނުމަށް މީރަބް އެދުނެވެ. އެކަމަކު ، އެކަންކުރާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. މީރަބް ކަހަލަ ހިތްވަރުގަދަ މީހަކު އެކައިވެންޏަށް އިންކާރު ކުރަން ހުއްޓާ ، މުރުތަސިމް ގޮސް އެވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ ؟

ޚުދު އޭނާ ، އެކައިވެނިކުރާކަށް ބޭނުމެއްނޫނެވެ. މީރަބް އަކީ ، އެޢާއިލާގެ ކުއްޖެއްކަމަކަށް ، މުރުތަސިމް ޤަބޫލެއް ނުކުރެއެވެ. އެހެންކަމުން ، މީރަބާ ކައިވެނިކުރުމަކީ ، އޭނާ ކުރާނެކަމެއްނޫނެވެ.

މީރަބްގެ ކައިވެނީގެ ވާހަކަ ދައްކަން ، ވައްޤާސްގެ ދެމަފިރިންނާއި ޚާނަމްއާ އަދި އަންވަރު ، ސިޓިންރޫމުގައި އިށީނދެލައިގެން ތިއްބެވެ. ކުއްލިޔަކަށް ، ބާރު ހިނގުމެއްގައި އެތަނަށް އައިސް އެ ހުއްޓުނީ މީރަބެވެ.

" އަހަރެން ، މި ކައިވެންޏަށް އިންކާރު ކުރަމެވެ. މުރުތަސިމްގެ މީހަކަށް މީރަބް ، ދުވަހަކުވެސް ނުވާނެއެވެ.  " ޖެހިލުމެއްނެތި ، އަޑަށް ބާރުލާފައި މީރަބް ބުންޏެވެ.

އޭނާގެ ދަރިފުޅު ޤަބޫލުނުކޮށް ، ކައިވެންޏަށް އިންކާރު ކުރުމުން ، ޚާނަމްގާތަށް ރުޅިއައެވެ. ޚާނަމް ކިތަންމެ ރުޅިއެއް އަޔަސް ، މީރަބް ނިންމައިގެންހުރީ އެކައިވެންޏަށް އިންކާރު ކުރާށެވެ. ބައްޕަމެންނަށް ބަރޯސާވެގެން ، ޚާނަމްމެން ބުނާހާގޮތެއް ހަދައިގެން އޭނާއަކަށް ދެނެއް ނުއުޅެވޭނެއެވެ. މީރަބް އަނގަނުތަޅާ މަޑުން ހުރުމަށް ، ވައްޤާސް ބުނިނަމަވެސް ، އޭނާ މަޑުން ހުންނާކަށް ބޭނުމެއް ނޫނެވެ. އޭނާއާ މެދު ބޭއިންސާފުން ކުރެވޭ ކަމަކަށް އަނގަމަޑުންލައިގެންނެއް ނުހުންނާނެއެވެ. ޚާނަމްމެންގެ ކުރިމަތީ ، ވައްޤާސްއަށް ދެކަކޫ ޖަހާވަރަށް މަޖުބޫރުވެގެން އުޅެން ޖެހުނަސް ، މީރަބްއަކީ މިނިވަނެކެވެ. އޭނާއަކަށް އެއްވެސް މީހަކަށް ، އެއްވެސްކަމެއްގައި މަޖުބޫރެއް ނުކުރެވޭނެއެވެ.

މީހަކާ އިންނަންޏާ މީރަބް އިންނަންޖެހޭނީ އެ ޚާންދާނުގެ މީހަކާކަމަށް އަންވަރުވެސް ބުންޏެވެ. އެހެނަސް ، އެއީ މީރަބްގެ ޚާންދާނެއްނޫނެވެ. އެއީ އަންވަރުގެ ޚާންދާނެވެ. މީރަބްގެ ޚާންދާން ގުޅިފައިވަނީ ވައްޤާސް އާއި އަނީލާއާ އެވެ. މީރަބަކީ އެދެމީހުންގެ ޚާންދާނުން އުފަންވެފައިވާ މީހެއްކަން މީރަބް ސާފުކޮށްދިނެވެ. އެމީހުންނަކާ ، ޚާނަމްއަކާވެސް އަދި އަންވަރަކާވެސް ގުޅުމެއް ނެތެވެ. މީރަބްގެ އެވާހަކަތައް އެއީ ، ޚާނަމްއާއި އަންވަރުގެ ކުރިމަތީ ހުރެގެން ، ވައްޤާސްއަށް އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއްނޫނެވެ.

މީރަބް ދައްކަންހުރި ވާހަކައެއް ދެއްކުމަށްފަހު ، އެތަނުން ދިއުމުން ، ޚާނަމްގެ ހުރިހާ ރޯޅިއެއް ބޭލީ ވައްޤާސް އަށެވެ. މީރަބްގެ އާދަތައް އެހުރީ ، ވައްޤާސް އޭނާއަށްދިން މިނިވަންކަމުން ހަލާކުވެފައެވެ. އެގޭގައި ދިރިއުޅޭ އެއްވެސް އިންސާނަކަށް ، ޚާނަމްއާ ދެކޮޅަށް ބަހެއް ބުނާކަށް ނުކެރޭނެއެވެ. އެކަމަކު ، މީރަބް އެދިޔައީ ، ޚާނަމްގެ މޫނުމަތީ ތަފާލެއް ޖަހާފައެވެ.

އެންމެންގެ މެދުގައި ހަމަނުޖެހުން އުފެދި އެކަކު އަނެކަކަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނިކޮށް ، މީރަބްއަށް ޙަޤީޤަތް ސާފުކޮށްދިނުމުގެ ވަގުތު ޖެހިއްޖެކަމަށް އަންވަރު ބުންޏެވެ. ބައްދަލުވުން ނިމިގެންދިޔައީ ، ވައްޤާސްގޮސް މީރަބަށް ވިސްނައިދިނުމަށް ނިންމާފައެވެ.

މީރަބް ގާތަށް އައިސްހުރި ރުޅި ، އެގޭތެރޭގައި ހުރެގެން މައިތިރިނުވާނެކަން އޭނާއަށް އެނގުނެވެ. ގޯތިތެރެޔަށް ނުކުމެ ، ޗޯކީދާރުއަތުން ކާރެއްގެ ތަޅުދަނޑި އަތުލައިގެން ، ކާރުގައި މީރަބް ބޭރަށް ނުކުތެވެ. ޗޯކީދާރު ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. މީރަބް ، ކާރުދުއްވާފައި ނުކުމެގެން ދިޔައީވެސް ހެޔޮވަރު ވަރަކަށް ބާރަށެވެ. ޗޯކީދާރުގޮސް ޚާނަމްގާތު އެވާހަކަ ބުންޏެވެ. މީރަބް އެދިޔައީ ކޮންތާކަށްކަމެއް ، އެއްވެސްމީހަކަށް ނޭނގެއެވެ.

އެއީ އެ ޢާއިލާގެ އަންހެންދަރިޔަކު އަލަށް ކުރިކަމެކެވެ. އެގޭގެ އެއްވެސް އަންހެނަކު ، މީހެއްގާތު ނުބުނެ ކާރުގައި އަމިއްލަޔަށް ގެޔަކުން ނުނުކުންނާނެއެވެ. އަނީލާއަށް ހަދާނެގޮތް ބޮޑުވެގެންގޮސް ، ވައްޤާސްގެ ގާތަށްގޮސް މީރަބް ހޯދަން ގޮސްދިނުމަށް އެދުނެވެ. މީރަބަކަށް އެހާދުރަކަށް އަދި ނުދެވޭނެއެވެ. އެހެންނަމަވެސް ، އަންވަރު އެކަން ހުއްޓުވިއެވެ. މީރަބަކީ ، މުރުތަސިމުގެ މީހަކަށްވާންހުރި ކުއްޖެކެވެ. މީރަބް ހޯދުމަކީ ، މުރުތަސިމުގެ ޒިންމާއެކެވެ. މީރަބް ހޯދަން ނުކުންނާނީ މުރުތަސިމެވެ.

މުރުތަސިމް ނުކުމެ ހައިވޭއިން ބާރަށް ދުއްވާފައި ދަނިކޮށް ، މީރަބްއާ އަރާ ހަމަ ކުރެވުނެވެ. މީރަބަށްވެސް މުރުތަސިމް ފެނުނެވެ. މުރުތަސިމް ބަރޮގޮނު އެޅިނަމަވެސް ، ކާރުހުއްޓާކަށް މީރަބް ނޫޅުނެވެ. އެންމެ ތަންފުކެއްވެސް ކާރުގެ ދުވެލި މަޑެއް ނުކުރެއެވެ. މުރުތަސިމާހެދި އުނދަގޫވެގެން ، މީރަބަށް ހެދުނުގޮތަކުން ، ހައިވޭގެ އެއްފަރާތުގައި ހުރި ފާރުގައި  މީރަބްގެ ކާރުޖެހި މަޑުވިއެވެ. މުރުތަސިމުގެ ކާރުވެސް ހުއްޓާލައި ، ދުވެފައިގޮސް ބަލައިލިއިރު ، މީރަބް އޮތީ ހުންގާނުގައި އޭނާގެ ބޯ ޖެހިގެން ޚަބަރު ހުސްވެފައެވެ.

މީރަބް ހޭއެރިއިރު ، އޭނާއޮތީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ. ދެލޯހުޅުވައިލިއިރު ، އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ ، ކޮޓަރީގެ އެއްފަރާތެއްގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިން މުރުތަސިމެވެ. މީރަބްގެ ދެލޯހުރީ ބޮޑުވެފައެވެ. އެތަން ފެނިފައި ، މީރަބް މަރުނުވާކަމަށް މުރުތަސިމް ބުންޏެވެ.

މުރުތަސިމާ ދުރަށް ދާން މީރަބް މަސައްކަތް ކުރާވަރަކަށް ، އެއަންނަނީ މުރުތަސިމާ ގާތްވަމުންނެވެ. ކުރާނީ ކީއް ހެއްޔެވެ ؟ މީރަބްގެ ހަނދާނަށްވެސް ގޮތެއްނުވެ ، ރަނގަޅަށް އެބަހުރިކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ހޯދަން މުރުތަސިމް އައީތީ މީރަބް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ، އެމީހުންގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓުން އެކަމާ ގުޅިފައި ނެތްނަމަ ، މީރަބް ހޯދާކަށް ، މުރުތަސިމެއް ނުނުކުންނާނެއެވެ. މީރަބް ހޮސްޕިޓަލަށް އެގެނައީވެސް ، މީހުން މަލާމާތް ކޮށްފާނެތީއެވެ. މުރުތަސިމް އިންނަންއުޅޭ ކުއްޖާ ، އަޙްމަދުއާބާދުގެ ހައިވޭގެ އެއްފަރާތެއްގައި އޮތް ކާރެއްގައި އޮވެ ، އެބަ މަރުވެޔޭ ކިޔައިގެން މީހުން ވާހަކަ ދައްކަފާނެތީއެވެ.

މީރަބަކީ ، މުރުތަސިމާ ކައިވެނިކުރަން ބޭނުންވެގެންއުޅޭ މީހެއްނޫނެވެ. އެހެނަސް ، އެދެމީހުންގެ ކައިވެނި އެއޮތީ ޢާއިލާގެ މެދުގައި އިޢުލާންކޮށްފައެވެ. އެކަމާ ، އެދެމީހުންކުރެ މިހަކަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ.

މުރުތަސިމް ގޮސް ، އޭނާގެ ޢާއިލާގެ މީހުންގާތުގައި ، އެކައިވެނި ކުރަން އޭނާ ބޭނުންނުވާކަމަށް ބުނުމަށް އަނެއްކާވެސް ، މީރަބް އެދުނެވެ. މީރަބްގެ ބަސް އަހައިގެން ، މުރުތަސިމްގޮސް ، އޭނާގެ މަންމަގާތު އެވާހަކަ ބުނެފާނެއެވެ. އެކަމަކު އެކަމުންވާނެ ފައިދާއެއް ނެތެވެ. މީރަބް މިހާރުވަނީ އެމީހުންގެ ކުރިމަތީ ، ކައިވެންޏަށް އިންކާރު ކޮށްފައެވެ. ވީކަމެއް ހަރާމެވެ.

މީރަބަކީ މީހަކު ދެކެ ބިރުގަންނަ މީހެއްނޫނެވެ. އެހެނަސް ، މުރުތަސިމުގެ ޢާއިލާގެ މީހުންދެކެ ބިރުން ، ފިލަން އެއައީ ކީއްވެގެންތޯ މުރުތަސިމް ސުއާލު ކުރިއެވެ.

މުރުތަސިމަކީ ، ކުޑައިރުއްސުރެ މީރަބް ދަންނަ މީހެކެވެ. ކައިވެންޏަށް އަމިއްލަޔަށް އިންކާރު ކުރާވާހަކަ ، ޢާއިލާގެ މީހުންގާތު ނުބުނެ ، މީރަބް ލައްވާ އެވާހަކަ ބުނުވުމަށް މުރުތަސިމް ބޭނުން އެވަނީ ، މީރަބް ލައްވާ ގޯސްވާހަކަ ދައްކަން މުރުތަސިމް ބޭނުންވާތީއެވެ. އެވަގުތު ، ވައްޤާސް އާއި އަންވަރާ ދެމީހުންވެސް އައިސް ކޮޓަރިޔަށް ވަނެވެ. ވައްޤާސް ގޮސް މީރަބްގާތަށް ޖެހިލުމާއެކު ، އަންވަރާއި މުރުތަސިމް އެތަނުން ނުކުތެވެ.

މަންމައާއި ބައްޕަ ދޫކޮށްލާފައި ، އެގޮތަށް ގެއިން ނުކުމެގެން ދާން ޖެހިލުމެއް ނުވޭތޯ ، ވައްޤާސް އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ. މީރަބަށް ގޮތެއް ވެއްޖެނަމަ ، ޚާނަމް އާއިއަންވަރަށް އޭނާދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

މީރަބް އެގޮތަށް ގެއިން ނުކުމެގެން ދިޔައީ ، އޭނާގެ އަތުން އޭނާގެ މަންމައާއި ބައްޕަ ދޫކޮށްލީމައެވެ. އެނޫންގޮތެއް މީރަބަކަށް އެވަގުތަކު ނެތެވެ. އެގެއާއި މުރުތަސިމުގެ ކިބައިން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. މީރަބް ބޭނުންވީ ، ދެވުނު ގޮތަކުން ކަރާޗީއަށް ދާށެވެ. އެކަމަށް އެދިއެދިވެސް ބައްޕަ ، އެކަން ނުކޮށްދިނީމައެވެ. މުރުތަސިމުމެންގެ ގެޔަށްދާކަށް ، އޭނާބޭނުމެއް ނޫނެވެ. އެގެޔަކީ ، އޭނާއަށް ހުރަގެޔެއްފަދަ ތަނެކެވެ. ޝާހްނަވާޒްގެ އެ މަހަލްއިން ނެރެގެން ، ކަރާޗީގައިހުންނަ އެމީހުންގެ އަމިއްލަ ގެޔަށް ގެންގޮސްދިނުން އެދި މީރަބް ، އޭނާގެ ބައްޕަޔަށް އާދޭސް ކުރަމުން ގެންދިޔައެވެ.

ވައްޤާސްއަކީ ، ޚާނަމްމެންގެ އިޙްސާންތެރިކަމުގެ ދަށުގައި ، މަޖުބޫރު ދިރިއުޅުމެއް އުޅެންޖެހިފައިވާ މީހެއްކަން ، ސާފުކޮށްދެވޭތޯ ވައްޤާސް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެމީހުން އިޙްސާނެއް ވެފައި އޮތިއްޔާ އެ އިޙްސާންތެރިކަމުގެ ބަދަލުގައި ، ވައްޤާސް އަށް އޭނާގެ ދަރިފުޅު ޤުރުބާންކުރަންޖެހެނީ ކީއްވެގެންކަމެއް މީރަބަކަށް ނޭނގެއެވެ. މީރަބަކީ ވައްޤާސްމެންގެ ފުރާނައެވެ. އެހެންކަމަށްވުމާއެކުވެސް ، އެވަރުގެ ޤުރުބާނީއެއް ވާން ވައްޤާސްގެ ކުރިމަތީގައި އޮތީ ކޮން ސަބަބެއް ހެއްޔެވެ. އެއީ ، އަދި މިވަގުތަށް މީރަބްގާތު ، ވައްޤާސްއަށް ބުނެވެން އޮތް ޙަޤީޤަތެއްނޫނެވެ. ވައްޤާސްއަށް ބުނެވެން އޮތްހާވެސް އެއްޗަކީ ، އެކައިވެންޏަށް މީރަބް އާނއެކޭ ބުނުމުން ، ހުރިހާކަމެއް ރަނގަޅުވާނެ ކަމެވެ.

މީރަބް އެކްސިޑެންޓްވީ ވާހަކަ އިވުމާއެކު ، މީރަބް މަރުވުމަށް ޙަޔާއަށް ދުޢާ ކުރެވުނެވެ. ބަދު ދުޢާ ކުރަމުންގޮސް ، މީރަބް މަރުވަންދެން ، މީރަބް މަރުވުން އެދި ޙަޔާ ދުޢާ ކުރާނެއެވެ. އެއީ މަރިޔަމްއަށް ލިބުނު ވަރަށްބޮޑު ޙައިރާން ކަމެކެވެ. ޚުދު މަރިޔަމްވެސް އަދި މުރުތަސިމްވެސް އެ ކައިވެންޏަކަށް ހިތްހަމައެއް ނުޖެހެއެވެ. އެކައިވެނި ކުރުވަން ޚާނަމް ނިންމުމުގައި މީރަބްގެ އޮތީ ކޮންކުށެއް  ހެއްޔެވެ. މީރަބަކީވެސް ، މުރުތަސިމާ ގަޔާވާ މީހެއްނޫނެވެ. އެކަމަކު ، އެފަކީރު މަރުވާކަށް ، މަރިޔަމް ، ބަދު ދުޢާއެއް ނުކުރާނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.